By: Ahmed Nadym
ނިމިގެން ދިޔަ ގައުމީ ފިލްމު އެވޯޑްސްގައި ޑާކް ރެއިން އެންޓަޓެއިންމަންޓުނުް ރިކޯޑް އަދަދަކަށް އަނެއްކާވެސް އެވޯޑްތަކެއް ކާމިޔާބުކޮށް ހަރުގަނޑުގައި ތަރުތީބުކޮށްލިއިރު މިފަހަރުވެސް އެންމެ ބޮޑު އެއް މޭސްތިރިއަށް ހުރީ އެމީހުންގެ ގިނަ ފިލްމުތައް ޑައިރެކްޓްކުރަމުން އަންނަ އަލީ ޝިފާއު (ޗިއްޕެ) އެވެ. ނަމަވެސް މިފަހަރުގެ ކާމިޔާބީ އޭނާ އަށް ވަކިން ފޮންޏެވެ. އޭނާ ޑައިރެކްޓްކުރި "ވާށޭ މަށާ އެކީ" އަށް އެންމެ މޮޅު ފިލްމުގެ އެވޯޑް ލިބުނުއިރު މިފަހަރުގެ އެންމެ މޮޅު ޑައިރެކްޓަރަކީ ވެސް ޗިއްޕެ އެވެ. ފީޗާ ފިލްމު ކެޓަގަރީން ޑައިރެކްޝަންގެ އެވޯޑް އަލަށް ލިބުނުއިރު ކުރު ފިލްމު ކެޓަގަރީން ވެސް އެންމެ މޮޅު ޑައިރެކްޓަރަކީ މިފަހަރު އޭނާ އެވެ.
އެކަމަކު ދެން މި އޮތީ ޗިއްޕެގެ ފިލްމުތަކާއި ޗިއްޕެގެ މޮޅުކަމުގެ ވާހަކައެއް ނޫނެވެ. ދެން މި އޮތީ ޗިއްޕެގެ މި އާދަޔާހިލާފު ކެރިއަރު މިގޮތަށް އުފުލިގެން އައިއިރު ފިލްމީ ދުނިޔޭގައި އޭނާގެ ސަމާލުކަން އެންމެ ބޮޑަށް ދަމައިގެން ދިޔަ ފިލްމުތަކުގެ ތެރެއިން ޓޮޕް ފަސް ފިލްމެއްގެ ވާހަކަ އެވެ. މި ފަސް ފިލްމަކީ ޗިއްޕެ އަށް ކަމުދާ ވަރަށް ގިނަ ފިލްމުތަކެއްގެ ތެރެއިން އޭނާ ނިކަން އުނދަގުލުން ޝޯޓްލިސްޓްކޮށްފައިވާ ފަސް ފިލްމެކެވެ. ޗިއްޕެގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތައް މިފަހަރު އޭނާގެ އަމިއްލަ ޓޭސްޓްތައް ތަޖުރިބާކޮށްލުން ކިހިނެތްވާނެ ހެއްޔެވެ؟
ޗިއްޕެ ބުނަނީ ފިލްމީ ދުނިޔެ އަށް އަދި އެ ދުނިޔޭގައި މިހާ ގިނަ ދުވަސްވީއިރު ވެސް މިވަރަށް ކަމުދާ އެހެން ދެ ވަނަ ފިލްމެއް އޭނާ އަށް އަދިވެސް ނުބެލޭ ކަމަށެވެ. މާރިއޯ ޕޫޒޯގެ މަޝްހޫރު ވާހަކަ "ދަ ގޯޑްފާދާ" ގެ އަސްލަށް އެމެރިކާގެ ފިލްމު ޑައިރެކްޓަރު، ފްރެންސިސް ފޯޑް ކޮޕޯލާ މި ފިލްމު ގެނެސްދިނީ 1972 ވަނަ އަހަރު އެވެ. މާފިއާ ޑޮން، ވީޓޯ ކޯލިއޯނީގެ ކްރައިމް ފެމިލީ އާއި އެމީހުންނާ ގުޅިފައިވީ އެހެން މީހުންނާއި ވާދަވެރިންގެ ކުށުގެ ވެއްޓާއި ސިޔާސަތު ނިކަން ފުރިހަމަ އަށް ގެނެސްދީފައިވާ މި ފިލްމަކީ އެ އަހަރުގެ އޮސްކާގައި އެންމެ މޮޅު ފިލްމު ވެސްމެ އެވެ.
