10 Jun 2017

ޑާކް ރެއިންގެ ފިލްމުތައް ގިނަކޮށްލަނީ

ޑާކް ރެއިން މިހާރު ވަނީ އަހަރަކު އެއް ފިލްމް ގެނެސްދޭ ޕޮލިސީ ބަދަލުކޮށް، މަދުވެގެން ދޭއް ނޫނީ ތިން ފިލްމް ގެނެސްދޭން ނިންމާފައި.

ޑާކް ރެއިންގެ ފިލްމުތައް ގިނަކޮށްލަނީ

ޑާކް ރެއިން މިހާރު ވަނީ އަހަރަކު އެއް ފިލްމް ގެނެސްދޭ ޕޮލިސީ ބަދަލުކޮށް، މަދުވެގެން ދޭއް ނޫނީ ތިން ފިލްމް ގެނެސްދޭން ނިންމާފައި.

By: Ahmed Adhushan

ރާއްޖޭގައި މިހާރު ފިލްމް ހަދާ ސްޓޫޑިއޯތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ސްޓޫޑިއޯއަކީ ޑާކް ރެއިން އެންޓަޓައިމަންޓެެވެ. އެ ސްޓޫޑިއޯ އިން މި ފަހުން ގެނެސް ދިން ކޮންމެ ފިލްމަކީ އާންމުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބުނު ފިލްމުމަތެކެވެ.

އަނެއްކޮޅުން ޑާކް ރެއިނަކީ އަބަދު ވެސް ވަރަށް ބޮޑަށް ރާވައިގެން، ދުރާލައި މަސައްކަތްތައް ނިންމައިގެން ރަނގަޅު ފިލްމްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ސްޓޫޑިއޯއެކެވެ. އެކަމަކު ޑާކް ރެއިންގެ ފިލްމްތަކަށް ލޯބިކުރާ މީހުންގެ ޝަކުވާއަކީ އެ ސްޓޫޑިއޯ އިން އަހަރަކު އެންމެ ފިލްމެއް ގެނެސްދޭތީ އެވެ. ޑާކް ރެއިނުން ކޮންމެހެން ބޭނުންވެގެން އަހަރަކު އެއް ފިލްމް އަޅުވަނީކީ ނޫނެވެ.

މާލޭގައި ދިވެހި ފިލްމްތައް ބަލަން ގިނަ ބަޔަކު އަދިވެސް ވަންނަން ބޭނުން ވަނީ އޮލިމްޕަހަށް ކަމަށްވާތީ، އެތަން ލިބުމުގެ ދަތިތަކާ ހުރެ ވެސް ފިލްމްތައް ގިނައިން ހެދުމުގެ ބޭނުމެއް ނެތީ އެވެ.

އެހެން ނަމަވެސް ޑާކް ރެއިންގެ ވިސްނުން މުޅިން މިހާރު ބަދަލުވެއްޖެ އެވެ. މި އަހަރު އެޕްރީލް ފަހެއްގައި ރިލީޒް ކުރި ކާމިޔާބު ފިލްމް "މީ ލޯތްބަކީ" އަށް ފަހު، އެ ސްޓޫޑިއޯ އިން މިހާރު މި ވަނީ މި އަހަރު އިތުރު ފިލްމެއް ގެނެސް ދޭން އަމާޒު ހިފައިފަ އެވެ.

މި އަހަރު ރިލީޒް ކުރި "މީ ލޯތްބަކީ" ގެ ޓްރެއިލާއެއް.

އެއީ "މީ ލޯތްބަކީ" އާއި ވާށޭ މަށާއެކީ" އަދި "އެންމެ ފަހު ވިންދާ ޖެހެންދެން" ފަދަ ކާމިޔާބު ފިލްމްތައް ފުލުފުލުގައި ގެނެސް ދިން އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ ފިލްމެކެވެ. މި ފިލްމް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، ފިލްމް ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ކުރާނެ އެވެ.

