9 Apr 2019

އެހެނަސް، އައިކިއު އަށް 10 ސުވާލު

By: Shamila Ibrahim

ވާހަކަލިޔުންތެރިޔާ އަހުމަދު އިގުބާލު (އައިކިއު) "އެހެނަސް ހަމަ ލޯބިވެޔޭ" ގެ ނަމުގައި މީގެ 12 ވަރަކަށް އަހަރު ކުރިން ނެރުނު ވާހަކައިގެ އަސަރުގައި އެ ފަހަރު ވަރަށް ގިނަ މީހުން ޖެހުނެވެ. މުޖުތަމައުގައި ހިނގާ ގިނަ އިޖުތިމާއީ މައްސަލަތަކެއް ހިމެނޭހެން، ފިރިހެން ކުއްޖެއްގެ ހަޔާތުގެ ވާހަކަތައް ކިޔައިދޭ މި ވާހަކަ އަށް ލިބުނު ތަރުހީބު ވެސް ބޮޑެވެ.

މި ކަންކަމަށް އަދިވެސް އާންމުހޭލުންތެރިކަން އިތުރުކުރުމަށް އައިކިއު ބޭނުންވީ އޭނާގެ މި ވާހަކަ ވެބް ސީރީޒއެއްގެ ގޮތުގައި އަލުން ގެނެސްދޭށެވެ.

"އެހެނަސް" ގެ ނަމުގައި ހަދަން ނިންމި މި ވެބް ސީރީޒް ޑައިރެކްޓްކުރަނީ ރަވީ ފާރޫގެވެ.

މި ސީރީޒްގެ ޝޫޓިން ފަށައިގެން ކުރިއަށްދާއިރު، ޓީޒާ މީގެ ކުރިން ވަނީ ދައްކާލައިފަ އެވެ. މި މަހުގެ ތެރޭގައި ޓްރެއިލާ ވެސް ފެންނާނެ ކަމަށް އައިކިއު ބުންޏެވެ.

ތިރީގައި މި ގެނެސްދެނީ އައިކިއު އަށް "އެހެނަސް" ސީރީޒްއާ ގުޅިގެން ކޮށްލި 10 ސުވާލެވެ.

1. އައިކިއުގެ "އެހެނަސް ހަމަ ލޯބިވެޔޭ" ވާހަކަ އާ މި ސީރީޒްއާ ވަރަށް އެއްގޮތްވާނެތަ؟

"ވާހަކައަށް ބޭސް ކޮށްފަ މީތި މީންނަނީ ހަދާފަ. އެކަމަކު އިތުރު ކަންތައްތަކެއް އެޑްކޮށްފަ ހުންނާނީ. ވާހަކައިގެ އަސްލު ނުގެއްލޭ ވަރަށް ޗޭންޖެސްތައް ގެނެއްސަ ހުންނާނީ. ދެން މި ވާހަކަ އަކީ މީގެ 12 އަހަރު ކުރިން ލިޔެފަ އިން ވާހަކައެއްވީމަ، އެއަށްވުރެ ރަނގަޅު ކުރެވޭތޯ މޮޑާން ގޮތްގޮތަށް ބަދަލުކޮށްފަ ހުންނާނީ"

2. "ރަނޑު" ކުއްޖެއްގެ ރޯލުން ޓްރެއިލާއިން ފެންނަ ފިރިހެން ކުއްޖާ އަކީ ހަމަ އަސްލަށް ވެސް އެކަހަލަ ކުއްޖެކޭ ކިޔައިގެން މީހުން ވަރަށް ޓުވިޓާ ތެރޭގަ އުޅުނު. އެއީ ކިހާވަރެއްގެ ތެދެއްތަ؟

"އޭގަ އޭނަ އެ އިންނަނީ އެ ރޯލަށް އެކްޓްކޮށްފަ... މީގަ އޭނަ އެކްޓަރެއްގެ ގޮތަށް އެ މަސައްކަތް ކުރަނީ. ޓްރެއިލާއިން އެ ފެންނަނީ ހަމަ އޭނަގެ އެކްޓިން. ދެން މި ރޯލަށް އެ ކުއްޖާ ނަގާފަ އެ އިނީ އޮޑިޝަންއެއް ބާއްވައިގެން ކުދިން ހޮވައިގެން ހަމަ"

3. މި ސީރީޒުން މުޅިން ވެސް ފެންނާނީ އާ ކުދިންތަ؟ ލީޑް ރޯލަށް އާ ކުއްޖަކު ލައިގެން ބެލުންތެރިން ބޭނުންވާނެ ގޮތަށް ސީރީޒް ގެނެސްދެވޭނެ ކަމަށް ގަބޫލު ކުރަންތަ؟

