10 Jul 2018

މިހާރު އެންމެނަށް ވެސް މާސްކޭވަރެއް ނެތް

މިހާރު އެންމެނަށް ވެސް މާސްކޭވަރެއް ނެތް

By: Aishath Maahaa

ބޮޑުވަމުން އަންނައިރު ގޭތެރެއިން އެންމެ ގިނައިން އިވޭ އަޑަކީ އަދި ފެންނަ މަންޒަރަކީ ލަވަޔާއި މިއުޒިކް ނަމަ އެ ކުއްޖެއްގެ ކެރިއަރުގެ ގޮތުގައި މިއުޒިކް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ކުޅިވަރުގެ އާއިލާއެއްގެ ތެރެއިން ބޮޑުވާ ޒުވާނެއް ނަމަ އެއީ ކުޅިވަރުގެ ތަރިއެކެވެ. މިފަހަރު ދައްކަން މިއުޅެނީ މިއުޒިކްގެ ދުނިޔެއަކުން އުފަންވެގެން އުޅޭ ސިނެމެޓޮގްރާފަރެއްގެ ވާހަކަ އެވެ. ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ވަރަށް ބިޒީ ސިނެމެޓޮގްރާފަރެކެވެ "ދޯ" ގެ މި އިންޓަވިއު އަށް ވަގުތުކޮޅެއް ވެސް ދެވުނީ ވަރަށް ގިނަ ދުވަހެއް ފަހުންނެވެ.

ޝިވާޒް އަބްދުﷲ ނުވަތަ މާސްކޭގެ ވާހަކަ ފެށިގެން އަންނަނީ މިއުޒިކުންނެވެ. ބެރުގޭ ތެރެއިން މަރިޔަމް އުނޫޝާ މެން ފަދަ ލަވަ ކިޔުންތެރިންނާ އެކު ބޮޑުވެގެން އައިސް މާސްކޭ ވެސް ބޭނުންވީ ލަވަ ކިޔާށެވެ. އެހެން ނަމަވެސް ލަދުން ނުކެރުނީ އެވެ. އޭގެއިތުރުން ޓީވީ ބަލާއިރު ވެސް ކެމެރާކޮށްފަ ހުންނަ ގޮތް ބަލައި އެކަންކަމަށް ބޮޑު ޝައުގުވެރިކަމެއް ހުރެ އެވެ.

ސްކޫލް ނިންމާލި ގޮތަށް އޯޑިއޯ މާޓަށް އަހުމަދު ޝަކީބް ކައިރި އަށް ވަޒީފާ އަށް ދިޔައީ ވެސް އެ ޝައުގުވެރިކަމުގަ އެވެ. ލަވަ ވެސް ކިޔާހިތްވެ ވީޑިއޯ އެއްވެސް ކުޅެލާހިތްވާތީ އެވެ. އެހެން އުޅެނިކޮށް ފެނުނީ ޓީވީ މޯލްޑިވްސް އާއި އެންސީއޭ ގުޅިގެން ހިންގާ ސިނެމެޓޮގްރަފީ ކޯހަކަށް އިއުލާންކޮށްފަ އޮތް ތަނެވެ. އޭރު މުއްދަތު ހަމަވާން އޮތީ އެންމެ 10 މިނެޓެވެ. ފޯނުން ފޮޓޯއެއް ނަގާލައިގެން ކޯހަށް ލައި، އޭގެ ބައިވެރިވިއިރު ދުވަހަކު ކެމެރާއެއްގައި އަތްލާން ވެސް ނުލިބެ އެވެ.

މަސް ދުވަހުގެ އެ ކޯސް ނިންމާލި ގޮތަށް އައިސް އެންމެ ފުރަތަމަ މާސްކޭ ނެގީ ލަވަ އެކެވެ. އައިޝަތު ރިޝްމީ އަދި އަހްމަދު އަޒްމީލް (އަޒޭ) ދިން ޗާންސެކެވެ. މާސްކޭ އެންމެ ފުރަތަމަ ނެގި ލަވަޔަކީ "މި ޒުވާންކަން މާދަމާ" އެވެ.

