By: Ahmed Nadym
"ބޮންދު" އަކީ ލިބޭ ހުސްވަގުތުގައި ކޮންޓްރެކްޓް ކިލާއެއްގެ "ވަޒީފާ" އަދާކުރާ ބަންގްލާދޭޝް މީހެއްގެ ވާހަކަ އޭގެ ފުންމިނުން ދައްކުވައިދޭ، ނިކަން ބާރުގަދަ ކުރު ފިލްމެކެވެ. މިއީ ޒުވާން ހުނަރުވެރިންތަކެއްގެ މައްޗަށް އެކުލެވޭ ޕްރޮޑަކްޝަން ހައުސްއެއް ކަމުގައިވާ މަދޮޝިޕްގެ ފައުންޑާ ޝާމިން ނިޒާމް ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ފިލްމުގައި އޭނާ ދައްކުވައި ދެނީ މާލޭގެ ހަލަބޮލިކަމުގައި އާމްދަނީ ހޯދުމަށް، ފަހާ މީހެއްގެ ވަޒީފާ އާއި ކުނިއުކައިދޭ މީހެއްގެ ވަޒީފާ ފަދަ "ކަޑަ ޖޮބުތައް" އަދާކުރާ "ބަންގާޅީއެއް" ވިޔަފާރީގެ އުސޫލުން ގޮސް ދިވެހި އަންހެނަކު މަރައި، ކޮށައި ކުދިކުދިކޮށް، ކުނިކޮތަޅަކަށް ހަދާލައިގެން ގޮސް އުކާލާގޮތެވެ. މި ފިލްމު އުފެއްދުމަށް ޝާމިން އާއި އޭނާގެ ކްރޫއިން ކޮށްފައިވާ އާދަޔާހިލާފު މަސައްކަތަށް ތައުރީފު އޮއްސައި އެއްފަރާތަކަށް ޖެހިލުމުން ދެން ފެންނަން މި އޮތް ބަހުސް އަދި މިއަށް ވުރެ ވަކިން ޝައުގުވެރި އެވެ.
ނުބުންޏަސް ކީއްވެގެންކަން އެނގޭނެ އެވެ. ހއ. އިހަވަންދޫގައި އެ އުޅެނީ ބަންގްލާދޭޝް މީހެއްގެ ރަހުމްކުޑަ ހަމަލާއެއްގައި ދިވެއްސަކު މަރާލައިގެންނެވެ. ޝާމިންގެ ފިލްމުގައި ދައްކުވައިދޭ ގޮތަށް އެ މީހާ މަރާލުމަށް ފަހު ހަށިގަނޑު ނުފެންނަގޮތް ހަދައި ހެކިތައް ނައްތާލެވިފައި ނެތަސް އިހަވަންދޫގައި އެ މީހާ ހިންގި ގަތުލާއި ޝާމިންގެ "ބޮންދު" ގޮސް ގުޅެނީ ވަރަށް ވަރުގަދަޔަށެވެ.
"ބޮންދަކީ" ރައްޓެހިކަމުގައި ލޯބިން ގޮވައި އުޅޭ ގޮތް ކަމަށްވިޔަސް މި ކުރު ފިލްމުގައި ދެނީ ނިކަން ވަރުގަދަ އިންޒާރެކެވެ. މިއީ އެއްބަޔަކު ޝާމިންގެ ފިލްމު ތަރުޖަމާކުރާ ގޮތެވެ. އަނެއް ބަޔަކު ބުނަނީ ޝާމިންގެ ފިލްމަކީ ބިދޭސީ މަސައްކަތު މީހުންނަށް މި ދިވެހި މުޖުތަމައުގައި މިހާރު ވެސް ޖެހިފައިވާ ހާލަތު އިތުރަށް ދަށްކޮށް އެމީހުންނަށް ފުރައްސާރަ އާއި ނަފުރަތު މިހާރަށް ވުރެން ބޮޑަށް އަމާޒުވާނޭ ގޮތަށް މަންޒަރު ސިފަކޮށްފައިވާ ކަމަށެވެ.
"ބޮންދު" ކުރު ފިލްމު
ދިވެހިން މަރާ "ބޮންދެއް" ގެ ބަހުސް ހޫނުވާ ހިސާބަކީ މިއީ އެވެ. އެކަމަކު ޝާމިން ބުނަނީ އޭނާގެ ފިލްމަކީ ބިދޭސީ މަސައްކަތު މީހުންގެ ފެންވަރު އިތުރަށް ދަށްކޮށްލަން ކޮށްފައިވާ މަސައްކަތެއް ނޫން ކަމަށާއި މި ފިލްމު ނެރުނުތަކާ ދިމާކޮށް ބިދޭސީއެއްގެ ހަމަލާއެއްގައި ދިވެއްސަކު މަރާލުމަކީ ޚުދު އޭނާ އަށް ވެސް ސިހުން ލިބިގެން ދިޔަ ކަމެއް ކަމަށެވެ.
އޭނާ ބުނީ "ބޮންދު" ފިލްމުން ބިދޭސީން ދަށްކޮށްލުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ.
