10 Sep 2017

"ވަކިން ލޯބިން" ގެ ޝޫޓިންއަކީ ބޮޑު މަޖާގަނޑެއް

"ވަކިން ލޯބިން" ގެ ޝޫޓިންއަކީ ބޮޑު މަޖާގަނޑެއް

By: Ahmed Adhushan

ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމްތަކުގައި މަސައްކަތް ކުރާ ތަރިން އަބަދު ވެސް ބުނާ ވާހަކައެއް އޮވެ އެވެ؛ މިއީ ޝޫޓިންއަކަށް ވުރެ ބޮޑު މަޖާގަނޑެކެވެ. ޕިކްނިކެއް ކަހަލަ ކަމެކެވެ. ޝޫޓިން ނިންމައިލީމާ ފޫހި ވާނެ އެވެ. ޓީމް މަތިން ވަރަށް ހަނދާން ވާނެ އެވެ.

ހަމަ ހަގީގަތުގައި ވެސް އެ މަޖާގަނޑު އަހަރެމެންނަށް ވެސް މިހާރު ވަރަށް ބޮޑަށް ފެނެ އެވެ. ސޯޝަލް މީޑިއާ ހާވާލައިފި ނަމަ އެކަން ފެންނާނެ އެވެ.

"ވަކިން ލޯބިން" ގެ ބްރޭކިންއެއްގެ ތެރެއިން ޓީމްގެ މެމްބަރުންތަކެއް ކާލަނީ.

އެ މީހުން ފިލްމެއް ހަދާ ނަމަ ދުރާލައި އެ ފިލްމެއްގެ ފޭސްބުކް ޕޭޖް ހަދައި، ފިލްމް ވަރަށް ގަދަ އަށް ޕްރޮމޯޓް ކުރަން ފަށާނެ އެވެ.

ފިލްމްގެ އެންމެ ފުރަތަމަ މަރުހަލާއިން ފެށިގެން ވެސް ބެލުންތެރިން ފިލްމް ބަލާފައި ދޭ ފީޑްބެކްތަކާ ހަމައަށް ޕޭޖްތައް ވަރަށް ބޮޑަށް ހަރަކާތްތެރި ވާނެ އެވެ.

އޭގެ ތެރެއިން މި ފަހަރު ދައްކަން މި އުޅެނީ ޑާކް ރެއިނުން މިހާރު ހަދަމުން އަންނަ ފިލްމް "ވަކިން ލޯބިން" ގެ ވާހަކަ އެވެ. ފިލްމުގެ ޝޫޓިން ފެށީއްސުރެން ޕޭޖް ފޮލޯ ކުރާ މީހުންނަށް އެ މީހުން ކުރަނީ ކީއްކަން އެނގޭނެ އެވެ.

މީގެ ތެރެއިން އެންމެ ބޮޑަށް މި ފަހަރު އަޅައިގަތް ކަމަކީ ސޭންޑްވިޗް ބާގެ ސަބްމެރިން ކެއުމަށް "ވަކިން ލޯބިން" ގެ ޓީމުން ދޭ ފޯރި އެވެ. ޝޫޓިންއެއް ނިމޭ އިރަށް މި މީހުން ދުއްވައި ގަންނަނީ ސޭންޑްވިޗް ބާއަށެވެ. ބާގާ ކާ މަންޒަރު ދައްކުވައިދޭ ފޮޓޯތައް ޕޭޖްގައި މިހާރު ވެސް ބައިވަރެއް އެބަ ހުއްޓެވެ.

"ވަކިން ލޯބިން" ގެ ބްރޭކިންއެއްގެ ތެރެއިން ޓީމްގެ މެމްބަރުންތަކެއް ކާލަނީ.

ޑާކް ރެއިންގެ އެންމެ ހާއްސަ އެއް ކަމަކީ ވެސް ކެއުމާއި މަޖަލުގެ ތެރެއިން އެންމެން ގުޅިގެން، ވަރަށް އެކުވެރިކޮށް ފިލްމުގެ މަސައްކަތް ނިންމުމެވެ. މި މަޖާގަނޑުގެ މޭސްތިރިންނަކީ ކެއުމަށް ހަބޭހަށް ފޯރި ހުންނަ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އާއި ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އެވެ.

