28 Feb 2018

ޓޮޕް 10 ބަތަލާއިން: އެންމެ މޮޅީ ކާކު؟

ޓޮޕް 10 ބަތަލާއިން: އެންމެ މޮޅީ ކާކު؟

By: Aishath Maaha

ދިވެހި ފިލްމު އިންޑަސްޓްރީގެ ވެސް އެކި ޖީލުތައް ފެނިއްޖެ އެވެ. ވަރަށް ހުނަރުވެރި މޮޅެތި ތަރިންތަކެއް ވެސް ދެކެފި އެވެ. ބައެއް ތަރިން ނިކަން ހަލުވި ސްޕީޑެއްގައި އަރައިގެން ގޮސް ގެއްލުނީ އެވެ. އަނެއްބައި ތަރިން އަދިވެސް ދާއިރާގައި އެބަ ހަރަކާތްތެރިވެ އެވެ. ޒުވާން ލީޑް ރޯލުތައް ކުޅުނު ތަރިން މަންމަ، ބައްޕަގެ ރޯލުތައް ކުޅެން އެބައުޅެ އެވެ. ދާއިރާއަށް ޖެހިފަ ހުރި ލޯބީގެ ސަބަބުން ދުރުވާން ބޭނުންނުވަނީ އެވެ.

މި ހަފުތާގެ ޓޮޕް 10 އާޓިކަލްގައި މި ބަލައިލަނީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި ތިބި އެންމެ ފާހަގަކޮށްލެވޭ 10 އަންހެން ތަރިންނަށެވެ. މި ލިސްޓުގައި ހިމެނޭނީ 1990ގެ ފަހުކޮޅުން ފެށިގެން ފިލްމީ ދާއިރާގައި މިއަދާ ހަމައަށް ހަރަކާތްތެރިވަމުން އަންނަ ތަރިންނަށެވެ. އަދި މި ލިސްޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ފިލްމުތަކުގެ ލީޑް ރޯލުން ފެންނަ ތަރިންނަށެވެ. ދިވެހި ފިލްމީ އާއިލާގެ ކުޑަ އާބާދީގެ ސަބަބުން މި ލިސްޓު އެކުލަވައިލުން ވީ ވަރަށް ވެސް އުނދަގޫ ކަމަށެވެ.

ނިއުމާ

އެންމެން އެއްބަސްވާ ގޮތަށް ބުނާ ނަމަ މިއީ މިހާރު ރާއްޖޭގެ އެންމެ ޓޮޕް އެންމެ މޮޅު ބަތަލާ އެވެ. އިތުރަށް އޭނާ ހޯދާނެ އެއްވެސް ކާމިޔާބީއެއް ވެސް ނެތެވެ. ނިއުމާ މުހައްމަދު ހުރީ ފިލްމު އިންޑަސްޓްރީގެ ސީލިންގާ ހަމައިގަ އެވެ. ނަވާރަ ސަތޭކަ ނުވަދިހަ ފަސް ވަނަ އަހަރު ޓީވީއެމް އިން ގެނެސްދިން ޑްރާމާ ހިތި ތަޖުރިބާ އިން ނިއުމާ ފިލްމީ ދާއިރާއަށް ނުކުމެގެން އުދުއްސައިގަތް ނަމަވެސް މި ދަތުރަކީ ކާމިޔާބު އަދި ފޮނި ތަޖުރިބާއެއްކަން ޔަގީނެވެ.