އެހެން ނަމަވެސް ސިނެމެޓޮގްރަފީ އަކީ ހީކުރިހާ ފަސޭހަ ކަމަކަށް ނުވުމުން މާސްކޭ ނިންމީ ތަޖުރިބާކާރު ޓީމަކާއެކު މަސައްކަތްކޮށް އިތުރަށް ދަސްކުރާށެވެ. އެހެންވެ ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ ފިލްމު "ޔޫސުފް" ޝޫޓު ކުރިއިރު ދުވާލަކު 50 ރުފިޔާގެ ރޭޓަށް ކެމެރާތައް އުފުލާ ޝޫޓިންގައި "ބޯއީ" އަކަށް ވެސް އޭނާ އުޅުނެވެ. އެހާ ކުޑަ އަގެއް ކިޔައިގެން ވެސް ދާން ބޭނުންވީ އެކަމަށް ހުރި ޝައުގުވެރިކަން ބޮޑުވެ ޝޫޓިންގައި ބައިވެރިވާން ބޭނުންވެފަ ހުރިވަރުންނެވެ. އެކަމަކު އޭރު ކޮންމެވެސް ވަރަކަށް ކެމެރާ އާއި ސިނެމެޓޮގްރަފީ މާސްކޭ އަށް އެނގެ އެވެ.

"އޭރު ކެމެރާމަނަކަށް އުޅޭނީ ދަބަޅޭ. މަށާ ޝަމްއޫން ކިޔާ ކުއްޖާކާ ދެ މީހުން ދިޔައީ. އޭނަ ވެސް ވަރަށް ކެމެރާކުރާ ހިތްވާނެ. އެ ޝޫޓަށް ގޮސް ދެ މީހުން ތިބޭ ލައިޓް ހަދާތަން ވެސް ބަލަން އަނގަހުޅުވިފަ. ދެން ކެމެރާ ނަގާ ދަބަޅޭ ސެޓިން ހަދާއިރު ވެސް އަހަރުމެން ތިބެނީ ވަގަށް ބަލަން. ޝޫޓިން ނިމުނީމަ ދަބަޅޭ އައިސް ބުނާނެ މިތަނަށް ލައިޓެއް އެތަނަށް ލައިޓެއް އެހެން ބުނާއިރަށް އެ ހުރިހާ ކަމެއް ކޮށްލަން. ކެމެރާމަނަކަށް ނުޖައްސަން އުފުލާކަށް ވެސް. ނިންމާފައި ދަބަޅޭ ދާނެ ނަމާދަށް ކެމެރާ ކޮޓަރި އަށް ލައިފަ. ދިޔައީމަ ކެމެރާ އަހަރުމެން ނަގަނީ ކޮޓަރި ތަޅުލައިފަ. ދެން ނަގައިން ޝަމްއޫނާ ދެ މީހުން ސެޓިންގައި ހަދައިފަ ހުންނަ އެއްޗެހި ގަނޑުގަނޑުގައި އަހަރުމެން ނޯޓުކޮށްފައި ޖީބަށް ލައިގެން އުޅެނީ. އެހެން އުޅެގެން މިއަދު މިހިސާބަށް އައިސްފައި މިހިރީ."

އެހާ ހިސާބުން ނިމުނީއެއް ނޫނެވެ. ފިލްމު "ނިއުމާ" ނެގިއިރު ވެސް "ބޯއީ" އަކަށް ޝޫޓިންގައި އުޅުނެވެ.

ދެ ދުވަސް ނުވަތަ ތިން ދުވަސް ހޭދަކޮށްގެން ލަވަ އެއްވެސް 300 ރުފިޔާ އަށް ވެސް ނަގައިދިނެވެ. އޭގެއިތުރުން ޕްރޮޑިއުސަރުންނަށް ގުޅައިގެން ވެސް އެތައް ގޮތަކުން ފުރުސަތުތައް ހޯދި އެވެ. އެ ދުވަސްވަރު ކުރު ފިލްމު ވެސް މާސްކޭ ނަގައިދީ އުޅުނީ 2،000 އެއްހާ ރުފިޔާ އަށެވެ. އާމްދަނީ އަށްވުރެ ބޮޑަށް ވެސް އޭނާ ބޭނުންވީ ގިނަ މަސައްކަތްތަކެއް ކޮށް ގިނަ ކަންތައްތަކެއް ދަސްކުރާށެވެ. އޭރު އުޅުނީ އޯޑިއޯ މާޓްގައި ޝަކީބް ސްޓޫޑިއޯގަ އެވެ. އަމިއްލަ ކެމެރާ އާއި ސެޓަޕެއް ނެތެވެ.

