20 Jul 2017

އައްޒަ އާއި ޖުމާ ކައިވެނިކުރަނީ ކޮން އިރަކުތަ؟

"ރައްޓެހިވެގެންނެކޭ ވެސް ނުބުނާނަން. ރައްޓެހިވެގެން ނޫނެކޭ ވެސް ނުބުނާނަން. ލޯބި ނުވެއެކޭ ވެސް ނުބުނާނަން"

"ރައްޓެހިވެގެންނެކޭ ވެސް ނުބުނާނަން. ރައްޓެހިވެގެން ނޫނެކޭ ވެސް ނުބުނާނަން. ލޯބި ނުވެއެކޭ ވެސް ނުބުނާނަން"

By: Ahmed Nadym

އަޒޯނާ އޮތީ ސީޒަން ބްރޭކުގަ އެވެ. އެކަމަކު ބެލުންތެރިންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ މި ޓޯކް ޝޯއެއްގެ ފަރިފަރި ހޯސްޓު މަރިޔަމް އައްޒަ އެ އުޅެނީ ހޭވައްޓާލާފައި ފާތިމަތު ނަހުލާގެ އާ ފިލްމު "ބޮސް" ގެ ޝޫޓިންއަށް ބޮސްދިނުމުގަ އެވެ. އެކަމަކު "އަޒޯނާ" ގެ ފޭނުންކުރާ ބޮޑު ސުވާލަކީ މިއީ އެވެ.

"އައްޒަ އާއި ޖުމާ ކައިވެނިކުރާކަށް ނުވޭ ހެއްޔެވެ؟ ދެ މީހުން އަލުން ކައިވެނިކުރަނީ ކޮން އިރަކުން ހެއްޔެވެ؟"

ފޭނުން ޖަވާބު ހޯދަން ބޭނުންވާ ބޮޑު ސުވާލަކީ މިއީ އެވެ.

އައްޒަގެ ފިލްމީ ހަޔާތަށް ބަހާރު މޫސުމް އައިސްގެން އުޅޭއިރު އޭނާގެ ޒާތީ ދިރިއުޅުމަށް ވެސް ފާޑަކަށް ބަހާރު މޫސުމް އައިސްގެން އުޅޭތާ މިހާރު ދުވަސްގަނޑެއްވެއްޖެ އެވެ. ކުރީގެ ފިރިމީހާ އަދި ދަރިފުޅު އީތަންގެ ބައްޕަ، އިސްމާއިލް ޖުމައިހް (ޖުމާ) އާއެކުގައި ނިކަން ލޯބިން، ނިކަން ހާމަކަން ބޮޑުގޮތެއްގައި އުޅެމުންދާކަން ދެން އެންމެނަށް ވެސް އެނގެއެއް ނޫން ހެއްޔެވެ؟

އެހެންވީމަ އައްޒަގެ ހަޔާތުގައި މިވަގުތު ހުރި އެންމެ ހާއްސަ މީހަކީ ހަމަ ޖުމާއެއް ނޫންހެއްޔެވެ؟

"ޖުމާ ހަމަ ވަރަށް ވެސް މުހިންމު އަސްލު،" ޝޫޓިންގެ ބްރޭކަކުން ނެގި ފޯނު ކޯލެއްގައި ނިކަން ކުރުކޮށްލާފައި އައްޒަ ބުނީ މިހެންނެވެ.

އެކަމަކު މިވަރަކުން އަދި ފޭނުން ހިތްހަމަނުޖެހޭނެތީ ނުވަތަ މިއަދުގެ ގޮސިޕު ފަޅުނުފިލާނެތީ ޖުމާ އާއި އައްޒަގެ މި އާދަޔާހިލާފު ގުޅުމުގެ އެތެރެއަށް އަދިވެސް ވަދެވޭތޯ ބަލަމާ ހިނގާށެވެ. ދެ މީހުން މިހާ ލޯބިން އެކުގައި އުޅެން ފަށާފައިވާއިރު އަދިވެސް އިންނާކަށް ނުވިސްނަންތޯ ސުވާލުކުރީމަ އައްޒަ ޖަހާލީ "ސާބަސް" އެކެވެ.

އައްޒަ އާއި ޖުމާ

"އަދި ނުވިސްނަން ތިކަމަކާ. ތިހިސާބަކަށް އަދި ނުދޭ. ކިހާ ބޮޑު ކަމެއް ދެން ނަދީމޫ،" އައްޒަ ހިނިގަނޑަކަށް ބިނދިގެން ގޮސް ގެއްލިއްޖެ އެވެ.

އެކަމަކު އައްޒަގެ ހިތުގައި ޖުމާ އަށް ހާއްސަކޮށްފައިވާ ޖާގަ އާއި އެ ލޯތްބެއް ދެން ވެސް ފޮރުވޭ ގޮތެއް ނުވި އެވެ.

"އަބަދުވެސް ބުނަމެއް ނުން އޭނަ ދެކެ ލޯބިވާ ވާހަކަ. ކޮންއިރަކުތަ ބުނީ ލޯބިނުވާ ވާހަކަ. އެކީގަ އުޅެނީ. އެކަމަކު (ލޯބިން) ރައްޓެހިވެގެންނެކޭ ނުބުނާނަން،" އައްޒަ ބުންޏެވެ.