ދަ ގޯޑްފާދާ ޓްރެއިލާ
"މިއީ ހުރިހާ ދިމާލަކަށް ބެލިޔަސް ވަރަށް ފުރިހަމަ ފިލްމެއް. ސްކްރީންޕްލޭ އާއި އެކްޓިން އާއި ޑައިރެކްޝަން، ސިނެމެޓޯގްރެފީ އަދި މިއުޒިކް ވެސް،" ފިލްމަށް ތައުރީފު އެއްލަމުން ޗިއްޕެ ބުންޏެވެ.
މިއީ އެ ފިލްމެއްގެ އާދަޔާހިލާފަށް ހިތްގައިމު ސިނެމެޓޯގްރެފީ އަށް ކްރެޑިޓް ދެމުން ޗިއްޕެ އޭނާގެ ލިސްޓުގައި ހިމަނާފައިވާ ފިލްމެކެވެ. ސިނެމެޓޯގްރަފާ ކޮންރެޑް ހޯލްގެ އާދަޔާހިލާފު ހުނަރުތައް އޭގެ އެންމެ އުސްމިނުން ދައްކުވައިދީފައި މި ފިލްމަކީ އެމެރިކާގެ ޑައިރެކްޓަރު ސޭމް މެންޑޭޒް 2002 ވަނަ އަހަރު ގެނެސްދިން ކްރައިމް ފިލްމެކެވެ. ފިލްމުގައި ދައްކުވައި ދެނީ މާފިއާ ބޮސްއަކަށް މަސައްކަތްކުރާ މީހަކު އޭނާގެ ދަރިފުޅުގެ ހިމާޔަތުގައި ތެދުވެ ވަމުންދާ ގުރުބާނީތަކެވެ. ބައްޕަގެ ރޯލު ކުޅެފައި ވަނީ އިތުރު ތައާރަފަކަށް ބޭނުންނުވާ ޓޮމް ހޭންކްސް އެވެ.
ރޯޑް ޓް ޕާޑިޝަން ޓްރެއިލާ
ޗިއްޕެ އަކީ "ސަސްޕެންސްގެ ބައްޕަ" ކަމުގައިވީ އަލްފްރެޑް ހިޗްކޮކްގެ ނިކަން ބޮޑު ފޭނެކެވެ. އޭނާގެ އެއްވެސް ފިލްމެއް ނުބަލައި ދޫކޮށްލެވިފައި އޮވެދާނެ ކަމަކަށް ޗިއްޕެ އަށް ގަބޫލެއް ނުކުރެވެ އެވެ. އެހައި ވެސް ބޮޑު ފޭނެކެވެ. އޭނާގެ ޓީވީ ސިލްސިލާތަކުން ފެށިގެން ރެބެކާ، ރޯޕް، ވާޓިގޯ، ޑައިލް އެމް ފޯ މާޑާ، ނޯތު ބައި ނޯތު ވެސްޓް، ރޯންގް މޭން ފަދަ ފިލްމުތަކަކީ ހައްތަހާ ވެސް ޗިއްޕެ މިފަދަ ލިސްޓެއްގައި ހިމަނަން ބޭނުންވާ ފިލްމުތަކެވެ. ނަމަވެސް އޭނާ ބުނަނީ ޓްވިސްޓްތަކުގެ ބައްޕަ ގެނެސްދިން "ސައިކޯ" އަކީ އެހެން ހުރިހާ ފިލްމުތަކަށްވުރެން ވެސް ތަފާތު މޮޅު ފިލްމެއް ކަމަށެވެ.