"ކާސްޓްގެ 98 ޕަސެންޓަކީ އާ ކުދިން. ބެލުންތެރިން ބޭނުންވާނެ ގޮތެއް ސީދާ ނުއެއް އެނގޭނެތާ ޑިސައިޑް ކުރާކަށް އަދިއެއް. އެޔަށް ދެން ބެލުންތެރިން ޖަޖް ކުރާނީ. އެކަމަކު ޓްރައި ކޮށްފަ އެމީހުންނަކީ އާ ކުދިންނޭ ނުބުނެވޭ ވަރަށް އެކްޓިން ދެއްކުވޭތޯ"

4. ރޯލުތަކަށް އާ ކުދިން ހޯދަން އުނދަގޫވިތަ؟

"މިއަށް އޮޑިޝަނަށް ހުޅުވާލައިގެން އައި ފުދޭ ވަރަކަށް ގިނަ ކުދިން ހަމަ. މި ފޮތް ކިޔާފަ ހުރި ވަރަށް ގިނަ ކުދިންވެސް އައި. އެހެންވީމަ، އެކުދިންނަށް އެ ކެރެކްޓާތައް ވަރަށް ބޮޑަށް އަންޑަސްޓޭޑް ވެފަ ހުރީމައާ އެއްކޮށް އެކަމާ ވެގެން އުޅުނު ކުދިން އޮޑިޝަނަށް އައީމަ އަސްލު އުނދަގުލެއް ނޫން ކުދިން ހޯދާކަށް.

މީ ފޮތެއްގެ މައްޗަށް ހަދާ ސީރީޒްއެއް ވީމަ ހުންނާނެތާ ކީ އެންމެންނާ ރިލޭޓް ކުރެވޭ ކެރެކްޓާސް. އެގޮތަށް އޮޑިޝަންގަ ބެލީ އެ ކެރެކްޓާއަކަށް އެންމެ އެކަށޭނަ ކުދިން ނެގޭތޯ. ދެން ފެށުމުގެ ކުރިން އެކްޓިން ވޯކްޝޮޕެއް ވެސް ރަވީއާ ރިޝްމީ ވެގެން ބާއްވާފަ، އޭގެ ފަހުން ޝޫޓިން މި ފެށީ"

5. އެކްސްޕީރިއަންސްޑް ކުދިންގެ ބަދަލުގަ އާ ކުދިން ރޯލުތަކަށް ނެގީ ކީއްވެ؟

"ފޮތަކަށް ބޭސް ކޮށްފަ އިންނާތީ އެ ކެރެކްޓާއެއް ސިފަ ކޮށްފަދީފަ އިންނަ ގޮތް ދައްކަދޭން ބޭނުންވީ. ސީދާ އާ ކުދިން އެ ކެރެކްޓާ އަކުން ނިކުތީމަ ކަންނޭނގެ މީހުންނަށް ބޮޑަށް ރިލޭޓް ކުރެވޭނީ ދޯ. ދެން މި ޕްރޮޖެކްޓުން ބޭނުންވަނީ މި ދާއިރާއަށް އާ މޫނު ތަކެއް ނެރެދޭން. އެއީ އެންމެ ބޮޑު އެއް ރީޒަން. އެ ގޮތަށް ކެމެރާއާ ޓެކްނިކަލް ބައިގަވެސް ހުންނާނީ ސީރީޒްއެއްގަ މީގަ ކުރިން ވޯކް ނުކުރާ އާ ކުދިން. ވަކި އުނދަގުލެއް ވެސް ނޫން އާ ކުދިންނާއެކީ ވޯކް ކުރާކަށް. ވަކި ތަފާތެއް ނުފެނޭ"

6. ސޯޝަލް އިޝޫއަކަށް ބިނާ ކޮށްފަ ހަދާ ސީރީޒްއެއް ދޯ މި. ބެލުންތެރިންނަށް މި ސީރީޒުން ލިބޭނީ ކޮންކަހަލަ މެސެޖްތަކެއް؟

