6 Oct 2017

މި ދެ ތަރިންގެ ތެރެއިން ހޮޓީ އަދި މޮޅީ ކާކު؟

މި ދެ ތަރިންގެ ތެރެއިން ހޮޓީ އަދި މޮޅީ ކާކު؟

By: Ahmed Nadym

މަޝްހޫރު ފިލްމު ޑައިރެކްޓަރު އަބްދުލް ފައްތާހު އުޅެނީ އޭނާގެ 21 އަހަރުވީ ދިގު ކެރިއަރުގައި މިހާތަނަށް ނުލިބޭ ވަރުގެ ބޮޑު މޮޅަކާއި ކާމިޔާބީއެއް ލިބިގެންނެވެ. ދިވެހި މަޒާޖުން ބުނަނީ ނަމަ ރަން ބިހެއް އެޅިގެން، ރަން ބިސް އަޅާ ކުކުޅެއް ލިބިގެންނެވެ. ރަންބިސް އަޅާ އެ ކުކުޅަކީ ޝިބާނެވެ. ރަން ބިހަކީ ސުޕަ ހިޓެއްގެ ދަރަޖަ ހާސިލުކޮށްފައިވާ ފިލްމު "ހައްދު" އެވެ.

މި ވާހަކައިގެ އަނެއްކޮޅުގައިވީ ހަގީގަތަކީ ހަމަ މި ރޭޓުގައި ރަން ބިސް އަޅާނެ ކަމަށް ލަފާކުރެވޭ ކުކުޅެއް ފައްތާހުގެ ބޮޑު ވާދަވެރިޔާ އަދި "ހައްދު" ގެ ރިކޯޑްތައް މުގުރާލާނެ ކަމަށް ބެލެވޭ "ބޮސް" ގެ ޕްރޮޑިއުސަރު ފާތުމަތު ނަހުލާ އަށް ވެސް ލިބިފައިވުމެވެ. އެ ރިޝްމީ ޑައިރެކްޓްކުރާ މި ފިލްމުގައި ލީޑް ރޯލު ކުޅޭ މުހައްމަދު ޔުނާނެވެ.

އޮފީސް ޓެލެ ޑްރާމާ މުބާރާތުގައި ހުނަރު ދެއްކުމަށް ފަހު އަލަށް ފީޗާ ފިލްމަކުން ފެނިގެންދާ ޔުނާން އަށް ތައުރީފު އޮއްސަމުން ނަހުލާ ކުރިން ބުނެފައި ވަނީ "މިއީ ޔޫއްޕެއެއް ކަހަލަ އެކްޓަރެއް" ކަމަށެވެ. އަދި މި ވަގުތު ފިލްމީ ދާއިރާގައި ތިބި އޭ ލިސްޓްގެ އެކްޓަރުންނަށް ވެސް ގޮންޖަހާލާނެ އެކްޓަރެއް ކަމަށެވެ.

އެހެންވީމަ މިހާރު އެންމެން ވެސް ކެތްމަދުވެފައި ތިބީ ޔުނާނުގެ ހުނަރުވެރިކަން ހުރި ހިސާބެއް ރިހި އިސްކިރީނުން ބަލައިލުމަށެވެ. ފައްތާހަށް ލިބިގެން އުޅޭ ރަން ބިސް އަޅާ ކުކުޅުގައި ހުރި ވަރަކާއި އޭނާ ހުރިހައި މީޑިއާއަކަށް އަރައި ބަހަމުން މި ދާ ރަން ބިސްތަކެއްގައި ހުރި ވަރެއް ވެސް އެނގޭނީ އޭރަކަށް ނޫން ހެއްޔެވެ؟

ޔޫއްޕެއެއްގެ ފެންވަރުގައި ނަހުލާގެ ޓީމުން ޔުނާން ޕްރޮމޯޓްކުރާއިރު ފައްތާހުގެ ހައްދުން ފެނިގެން ދިޔަ އެންމެ ވީކް ޕޮއިންޓަކީ ޝިބާންގެ އެކްޓިން ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. އަލަށް ނުކުތް އެކްޓަރަކާ ބަލާފައި ވެސް ޝިބާން ހުރީ ފިލްމުގައި ދެއްކި ކެރެކްޓާ އަށް ވުރެން ވެސް މަޑުން ކަމަށް ބުނެ ބައެއް މީހުން ފާޑުކިޔާފައިވެ އެވެ. އެއީ ހަގީގަތެއް ނަމަ މި ބަހުސެއް ފެށުމުގެ ކުރިން ނަހުލާގެ ޓީމަށް ވަގުތީ ގޮތުން ކުރި ލިބުނީ އެވެ.

ޝިބާން އާއި އައްޒަ ހައްދުގެ މަންޒަރެއްގައި.

ޝިބާންގެ އެކްޓިން ހުނަރާ އަޅާ ބަލާއިރު ޔުނާނަށް ކުރި ލިބޭ އެންމެ ބޮޑު ސަބަބަކީ އޮފީސް ޓެލެ ޑްރާމާގައި އޭނާ އަށް ލިބިފައިވާ ތަޖުރިބާއެވެ. ފިލްމީ ދާއިރާގައި ކުޅަދާނަ ޑައިރެކްޓަރުންނާއި އެކްޓަރުންނާ އެކު އޭނާ ވަނީ އޮފީސް ޑްރާމާ މުބާރާތުގައި ރަނގަޅު ތަޖުރިބާތަކެއް ހޯދައިފަ އެވެ. އޭނާ ބޮޑު އިސްކިރީނަށް މި އަންނަނީ އެ ހުނަރު ވެރިކަމަށް އޮހުނު ތައުރީފުގެ އެހީގަ އެވެ. އެހެންވީމަ ޝިބާނަށް ވުރެ ކުރި އެކްޓަރެއްގެ ގޮތުގައި ޔުނާނަށް ލިބުމުގެ ފުރުސަތު އަސްލަށް ވެސް ވަރަށް ބޮޑެވެ. ޝިބާނަކީ ހަމަ ރޮލާ ހުއްޓައި ފައްތާހު ގެނެސް އަހަރެމެންނަށް ދައްކާލި މޫނެކެވެ. ނުވަތަ ސަޅި ފިޒީކެކެވެ.