އާއިލީ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ހަދާ މި ފިލްމަކީ "މީ ލޯތްބަކީ" އާއި "ހުޅުދާން" ގެ ސްކްރީންޕްލޭ ވެސް ލިޔުނު އައިޝަތު ފުއާދު ތައުފީގުގެ ސްކްރީންޕްލޭއެކެވެ.

"އެ ފިލްމް އަންނަ އޮކްޓޯބަރު ނޫނީ ޑިސެމްބަރުގައި ސިނަމާ އަށް ގެންނާނަން،" ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުންޏެވެ. "އެހެންވީމާ މި އަހަރަކީ ޑާކް ރެއިންގެ ދެ ފިލްމެއް ސިނަމާ އިން ފެންނާނެ އަހަރެއް."

ޕްރޮޑިއުސަރު މޮގާ އާއި ސްކްރީންރައިޓަރު/ޑައިރެކްޓަރު އައިޝަތު ފުއާދު ތައުފީގް: ދެ މީހުން ފިލްމީ މަސައްކަތުގައި ވަރަށް ބިޒީ.

މި ފިލްމުގެ އިތުރު އެހެން ތިން ޕްރޮޖެކްޓަކަށް ވެސް ޑާކް ރެއިނުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މިއީ އެއް ފަހަރާ ގިނަ ފިލްމްތަކެއްގެ މަސައްކަތް ޑާކް ރެއިނުން ޕްލޭން ކުރާ ފުރަތަމަ ފަހަރެވެ.

މީގެ ތެރެއިން އެއް ފިލްމަކީ މިދިޔަ އަހަރު ފާތުމަތު ނަހުލާއާ ގުޅިގެން ބިރުވެރި "4426" ޑައިރެކްޓް ކުރި އަހުމަދު ޝިނާން ޑައިރެކްޓް ކުރާ ފިލްމެކެވެ. "ގޮށްރާޅު" ގެ ނަން ދީފައިވާ މި ފިލްމަކީ ގިނަ އެވޯޑްތަކެއް އުފުލާލައިފައިވާ "ލޫދިފާ" އާއި "ހެޕީ ބާތުޑޭ" ފަދަ ފިލްމް ލިޔެ، ޑައިރެކްޓް ކުރި މޫމިން ފުއާދުގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ.

މީގެ މަސައްކަތް ވެސް ފެށުމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. އެކަމަކު އެ ފިލްމް ސިނަމާ އަށް އަންނާނީ އަހަރު އެވެ.

މިދިޔަ އަހަރު އެޅުވި "ވާށޭ މަށާއެކީ" ގެ ޓްރެއިލާއެއް.

ދެން އޮތީ ސީދާ މޫމިން ލިޔެ، ޑައިރެކްޓް ކުރާ ވަރަށް ތަފާތު ތުރިލާއެކެވެ. މިއީ 2010 ގައި ރިލީޒް ކުރި "ހެޕީ ބާތުޑޭ" އަށް ފަހު ޑާކް ރެއިނާ އެކު އޭނާޤ މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. އަދި 2011 ގައި ގެނެސް ދިން "ލޫދިފާ" އަށް ފަހު މޫމިން ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ފުރަތަމަ ފިލްމެވެ.

"މޫމިންގެ ފިލްމަކީ ވަރަށް ތަފާތު ކޮންސެޕްޓަކަށް ހަދާ ތުރިލާއެއް. ވަރަށް ތަފާތު ވާނެ ފިލްމެއް. އެ ފިލްމް ވެސް ވަރަށް އަވަހަށް ރަސްމީކޮށް ލޯންޗް ކުރާނެ." މޮގާ ބުންޏެވެ. "މޫމިންގެ ފިލްމްތަކަށް ލޯބި ކުރާ މީހުންނަށް ވަރަށް ކަމުދާނެ ފިލްމަކަށް ވާނެ އޭނާ އަލަށް މި މަސައްކަތް ފަށާ ފިލްމް."