ބަތަލާ ނިއުމާ މުހައްމަދު ---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ގައުމީ ފިލްމު އެވޯޑްސްގައި ބެސްޓް އެކްޓްރެސްގެ އެވޯޑު ނިއުމާ ވަނީ އެތައް ފަހަރަކު ހޯދާފަ އެވެ. ނިއުމާގެ އެންމެ ކާމިޔާބު ބައެއް ފިލްމުތަކުގެ ތެރޭގައި ކަލާޔާނުލާ، ޔޫސުފް، ނިއުމާ، ހިތް ރޮއްވާނުލާ، ހެޕީ ބާތުޑޭ، ކަރުނަވީ ބޭވަފާ، ވީރާނާ އަދި މާފެއް ނެތް ހިމެނެ އެވެ. ގިނަ ޑްރާމާ ސިލްސިލާތަކާއި ވީޑިއޯ ލަވަތައް ވެސް ނިއުމާ ވަނީ ކުޅެފަ އެވެ. ފިލްމީ ދާއިރާގައި ކެމެރާގެ ކުރިމަތީގައި 22 ވަރަކަށް އަހަރު ހޭދަކުރުމަށް ފަހު ނިއުމާ ވަނީ ރިޓަޔާމަންޓް އިއުލާނުކޮށްފަ އެވެ. އަދި ކެމެރާގެ ކުރިމަތިން އޭނާ ފެންނާނެ އެންމެ ފަހު ފިލްމު އިއުލާނުކޮށް އޭގެ މަސައްކަތް ފަށާފަ އެވެ. ނަމަވެސް ކެމެރާގެ ފުރަގަހުގައި ކުރިއަށް އޮތްތަނުގައި އޭނާ މަސައްކަތް ކުރަން ވަނީ ނިންމާފަ އެވެ.

ޝީލާ

ނުފޫޒުގަދަ ނުވަތަ މަޑުމައިތިރި ސްވީޓް މީހެއްގެ ރޯލު ވިޔަސް މައްސަލަ އެއް ނެތެވެ. ޝީލާ ނަޖީބަކީ އެންމެ ޕާފެކްޓް ޗޮއިސް އަކަށް ވާނެ އެވެ. ވީޑިއޯ ލަވަޔަކުން ފިލްމީ ދާއިރާއަށް ނުކުތް މި ބަތަލާގެ ފިލްމީ ހަޔާތް ވެސް ހަމަ ވަރަށް ކާމިޔާބެވެ. ޝީލާ އޭނާގެ ފިލްމީ ހަޔާތުގައި ގިނަ އަދަދެއްގެ ފިލްމާއި ޑްރާމާ އަދި ވީޑިއޯ ލަވަ ކުޅުނެވެ. ޝީލާގެ އެންމެ ކާމިޔާބު ޑްރާމާ ސިލްސިލާއަކަށް ތިއޭ މިހިތުގެ ވިންދަކީ އަދި ކަލާގެ ހައްގުގާ ވާނެ އެވެ.

"4426" ގެ ޕޯސްޓަރެއްގެ ކައިރީގައި ޝީލާ.

ޝީލާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ޒުލޭހާ، ޔޫސުފް، އާނ އަހަރެންވެސް ލޯބިވީން، ހިތް ކީއްކުރާނީ، 4426، އުއްމީދު އަދި ޒަހަރު ހިމެނެ އެވެ. ފުލް ޓައިމްކޮށް ފިލްމީ ދާއިރާގައި އަހަރުތަކެއް ވާންދެން ހަރަކާތްތެރިވުމަށްފަހު ޝީލާ މިހާރު ފިލްމު ކުޅެނީ ލިބޭ ހުސްވަގުތުތަކުގަ އެވެ.

ޒީނަތު

ޒީނަތު އައްބާސް އަކީ ދިވެހި ފިލްމީ ދުނިޔޭގައި އެންމެ މޮޅު އެއް ވިލަން އެވެ. އާންމުކޮށް އޭނާ ފެނިގެން ގޮސްފައި ވަނީ ވެސް ނުބައިބައި ރޯލުތަކުންނެވެ. އެކަމަކު މަޑުމައިތިރި އަދި ރަނގަޅު ރޯލުތަކަށްވެސް ޒީނަތު ވަރަށް މޮޅެވެ.

8 ވަނަ ދިވެހި ފިލްމް އެވޯޑްްސްގައި ޒީނަތު އެވޯޑާއި ހަވާލުވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ޒީނަތު ވެސް އޭނާގެ ފިލްމީ ދަތުރު ފެށީ ވީޑިއޯ ލަވަޔަކުންނެވެ. އެއީ ރީކޯ މޫސާ މަނިކާއެކު ކުޅުނު "އެދޭތީ ރީތި މޫނާ" މި ލަވައިންނެވެ. ޒީނަތުގެ 20 އަހަރުގެ ފިލްމީ ކެރިއަރުގައި އޭނާ އަށް އެވޯޑަކާ ހަމައަށް ވާސިލްވެވުނީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު ބޭއްވި އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގައި ޒީނަތު ވަނީ އޭނާ ކުޅުނު "އަހުޝާމް" އިން އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑް ހޯދާފަ އެވެ. ޒީނަތުގެ އެހެން ބައެއް ފިލްމުތަކުގެ ތެރޭގައި ވަފާތެރި ކެހިވެރިޔާ، ވީބެވަފާ، ހުކުރު ވިލޭރޭ، އެރޭގެ ފަހުން، ކުށްވެރިޔާ އަދި ފަނާ ހިމެނެ އެވެ. ޒީނަތުވެސް ވަނީ ޑްރާމާ ސިލްސިލާ އަދި ވީޑިއޯ ލަވަތައްވެސް ކުޅެފަ އެވެ.

