1 Dec 2021

By: Ahmed Jaishan

ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެކްޓަރުންގެ ލިސްޓަކުން ރަވީ ފާރޫގުގެ ނަން ފާހަގަކޮށް އެ ވާހަކަ ފަށަން ޖެހޭނީ ތަފާތު ގިނަ ރޯލުތައް ކުޅެފައި ވިޔަސް ސީރިއަސް ރޯލުތަކުން މަގުބޫލުކަން ހޯދާފައިވާ އެކްޓަރެއްގެ ގޮތުގަ އެވެ. ދިވެހި ފިލްމު އިންޑަސްޓްރީގައި ވަރުގަދަ ވިލަންއެއްގެ ރޯލަށް ރަވީ ފާހަގަކޮށްލެވެނީ މި ސަބަބާ ހުރެ އެވެ.

ދިވެހި ސިނަމާގައި ފާހަގަކޮށްލެވޭ ވިލަނުންގެ ތެރެއިން މި ހަފްތާ ހާއްސަކޮށްލާނީ ރަވީއަށެވެ.

ރަވީ އަކީ ދިވެހި ބޮޑެތި ފިލްމުތަކުގެ އިތުރުން ޓީވީ އެތައް ޝޯއަކުން ވެސް ފެނިފައިވާ ތަރިއެކެވެ. އޭނާގެ އެކްޓިން ކެރިއަރުގައި ފާހަގަކޮށްލެވޭ އެތައް ފިލްމެއް އެބަހުއްޓެވެ. އޭގެ ތެރެއިން ވެސް އެންމެ ވަރުގަދަ ރޯލުތަކެއް ދެއްކީ "ވިޝްކާ" އާއި "ލޫދިފާ" ގަ އެވެ.

މި ދެ ރޯލަކީ ވެސް ވަރަށް ތަފާތު ދެ ރޯލެވެ. މި ދެ ރޯލުން ވެސް ރަވީގެ ރޭންޖް ވަރަށް ރަނގަޅަށް ފެނެ އެވެ. ލޫދިފާގައި ރަވީ ކުޅޭ ރޯލަކީ ވިލަނެއްގެ ރޯލެކޭ ނުބުނެވިދާނެ އެވެ. ނަމަވެސް ރަވީގެ ކެރެކްޓަރަކީ ހަގީގީ މާހައުލެއްގައި ދިމާވެދާނެ ފަދަ މީހަކަށް ވެދާނެ އެވެ.

އަނިޔާވެރި އަދި ކެހިވެރި ފިރިހެނެއްގެ ރޯލު ރަވީ ވަނީ ވަރަށް ފުރިހަމަ އަށް ކުޅެފަ އެވެ. ރަވީގެ ސީރިއަސް ރޯލުތަކުން އޭނާ އަށް ވަނީ މި ކެރެކްޓަރަކީ ގަބޫލު ކުރެވޭ ފަދަ ކެރެކްޓަރަކަށް ހަދާފަ އެވެ. ހަގީގަތުގައި ވެސް އަނިޔާވެރި ފިރިހެނެއްގެ އުޅުން ހުރެދާނެ ގޮތްތައް ރަވީ ދައްކުވައިދޭއިރު މިއީ ހަގީގީ ދުނިޔެއެއްގައި ވިލަން ރޯލަކަށް ވާނެ އެވެ. އަދި އެހާ ގަބޫލު ކުރެވޭ ސަބަބަކީ އެފަދަ މީހުންނަކީ މުޖުތަމައުގައި ގިނައިން އުޅޭ މީހުންނަށް ވާތީ އެވެ.

ރަވީގެ މި ރޯލު ވަނީ އާންމުން ވެސް ބަލައިގަނެފަ އެވެ. އެގޮތުން އޭނާގެ އެ ރޯލަށް ވަނީ ގައުމީ ފިލްމު އެވޯޑްސް އިން އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑު ލިބިފަ އެވެ.

ރަވީގެ އެކްޓިން ހުނަރު އަދި ވިލަނެއްގެ ރޯލަށް ހެޔޮވަރުކަން ދައްކުވައިދޭ އަނެއް ފިލްމަކީ ވިޝްކާ އެވެ. ވިޝްކާ އިން ވެސް ރަވީ ފެނިގެން ގޮސްފައިވަނީ ލޫދިފާއިން ފެނުނު ފަދަ ރޯލަކުންނެވެ. ވިޝްކާގައި ރަވީ ފެނިގެންދަނީ އަނިޔާވެރި ފިރިއެއްގެ ރޯލުންނެވެ. އޭނާގެ ސީރިއަސް ޓޯނާއި ޑައިލޮގު ޑެލިވެރީގެ "ނެޗުރަލް" ކަމުން އެ ރޯލު ގަބޫލުކުރަން އެހާ ފަސޭހަ އެވެ.

ރަވީ ކަމުދަނީ ވިލަނެއްގެ ރޯލަށް ހެއްޔެވެ؟ ނުވަތަ ތަފާތު އެހެން ރޯލުތަކުން ހެއްޔެވެ؟

ރަވީ ފާރޫގު

Popular