މީގެ އިތުރަށް "މާމުއި" ކިޔާ ރޮމޭންޓިކް ކޮމެޑީއެއްގެ މަސައްކަތް ވެސް ކުރިއަށް އޮތީ އެވެ. މިއީ ޑާކް ރެއިންގެ ޓީމްގެ ކޮންސެޕްޓަކަސް ހަދާ ވަރަށް "ޒުވާން" ފިލްމަކަށް ވާނެ އެވެ.

"އަހަރެމެން ބެލުންތެރިންނަށް ކިޔައި ދޭން ބޭނުން ވަރަށް ގިނަ، ވަރަށް ތަފާތު ވާހަކަތައް އެބަހުރި. މިހާރު ޕްލޭންކޮށްފައި މިއޮތް ކޮންމެ ފިލްމަކީ ވެސް އެކަތި އަނެއްކައްޗާ ވަރަށް ތަފާތު ފިލްމަކަށް ވާނެ،" ކުރިއަށް އޮތީ ވަރަށް ބިޒީ ދުވަސްތަކެއްކަން ފާހަގަކޮށް މޮގާ ބުންޏެވެ.

ޑާކް ރެއިނުން 2014 ގައި ގެނެސް ދިން "ހުޅުދާން" ގެ ޓްރެއިލާއެއް.

އޭނާ ބުނީ މި އަހަރުން ފެށިގެން އަހަރަކު އެއް ފިލްމް ހެދުމުގެ ވިސްނުން މިހާރު ދޫކޮށްލައި، ވާ ގޮތެއް ބަލަން ތަޖުރިބާތަކެއްކޮށްލަން ބޭނުންވާ ކަމަށެވެ.

"އެހެންވެ މިހާރު ޓާގެޓަކީ އަހަރަކު މަދުވެގެން ދޭއް ނޫނީ ތިން ފިލްމް ސިނަމާ އަށް ގެނެސް ދިނުން،" މޮގާ ބުންޏެވެ. "ތަޖުރިބާތަކެއްކޮށްލައިގެން ކަންނޭނގޭ މީގައި ވާނުވާއެއް ވެސް އެނގޭނީ. ގިނަ ފިލްމްތަކެއް ހެދިޔަސް ޑާކް ރެއިނަކުން ކޮލިޓީ ކޮމްޕްރަމައިޒެއް ނުކުރާނެ. އެ ގެރެންޓީ އަބަދު ވެސް ބެލުންތެރިންނަށް ދޭނަން."

ފިލްމް ހަދާތާ 11 އަހަރަށް އަޅާފައިވާ ޑާކް ރެއިންގެ އަމާޒަކީ ބެލުންތެރިން ބަލާ ހިތްވާ ކަހަލަ ފިލްމްތަކެއް ގެނެސް ދިނުމެވެ. އަދި ރާއްޖޭގެ ސިނަމާ އަށް އަންނަ ފިލްމްތައް އިތުރުވުމަކީ ވެސް އެ ސްޓޫޑިއޯ އިން ދެކެން ވަރަށް ބޭނުންވާ ކަމެކެވެ.

"އަހަރެމެން އެބަ ބޭނުންވާ ޑާކް ރެއިންގެ މަސައްކަތްތައް މިހާރު ކުރިއަށް ވުރެ ބޮޑަށް އިތުރު ކުރަން. އަދި މި ސްޓޫޑިއޯގެ ގިނަ ފިލްމްތަކެއް ސިނަމާ އަށް ގެންނަން." އޮލިމްޕަހުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ޝްވެކް ސިނަމާގައި ވެސް ފިލްމް އަޅުވަން ވިސްނަމުންދާކަން ފާހަގަކޮށް މޮގާ ބުންޏެވެ. "އެންމެ ބޮޑު ބޭނުމަކީ ރަނގަޅު އުފެއްދުންތަކެއް ގެނެސް ދިނުން."

މޫމިން ފުއާދު ދިވެހި ފިލްމް އިންޑަސްޓްރީ ޑާކް ރެއިން އެންޓަޓެއިންމެންޓް ޑައިރެކްޓަރު އަލީ ޝިފާއު މޮގާ

Popular