23 Jan 2018

އެންމެ ސަޅި ފަސް ފިލްމު: ޑައިރެކްޓަރު ރަވީގެ ހޮވުން

އެންމެ ސަޅި ފަސް ފިލްމު: ޑައިރެކްޓަރު ރަވީގެ ހޮވުން

By: Ahmed Nadym

ރަވީ ފާރޫގަކީ އެއް އިރެއްގައި ފުލްޓައިމް ޑާންސަރެކެވެ. އެކަމަކު އަބަދުވެސް އޭނާގެ އެ ލައިފާއި ފަންނުވެރިކަމުގެ ފުރިހަމަ ޑައިރެކްޓަރަކީ އޭނާ އެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ދިވެހިންގެ ފިލްމީ ދާއިރާ ނަގައި ކޮޅަން ޖެހޭ ފެންވަރުގެ ޑައިރެކްޓަރަކަށް އޭނާ އެންމެފަހުން ބަދަލުވެގެން ދިއުމެވެ. ރާއްޖެއިން ބޭރުގައި މިއަދު ދިވެހި ފިލްމަކަށް ނުވަތަ ދިވެހި އެކްޓަރަކަށް ތައުރީފު އޮހި އެވޯޑްތަކެއް ލިބިފައިވާ ނަމަ މި ރޭހެއްގެ އެންމެ ކުރީގައި ހުރި އާޓިސްޓަކީ ރަވީ އެވެ. ސާކް ފިލްމު ފެސްޓިވަލްގައި "އިނގިލި" އިން އިސްމާއިލް ރަޝީދަށް އަދި "ވިޝްކާ" އިން އައިޝަތު ރިޝްމީ އަށް އެންމެ މޮޅު އެކްޓަރުންގެ އެވޯޑް ލިބުމުގެ ހަގީގީ މޭސްތިރިއަކީ ރަވީއޭ ނުބުނެވެންވީ ހަމަ އެއްވެސް ސަބަބެއް ނެތެވެ.

ރަވީ މި ފެންވަރުގެ ކުޅަދާނަ ޑައިރެކްޓަރަކަށް ބަދަލުކޮށްލީ އޭނާގެ އަމިއްލަ މަސައްކަތާއި އަމިއްލަ އަށް ހޯދި މައުލޫމާތާއި އަމިއްލަ އަށް ކީ ފޮތްތަކާއި ބެލި ފިލްމުތަކުންނެވެ. އެގޮތުން މިފަހަރު މި އޮތީ ރަވީގެ ފިލްމީ ހަޔާތަށް އެންމެ ނުފޫޒު ފޯރުވި ނުވަތަ އޭނާގެ އޯލްޓައިމް ފެވަރިޓް ފިލްމުތަކުގެ ތެރެއިން ޓޮޕް ފައިވް ފިލްމެވެ.

1- ރަޝޮމޯން

މިއީ ސިނަމާގެ ތާރީޚުގައި ވެސް އުފެދުނު އެންމެ ކުޅަދާނަ އަދި އެންމެ ނުފޫޒުގަދަ އެއް ޑައިރެކްޓަރު ކަމުގައިވާ ޖަޕާންގެ އަކީރާ ކުރޮސާވާގެ އެންމެ މަޝްހޫރު އެއް މަސައްކަތެވެ. ޖަޕަނީސް ސިނެމާ ފިލްމީ ދުނިޔެ އަށް ފެންމަތިކޮށްދިން އުފެއްދުމަކީ މިއީ އެވެ. އެއަށް ފަހު މި ފިލްމު ތާރީޚުގެ ތެރެއަށް ވަދެގެން ގޮސްފައި ވަނީ ތާއަބަދަށް ފިލްމީ ދުނިޔެ ބަދަލުކޮށްލި މަސައްކަތެއްގެ ގޮތުގަ އެވެ. މިއީ ރަވީ ފަދަ ކޮންމެ ޑައިރެކްޓަރެއްގެ ވެސް ފެވަރިޓް ފިލްމެކެވެ.

ރަޝޮމޯން ޓްރެއިލާ

ރަވީ ބުނީ އޭނާ އަށް މި ފިލްމު އެންމެ ކަމުދިޔައީ އޭގެ ވިޝުއަލް ނެރޭޝަން ތަފާތުވެފައި ވަރަށް އާދައިގެ ވާހަކައެއް އޯޑިއެންސަށް ކިޔައިދިނުމަށް އޭގެ ޑައިރެކްޓަރު ކޮށްފައިވާ ތަފާތު މަސައްކަތް ފެނިގެން ކަމަށެވެ.

"ވަރަށް އާދައިގެ ވާހަކައެއް ކިޔައިދިނަސް އޯޑިއެންސް އޭގެ މަޅީގައި ޖައްސަން ޑައިރެކްޓަރު އިނޮވޭޓިވް ވާން ޖެހޭ މިންވަރު ވަރަށް ރަނގަޅަށް ދައްކައިދޭ ފިލްމެއް އެއީ،" ރަވީ ބުންޏެވެ.

"ރަޝޮމޯން" ނުކުތީ 1950 ވަނަ އަހަރު އެވެ.

