17 Jul 2017

ރޮމޭންޓިކް ރޯލުތަކުން ޖުމައްޔިލް ބްރޭކަކަށް

ދެން އުފެދޭ ސުވާލަކީ މިއީ އެވެ. ރޮމޭންޓިކް ރޯލުތައް ދޫކޮށް ޑާކު ރޯލުތަކުން ޖުމައްޔިލް ހިޓަކަށް ބަދަލުވެދާނެތޯ އެވެ؟

ދެން އުފެދޭ ސުވާލަކީ މިއީ އެވެ. ރޮމޭންޓިކް ރޯލުތައް ދޫކޮށް ޑާކު ރޯލުތަކުން ޖުމައްޔިލް ހިޓަކަށް ބަދަލުވެދާނެތޯ އެވެ؟

ޑާކް ރެއިން އެންޓަޓެއިންމަންޓުގެ ތިން ފިލްމަށް އެކްޓަރު މުހައްމަދު ޖުމައްޔިލް ސޮއިކުރި ވާހަކަ އަޑުއިވުމުން ރޮމޭންސް ކޮނޑަށްލައިގެން އޭނާ އެނބުރި އަންނަނީއޭ ބައެއް ފޭނުންގެ ހިތަށް އަރައިފާނެ އެވެ. އެކަމަކު ހިތްތަކުގެ އެކްޓަރު ބުނަނީ މި އަހަރު އޭނާގެ އާ ރޯލެއް ފެންނަން ނެތްއިރު އަންނަ އަހަރު ވެސް ބެލުންތެރިންނާ އެކު މާ ބޮޑު ރޮމޭންސެއް ޖެއްސުމަށް ޝައުގުވެރިނުވާ ކަމަށެވެ.

"މިހާރު ލޯބީގެ ރޯލެއް ނުކުޅެމެއް ނުން. މި އުޅެނީ ރޮމޭންޓިކް ރޯލުތައް މަދުކޮށް ބްރޭކެއް ނަގަންވެގެންނޭ،" ޑާކް ރެއިން އިން ދެން އެންމެ އަވަހަށް ގެނެސްދޭ ފިލްމުން ވެސް ޖުމައްޔިލް ފެނިގެންދާނީ އެމީހުން އެންމެފަހުން ވެސް ގެނެސްދިން ތިން ފިލްމުން ޖުމައްޔިލް ފެނިގެން ދިޔަފަދަ ރޯލަކުންތޯ ސުވާލުކުރުމުން ހިނިގަނޑެއް ޖަހާލާފައި 28 އަހަރުގެ އެކްޓަރު ބުނީ މިހެންނެވެ.

އޭނާ ބުނީ މިވަގުތަށް ބޮޑަށް ޝައުގުވެރިވަނީ ތަފާތުތަކެއް ދެއްކޭ ފެންވަރުގެ ފިލްމުތަކާއި ރޯލުތަކަކަށް ކަމަށެވެ. އެގޮތުން ވީހާ ވެސް ތަފާތު ރޯލުތަކަކަށް ފާރަލަމުން އަންނަކަން ފާހަގަކުރި އެވެ.

އެހެންކަމުގައި ވަނީ ނަމަ ޖުމައްޔިލްގެ އާދަޔާހިލާފު ރޯލެއް ދެން އެންމެ އަވަހަށް ފެނިގެންދާނީ ޑާކް ރެއިން އިން އަންނަ އަހަރު ގެނެސްދޭނެ ކަމަށް ބެލެވޭ "ގޮށްރާޅު" ނުވަތަ އެމީހުންގެ ކުރިއަށް އޮތް ތިން ވަނަ ޕްރޮޖެކްޓުންނެވެ. ނަން އަދި އިއުލާނުކޮށްފައި ނުވާ އެ ފިލްމަކީ ތަފާތު ފިލްމުތަކަށް މަޝްހޫރު މޫމިން ފުއާދު ލިޔެ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.

