6 Oct 2017

ފައްތާހު މިއޮތީ ނަހުލާ އަށް ފިލާވަޅެއް ނަގައިދީފައި!

ފައްތާހު މިއޮތީ ނަހުލާ އަށް ފިލާވަޅެއް ނަގައިދީފައި!

By: Ahmed Nadym

ހިނިގަނޑަކާ އެކު ހަމަ ބުނަން ޖެހޭނީ މި އިންޒާރެއްގައި ވެސް ހައްދެއް ނެތޭ އެވެ. އެހެންވީމަ ޒުވާން ކުދިންކޮޅެއް އެއްކޮށްލައިގެން "ބޮސް" ގެ ނަމުގައި އާ ފިލްމެއް ބެލުންތެރިންނާ ހަމަ އަށް ގެނައުމަށް ފޫގަޅައިނިމިފައިވާ ޕްރޮޑިއުސަރު ފާތިމަތު ނަހުލާ ވަރަށް ސަމާލުވާން އެބަޖެހެ އެވެ. ޗޮއް ކަނޑާލާފައި ނަހުލާ މި ވާހަކައެއް މާ ބޮޑު ކަމަކަށް ނެހެދިޔަސް ފައްތާހު ވަރަށް ވެސް ސީރިއަސް އެވެ.

އޭނާ ބުނަނީ ރިކޯޑްތައް އަދިވެސް މުގުރަމުން ގެންދާ، ފައްތާހުގެ ކެރިއަރުގެ އެންމެ ބޮޑު ފިލްމު، "ހައްދު" ގެ ކޮލިޓީ އައިޝަތު ރިޝްމީ ލައްވައި ނަހުލާ ޑައިރެކްޓްކުރުވާ "ބޮސް" ގައި ނުހުންނާނެ ކަމުގެ ޔަގީންކަން ވެސް ދޭން ކެރިދާނެ ކަމަށެވެ. ފައްތާހު ބުނަނީ "ހައްދު" އިން ގެނެސްދިން ކަހަލަ "ކެމިސްޓްރީއެއް" ވެސް "ބޮސް" އަކަށް ނުގެނެސްދެވޭނެ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ޝިބާންގެ ރީތި ހަށިގަނޑާ ވާދަކޮށް ނަހުލާގެ "ބޮސް" އުޅެނީ މާ ބޮޑަށް ވެސް ފަހަތުގައި ކަމަށެވެ.

"ފިލްމުގައި ހުންނަން ޖެހޭނެ ކޮލިޓީއެއް. އެކަމަކު އެއް ކޮލިޓީއެއް ގައިމު ވެސް ނުހުންނާނެ (ނަހުލާ)ގެ ފިލްމަކު. ފިލްމުގެ ބަތަލުގެ ލުކެއް ނަހުލާއަކަށް ނުގެނެވޭނެ،" ޝިބާންގެ ސަޅި ސަޅި ފިޒީކާއި ނަހުލާގެ ފިލްމުގައި ފިލްމުގައި ލީޑް ރޯލު ކުޅޭ އެކްޓަރު މުހައްމަދު ޔުނާނުގެ ފިޒީކަށް އިޝާރާތްކޮށް ފައްތާހު ބުންޏެވެ.

އޭނާ ބުނީ އިމޯޝަންސް އަށް އެކަނި ސަމާލުކަން ނުދީ އެކްޓަރުންގެ ލުކަށް ވެސް ބަލަން އެބަޖެހޭ ކަމަށެވެ.