2- 12 އެންގްރީ މެން

މި މަޝްހޫރު ކޯޓް ރޫމް ޑްރާމާ ނުކުތީ 1957 ވަނަ އަހަރު އެވެ. ރެޖިނަލްޑް ރޯސްގެ ސްކްރީންޕްލޭއަކަށް މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ އެމެރިކާގެ މަޝްހޫރު ޑައިރެކްޓަރެއް ކަމަށްވާ ސިޑްނީ ލޫމެޓް އެވެ. މިއީ ޝައްކެއްނެތް މިންވަރަށް ސާފު، އިންސާފުވެރި ހުކުމެއް ހޯދުމަށް ޖޫރީއެއްގައި 12 މީހަކު ކުރާ މަޝްވަރާތަކެއް ހޫނުވެގެން ގޮފިގޮފި ފަޅައިގެންދާ ގޮތް ވަން ސެޓިންއެއްގައި ނިކަން ފުރިހަމައަށް ދައްކުވައިދޭ ފިލްމެކެވެ.

12 އެންގްރީ މެން ޓްރެއިލާ

"މިއީ ވަރަށް ޝައުގުވެރިވަނިވި ކެރެކްޓާތަކަކުން ނިކަން މޮޅެތި އެކްޓަރުންތަކެއް ފެނިގެންދާ ފިލްމެއް. މިއީ އެކި ހާލަތްތަކުގައި ލެންސްތަކުގެ މުހިންމުކަން ވަރަށް ބޮޑަށް އެނގިގެން ދިޔަ ފިލްމެއް އަޅުގަނޑަށް. ލެންސްތައް ބޭނުންކުރަން ޖެހޭ ގޮތް،" ފިލްމުން ދަސްވި ކަންކަން ފާހަގަކުރަމުން ރަވީ ބުންޏެވެ.

3- މައި ސެސީ ގާލް

މިއީ ސައުތު ކޮރެއާގެ މަޝްހޫރު ޑައިރެކްޓަރު ވަކް ޖައެ-ޔޮން 2001 ވަނަ އަހަރު ގެނެސްދިން ސްމޭޝް ހިޓް، ރޮމޭންޓިކް ކޮމެޑީއެކެވެ. މި ފިލްމަކީ އަލަތު ފިލްމުގެ ކާމިޔާބީ އަށް ފަހު ގެނެސްދިން ދެ ފިލްމު ފްލޮޕްވުމާ ގުޅިގެން އަދާކުރާނެ މަސައްކަތެއް ނުލިބިފައި ހުރުމަށް ފަހު ޖައެ-ޔޮން ދެން ގެނެސްދިން ފިލްމެވެ. މި ފިލްމަކީ ކޮރެއާގައި މިހާތަނަށް ނެރުނު އެންމެ ކާމިޔާބު ފިލްމެވެ.

"ސިނެމެޓޮގްރެފީ، އޭގެ ސިޗުއޭޝަންސްތައް، ސްކްރީންޕްލޭ ވަރަށް ސަޅި. މިހާތަނަށް ބެލުނު އެންމެ ސަޅި ރޮމޭންޓިކް ކޮމެޑީ މިއީ،" ރަވީގެ ނިންމުމަކީ މިއީ އެވެ.

4- ބްލެކް ފްރައިޑޭ

ބޮލީވުޑުން ރަވީގެ ހޮވުމަކީ މިއީ އެވެ. މިއީ ބޮލީވުޑްގެ ފަހުގެ ޑައިރެކްޓަރެއް ކަމަށްވާ އަނޫރާގް ކަޝިޔަޕް ދުުނިޔެ އަށް މަޝްހޫރުކޮށްލި ފިލްމެވެ. މި ފިލްމުގައި ދައްކުވައިދެނީ 93 ވަނަ އަހަރު އިންޑިއާގެ މުމްބާއީގައި ދިން ޓެރަރިސްޓް ހަމަލާގެ ނިކަން ތަފްސީލީ މަންޒަރުތަކެކެވެ. ކަޝިޔަޕަށް މި ފިލްމު ބެލުންތެރިންނާ ހަމަ އަށް ގެނެސްދެވުނީ ފިލްމުގެ މަސައްކަތް ނިންމައި ސެންސަރު ބޯޑުގައި ދެ އަހަރު އޮތުމަށް ފަހު 2007 ވަނަ އަހަރު އެވެ.

5- ދަ ގޯޑްފާދާ

ރަވީ ބުނަނީ މި ފިލްމަކީ އޭނާގެ "ފިލްމު އިންސްޓިޓިއުޓް" ކަމަށެވެ. ފްރެންސިސް ފޯޑް ކޮޕޯލާގެ މި ފިލްމަކީ ހަމަ އަސްލަށް ވެސް ސިނެމެޓިކް ޖެމްއެކެވެ. ފިލްމު ބަލާ ނުވަތަ ސިނަމާ އަށް ލޯބިކުރާ ކޮންމެ މީހަކު ވެސް ކޮންމެހެން ބަލަން ޖެހޭ ފިލްމެކެވެ. ފިލްމުގައި މާފިއާ ޑޮން ވީޓޯ ކޯލިއޯނީގެ އާދަޔާހިލާފު ރޯލު ކުޅެފައި ވަނީ މާލޮން ބްރޭންޑޯ އެވެ. މި ފިލްމަކީ ފެވަރިޓް ފިލްމުތަކުގެ ލިސްޓެއް ހޮވާ ނަމަ އަބަދުވެސް އާންމުކޮށް ގަދަ ފަހެއްގައި ލައްވާލާ ފިލްމެކެވެ.

ދަ ގޯޑް ފާދާ ޕާޓް 2 ގެ ޓްރެއިލާ
ދިވެހި ޑައިރެކްޓަރުން

Popular