By: Ahmed Nadym
ދިވެހި ސިނަމާގެ ޑާލިން އަކީ ފާތިމަތު ނަހުލާ އެވެ. އަމިއްލަ ދިރިއުޅުމުގައި ވެސް ފެޝަނަށް ހިތްޖެހިފައިވާ ޑައިރެކްޓަރު އަބްދުލް ފައްތާހަކީ މި ސިނަމާގެ އެންމެ ސަޅި މީހާ އެވެ. ފިލްމީ ދާއިރާގައި މިވަގުުތު އެންމެ ބުރަކޮށް މަސައްކަތްކުރަމުން އަންނަ މި ދެ މީހުން ތައްޔާރުވަމުން އެ ދަނީ ރިހި ސްކިރީނުގެ ބޮޑު ކުރިމަތިލުމަކަށެވެ.
އަހަރުގެ ބޮޑު ފިލްމަކީ "ވިޝްކާ" އަދި "ނޯޓީފޯޓީ"އެއް ވެސް ނޫނެވެ. މި އަހަރު ބެލުންތެރިންނާ ހަމަ އަށް އަންނާނެ އެންމެ ބޮޑު ދެ ފިލްމަކީ ކްރިސްޓަލް އެންޓަޓެއިންމަންޓްގެ "ބޮސް" އާއި ރެޑް ޕްރޮޑަކްޝަންސްގެ "ހައްދު" އެވެ. މި ބޮޑު ދެ ޕްރޮޑަކްޝަންގެ މުގުލުގައި ފިލްމީ ދާއިރާގެ އެންމެ ބޮޑު ދެ ހެވީވެއިޓުން ކަމުގައިވީ ނަހުލާ އާއި ފައްތާހު ތިބުމަކީ މި ކުރިމަތިލުން ވަރުގަދަވެ، ހައްދުން ނެއްޓިގެން ހިނގައިދާނެ ކަމަށް ލަފާކުރެވޭ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ.
ފައްތާހުގެ ފިލްމު އޭނާ ޕްރޮމޯޓްކުރަމުން ގެންދަނީ "ރިކޯޑް ބްރޭކިން" މޫވީއެއްގެ ގޮތުގަ އެވެ. ނަހުލާގެ މިފަހަރުގެ އަމާޒަކީ އެހެން ޑައިރެކްޓަރަކު ބޭނުންކޮށްގެން "ނަހޫ އިސްޓައިލް" ގެ ފުނަށް ބެލުންތެރިން ގަންބާލުމެވެ. އެހެންވީމަ މި ކުރިމަތިލުމުގައި ކުރި ލިބޭނެ މީހަކު ބަލަން ވަރަށް ގިނަ ބަޔަކު ތިބީ މިހާރު ވެސް ކެތްމަދުވެފަ އެވެ.
ވަކިން ހާއްސަކޮށް ނަހުލާ އާއި ފައްތާހުހާ ބޮޑު ދެ ނަމަކާ އެކު މި ދެ ފިލްމު އަންނައިރު މިއީ މިގޮތަށް އަޅާކިޔާލަން ވެސް ރަނގަޅު ރޭހެކެވެ. ކުޑަވަރެއްގެ ބޮލީވުޑަކަށް އަހަރެމެން ނުވާންވީ ސަބަބެއް ކޮބައިހެއްޔެވެ؟
ނަހުލާ އާއި ފައްތާހަކީ އެންމެ ބޮޑު ދެ ނަން!
އަސްލަމް ރަޝީދުމެން އީސާ ޝަރީފުމެނެއް މިހާރަކު ފިލްމީ ދާއިރާއަކު ނެތެވެ. ވަރަށް ފަހަކާ ޖެހެން ދެން ނިކަން ފޯރި އަރުވާލާފައި އުޅުނު ކާމިޔާބު ޕްރޮޑިއުސަރު މުހައްމާއެއް ވެސް މިހާރަކު ނެތެވެ. އަދި އެންމެ ތަޖުރިބާކާރު އަމްޖޭ ވެސް ވީ ބޮޑު ބްރޭކެއްގެ ތެރެއަށް ގެއްލިފަ އެވެ.
