By: Ahmed Nadym
ދިވެހި ސިނަމާގެ އެންމެ ކާމިޔާބު ނުވަތަ އެންމެ ކުޅަދާނަ ޑައިރެކްޓަރަކީ ޓެޑްރީ މުހައްމަދު ނިޔާޒެވެ. އަބަދުވެސް އިވެނީ އެންމެން މިހެން ކިޔާ އަޑެވެ. "ދެރިޔާ" ހަދައި އޭނާ ދިވެހި ބޮކްސް އޮފީހުގެ ރިކޯޑްތައް މުގުރާލުމުން އެންމެން ވެސް ގަބޫލުކޮށްގެން ތިބީ ފިލްމަކަށް ފަހު ފިލްމެއް ހަދައި ރިކޯޑްތައް އެގޮތުގައި މުގުރަމުން އޭނާ ކުރިއަށް ހިނގައިގަންނާނެ ކަމަށެވެ.
އެކަމަކު އެކަން އެހެނެއް ނުވި އެވެ. ރަސްމީ ދެ ވަނަ ޑައިރެކްޝަނަކާ އެކު ޓެޑްރީ އަށް އެނބުރި ނާދެވުމުން ދެން މީހުން ބުނަން ފެށީ ފިލްމީ ދާއިރާގައި އޭނާގެ މައްޗަށް އަތްގަދަކޮށްފައިވާ ފަރާތްތަކުގެ ހުނަރަށް ޓެޑްރީ ޖެހިލުންވާން ފެށީ ކަމަށެވެ.
އެންމެން ބަލަން ތިއްބައި ޓެޑްރީގެ ކާމިޔާބު އޮލިމްޕަހުގައި ފަނޑުކޮށްލި ޑައިރެކްޓަރަކީ ފާތިމަތު ނަހުލާ އެވެ. ނަހުލާ އާއި ޓެޑްރީގެ މި "ފިލްމަކީ" ދިވެހި އެހެން ހުރިހާ ފިލްމަކަށްވުރެ ވެސް އަސަރުގަދަ ފިލްމެކެވެ. އަދި ވަކިން ހާއްސަކޮށް ނަހުލާ، ފިލްމަކަށް ފަހު ފިލްމެއް ކާމިޔާބުކޮށް ރިކޯޑް މުގުރަންް ފެށުމުން ދެން އެންމެނަށް ވެސް "ނަހޫ ވަރެއް" ނެތި ނިމިއްޖެ އެވެ.
ނަމަވެސް މި ކާމިޔާބީ އާއި ރިކޯޑްތަކާ އެކު ނަހުލާ އެންމެފަހުން "ދިވެހި ސިނަމާގެ ޓެޑްރީ" އަކަށް ބަދަލުވީ އެވެ.
އާ ޖީލެއްގެ ޒުވާން ހުނަރުވެރި ޑައިރެކްޓަރުންނަށް ޖެހިލުންވެ ނަހުލާ ވެސް އެންމެފަހުން ފިލްމު އުފެއްދުމުގެ ހަވާސާ އަށް ވަދެ އޭނާގެ ރިކޯޑްތަކާ އެކު ފިލަން ހޮރު ކޮންނަން ފަށައިފި ކަމަށް ބައެއް މީހުން ބުނަން ފަށައިފި އެވެ. ފަހަރެއްގައި އެއީ ތެދެކެވެ. ނަހުލާ އެންމެ ފަހުން އޭނާގެ ފުލް ގިޔަަރުގައި ގެނެސްދިން ފިލްމަކީ 2008 ވަނަ އަހަރު ހުރިހާ ރިކޯޑެއް މުގުރާލި "ޔޫސުފް" އެވެ.
ނަހުލާ ބޮސްގެ ސެޓުގައި.
އޭގެ ފަހުން މުޅިން ވެސް އޭނާ ރިހި ސްކިރީނަށް އެނބުރި އައީ އިތުރު ނަންތަކެއް ބޭނުންކޮށްގެންނެވެ. އަދި މި އެނބުރި އައުންތަކުގައި ހަގީގީ "ނަހޫ އިސްޓައިލެއް" ނެތްއިރު ކުރީގެ ރަން ރިކޯޑްތަކެއް ވެސް މުގުރިފައެއް ނެތެވެ. ނަހުލާ އަމިއްލަ އަށް ފިލްމެއް ލިޔެ ޑައިރެކްޓްކުރުމުގެ ބަދަލުގައި އެހެން މީހުންނާ ފިލްމުތައް ހަވާލުކޮށްގެން ކުރިއަށް ދަނީ އެވެ. އެއީ، ކުރީގެ ކާމިޔާބީތައް ތަކުރާރުނުކުރެވިދާނެ ކަމުގެ ބިރަށް ކަމަށް ބައެއް މީހުން ތުހުމަތުކުރަނީ މި ސަބަބާ ހެދި އެވެ.