ރިޝްމީ

މިއީ ރާއްޖޭގައި މިހާރު އެންމެ ޒުވާން އެންމެ މޮޅު އެއް ބަތަލާ އެވެ. އޭގެ އިތުރުން އަރަމުން އަންނަ ކުޅަދާނަ ޑައިރެކްޓަރެއްވެސްމެ އެވެ. ފިލްމީ އާއިލާއަކުން އައިސް ހުރި ހުނަރުވެރި އެކެވެ. ކުޑައިރު ކުޑަކުދިންގެ ރޯލުތަކުން އޭނާ ވަނީ ފެނިގެން ގޮސްފަ އެވެ. އޭގެ ފަހުން ވީޑިއޯ ލަވަތަކުން އައިޝަތު ރިޝްމީ ވިދާލީ ސްކޫލް ނިންމާފައި ރަސްމީކޮށް ފިލްމީ ދާއިރާއަށް ނުކުތް ފަހުންނެވެ. އެއީ ރަވީ ފާރޫގު އާއެކު ކުޅުނު ރަނިކަނބާ ނުވަތަ އޭ ޔާރާ އޭ ޔާރާ ކިޔާ ވީޑިއޯ ލަވަޔަކުންނެވެ.

"ބޮސް" އޮލިމްޕަހުގައި ޕްރިމިއާ ކުރުމުގެ ހަފުލާގައި ފިލްމުގެ ޑައިރެކްޓަރު ރިޝްމީ ބައިވެރިވަނީ.-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

ގައުމީ ފިލްމު އެވޯޑްސް އިން ބެސްޓް ސަޕޯޓިން އެކްޓްރެސްގެ އެވޯޑް 2014 ވަނަ އަހަރު އޭނާ ހޯދާފައިވާއިރު މިދިޔަ އަހަރު ބޭއްވި ސާކް ފިލްމު ފެސްޓިވަލް އިން އޭނާ ވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑް ހޯދާފަ އެވެ. އެ އެވޯޑް ހޯދީ މިިދިޔަ އަހަރު ގެނެސްދިން ފިލްމު "ވިޝްކާ" އިންނެވެ. ރިޝްމީގެ އެހެން ބައެއް ފިލްމުތަކުގެ ތެރޭގައި ހުކުރު ވިލޭރޭ، ފަނާ، މިކޮއެ ބައްޕަ ބައޭ ބައޭ، ލަވް ސްޓޯރީ، ހިތް ޔާރާ ދީފާ އަދި އިންސާނާ ހިމެނެ އެވެ.

އައްޒަ

މަރިޔަމް އައްޒަ އަކީ މިހާރު ފިލްމީ ދާއިރާގައި އެންމެ ވިދުން ގަދަ އަދި އެންމެ ޑިމާންޑް ބޮޑު ބަތަލާ އެވެ. މީގެ އަހަރުތަކެއް ކުރިން ވީޑިއޯ ލަވަތަކާއި ކުރު ފިލްމުތަކުން ވިދާލި ނަމަވެސް ފިލްމީ ދާއިރާ އަށް ސީރިޔަސްވެ ފީޗާ ފިލްމުތައް އައްޒަ ކުޅެން ފެށިތާ އަދި މިވީ ދެތިން އަހަރެވެ. މިހާރު އެންމެ މަގުބޫލު އެއް ބަތަލާ އަކީ އައްޒަ އެވެ.