ފިލްމީ ދާއިރާގެ އެންމެ ތަޖުރިބާކާރު މީހުން މި ދާއިރާއާ ދުރަށް ގޮސް މަޑުމަޑުން ގެއްލެމުންދާއިރު އަދިވެސް ރަންޒަމާނުގެ ފޯރީގައި ތިބި ދެ މީހަކީ ނަހުލާ އާއި ފައްތާހުއޭ ބުނެވިދާނެ އެވެ. މި ދެ މީހުން ފިލްމީ ދާއިރާގައި މިއަދު އެންމެ ބޮޑު ދެ ނަމަށް ވަނީ މި ސަބަބާ ހެދި އެވެ. އަނެއްކޮޅުން އެ މީހުންގެ ފިލްމީ ހަޔާތުގައި ހޯދާފައިވާ ކާމިޔާބީ އާއި ކޮށްފައިވާ މަސައްކަތް ވެސް މި ވާހަކަ އަށް ހެކިވެ އެވެ.
ވާހަކަ ލިޔުމުގެ ރޮނގުންނާއި މުނިފޫހިފިލުވުމުގެ ދާއިރާ އިން ނަހުލާ ގައުމީ އެވޯޑް ހާސިލުކޮށްފައިވާއިރު ފައްތާހަކީ ވެސް މި ޝަރަފްވެރިކަން އޭނާގެ 21 އަހަރުވީ ދިގު ކެރިއަރުގައި ހާސިލުކޮށް މެޑަލް ޖަހައިފާ ޑައިރެކްޓަރެކެވެ.
ފައްތާހު ދިވެހި ސިނަމާގެ ލެޖެންޑަކަށް ބަދަލުކޮށްލީ އޮފީސް ޓެލެޑްރާމާ މުބާރާތުގައި ވިދިވިދިގެން އޭނާ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ގެންދިޔަ ހިސާބުންނެވެ. އޮފީސް ޑްރާމާ އާއި ޓީވީ ސިލްސިލާތަކުގެ ރޭހުގައި އެންމެ މޮޅު މީހާގެ ގޮތުގައި ފިލްމީ ދާއިރާ އަށް ނުކުމެ ފައްތާހު ގެނެސްދިން ފިލްމުތަކަކީ ވެސް ދިވެހި ސިނަމާގެ "އެންމެ ސްޓައިލިޝް" ފިލްމުތަކުގެ ގޮތުގައި މިހާރު ވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެވެ.
އެކަމަކު މި ރޭހުގައި ބެލުންތެރިންގެ ބޮސް ލިބެނީ ނަހުލާއަށޭ ބުނުމަކުން އޭގައި ގޯހެއް ނެތެވެ. އެކަމަކު ކުރިއަށް އޮތީ ފައްތާހުގެ "ރިކޯޑް ބްރޭކިން މޫވީއަކަށް" ވުމުން ނަހުލާ ނިކަން ސަމާލުވާން ޖެހެ އެވެ.
ނަހުލާގެ ރިކޯޑްތައް ފައްތާހަށް މުގުރާލެވިދާނެ!
ފައްތާހުގެ ފިލްމީ ހަޔާތުގައި އޭނާ މިވަރުގެ ބޮޑު "ކޮންފިޑެންސަކާ" އެކުގައި ފިލްމެއް ޕްރޮމޯޓްކުރަން ނުކުމެ އުޅެނިކޮށް ފެނިފައެއް ނެތެވެ. އޭނާގެ ސީދާ ވާހަކަތައް ހުރީ ރެކޯޑްތައް މުގުރާލާނެ ވާހަކަތަކާ އެކު އެވެ.
އޭނާގެ ވާހަތައް ހުރިގޮތުން ހީވަނީ މިއޮތްހާ ދުވަހު ކެނޑި ފޮނި އެންމެފަހުން ހަގީގަތަކަށް ވާން އުޅޭހެންނެވެ.
މިދިޔަ ހަފުތާ ބަންދުގައި "ހޭޔަމްބޯ" ގައި ވާހަކަ ދައްކަމުން ފައްތާހު ބުނެފައި ވަނީ "ހައްދު" އަކީ އެ ފިލްމާ ބެހޭ ގޮތުން އޭނާ ކަނޑާ ފޮންޏާ އެއްވަރުގެ "ވެލިއުއެއް" އޭގައި ހުރި ފިލްމެއް ކަމަށެވެ. އަދި "ރިކޯޑް ބްރޭކިން މޫވީއެއް" ގެ ގޮތުގައި މި ފިލްމު ޕްރޮމޯޓްކުރަނީ ކީއްވެގެންތޯ މިހާރުން ސުވާލުކޮށްލުމުން ބުނީ "ހައްދަކީ" ދިވެހި ފިލްމީ ހަޔާތުގެ ކޮލިޓީގައި "ހައްދުތަކެއް" ކަނޑައަޅައިދޭނެ ފިލްމެއް ކަމަށެވެ.