އަމިއްލަ ސެޓަޕެއް ހޯދައި އަދި މާސްކޭ މާސްކޭ އަކަށް ވުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ފަރާތަކީ ޕްރޮޑިއުސަރު އަބްދުލްފައްތާހު ކަމަށް މާސްކޭ ބުންޏެވެ.

"ފައްތާހު ކައިރީގައި އަހަރެން ބުނީ ބޭނުމޭ ފައްތާހު އާ އެކީގައި މަސައްކަތްކޮށްލަން. އެހެން ބުނީމަ ފައްތާހު ބުނީ މާސްކޭމެން އަދި ޕްރޯވީމަ ފައްތާހުމެންނާ އެކީގައި މަސައްކަތް ނުކުރެވޭނޭ. ދެން މަ ވެސް ކަޑަ ނުވާން ވެގެން ބުނިން އޯކޭ އޭ. އޭގެ ދެ ދުވަސް ފަހުން ފައްތާހު ގުޅަނީ. އޭރު ވެސް ވަރަށް ގާތްވާނެ ސީޒަން މެން ކަނޑިމެން. ކަނޑި އަސްލު ފައްތާހު އާ އެކީގައި މަސައްކަތްކުރަން ޗާންސް ދިނީ. ކަނޑި ގެރެންޓީ ދީގެން ފައްތާހު މަ ލައްވާ ފުރަތަމަ އެއްޗެއް ނެގުވީ ވެސް. އޭގެފަހުން އެހެން މަސައްކަތް ކުރަމުން ކުރަމުން އައިސް ޝަކީބްމެން ތަނުން ބޭރުވެގެން އަމިއްލަ ސްޓޫޑިއޯއެއް ހަދަން ބޭނުންވީ."

ސްޓޫޑިއޯއެއް ހަދަން ބޭނުންވެ އަމިއްލަ ސިސްޓަމެއް ގަނެވުނުއިރު އަމިއްލަ ސެޓަޕެއް ގަންނާނެ ވަރަށް ފައިސާއެއް ނެތެވެ. މާސްކޭ ބުނީ އަމިއްލަ ސެޓަޕެއް ހޯދަން ވެސް އެންމެ އެހީވީ ފައްތާހު ކަމަށެވެ. ފައްތާހުގެ "ވައްޓަފާޅި" ޕްރޮގްރާމްތައް ފަދަ ގިނަ މަސައްކަތްތަކެއް މާސްކޭ ކުރި އެވެ.

އެދުވަހު ފައްތާހުގެ އެހީގައި ހޯދި ސެޓަޕް ބޭނުންކޮށްގެން ހޯދި އާމްދަނީ އިން މާސްކޭގެ އަމިއްލަ ސްޓޫޑިއޯއެއް ތަނެއް ކުއްޔަށް ހިފައިގެން ހުޅުވާ އަމިއްލަ ދެ ސެޓަޕެއް ވަނީ ގަނެފަ އެވެ. ގޭގަ އެންމެ ފުރަތަމަ ހެދި ސްޓޫޑިއޯއަށް ކީ އެޕިކް ސްޓޫޑިއޯ އެވެ. "މާސްކޭ" ސްޓޫޑިއޯ އަށް ނަން ބަދަލުކުރީ މާ ފަހުންނެވެ.

"އެންމެ ފުރަތަމަ ފެށިއިރު މީހުން ނުވެސް ދޭ މަސައްކަތް. އޭރު އެންމެން މަލާމާތްކޮށްފައި ކިޔާނީ ވެސް ފޯކަސް މާސްކޭ. ކްލޯޒަޕް ޝޮޓެއްގައި ވެސް މީހަކު ހިނގާފައި އަންނައިރު މެނުއަލީ ކުރާތީވޭ ހުންނާނެ ފޯކަސް ކަޓައިފައި. މި ދާއިރާއިން އޭރު ނޭނގޭ އެއްޗެއް އަހާލިއަސް ކިޔައިދީފައި ހުންނާނީ ކަނޑި، ޝިޔާޒް ދެން ދަބަޅޭ ކައިރީގައި އުޅެ އުޅެ ދަސްވި އެއްޗެއް ދަސްވި. ވައިޓް ބްލާ ނޭންގެން ވެސް ހުންނާނެ ކަނޑިއަށް ގުޅާފަ. ދެން ޔޫޓިއުބުން ބަލައިން. ޓީވީއެމުން ހެދި ބޭސިކް ކޯހުން ވެސް ވަރަށް އެއްޗެހި ދަސްވި."