"އިމޯޝަންސްއެއް ނޫނޭ. އެބަޖެހޭ ދޯ މީހުންގެ ލުކަށް ވެސް ވިސްނަން. މިސާލަކަށް ހައްދުގައި އައްޒަ ދައްކުވައިދީފައިވާ ރޯލު އެހެން މީހަކަށް އެގޮތަށް ކުޅެން ވަރަށް އުނދަގޫވާނެއޭ. ދެން ރިޝްފާ އާއި އައްޒަ އާއި ޝިބާން މި ތިން މީހުންގެ ކެމިސްޓްރީ މުޅި ހައްދުން ފެނިގެންދާއިރު ޗާލު ގޮތެއް ހުންނާނެ ދޯ،" ފައްތާހު ބުންޏެވެ.ި

"އެހެންވީމަ ނަހުލާގެ ބޮސްގައި ހަމަ ޔަގީނަށް ވެސް އެއް ކަމެއް ނެތިގެންދާނެ. ބަތޮލުގެ ހުންނަން ޖެހޭ ޔުނީކްކަމެއް ހީއެއް ނުވޭ ބެލުންތެރިންނަށް ފެނިގެންދާނެހެނެއް."

"އެހެންވީމަ މި ބުނަނީ ނަހުލާ ޖެހޭނެއޭ ފިސާރި ގަދައަށް މަސައްކަތްކުރަން ހައްދުގެ ރިކޯޑް މުގުރާލަން ބޭނުމިއްޔާމު."

މިހެން ނަހުލާ އަށް އިންޒާރު ދިން ނަމަވެސް ފައްތާހު ބުނަނީ ވާނެ ގޮތް އަސްލަށް އެނގޭނީ "ބޮސް" ޕްރިމިއާކުރުމުން ކަމަށެވެ. ނަމަވެސް ހުރިހާ ގޮތަކުން ވެސް ނަހުލާގެ ޓީމަށް ވުރެ ކުރީގައި އޮތް "ހައްދު" ގެ ޓީމާއި އެ ޓީމުން ކޮށްފައިވާ މަސައްކަތް ބަލިކުރަން ނަހުލާ އަށް ފަސޭހަ ނުވާނެ ކަމަށް ތަކުރާރުކޮށް ފައްތާހު މި އިންޓަވިއުގައި ބުންޏެވެ.

"އެ ފިލްމު އެޅުވީމަ އެނގޭނީ ސީދާ ވާނެ ގޮތެއް. އެކަމަކު ހަމަ ޔަގީނުން ވެސް ނަހުލާ އަށް ޖެހޭނެ ވަރަށް މަސައްކަތްކުރަން މީތި ވައްޓާލަންޏާމު. ވަ-ރަ-ށް. އޭނަގެ ކަށީގައި ނެތް ފެންވަރު ދައްކައިގެން ނޫނިއްޔާމު މީތި ބްރޭކެއް ނުކުރެވޭނެ. އޭނަ ހުސްކޮށްލަން ޖެހޭނީ ވާހަކައަކީ، މީޑިއާ ވެސް ހުސްއަރުވާލަން ޖެހޭނެ،" މީޑިއާ މެދުވެރިކޮށް ވެސް ވަރުގަދަ އަށް ކެމްޕޭންކުރަން ޖެހޭނެ ކަމުގެ އިންޒާރު ދެމުން ފައްތާހު ބުންޏެވެ.

"ސައުންޑުގައި ވެސް 5.1 ސައުންޑަކަށް ދާން ޖެހޭނެ ހައްދު ވައްޓާލަން ނަހުލާ ބޭނުމިއްޔާމު. މިވަރުގެ ސައުންޑެއް ހެދުމަކީ ރާއްޖޭގައި ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ވެސް ނޫން."

މި ފޯރީގައި ދާ ނަމަ މި އަހަރު ވެގެންދާނީ ނަހޫ އާއި ފައްތާހުގެ އަހަރެކެވެ. އެހެންވީމަ ބުނެބަލާށެވެ. ފައްތާހުގެ ރިކޯޑްތައް މުގުރާލަން ނަހުލާ ތައްޔާރު ހެއްޔެވެ؟ ނުވަތަ ރިކޯޑްތަކެއް ފައްތާހު މުގުރާލައިފި ވާހަކަ އަކީ ކިހާ ވަރެއްގެ ހަގީގަތެއް ހެއްޔެވެ؟

ފާތިމަތު ނަހުލާ ދިވެހި ޑައިރެކްޓަރުން

Popular