"އަހަރެން ސައިކޯ ބެލީ 1997ގައި. ނޯމަން ބޭޓްސްގެ ރޯލު ފިލްމުގައި ކުޅެފައިވާ އެންތޮނީ ޕާކިންސްގެ ހުނަރު ފެނިފައި ހުރެވުނީ ހަމަ ސޮނިވެއްޓިފައި،" ޗިއްޕެ ބުންޏެވެ.
މިއީ އީރާނުން ދުނިޔެ އަށް އެކްސްޕޯޓްކުރި އެންމެ ހުނަރުވެރި އަދި އެންމެ މަޝްހޫރު އެއް ފިލްމު މޭކަރު ކަމުގައިވާ އަސްގަރު ފަރްހާދީގެ އޮސްކާ ވިނިން ޑްރާމާއެކެވެ. މި ފިލްމު ނުކުތީ 2011 ވަނަ އަހަރު އެވެ.
"ޕާޝިއަންގެ މިކަހަލަ އާޓް ހައުސް ފިލްމުތަކަށް ވަރަށް ކަމުދޭ. އާންމުކޮށް މި ފިލްމުތައް ހުންނާނީ ސޯޝަލް އިޝޫސްތަކަށް އުފައްދާފައި. މިސާލަކަށް، ޗިލްޑްރެން އޮފް ހެވަން، އެބައުޓް އެލީ، ޓާޓްލްސް ކޭން ފްލައި ކަހަލަ ފިލްމުތައް. މި ފިލްމުތައް ބަލަނީ އެކްޓިން ވެސް މޮޅުކަމުން،" ޗިއްޕެ ބުންޏެވެ.
އަ ސެޕަރޭޝަންގެ ޓްރެއިލާ
"އަ ސެޕަރޭޝަންގައި އެކްޓަރުން މޮޅު ކަމަކީ ފިލްމު ބަލަމުން ގޮސް ނިމުނުއިރު ވެސް ފާހަގައެއް ނުކުރެވުނު ފިލްމުގައި އެއްވެސް ވަރަކަށް ބެކް މިއުޒިކް ބޭނުންކޮށްފައި ނެތް ކަމެއް ވެސް."
އަމީތާބު ބައްޗަން ސުޕައިސްޓާރަކަށް ބަދަލުކޮށްލި މި ފިލްމަކީ ޗިއްޕެ ބުނާ ގޮތުން ނަމަ ހިންދީ އެހެން ހުރިހާ ފިލްމަކަށްވުރެން ވެސް އޭނާ އަށް މޮޅު އަދި ރީތި ފިލްމެކެވެ.
"މިއީ ޔޭޝް ޗޯޕްރާގެ، ބޮލީވުޑްގެ މާސްޓަޕީސްއެއް،" ފިލްމުގެ ޑައިރެކްޓަރަށް ތައުރީފުކުރަމުން ޗިއްޕެ ބުންޏެވެ.
ދީވާރުގެ އެންމެ މަޝްހޫރު އެއް ސީންގައި އަމިތާބު ބައްޗަން އާއި ޝަޝީ ކަޕޫރް
"ހިންދީ އެހެން ފިލްމުތަކުގެ ތެރެއިން، މަދާ އިންޑިއާ، ގައިޑް، ޝޯލޭ އަކީ ވެސް ވަރަށް ކަމުދާ ފިލްމުތަކެއް. އެކަމަކު ހިންދީ މި ހުރިހާ ފިލްމުތަކެއްގެ ތެރެއިން ވެސް ހޮވާލާނީ ދީވާރް. މިއީ ފެށިގެން ގޮސް ނިމެންދެން ވަރަށް ކަމުދިޔަ ފިލްމެއް. އެންމެ ސަޅީ އަސަރުގަދަ ވަރުގަދަ ޑައިލޮގްސް. މިސާލަކަށް "މޭރޭ ޕާސް މާ ހޭ" ކަހަލަ ޑައިލޮގްތައް."