އައްޒަ

އައްޒަގެ ބައެއް ފިލްމުތަކުގެ ތެރޭގައި އޭނާ އެންމެ ބޮޑަށް ވިދާލި 4426، މީ ލޯތްބަކީ، ބޮސް އަދި ހައްދު ހިމެނެ އެވެ. ޑްރާމާ ސިލްސިލާތަކުން ވެސް އައްޒަ ފެނިގެން ދިޔަ އެވެ. މި އަހަރު އައްޒަގެ ގިނަ ފިލްމުތަކެއް ސްކްރީނަށް އަންނާނެ އެވެ. މިހާރު އޭނާ އުޅެނީ އަބްދުﷲ މުއާޒްގެ "ލީނާ" ގެ މަސައްކަތް ފަށައިގެންނެވެ.

އަޒޫ

ފާތިމަތު އާޒިފާ ނުވަތަ އަޒޫ އަކީ ވެސް މިހާރު އެންމެ ކުރީގައި އުޅޭ އެއް ބަތަލާ އެވެ. ލީޑް ރޯލުތަކަށްވުރެ ގިނައިން އަޒޫ ފެނިގެންދަނީ ސަޕޯޓިން ރޯލުތަކުންނެވެ. ނަމަވެސް އަޒޫ އޭނާ ކުޅޭ ކޮންމެ ރޯލަކުންވެސް ވަނީ ހުނަރު ދައްކާލާފަ އެވެ.

"ބޮސް" އޮލިމްޕަހުގައި ޕްރިމިއާ ކުރުމުގެ ހަފުލާގައި އަޒޫ ބައިވެރިވަނީ.-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

ހަތް ވަނަ ގައުމީ ފިލްމު އެވޯޑްސްގައި "ލޫދިފާ" އިން ބެސްޓް ސަޕޯޓިން އެކްޓްރެސްގެ އެވޯޑް ހޯދުމަށްފަހު މިދިޔަ އަހަރު ބޭއްވި އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގައި ކުރު ފިލްމު ކެޓަގަރީ އިން އަޒޫ ވަނީ ބެސްޓް ސަޕޯޓިން އެކްޓްރެސް އަދި ބެސްޓް އެކްޓްރެސްގެ އެވޯޑް ހޯދާފަ އެވެ. މަދު މަދުން ލީޑް ރޯލުތަކުން އަޒޫ ފެނިގެން ގޮސްފައިވެ އެވެ. މި އަހަރު އަޒޫގެ ގިނަ ފިލްމުތަކެއް ނުކުންނާނެ އެވެ. އަޒޫގެ ބައެއް ފިލްމު ތަކުގެ ތެރޭގައި ރަންދަރި، ގާލް ފްރެންޑް، ލޯނި ނުވިޔަސް ފިރުމާލަދީ، ލޫދިފާ އަދި ބޮސް ހިމެނެ އެވެ.

މަޖޫ

ޑާކްރެއިން އެންޓަޓެއިންމަންޓުގެ "ހުޅުދާން" އިން ފިލްމީ ދާއިރާއަށް ނުކުތް މަރިޔަމް މަޖުދާ (މަޖޫ) އަކީ މިހާރު ފިލްމީ ދާއިރާގައި އެންމެ ކާމިޔާބު އެއް ބަތަލާ އެވެ. މިދިޔަ އަހަރު ބޭއްވި ފިލްމު އެވޯޑްސްގައި ބެސްޓް އެކްޓްރެސް އަދި ބެސްޓް ނިއު ކަމާގެ އެވޯޑް އަދި އިތުރު ތިން އެވޯޑެއް މަޖޫ ވަނީ އުފުލާލާފަ އެވެ.

މަޖޫ

މިހާތަނަށް މަޖޫ ފެނިގެން ގޮސްފައިވަނީ ހަމައެކަނި ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމުތަކުންނެވެ. މަޖޫ ކުޅެފައިވާ ފިލްމު ތަކުގެ ތެރޭގައި ހިމެނެނީ ހުޅުދާން، އެންމެފަހު ވިންދާ ޖެހެންދެން އަދި ވާށޭ މަށާ އެކީ އެވެ. އަންނަ މަހު އަޅުވާ "ވަކިން ލޯބިން" އިންވެސް މަޖޫ ފެނިގެންދާނެ އެވެ.