"ޔޭސް، ވަރަށް ބައިވަރު ސޯޝަލް އިޝޫސްތަކަކަށް ބިނާކޮށްފަ. އަސްލު ބޮޑަށް މިއީ ބުލީއާ ދެކޮޅަށް ހަދާ ސީރީޒްއެއް. ދެން މީހެއް ހުންނަ ގޮތަށް ބަލާފަ އިލްޒާމެއް ނާޅުވާށޭ، ޖަޖް ނުކުރާށޭ އެކަހަލަ މެސެޖްތަކެއް ވެސް ބުނެދޭން ބޭނުންވޭ. ފިރިހެން ކުއްޖެއްގެ ލައިފްގަ ދިމާވާ ބުލީކުރުމާ ހާއްސަކޮށް ސެކްޝުއަލް އެބިއުސް އަކީ ވަރަށް ވާހަކަ ނުދެއްކި ދޫކޮށްލެވޭ ކަންކަން. ގޭތެރޭން ވިޔަސް ފިރިހެން ކުއްޖަކަށް ދިމާވާ ޑޮމެސްޓިކް ވައިލެންސާ އެ ކަހަލަ ކަންތައްތައް މި ސިރީޒުން ބޮޑަށް ފެންނާނީ"

7. ކުރިން ފީޗާ ފިލްމެއް ގޮތަށް ގެނެސްދޭން އުޅެފަ ފަހުން ދެ ސީޒަނަކަށް ބަހާލަން ނިންމީ ކީއްވެ؟

"އެއީ މި ވަރަށް ދިގު ވާހަކަ ފޮތެއް. ފިލްމަކަށް ހަދަންޏާ ފުދޭ ވަރަކަށް ބޮޑު ބައި އެބަ ޖެހޭ ރިމޫވްކޮށްލަން. އެހެންވެ، ފޮތުގަ ހުރި ގިނަ ބައި ހިމަނަން ބޭނުންވާތީ ސީރީޒްއަކަށް ހެދީ. މި ސީރީޒްގަ ދެ ސީޒަން އިންނައިރު ކޮންމެ ސީޒަންއެއްގަ 10 އެޕިސޯޑް އިންނާނެ. އެއީ އެޕިސޯޑެއްގައި 30 މިނިޓް"

8. މިހާރު ދެން ޝޫޓިންގެ ކަންކަން އެއްކޮށް ނިމުނީތަ؟

"ނޫނޭ، އަދިވެސް ހަމަ ކުރިއަށްދަނީ. އެކަމަކު އޭޕްރީލް މަހުގެ ތެރޭގަ ޓްރެއިލާ ރިލީޒްކޮށްފަ ރިލީޒް ޑޭޓެއް އިއުލާން ކުރާނެ"

9. އައިކިއު އަކީ ވަރަށް ރީތިކޮށް ގިނަ ވާހަކަތަކެއް ލިޔަމުން އަންނަ ލިޔުންތެރިއެއް. ކީއްވެގެންތަ ވަކިން ސްޕެސިފިކް ކޮށް މި ވާހަކަ އަށް ސީރީޒްއެއް ހަދަން ނިންމީ؟

"މި ވާހަކަ މީ އެންމެ ފުރަތަމަ މި ގޮތަށް ލިޔުނު، އަދި އޭރުގަ އޮންލައިންކޮށް ލިޔަން ފެށިއިރު އެންމެ ބޮޑު ސަޕޯޓެއް ލިބުނު އެއް ވާހަކަ. ދެން މީގަ މި ދައްކަދޭ ކަންތައްތަކަކީ ވަރަށް އާންމުހޭލުންތެރިކަން އިތުރު ކުރަން ބޭނުންވެފަ ހުރި ކަންކަން ވީމަ. މި ވާހަކަ ލިޔުނީވެސް ވަރަށް ބޮޑު ރިސާޗްއެއް ހަދައިގެން އޭރު. މިކަންކަން ފޭސްކުރަމުންދާ ބައިވަރު ކުދިން ތިބިކަންވެސް އެނގުނު އެފަހަރު. އެހެންވެ، ހަމަ މިކަމަށް އަދިވެސް ހޭލުންތެރިކަން އިތުރުކުރުވަން ބޭނުންވާތީ"

10. މި ސީރީޒްގެ ނެރެން ހަމަޖެހިފަ އިން ދެ ސީޒަން ދޭތެރޭގަ ވަރަށް ބޮޑު ގެޕެއް އިންނާނެތަ؟

"ކުރިން ވެސް ބުނިހެން ޝޫޓިން މިހާރު ވެސް ކުރިއަށް މިދަނީ. ދެން އެޔެއް ބޮޑަށް ޑިސައިޑް ކުރާނީ މި ސީރީޒް ސްޓްރީމް ކުރާ ބައިސްކޯފް އެޕުން"

Popular