މި ދެ އެކްޓަރުގެ ދެމެދުގައި ވާދަވެރިކަމެއް ނެތަސް އެންމެ ފަސޭހައިން ޝިބާނަށް ޔުނާނުގެ މައްޗަށް ކުރި ލިބެނީ ފިޒީކް ކެޓަގަރީގައޭ ބުނުމަކީ ދޮގަކަށް ވާނެ ކަމަކަށް ނުބެލެވެ އެވެ. އިސްކޮޅާއި ރޫފަ އަށް ބެއްޔަސް ޔުނާނު އުޅެނީ ޝިބާނަށް ވުރެ ފަހަތުގަ އެވެ. އެކަމަކު މިހެން ބުނީމަ ހަމަޖެހޭ މީހުން ކުރާނެ ސުވާލަކީ މިއީ އެވެ. ކޮންމެ އެކްޓަރަކާއި ކޮންމެ ރޯލަކަށް "ޝިބާން ކަހަލަ ފިޒީކެއް" ނުވަތަ "ލުކެއް" ބޭނުންވޭތޯ އެވެ؟ ޖަވާބަކީ ބޭނުމެއް ނުވެ އެވެ.

ނަހުލާ އާއި ރިޝްމީގެ ފިލްމު ޔުނާނުގެ އަލަތު ފިލްމަށް ވިޔަސް އަލަތު ފިލްމުގައި ޝިބާން ފެނުނު ގޮތަށް ކޮންމެހެން ޔުނާން "ބޮސް" ގައި ފެނުން މަޖުބޫރެއް ނޫނެވެ. އަނެއްކޮޅުން "ބޮސް" ގައި ޔުނާން ކުޅެފައި ވަނީ "ހައްދު" ގައި ޝިބާން ކުޅެފައިވާ ކަހަލަ، ރީތި ހަށިގަނޑެއްގެ މަޑުމައިތިރި، ހޮޓް ޒުވާނެއްގެ ރޯލެއް ވެސް ނޫނެވެ.

އެކަމަކު ވެސް ފައްތާހު ބުނާ އެއް ވާހަކައެއް މި ދެ ތަރިންގެ ތެރެއިން މޮޅު މީހާ ކަނޑައެޅުމުގައި ދިވެހިން ބޭނުންކޮށްފާނެ އެވެ. އެއީ ލުކްސް އެވެ. ލުކްސް އަށް ބަލަނީ ނަމަ ޝިބާން އުޅެނީ މިހާރު ވެސް ފިލްމީ ދާއިރާގެ އެންމެ "ހޮޓް" ލިސްޓުގެ ކުރީގަ އެވެ. މިއީ އަހަރެން ދައްކާ ވާހަކައެއް ނޫނެވެ. އަންހެން ކުދިން ދައްކާ ވާހަކަ އެވެ.

ޝިބާން ދެކެ ބެލުންތެރިން ހައްދެއް ނެތް މިންވަރަކަށް ލޯބިވެގެން އުޅޭއިރު ނަހުލާ ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ޔުނާނަކީ ވެސް ބެލުންތެރިންގެ ލޯބި ހޯދާނެ އެކްޓަރެއް ކަމަށެވެ.

"އަހަރެން ބުނާނީ ބޮސް ބަލާފައި ބެލުންތެރިން ނުކުންނާނީ ޔުނާން ދެކެ ލޯބިވެގެންނޭ،" ނަހުލާ ބުނެފައި ވަނީ މިހެންނެވެ.

ޔުނާން އާއި އައްޒަ ފިލްމު ބޮސްގެ މަންޒަރެއްގައި.

ނަމަވެސް މިވަރުގެ އެކްޓަރެއް ބެލުންތެރިންނާ ހަމަ އަށް ގެނެސްދިނުމަށް ހޭދަކުރަން ޖެހުނު އަގު ނަހުލާ ނުބުންޏެވެ. އޭނާ ބުނީ ޔުނާން ކިތަންމެ މޮޅަސް އޭނާ މި ގެންނަނީ އެހެން އެކްޓަރުންނާ ވެސް އެއްވަރުގެ އަގެއްގައި ކަމަށެވެ. ފައްތާހު ޝިބާން ތައާރަފްކޮށްދިނީ 40،000ރ. ގެ އަގެއް އޭނާ އަށް ދީގެންނެވެ.

"40،000ރ. އެއް ނުދެން އަޅުގަނޑެއް. އެކަމަކު 5،000ރ. ދީގެނެއް ވެސް ނޫން އެކްޓަރުން ލައްވައި ފިލްމު ކުޅުވަނީ،" ފައްތާހަށް ރައްދު ދެމުން ނަހުލާ ބުނެފައި ވަނީ މިހެންނެވެ.

އެހެންވީމަ މި ޖެހުނީ ބޮޑު އިސްކިރީނަށް އަރައި ޔުނާނު ތިޔަ ހުރިހާ ބެލުންތެރިންނަށް ބޮސްދޭނެ ވަގުތަކަށް އިންތިޒާރުކުރާކަށް ނޫން ހެއްޔެވެ؟

ފާތިމަތު ނަހުލާ ދިވެހި ޑައިރެކްޓަރުން

Popular