އެހެންވީމަ ބޮޑު ސުވާލަކީ މިއީ އެވެ. ނަހުލާ ލިޔެ ޑައިރެކްޓްކުރާ ފިލްމެއް ދެން އަހަރެމެންނަށް ފެންނާނީ ކޮން އިރަކުންތޯ އެވެ؟ ނަހުލާ ބުނަނީ އެހެން މީހުންގެ ފަހަތަށް ވަދެ ހުރެގެން އޭނާ ފިލްމުތައް ގެނެސްދެނީ އެއްވެސް މީހަކަށް ނުވަތަ ޒަމާނަކަށް އޭނާ ޖެހިލުންވާތީއެއް ނޫން ކަމަށެވެ.
"ކުރީގެ ކޮލިޓީ ނުނެރެވިދާނެތީ ބިރުގަންނަނީކީއެއް ނޫން އެއްގޮތަކަށް ވެސް. 4426 އަކީ ވެސް މުޅިން ޅަ އެއްޗެއްތާ،" ޒަމާންގަނޑަކަށް ފަހު ބޮޑު ސްކްރީނަށް ނަހުލާގެ ނަން އަލުން ގެނެސްދިން ބިރުވެރި ފިލްމު "ފޯފޯޓޫސިކްސް" އަށް އިޝާރާތްކޮށް އޭނާ ބުނީ މިހެންނެވެ.
"ޔޫސުފް" އަށް ފަހު ނަހުލާ އަށް ފިލްމެއް ޑައިރެކްޓްކުރަން ނުކެރުނޭ ބުނާ މީހުންނަށް އޭނާ ދިން އެންމެ ވަރުގަދަ ރައްދަކީ ގާތްގަނޑަކަށް ހައުސްފުލް ވިއްސަކަށް ޝޯ އޮލިމްޕަހުގައި ދެއްކި "4426" އެވެ. އެކަމަކު މި ފިލްމަކީ ހަމައެކަނި ނަހުލާގެ އަމިއްލަ ޑައިރެކްޝަނެއް ނޫނެވެ. ނަހުލާ އަށް މި ފިލްމު އެ ގޮތުގައި ގެނެސްދެވުމުގެ އެއް ހިއްސާދާރަކީ ހުނަރުވެރި ސިނެމެޓޯގްރަފާ އަދި މި ފިލްމުގައި ނަހުލާއާ އެކު ޑައިރެކްޓަރުގެ ގޮނޑި ހިއްސާކުރި އަހުމަދު ޝިނާނެވެ.
"4426" ހިޓަކަށްވުމުގެ ސިއްރު ނިކަން ބޮޑަށް ޝިނާނުގެ ހުނަރުވެރިކަމާ ގޮސް ގުޅިފައިވާކަމުގެ އެއް ހެއްކަކީ މި ފިލްމުގެ ކުރިން ފިލްމީ ދާއިރާގެ މަޝްހޫރު އެހެން ފަރާތްތަކާ އެކު ނަހުލާ ގެނެސްދިން އޭނާގެ ކްރިސްޓަލް ޕްރޮޑަކްޝަންސްތަކެވެ. މިސާލަކަށް ނަހުލާ ލިޔެ، ޔޫސުފް ޝަފީއު ޑައިރެކްޓްކުރި "ހެޔޮނުވާނެ" ނުވަތަ ރަވީ ފާރޫގު ލައްވައި ޑައިރެކްޓްކުރުވި "މިހަށިން ފުރާނަ ދަންދެން" އަކީ "4426" އަށް އޮހުނު ފަދަ ތައުރީފެއް ކްރިޓިކަލީ އޮހުނު ދެ ފިލްމެއް ނޫނެވެ. އެކަމަކު އެ ދެ ފިލްމަކީ ވެސް "4426" ގެ މަސައްކަތުގައި ނަހުލާ ނުފޫޒު ފޯރުވި ވަރަށް ނުފޫޒު ފޯރުވާފައިވާ ދެ ފިލްމެވެ.