"ދެ މީހުން އުޅެނީ ރައްޓެހިވެގެންނެކޭ ވެސް ނުބުނާނަން. ރައްޓެހިވެގެން ނޫނެކޭ ވެސް ނުބުނާނަން. ލޯބި ނުވެއެކޭ ވެސް ނުބުނާނަން."

އައްޒަ ބުނީ ލޯބިވެރިޔަކަށް ނުވަތަ ހަޔާތަށް އާ ބައިވެރިޔަކު ހޯދުމަށް ވުރެން އޭނާ އަށް މިވަގުތު މުހިންމުވެފައި ވަނީ ފުނިޖެހިފައި ހުރި ފިލްމުތަކުގެ މަސައްކަތްތައް ކަމަށެވެ. އެއީ ތެދެކެވެ. އަޒޯނާ އަކީ މިވަގުތު ފިލްމީ ދާއިރާގައި ހުރި އެންމެ ބިޒީ ބަތަލާއެވެ. ފިލްމެއް އުފައްދާ ނަމަ ޕްރޮޑިއުސަރުން މި ދުވަސްކޮޅު އެންމެ ފުރަތަމަ ވެސް ބޭނުންވެގެން އެ އުޅެނީ އައްޒަގެ ސޮއެވެ.

އޭނާ އެވަރަށް ސޮއި ވެސް ކޮށްފި އެވެ. ލޯތްބަށް ވަގުތު ނުދެވޭ ވަރަށް ބިޒީވެގެން އެ އުޅެނީ ވެސް ސަބަބެއް ނެތިއެއް ނޫނެވެ.

ޖުމާ އާއި އައްޒަ

"މެރީކުރަން އަދި ޑިސައިޑެއް ނުކުރަމޭ. އަދިވެސް ފިގަރިން އައުޓް. ދެ މީހުންގެ ރިލޭޝަންޝިޕަށް ފޯކަސްކުރުން މިވަގުތަށް އެހާއެހާއެއް ވެސް ނޫން،" އައްޒަ ބުންޏެވެ.

"ދެ މީހުން ވެސް މިވަގުތަށް އެންމެ ބޮޑު ފޯކަސްއެއް ދީގެން މި އުޅެނީ ފިލްމީ ދާއިރާގެ މަސައްކަތްތަކަށް. ދެ މީހުން ދެ މީހުންނަށް ދާއިރާގައި ވަރަށް ބޮޑު އިންޕުޓެއް ދީގެން ކުރިއަށް މި ދަނީ"

"މި ދާއިރާގައި އުޅެން ބަލާއިރު ޖުމާގެ ސަޕޯޓު ވަރަށް ބޮޑަށް ބޭނުންވޭ އައްޒަ އަށް. އަދި އައްޒަގެ ސަޕޯޓް ޖުމާ އަށް ވަރަށް މުހިންމު. ދެ މީހުން އެގޮތަށް ދެ މީހުންނަށް މުހިންމުވީމަ އެކުގައި މިއުޅެނީ. މިހެން އުޅެގެން މަސައްކަތުން ނުކުންނަ ނަތީޖާ ވެސް ވަރަށް ސަޅި."

އައްޒަ ބުނީ ކޮންމެހެން ޖުމާވީމަ، އޭނާއާ އަލުން ގުޅެން ބޭނުންނުވެގެން އުޅެނީކީއެއް ނޫން ކަމަށެވެ. ލޯބި ހުށަހަޅާ އެހެން މީހުންނަށް ވެސް އައްޒަ މިވަގުތު ދީގެން ހުރީ ބީރު ކަންފަތެކެވެ.

" ކޮންމެހެން ޖުމާވީމަކާއެއް ނޫނޭ އޭނައާ އެކުވެސް އުޅެން މިވަގުތު ބޭނުންނުވަނީ. އެއްވެސް މީހަކަށް މިވަގުތު ކޮމިޓްވާން ބޭނުންނުވަނީ،" އައްޒަ ބުންޏެވެ.

"އަހަރެން ބޭނުންވަނީ ދެން ލައިފެއް ފެށިޔަސް ފަށަން ވަރަށް ގެރެންޓީކޮށް. ކުރީގެ އެ އިތުބާރު އަލުން ލިބުނު ހިސާބަކުން."

އެހެންވީމަ މިހައި ހިސާބުން އައްޒަގެ ޕާސަނަލް ވާހަކަ ކުރުކޮށްލާފައި އަޒޯނާގެ ސީޒަން ދޭކަށް ދުވަސް ގުނަން ފަށާށެވެ. ސީޒަން ދޭއެއް 12 އެޕިސޯޑާއެކު އެނބުރި އަންނައިރު ހާއްސަ އެޕިސޯޑަކުން ޖުމާ ފެނުމުގެ ފުރުސަތު ބޮޑު ކަމަށް އައްޒަ ބުނެ އެވެ. އެހެންވެއްޖެ ނަމަ ވަރަށް ވެސް ރަނގަޅެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ

Popular