ރިޝްފާ

މާގިނައިން ފިލްމީ ދާއިރާއިން ނުފެނުނު ނަމަވެސް އައިމިނަތު ރިޝްފާގެ މަގުބޫލުކަން ކުޑައެއް ނޫނެވެ. މުހައްމަދު މަނިކާއެކު ދެހާހުގެ ކުރީކޮޅު ކުޅުނު ލަވައިން އެ ދުވަސްވަރު ވިދައި ބަބުޅައިގަތަސް އައިމިނަތު ރިޝްފާ ދެން ގެއްލުނީ އެވެ. ދެން ފެނުނީ އޭގެ އެތައް އަހަރެއް ފަހުންނެވެ. ލަވަތަކުންނާއި ޑްރާމާތަކުން ފެނިގެން ދިއުމަށް ފަހު އަނެއްކާވެސް ރިޝްފާއަށް ބޮޑު މަގުބޫލުކަމެއް ލިބުނީ މިދިޔަ އަހަރު އަބްދުލް ފައްތާހު ގެނެސްދިން "ހައްދު"ގައި ބަތަލާއެއްގެ ރޯލުން ފެނިގެން ދިއުމާ އެކުގަ އެވެ. މާގިނައިން ފިލްމީ ދާއިރާއިން ނުފެނުނު ނަމަވެސް އެއީ އުންމީދީ ބަތަލާ އެކެވެ.

ބަތަލާ ރިޝްފާ ..---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ނާއްކޮ

ނާޝިދާ މުހައްމަދު ނުވަތަ ނާއްކޮ އަކީވެސް ފިލްމީ ދާއިރާގައި މިވަގުތު ތިބި މަދު އަންހެން ބަތަލާއިންގެ ތެރޭގައި ފާހަގަކޮށްލެވޭ ތަރި އެކެވެ. ދެހާހުގެ ކުރީކޮޅު ގިނަ ވީޑިއޯ ލަވަތަކާއި ބައެއް ޑްރާމާ އަދި ފިލްމުތަކުން ފެނުމަށްފަހ ދުވަސް ގަނޑެއް ވާންދެން ނާއްކޮ ވަނީ ފިލްމީ ދާއިރާ އާ ދުުރުގަ ހުރެފަ އެވެ. އެހެން ނަމަވެސް އަނެއްކާވެސް މި ފަހަކަށް އައިސް މަދުމަދުން ނާއްކޮ އަންނަނީ ފެންނަމުންނެވެ. ނާއްކޮ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި އެދަތުރު، އަހަރެން، މާފެއް ނެތް، ބައިވެރިޔާ، ކުރި އިންތިޒާރުގެ ނިމުން، ދެކަފި، ފަހު ސަފްހާ، ޒަލްޒަލާ އެނބުރި އައުން އަދި މާފެއް ނެތް ހިމެނެ އެވެ. ނާއްކޮ ކުޅެފައިވާ ބައެއް ޑްރާމާ ސިލްސިލާގެ ތެރޭގައި ތިޔަ ލޯބީގާ، އުމުރަށް އެކީ އުޅެން ބުނެފާ، ކެތް ކުރީމޭ އަދި ކުށަކާނުލާ ހިމެނެ އެވެ.

ބަތަލާ ނާއްކޮ

ނުޒޫ

މިިދިޔަ "މަލިކާ" އިން ފިލްމީ ދާއިރާއަށް ނުކުތް ނުޒުހަތު ޝުއައިބު (ނުޒޫ) މި ދާއިރާއަށް ވަރަށް ވެސް އަލެވެ. ނުޒޭ ފެނިގެން ގޮސްފައިވަނީ ދެ ފިލްމަކުން އަދި ލަވަޔަކުންނެވެ. އެއީ މަލިކާ އަދި ނޯޓީ 40 އިންނެވެ. އަދި ހައްދުގައި އޭނާ ފެނިގެން ގޮސްފައިވަނީ ހާއްސަ ފެނިލުމެއްގެ ގޮތުގައި ލަވަޔަކުންނެވެ. އެހެން ނަމަވެސް އުންމީދީ އެ ބަތަލާއަށް ދާއިރާއިން ގިނަ ފުރުސަތުތަކެއް އަންނަނީ ލިބެމުންނެވެ. އަންނަ މަހު އަޅުވާ "ވަކިން ލޯބިން" ގައިވެސް ނުޒޫ ފެނިގެންދާނެ އެވެ.

ނުޒޫ
ދިވެހި ފިލްމް އިންޑަސްޓްރީ

Popular