16 Jul 2017

"ހައްދު"ގައި ވަރަށް ޗާލު ހެދުންތަކެއް

"ހައްދު" ގެ ކޮސްޓިއުމް ޑިޒައިނަރަކީ ނާޒިޔާ. އޭނާއަކީ ޑައިރެކްޓަރު ފައްތާހުގެ ފެވަރިޓް ޑިޒައިނަރު.

"ހައްދު" ގެ ކޮސްޓިއުމް ޑިޒައިނަރަކީ ނާޒިޔާ. އޭނާއަކީ ޑައިރެކްޓަރު ފައްތާހުގެ ފެވަރިޓް ޑިޒައިނަރު.

By: Ahmed Adhushan

ޑައިރެކްޓަރު އަބްދުލް ފައްތާހުގެ ފިލްމްތަކަށް ލޯބި ކުރާ އަންހެންވެރިން އަބަދު ވެސް ވަރަށް ގަޔާވާ ކަމެއް އޮވެ އެވެ. އެއީ އޭނާގެ ފިލްމްތަކުން އަބަދު ވެސް ރީތި ކޮސްޓިއުމްތައް ފެންނާތީ އެވެ. ހާއްސަކޮށް ފައްތާހުގެ ފިލްމެއް ނަމަ، އޭގައި އުޅޭ ބަތަލާއިންގެ ފަރިކަމާއި ޗާލޫކަން އިންތިހާ އަށް ބޮޑު ވާނެ އެވެ.

އެކަން ފުރިހަމަކޮށް ދެނީ ރީތި އެހާމެ ހިތްގައިމު ފަރުމާތަކުންނެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ހައެއްގައި ފައްތާހުގެ ރެކޯޑް ބްރޭކިން މޫވީ ސިނަމާ އަށް އަންނަ އިރު ވެސް، އަނެއްކާ ވެސް މިއީ ރީތި ހެދުންތަކެއް ފެނިގެން ދާނެ ފިލްމެކެވެ. މިހާތަނަށް އާންމުކޮށްފައިވާ ފިލްމުގެ ބައެއް ފޮޓޯތަކުން ވެސް ފިލްމުން ތަފާތު ކޮސްޓިއުމްތަކެއް ފެނިގެން ދާނެ ކަމަށް ގަބޫލު ކުރެވެ އެވެ.

އެގޮތުން މި ފަހަރު އެންމެ ބޮޑަށް އަޅައިގަތީ "ހައްދު" ގެ އެއް ބަތަލާ އައިމިނަތު ރިޝްފާގެ މި ކޮސްޓިއުމެވެ. ހުދު ކުލައިގެ މި ހެދުމުން އެންމެ ފާހަގަވި އެއް ކަމަކީ ތަފާތު ގޮތަކަށް ދޯޕައްޓާގެ ބޭނުން ކުރާތީ އެވެ.

"ހައްދު" ގެ މަންޒަރެއްގައި ރިޝްފާ.

އާންމުކޮށް ދޯޕައްޓާ ބޭނުން ކުރަނީ ހަރުވާޅު ހެދުމާ އެކުގަ އެވެ. މާނައަކީ ކަކުލާ ހަމައަށް އޮންނަ މަތިންލާ ބަޔަކާއި ހަރުވާޅަކާ އެކު ދޯޕައްޓާ އަޅަނީ އެވެ.

އެހެން ނަމަވެސް "ހައްދު" ގެ މި ކޮސްޓިއުމުން ރިޝްފާ ދައްކުވައި ދެނީ މުޅިން އެހެން މަންޒެކެވެ. އޭނާ މަތިން ލާފައި ހުންނަނީ އަތްދިގު ގަމީހެކެވެ. ތިރިން ސްކިނީ ފާޑުގެ ހަރުވާޅެކެވެ.

މި ހެދުން ތަފާތުވާ އެއް ކަމަކީ ފަހަތުން ވިހުރުވާލައިފައި އޮތް ދޯޕައްޓާ އެވެ. މިއީ ގަމީހާއި ހަރުވާޅާ އެކު، ދޯޕައްޓާގެ ފަރިކަން ދައްކުވައިދޭ އާ ސްޓައިލަކަށް ވެދާނެ އެވެ. ކޮންމެއަކަށް މި ހެދުން ހަމަ ތަފާތީ އެވެ.