"މިއީ އެކްޕެރިމެންޓަލް މަސައްކަތެއްގެ ގޮތުގައި އަޅުގަނޑުމެން ކުރި މަސައްކަތެއް. އެއްގޮތަކަށް ވެސް އެ މީހުން ދަށްކޮށްލަން ހެދި ފިލްމެއް ނޫން މިއީކީ. ނުވަތަ އެމީހުން ގޯސްކޮށްލަން ހެދި ފިލްމެއް ވެސް ނޫން،" ފިލްމީ ދާއިރާ އިން ކިޔަވައިގެން އައިސް އަމިއްލަ އަށް ލިޔެ ޑައިރެކްޓްކުރި ފުރަތަމަ ކުރު ފިލްމާ ބެހޭ ގޮތުން ޝާމިން ބުންޏެވެ.
އޭނާ ބުނީ އެންމެ ފުރަތަމަ މި ފިލްމަކީ "ސީދާ ބަންގާޅީ މީހަކު" ލައިގެން އުފެއްދުމަށް ލިޔުނު ފިލްމެއް ވެސް ނޫނެވެ. ހަމައެކަނި ކޮންޓްރެކްޓް ކިލާއެއްގެ ވާހަކަ ކިޔައިދިނުމަށް ބޮލަށް ގެނައި ހިޔާލެކެވެ.
"(ބޮލީވުޑްގެ ފިލްމެއް ކަމަށްވާ) ކަހާނީ، ގައި ކޮންޓްރެކްޓް ކިލާ ފެނިގެން އެންމެ ފުރަތަމަ މި ފިލްމު ލިޔަން އިންސްޕަޔާވީ. އޭރު ވިސްނީ މާލޭގައި (ސަޅި ޖޮބެއްގައި) އުޅޭ މީހަކު ކޮންޓްރެކްޓް ކިލާއެއްގެ ގޮތުގައި އުޅޭ ގޮތް ދައްކުވައިދޭން. އެކަމަކު ފަހުން މާލޭގައި ކުނިއުކާލަން އުޅޭ ބަންގާޅީން ފެނިގެން އެދިމާލަށް ވާހަކަ ދިޔައީ،" ގާތްގަނޑަކަށް ތިން އަހަރު ކުރިން ފެށި ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޝާމިން ބުންޏެވެ.
އޭނާ ބުނީ މިއީ ބިދޭސީންނަށް ފުރައްސާރައެއް އަމާޒުވާނެ ގޮތަކަށް މެސެޖު ދޭން އުފައްދާފައިވާ ފިލްމެކޭ ބުނާ ނަމަ ދިވެހިން ބިދޭސީން ނޭދެވޭ ގޮތުގައި ބޭނުންކުރާ މިންވަރަށް ވެސް އަލިއަޅުވައިދޭ ފިލްމެކޭ ބުނެވިދާނެ ކަމަށެވެ. ނަމަވެސް އޭނާގެ ފިލްމަކީ އެފަދަ އެއްވެސް މެސެޖެއް ދޭން އުފެއްދި ފިލްމެއް ނޫން ކަމަށް ޝާމިން ބުންޏެވެ.
ފިލްމުގެ މަންޒަރެއް
އޭނާގެ "ބޮންދު" ގައި ބޭނުންކޮށްފައި ވަނީ ގޭދޮށުން ފެންނަ ބަންގްލާދޭޝް މީހުންނެވެ. އޭގެ ތެރެއިން މިހާރު ގިނަ މީހުން ވަނީ ޝާމިންގެ ރައްޓެހިންނަށް ވެސް ބަދަލުވެފަ އެވެ. އޭނާ ބުނީ ފިލްމު ޝޫޓްކުރުމުގެ މަސައްކަތުގައި ވަރަށް ބޮޑަށް މާލޭގައި ބިދޭސީން އުޅޭ ގޮތް ފެނި އެމީހުން އަސްލު ހާލު އެނގިގެން ދިޔަ ކަމަށެވެ.
"އެމީހުން އުޅޭ ހާލު އަމިއްލަ އަށް ބަލައި ދަސްކޮށްގެން މި ފިލްމު ލިޔުނީ. އެމީހުން އުޅޭ ތަންތަނަށް ގޮސް އެމީހުންނާ ވާހަކަ ދައްކައިގެން. އަސްލު ވަރަށް ހާލުގައި ގިނަ މީހުން އުޅެނީ. އެބަހުރި ޝިފްޓަށް ނިދާ ކޮޓަރި ވެސް އެމީހުންގެ ތެރޭގައި،" ތިން ބުރަށް ޖައްސައިގެން ޝޫޓްކޮށް ނިންމި ފިލްމުގެ ތަޖުރިބާ އިން ޝާމިން ކިޔައިދިނެވެ.
"އެހެންވީމަ މި ފިލްމުގެ ސަބަބުން އެމީހުންގެ ހާލާތު މިހާރަށް ވުރެ ގޯސްވެދާނެއެކޭ ބުނަން އުނދަގޫ. އެއީ މި ފިލްމުގެ މަސައްކަތުގައި އަޅުގަނޑަށް ވަނީ މިހާރު ވެސް ފެނިފައި ބަންގާޅީން މި މާލޭގައި އުޅޭ ދަތިހާލު. މި ފިލްމުގެ ސަބަބުން އެމީހުންގެ ހާލާތު އިތުރަށް ގޯސްވެދާނެއެކޭ ބުނާކަށް ނޭނގޭ."
"މީހުން އުޅެންވީ ނޫޅެންވީ ގޮތް ކިޔައިދޭނީ ފިލްމެއް ނޫންހެން އަޅުގަނޑަށް ހީވަނީ. މީގައި މި ދައްކަނީ ހަމަ ހިޔާލީ ކެރެކްޓާތަކަކާއި ހިޔާލީ ވާހަކައެއް."