"މިއީ ބެންޗު މާކެއް ގާއިމުކޮށްދޭނެ ފިލްމެއް. ފަތިސް ހަނދުވަރާއި ދެރިޔާ އިން އުފެއްދި ވަރުގެ (ހައިޕެއް) އުފައްދައިދޭނެ ހައްދުން. ދެން ކިޔާނީ ހައްދުގެ ބެންޗު މާކޭ،" ނިކަން އިތުބާރާ އެކު ވާހަކަ ދައްކަމުން ފައްތާހު ބުނެލި އެވެ.
މި ފޯރީގައި ދާ ނަމަ މިއީ ފައްތާހުގެ އަހަރަކަށްވުން ވަރަށް ގާތެވެ.
ނަހުލާގެ ތައުރީފު ވެސް މިފަހަރު ފައްތާހަށް!
ފައްތާހުގެ "ހައްދު" ބެލުންތެރިންނާ ހަމަ އަށް އަންނާނީ ސެޕްޓެމްބަރު ހައެއްގަ އެވެ. ނަހުލާގެ "ބޮސް" ނެރޭނީ އޮކްޓޯބަރު 24ގަ އެވެ. ނަހުލާގެ "ބޮސް" އެއް ނޫނެވެ. ނަހުލާ ޕްރޮޑިއުސްކޮށް އައިޝަތު ރިޝްމީ ޑައިރެކްޓްކުރާ "ބޮސް" އެވެ. ފަހަރެއްގައި އާ ފިލްމަށް ފައްތާހު ދޭ ވަރުގެ ޔަގީންކަމެއް ދޭން ނަހުލާ އަށް ނުކެރެނީ މިހެންވެ ކަމަށް ވެސް ވެދާނެ އެވެ.
ރިކޯޑް މުގުރި "ޔޫސުފް" އަށް ފަހު މިހާތަނަށް ފުލް ޑައިރެކްޝަނެއްގައި މަސައްކަތްކޮށްފައި ނުވާ ނަހުލާ ވެސް މިފަހަރު ތައުރީފު އޮއްސަނީ ފައްތާހަށެވެ.
"ފައްތާހަކީ ފައްތާހު. މަށަކީ މަ. ފައްތާހުގެ ވީޑިއޯ މާ ރީތިވާނެ،" ފައްތާހުގެ ފިލްމަކާ ކްލޭޝްވަނީ އަލަކަށް ނޫން ކަމަށް ބުނެ ވާހަކަ ދައްކަމުން ނަހުލާގެ ތައުރީފު ފައްތާހަށް އޮއްސާލީ މިހެންނެވެ.
އެއަށް ނަހުލާގެ ޕްރޮޑަކްޝަނެއްގައި އިސްކަންދޭ ކަންކަން ވެސް ކިޔާލަދިނެވެ.
"އަހަރެންގެ ފޯކަސް އަކީ ވީޑިއޯ އަށް ވުރެ އިމޯޝަންސްތައް. ފައްތާހުގެ އޯޑިއެންސާއި ނަހުލާގެ އޯޑިއެންސް ވެސް ތަފާތުވާނެ. އެކަމަކު އަހަރެންގެ ފިލްމަކީ ރިކޯޑް ބްރޭކިން ފިލްމެއް ނޫން،" ނަހުލާ މިހެން ބުނެ އެ އިޝާރާތްކޮށްލީ ކާކަށްކަން އެންމެނަށް ވެސް އެނގޭނެ އެވެ.
ކޮންމެއަކަސް ފިލްމީ ދާއިރާގެ ބޮޑު ދެ ބާރު ކަމުގައިވީ ނަހުލާ އާއި ފައްތާހު އެމީހުންގެ ބޮޑު ދެ ފިލްމު ބެލުންތެރިންނާ ހަމަ އަށް ގެނެސްދޭން ތައްޔާރުވަމުން އަންނައިރު ކުރިލިބޭނެ މީހަކު ބަލަން ފޭނުން ތިބީ ކެތްމަދުވެފަ އެވެ.