"އޭރު ވަރަށް ގިނައިން ނަގަން ޕާޓީ އެއްޗެހި. ނަގަމުން ނަގަމުން އައިސް ރިސޯޓް ވެޑިން ނަގަން ފެށީ. ދެން ވަރަށް ބައިވަރު ކުރު ފިލްމުތައް ނެގިން ލަވަޔާއި. މީހުން މަސައްކަތް ނުދޭތީ އަމިއްލަ އަށް ވެސް ގުޅަމޭ. ގުޅައިގެން މަސައްކަތް ހޯދަން."

"އޭގެފަހުން ފިލްމަކަށް ނެގީ ހާމިދުގެ ލައިލާ. ދެން ނެގީ ސީޒަންގެ އިންސާނާ. ސީޒަން ވަރަށް ގިނަ ފުރުސަތުތައް ދިން. ދެން ނެގީ އަނިޔާ. ދެން އަހްޝާމް."

އެންމެ ފުރަތަމަ އެވޯޑެއް މާސްކޭ އަށް ލިބުނީ މިދިޔަ އަހަރެވެ. އެއީ މިދިޔަ އަހަރު އޮފީސް ޑްރާމާ މުބާރާތުގައި ސްޓެލްކޯ އިން ބައިވެރިކުރި ޑްރާމާއިންނެވެ. ސީޒަންގެ އަހްޝާމް އިން މިދިޔަ އަހަރު ބޭއްވި އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގައި މާސްކޭ ވަނީ ބެސްޓް ސިނެމެޓޮގްރަފާގެ އެވޯޑް ހާސިލްކޮށްފަ އެވެ. އެވޯޑް ހަފްލާ އަށް ދިޔައީ ވެސް އެއްވެސް އުންމީދެއް ނެތި އެވެ. ހަފްލާގައި އިނދެފައި ގެއަށް އަންނަން ވެސް އޭނަ ހުރި ބޭނުންވެފަ އެވެ. އެވޯޑެއް ލިބޭނެ ކަމަށް މާސްކޭ އެންމެ އުންމީދު ކުރީ "އިންސާނާ" އިންނެވެ. އެއީ އެ ފިލްމަށް މާ ގިނަ މަސައްކަތް ކޮށްފަ ހުރީމަ އެވެ.

"އެންމެ ފުރަތަމަ ނުދާން ހުރީ ވެސް. އެތާ އިނދެފައި ވެސް އަންހެނުން ކައިރީ ބުނިން ހިނގާށޭ ދެން ގެއަށް ދާން. ހަމަ ބުނާއިރަށް ބުނެފި ނޫނެކޭ މިރޭ އެވޯޑް ހިފައިގެންނޭ ގެއަށް ދާނީ. އެހެން ކިޔާފައި ހަމަ އެއްގޮތަކަށް އެއްބަސްނުވި އަންނާކަށް. އޭގެ އިރުކޮޅެއްފަހުން ނަން ގޮވީ. އެއްވެސް ވަރަކަށް ހީކޮށްގެނެއް ނޫން ހުރީ."

މީހުން ކައިރީ ބުނެ ކިޔައިގެން މަސައްކަތް ހޯދައިގެން މަސައްކަތް ކުރި ނަމަވެސް މިއަދު މާސްކޭ ވަރަށް ބިޒީ އެވެ. މަހެއްގެ މައްޗަށް އެތައް ޕްރޮޖެކްޓްތައް ލިބެ އެވެ. ޑްރާމާ އާއި ފިލްމާއި ލަވަތައް އަދި އިޝްތިހާރުތައް ނަގަން ލިބެ އެވެ. ކޮޓަރިއެއްގައި ފެށި މާސްކޭ ސްޓޫޑިއޯ ފުޅާކޮށް މިހާރު އިންހައުސްގައި އޯޑިއޯ އަދި ވީޑިއޯގެ މަސައްކަތް ވެސް ކުރެވޭނެ އެވެ. އަދި މާސްކޭގެ އެންމެ ބޮޑު ހުވަފެނަކީ ކުދިން ޓްރެއިންކޮށް މަސައްކަތްކުރާނެ ޒުވާނުން އުފެއްދުމެވެ.

Popular