ކަންމިހެން އޮތުމުން "4426 އިން ވެސް އެ ސާބިތުކޮށްދިނީއެއް ނޫން ހެއްޔޭ" ދޭހަވާ ފަދަ އިބާރާތެއް ނަހުލާ ބޭނުންކުރިޔަސް އެ ފިލްމަކީ ނަހުލާގެ ހަގީގީ އެނބުރިއައުން ނުވަތަ ކާމިޔާބީ ތަމްސީލުކޮށް، ތަކުރާރުކޮށްދިން އުފެއްދުމެއް ނޫނެވެ.
ކޮންމެއަކަސް މި ބިރުވެރި ފިލްމުގެ ކާމިޔާބީ އަށް ފަހު ނަހުލާ އިތުރު މަސައްކަތްތަކެއް އިއުލާނުކުރުމުން އޭނާގެ ފޭނުންނާއި އެހެން ފަރާތްތައް ވެސް ހީކުރީ ދެން އިއުލާނުކުރާ ފިލްމެއް ޑައިރެކްޓް ވެސް ކުރާނީ ނަހުލާ ކަމަށެވެ. "އެކޮއި" ގެ ނަމުގައި އިއުލާނުކުރި އިބްތިހާލު ފިލްމާއި "ގިސް"ގެ ނަމުގައި އިއުލާނުކުރި ބޮޑު ފިލްމު ވެސް ވަޅުލުމަށް ފަހު ދެން ނަހުލާ އިއުލާނުކުރި ފިލްމު "ބޮސް"ގެ ޑައިރެކްޓަރަކަށް އަނެއްކާވެސް ދުރުން މީހަކު ހަމަޖެއްސީ އެވެ.
"ބޮސް" ގެ ޑައިރެކްޓަރަކީ ޔާރާ އާއިލާގެ ކުޅަދާނަ ބަތަލާ އަދި ޑައިރެކްޓަރެއްގެ ގޮތުގައި ވެސް ހުނަރު ދައްކާލާފައިވާ އައިޝަތު ރިޝްމީ އެވެ. އޭނާއާ އެކު "ވިޝްކާ" ޑައިރެކްޓްކުރި ރަވީ ފާރޫގް "ބޮސް" ގެ މަސައްކަތުން ފެންނައިރު ޒަމާނީ އާލާތްތަކާ އެކު ފިލްމީ ދުނިޔޭގައި ފައިހަރުކުރަމުން އަންނަ ހުނަރުވެރިންގެ ޓީމެއް ކަމުގައިވާ ސިނެސްޓޯމް އަކީ މި ފިލްމަށް ނަހުލާ ނަގާފައިވާ ކްރޫގައި އެންމެ މުހިންމު ފަރާތްތަކެވެ.
ނަހުލާ އާއި ޝިނާން 4426ގެ ޕްރިމިއާ ނައިޓުގައި.
އެއްގޮތަކަށް ވެސް ނަހުލާ އަށް ލިބެން ޖެހޭ ކްރެޑިޓެއް ނުވަތަ އޭނާގެ ހުރި ގާބިލުކަމެއް ފޮރުވަން އަޅުގަނޑު މަސައްކަތްކުރަނީކީއެއް ނޫނެވެ. ދައްކަން މި އުޅެނީ ފިލްމީ ދާއިރާގެ މުސްކުޅި ބްރޭންޑުން ފަހުގެ ބްރޭންޑަކަށް ނަހުލާ ބަދަލުވަމުންދާ ގޮތުގެ ވާހަކަ އެވެ. ނަހުލާ އަމިއްލަ އަށް ފިލްމު ޑައިރެކްޓްނުކޮށް ކަމުގެ އެންމެ ވަރުގަދަ ހުނަރުވެރިން ބޭނުންކޮށްގެން ޒަމާނާ އެއްގޮތަށް އަގާއި ނަމާއި ބްރޭންޑް ހިފަހައްޓަނީއޭ ވެސް ބުނެވިދާނެ އެވެ.
