12 Jul 2018

ސްކައިސްކްރެޕާއާ ހޮޓެލް ޓްރާންސިލްވޭނިއާ 3 ޝްވެކަށް!

ސްކައިސްކްރެޕާއާ ހޮޓެލް ޓްރާންސިލްވޭނިއާ 3 ޝްވެކަށް!

By: Aishath Mihna Nasih

ޔުނިވާސަލް ޕިކްޗާސްގެ ސްކައި ސްކެރެޕާ އަދި ސޮނީ ޕިކްޗާސްގެ ހޮޓެލް ޓްރާންސިލްވޭނިއާ 3 މާދަމާ ޝްވެކް ސިނަމާގައި އަޅުވަން ހަމަޖެހިއްޖެ އެވެ.

މާލެއާ އަދި ހުޅުމާލޭގެ ސިނަމާގައި ވެސް މި ފިލްމުތައް އަޅުވާނެ އެވެ. އެތަނުން ބުނީ މިހާރުވެސް ޓިކެޓް ލިބޭނެ ކަމަށެވެ.

ރޯސަން މާޝަލް ތާބާ ލިޔެ އަދި ޑައިރެކްޓް ކުރާ ސްކައިސްކްރެޕާ ފިލްމަކީ ދުނިޔޭގެ އެންމެ އުސް އިމާރާތް ޓެރަރިސްޓުންގެ އަތްދަށުވުމަށް ފަހު، އެފްބީއައިގެ ކުރީގެ އޭޖެންޓެއް އޭނާގެ އާއިލާ އެތަނުން ސަލަމާތްކުރާ ގޮތް ދައްކުވައިދޭ ފިލްމެކެވެ.

ސްކައިސްކްރެޕާގެ އޮފިޝަލް ޓްރެއިލާ

ފިލްމްގެ ލީޑް ރޯލް ކުޅެފައިވަނީ ފާސްޓް އެންޑް ފިއުރިއަސް އިން ބޮޑު މަގްބޫލްކަމެއް ހޯދި ކުރީގެ ކާމިޔާބު ވްރެސްލާ ޑްވޭން ޖޯންސަން އެވެ. އޭނާއަކީ މި ފިލްމްގެ އެއް ޕްރޮޑިއުސަރުވެސް މެއެވެ. މި މަހުގެ 1 ގައި މި ފިލްމް ބެއިޖިންގައި ރިލީޒްކުރި ނަމަވެސް އެމެރިކާގައި މި ފިލްމް އެޅުވުމަށް ހަމަޖެހިފައިވަނީ ވެސް ހަމަ މި ހުކުރުދުވަހު އެވެ.

މީގެ އިތުރުން އެމެރިކަން ތްރީޑީ ކޮމްޕިއުޓާ އެނިމޭޓެޑް ކޮމެޑީ ފިލްމް ހޮޓެލް ޓްރާންސިލްވޭނިއާ ސީރީސްގެ 3 ވަނަ ބައި "ސަމަ ވެކޭޝަން" ވެސް މި ހުކުރުގައި ރިލީޒްކުރުމަށްވަނީ ހަމަޖެހިފައެވެ.

ކުރީގެ ސީކުއަލްތައްވެސް ޑައިރެކްޓް ކުރި ޖެންޑީ ޓާޓަކޮސްވީ ޑައިރެކްޓް ކުރާ މި ބައިގައި ފެނިގެންދާނީ ފިލްމްގެ ކާސްޓުން ލަގްޒަރީ މޮންސްޓާ ކްރޫސް ޝިޕްއެއްގައި ޗުއްޓީ ހޭދަކުރަންގޮސް އުޅެނިކޮށް ދިމާވާ ކަންކަމެވެ. ކުރީގެ ސީކުއަލްތަކުގައިވެސް ކާސްތުންގެ ގޮތުގައި ބައިވެރިވި އެޑަމް ސެންޑްލާ، އޭންޑީ ސެމްބާގް، ކެވިން ޖޭމްސް ، އަދި ސެލީނާ ގޯމެޒްވެސް މިފަހަރުގެ ސަމަ ވެކޭޝަންސް ބައިން ފެނިގެންދާނެއެވެ.

މި ދެ ފިލްމްވެސް އެމެރިކާގައި އެއް ދުވަހެއްގައި ރިލީޒްކުރާއިރު، ބޮކްސް އޮފީހުގައި ވަރުގަދަ ވާދަވެރިކަމެއް އުފެދޭމެ ކަމަށް ބެލެވެއެވެ.

Popular