މި ފަރުމާގެ ފަހަތުގައި ހުރީ ފައްތާހުގެ ފެވަރިޓް ޑިޒައިނަރު ނާޒިޔާ އިސްމާއީލެވެ. ރިޝްފާ މި ކޮސްޓިއުމާ އެކު ނަގާފައިވާ ފޮޓޯ ފޭސްބުކްގައި ފައްތާހު އާންމުކޮށްލުމުން ވަރަށް ގިނަ ބަޔަކު ހެދުން ރީތިވެގެން ކޮމެންޓްކޮށްފައިވެ އެވެ. ހުދު ހެދުމާ އެކު ހުދު ކުލައިގެ ބޫޓަކަށް އަރައިފައި ހުރި އިރު، ހެދުމުގެ ރީތިކަން އިތުރަށް ފުރިހަމަ ވެސްކޮށްފަ އެވެ.

"ހައްދު" ގެ މަންޒަރެއްގައި އައްޒަ.

ރިޝްފާގެ މި ކޮސްޓިއުމާ އެކު ގަބޫލު ކުރެވެނީ "ހައްދު" އިން ވަރަށް ތަފާތު ކޮސްޓިއުމްތަކެއް ފެނިގެން ދާނެ ކަމެވެ.

އޭގެ ތެރެއިން އަދި އަހަރަމެންނަށް ފެނިފައިވާ އެހެން ކޮސްޓިއުމެއްގެ ވާހަކަ ވެސް ފާހަގަކޮށްލަން ވާނެ އެވެ. އެއީ ބަތަލާ މަރިޔަމް އައްޒަގެ ކޮސްޓިއުމެކެވެ. ޖީންސަކާ އެކު އައްޒަ ލާފައި ހުންނަ ޓޮޕަކީ ވެސް ތަފާތު ގޮތަކަށް ފަރުމާކޮށްފައިވާ ޓޮޕެކެވެ.

ސާޅީއެއް ގޮތަށް އެއް ފަރާތް ތިރި އަށް ސޮއްސާލައިފައި އޮންނަ މި ޓޮޕްގެ އެއް ކޮނޑުން ބޮޑު ފޮތިބައެއް އޮންނަނީ ތިރި އަށް ދޫކޮށްލައިފަ އެވެ.

އެއާ އެކު އައްޒަ ލާފައި ހުންނަ މާތަކުން ފަރިކޮށްފައިވާ ޖީންސެކެވެ. މިއީ ނާޒިޔާގެ ވަރަށް އާންމު ސްޓައިލެކެވެ. މަލަކީ އޭނާގެ ސިގްނޭޗާއާ ވެސް ބުނެވި ދާނެ އެވެ. ނާޒިޔާގެ ފަރުމާއެއް ނަމަ ހެދުމުގެ ކޮންމެވެސް ދިމާލެއްގައި، ކޮންމެވެސް ސިފައަކަށް މަލެއް އިންނާނެ އެވެ. ޓޮޕްގެ އެއް ކޮނޑުމަތީގައި ވެސް ހަމަ ހުރީ ޖީންސާ ގުޅޭ މަލެވެ.

"ހައްދު" ގެ މަންޒަރެއްގައި އައްޒަ.

ނާޒިޔާގެ ޑިޒައިންތަކުގެ އެންމެ ހާއްސަ އެއް ސިފައަކީ ވެސް އެއީ އެވެ. ރިޝްފާގެ ހެދުމާއި ބޫޓް ވެސް ފުރިހަމަކޮށްފައި ވަނީ ހަމަ މަލުގެ ޖާދޫއާ އެކުގަ އެވެ.

އެހެންވެ އޭނާގެ ފަރުމާތަކާ އެކު "ހައްދު" ގެ ވާހަކަ އަދި ކުރިއަށް އޮތީ އެވެ. ތަފާތު ކޮސްޓިއުމްތަކެއް ފެންނާނެ ކަމުގެ ޔަގީންކަން ބޮޑެވެ. ސެޕްޓެމްބަރު ހަޔެކަށް އިންތިޒާރުކޮށްލާނީ ދޯ އެވެ؟

ފައްތާހު ފެޝަން ދިވެހި ފިލްމް އިންޑަސްޓްރީ އެކްޓްރެސް އައިމިނަތު ރިޝްފާ

Popular