ކޮންމެގޮތަކަށް މި ވާހަކައެއްލިޔުނަސް ފާހަގަކޮށްލަން ޖެހޭ އެއް ކަމެއް އެބައޮތެވެ. އެއީ އެއިރެއްގައި އޮތް ޓްރެންޑަކާ މަސްހުނިވުމުގެ ފުރިހަމަ ގާބިލުކަން ނަހުލާ އަށް ލިބިފައިވާ ވާހަކަ އެވެ. އޭނާގެ "4426" އަކީ އޭގެ މިސާލެކެވެ.
"އަހަންނަކީ ބްރޭންޑެއް ކޮންމެ ގޮތެއްވިޔަސް. ކްރިސްޓަލްގެ ފިލްމަކަށްވީމަ ބޭނުން ގޮތެއް ހަދަން ދޫކޮށެއް ނުލެވޭނެ. ބޮސް އަކީ އަހަރެންގެ ސްޓައިލްގެ ފިލްމެއް،" ނަހުލާ ބުންޏެވެ.
"އެކަނި އުޅުމަށް ވުރެން އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރުމަކީ ވަރަށް ފަސޭހަ ކަމެއް. މެދުނުކެނޑި ފިލްމުތައް ކުރިއަށް ގެންދަން ވެގެން މިގޮތަށް ވެސް މަސައްކަތްކުރަނީ. އެކަމަކު ބޭނުންވާ ފެންވަރަށް މަސައްކަތްނުކުރެވެންޏާ ޑައިރެކްޝަނާ އަހަރެން ހަވާލުވާނާން."
ނަހުލާ ބުނީ އޭނާގެ އަމިއްލަ ޑައިރެކްޝަން މަދުވުމުގެ އަސްލަކީ އާއިލީ ޒިންމާތަކުގައި މާ ބޮޑަށް ބިޒީވާން ޖެހުމުން ދިމާވެފައިވާ ކަމެއް ކަމަށެވެ. އަދި ޒުވާން އެހެން ޑައިރެކްޓަރުން ލައިގެން ފިލްމުތައް ނެރެނީ މިހާރަށް ކަމުދާ ފެންވަރުގެ ފިލްމެއް އޭނާ އަށް އެކަނި ނުއުފެއްދިދާނެތީ ނޫން ކަމަށެވެ.
"އެހެން ޑައިރެކްޓަރުން ލަނީ އަހަންނަށް ފިލްމު ޑައިރެކްޓްކުރަން ނުކެރޭތީކީ ނޫން. ނުވެގެނެއް ވެސް ނޫން. ފުލް ފީޗާއެއް ނުނެރެވެނީ، އެހެން މީހުން ބައިވެރިކުރަން ޖެހެނީ މުޅި ފިލްމުގައި އެކަނި މަސައްކަތްކުރަން މިހާރު އުނދަގޫކަމުން އާއިލާގެ ކަންތައް ހުރި ގޮތުން،" ފިލްމެއް ހަދާއިރު އަބަދުވެސް ޓެކްނިކަލް ސަޕޯޓް އެހެން ތަޖުރިބާކާރުންގެ ފަރާތުން ހޯދާ ކަމަށް ބުނެ ވާހަކަ ދައްކަމުން ނަހުލާ ބުންޏެވެ.
އެކަމަކު ދެން ވެސް ނަހުލާގެ އަމިއްލަ ޑައިރެކްޝަނެއް ބެލުންތެރިންނާ ހަމަ އަށް އަންނާނެ ދުވަހެއް ނޭނގެ އެވެ. ނަހުލާގެ ކްރިސްޓަލް އެންޓަޓެއިންމަންޓުން އުފައްދާ ރިޝްމީގެ "ބޮސް" އަށް ފަހު ނަހުލާ ބުނަނީ އަންނަ އަހަރު ފިލްމެއް ޕްރޮޑިއުސްކުރުމުގެ ވިސްނުމެއް ވެސް އަދި ނެތް ކަމަށެވެ.
އެކަމަކު ޑައިރެކްޓަރެއްގެ ގޮތުގައި އެނބުރި އަންނާނެ ވާހަކަ ބުންޏެވެ.
"ދެން ފިލްމެއް ޑައިރެކްޓްކުރާނީ 2019ގައި."
ރިހި އިސްކިރީނުގައި ނަހުލާގެ އެންމެ ބޮޑު ވާދަވެރިޔާ ޓެޑްރީގެ ފިލްމަކަށް ވެސް އަހަރެމެން އިންތިޒާރުކުރާތާ މިހާރު އެތައް ދުވަހެކެވެ.