"ގޮށްރާޅު" އަކީ ވެސް މޫމިންގެ ސްކްރިޕްޓެކެވެ. ހުސެއިން ޝިނާން ޑައިރެކްޓްކުރާ މި ފިލްމަކީ ވެސް ޖުމައްޔިލް މިހާތަނަށް ފެނިގެން ދިޔަ ލޯބި ފިލްމުތަކަށް ވުރެން ޑާކު ފިލްމަކަށްވެގެންދާނެ އެވެ.

"އެންމެ ކުޅޭ ހިތްވަނީ ތްރިލާ ފިލްމުތައް. އެގޮތުން ގޮށްރާޅު ވަރަށް ތަފާތުވާނެ،" ބައްޕަ އަހުމަދު ނިމާލް ޑައިރެކްޓްކުރި އަނިޔާ އިން ދިވެހި ސިނަމާ އަށް ތައާރަފްވި ޖުމައްޔިލް ބުންޏެވެ.

އެ ފިލްމަށް ފަހު ޖުމައްޔިލް ޑާކް ރެއިންގެ ތިން ފިލްމަކުން ތަރިއަކަށް ބަދަލުވެފައިވާއިރު މިފަހުން އޭނާ ދެން ފެނިގެންދިޔައީ ނަހުލާގެ "ފޯފޯޓޫސިކްސް" އާއި ސެމީ މުސްތަފާގެ "މަލިކާ" އިންނެވެ. ޖުމައްޔިލް ބުނީ ގިނަ ފިލްމުތަކެއްގެ މަސައްކަތަށް އެއްފަހަރާ ތައްޔާރުވަމުން އަންނައިރު ގިނަ ފިލްމުތަކެއްގެ ލީޑު ރޯލު އޭނާ އަށް ކަޓައިގެން ވެސް ގޮސްފި ކަމަށެވެ.

އެގޮތުން ނަހުލާ މިހާރު އިއުލާނުކޮށްފައިވާ ބޮޑު ފިލްމު "ބޮސް" ގެ ލީޑު ރޯލު ވެސް ލިބެން އުޅެފައި ކެޓީ ބިޒީވެގެން ކަމަށް ބުންޏެވެ. ނަހުލާ ކުރިން އިއުލާނުކުރި "ބީ" އޭ ކިޔުނު ފިލްމެއްގެ ލީޑު ރޯލަށް ވެސް ޖުމައްޔިލް ހަމަޖެއްސި އެވެ. ނަމަވެސް ނަހުލާގެ އެ ޕްރޮޖެކްޓް މިހާރު އޮތީ ނިދައިފަ އެވެ.

ކުރިއަށް ހުރި އާ ޕްރޮޖެކްޓްތަކުގެ ވާހަކަ ދައްކަމުން ޖުމައްޔިލް ބުނީ ބައްޕައާ އެކުގައި އަނެއްކާވެސް އާ މަސައްކަތެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން މި އަހަރުގެ ޑިސެމްބަރު މަހު ޝޫޓިން ފަށަން ބައްޕަ އާ ފިލްމެއް ލިޔަމުން އަންނަ ކަމަށް ބުންޏެވެ.

ދެން އުފެދޭ ސުވާލަކީ މިއީ އެވެ. ރޮމޭންޓިކް ރޯލުތައް ދޫކޮށް ޑާކު ރޯލުތަކުން ޖުމައްޔިލް ހިޓަކަށް ބަދަލުވެދާނެތޯ އެވެ؟ ޕްލޭން ބީއޭ ކިޔުނު ފިލްމެއްގައި އޭނާ ނިކަން ޑާކު ރޯލެއް ކުޅުނެވެ. އެ ފިލްމު އޮތީ އަދިވެސް ބެލުންތެރިންނާ ހަމަ އަށް ނުނިކުމެ އަނދިރިގަނޑެއްގެ ތެރޭގަ އެވެ.

މޯލްޑިވްސް ފިލްމް އެސޯސިއޭޝަން

Popular