މި ދެ މީހުންނަކީ ކާސްޓާއި ކްރޫ ގޮވައިގެން އުޅެން ރަނގަޅަށް ދަސްކޮށްފައި ތިބި ދެ މީހުންނެވެ. މީހެއްގެ ހިތް އަތުލެވޭނީ އެ މީހެއްގެ ބަނޑުތެރެއިން ލާފައޭ ބުނާ ބުނުމަކީ ހަމަ ހަގީގަތެއްކަން މޮގާ އާއި ޗިއްޕެ އަށް ބަލާލީމާ ވެސް އެނގޭނެ އެވެ.

ދެ މީހުންގެ ބައްޓަމަކަށް ބެލުމެއް ނެތި ޝޫޓިންތައް ކުރިއަށް ދާނީ ތަރިންނަށް ވެސް ހަބޭހަށް ކާންދީ ހައްލާލައިގެންނެވެ.

"ވަކިން ލޯބިން" ގެ ޝޫޓިން ބްރޭކެއްގެ ތެރެއިން ވޯކްއައުޓް ސެޝަނެއް ކުރިއަށް ދަނީ.

"ވަކިން ލޯބިން" ގެ ޝޫޓިންގެ ތެރެއިން މި ފަހަރު ހަމައެކަނި ކާލަނީކީ ވެސް ނޫނެވެ. ކަސްރަތު ވެސް އެބަކޮށްލަ އެވެ. ޑާކް ރެއިނުން މި ނަގާ މަޖާގަނޑަށް އަހަރެމެން އަތް ޖަހާނީ އެވެ.

ސަޅި ތަންކޮޅަކީ މި މީހުން ކިތަންމެ ސަކަރާތެއް ޖަހާފައި ފިލްމް ނިންމާލައި، ސިނަމާ އަށް ގެންނަ އިރު ރީތި އަދި ފުރިހަމަ ފިލްމްތަކެއް ސްކްރީނާ ހަމައަށް ގެނެސްދޭތީ އެވެ. އެ އިތުބާރު އަބަދު ވެސް ޑާކް ރެއިނަށް ބެލުންތެރިން ދޭނެ އެވެ.

"ވަކިން ލޯބިން" ގެ ބްރޭކިންއެއްގެ ތެރެއިން ޓީމްގެ މެމްބަރުންތަކެއް ކާލަނީ.

އެހެންވެ "ވަކިން ލޯބިން" އަށް ކުރެވޭ އިންތިޒާރު ވެސް ބޮޑެވެ. އެކަމަކު އަންނަ އަހަރުގެ މާޗް ފަހެކާ ހަމައަށް ޖެހޭނީ މަޑުކޮށްލާށެވެ.

މި ފިލްމަކީ އައިޝަތު ފުއާދު ތައުފީގްގެ ސްކްރީންޕްލޭއަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) ގެ އިތުރުން ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ.

"ވަކިން ލޯބިން" ގެ ލަވައެއް ރެކޯޑް ކުރުމަށް ފަހު ހަމޫދު ސޭންޑްވިޗް ބާގައި.

އަންނަ އަހަރަކީ ޑާކް ރެއިންގެ މަޖާގަނޑު އަދި މާ ބޮޑަށް ފެންނާނެ އަހަރެކެވެ. ކުރިއަށް އަދިވެސް ދެ ފިލްމެއް ވަރު އޮތީ ޕްލޭންކޮށްފަ އެވެ.

ޑާކް ރެއިންގެ މަޖާގަނޑުގެ ތެރެއިން ބެލުންތެރިން މުނިފޫހި ފިލުވައިދޭން ކުރާ މަސައްކަތަށް ސާބަސް ވެސް ދޭން ޖެހެ އެވެ. މި ސްޓޫޑިއޯއަކީ މިހާރު ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ހަރަކާތްތެރި ސްޓޫޑިއޯ ވެސް މެ އެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ ޑާކް ރެއިން އެންޓަޓެއިންމެންޓް ޑައިރެކްޓަރު އަލީ ޝިފާއު މޮގާ

Popular