24 Apr 2019

By: Ifraz Ali

"ނާމާން" ގެ ފެށުމަކަށްވީ ވަރަށް ގާތް ތިން އެކުވެރިން ކަމުގައިވާ އިބްރާހިމް ޝިފާހު، އިބްރާހިމް ސުފިޔާން އަދި ހުސެއިން އިހުސާން އެއްދުވަހަކު ކޮފީއެއްގައި ދެކެވުނު ވާހަކަތަކެކެވެ. އޭގެ ފަހުން މިހާރު މި ސީރީޒްގެ ކާމިޔާބު ދެ ސީޒަނެއް ގެނެސްދީފި އެވެ. އެމީހުން މިހާރު ތައްޔާރުވަމުން އަންނަނީ މީގެ ތިން ވަނަ ސީޒަނަށެވެ.

މިފަހަރު އެމީހުންގެ މޮޓޯއަކީ ވެސް "ދި ޕަވާ އޮފް ތުރީ" އެވެ. އެއީ މި ސީޒަންގެ ހުރިހާ ކަމެއް ވެސް ގުޅިފައި އޮތީ ނަންބަރު ތިނަކާ ކަމަށް ވާތީ އެވެ. އަދި ސީރީޒްގެ ޕްރޮޑަކްޝަންގެ ހުރިހާ މަސައްކަތެއް ވެސް ކުރީ މި ތިން އެކުވެރިން އެކަންޏެވެ.

"ނާމާން" ސީރީޒް އުފެއްދި ތިން އެކުވެރިން، (ކ-ވ)، އިހުސާން، ސުފިޔާން އަދި ޝިފާހު --

ކުރިން ހަމައެކަނި ޗެނަލް 13 ގެ ޕްރޮޑަކްޝަނުގެ ނަމުގައި ގެނެސްދިން މި ސީރީޒް މިފަހަރު ގެނެސްދެނީ ވެސް ތިން ޕްރޮޑަކްޝަނެއްގެ ދަށުންނެވެ. އެއީ މި ތިން އެކުވެރިން އަލަށް އުފެއްދި، އަމިއްލަ ޕްރޮޑަކްޝަން ހައުސް "ބިޓްމެޕް" އާއި އިމޭޖިނޭޝަން ރިއަލިޓީ އަދި ބައިސްކޯފް ގުޅިގެންނެވެ.

"ބޭނުންވީ ކުރިން ނުގެންނަ ކަހަލަ ބިރުވެރި އެއްޗެއް ގެންނަން. ޓީވީތަކުން ޖިންނި ވާހަކަތައް ކުރީގައި ގެނެސްދީފައި ހުރީ ޑޮކިއުމެންޓްރީ ގޮތަށް ވީމަ. އެހެންވީމަ އެ ސްޓައިލަށް ނުގެނެސް، ޑްރާމާ ސްޓައިލަށް އަހަރެމެން ގެނެސްދޭންވީއޭ،" ސީރީޒްގެ މަސައްކަތް ފެށުނު ގޮތް ކިޔައިދެމުން ޝިފާހު ބުންޏެވެ.

"ބިރުވެރި އެއްޗެއް ހަދަން ވިސްނީ މިއީ އެންމެ ތަފާތު ޖޯންރާއަށް ވެފައި ދިވެހިންގެ މެދުގައި އެންމެ ޕޮޕިއުލާ އެއް ޖޯންރާ އަށް ވެސް ވާތީ. އަސްލު މިއީ އެންމެ އުނދަގޫ އެއް ޖޯންރާ އެކަމަކު އަހަރެމެންނަށް އެންމެ އިންޓްރެސްޓިން ޖޯންރާ،" ބިރުވެރި ސީރީޒެއް ގެނެސްދޭން ނިންމީ އެހެންވެ ކަމަށް އޭނާ ބުންޏެވެ.

"ނާމާން" ގެ އެކްސްކުލޫޒީވް ޕޯސްޓާސް --

ހަގީގީ ހާދިސާތަކުގެ މައްޗަށް ބިނާކޮށް ގެނެސްދޭ މި ސީރީޒްގެ ފުރަތަމަ ސީޒަންގެ ވާހަކަ ލިޔުނީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދު އެވެ. ދެ ވަނަ ސީޒަންގެ ވާހަކަ ލިޔުނީ ޒުވާން ވާހަކަ ލިޔުންތެރިޔާ ހޫދު އިބްރާހިމް އެވެ. މި ސީޒަންގެ ވާހަކަ ވެސް ލިޔުނީ ހޫދު އެވެ.

"މިފަހަރު ވާހަކަ ވެސް މިއޮތީ 'ތިނަކާ' ގުޅިފައި. މި ވާހަކާގައި މިއުޅޭ ޑީމަން ނުވަތަ ޖިންނި އަކީ ތިން އިނގިލި އިންނަ އެއްޗެއް."

ކޮންމެ ރޯދަ މަހަކު ގެނެސްދެމުން އަންނަ މި ސީރީޒްގެ އާ ސީޒަންގެ ޓްރެއިލާ އިއްޔެ ވަނީ ރިލީޒްކޮށްފަ އެވެ. މިދިޔަ ދެ ސީޒަނެކޭ އެއް ގޮތަށް މިފަހަރު ވެސް ކާސްޓުންގެ ގޮތުގައި ފެނިގެންދަނީ މުޅިން އާ ފަންނާނުންނެވެ. ސީރީޒަށް ކާސްޓުން ވެސް ނަގަނީ ފިލްމު ޝޫޓުކުރާ ލޮކޭޝަނުންނެވެ.

"ނާމާން" ގެ އެކްސްކުލޫޒީވް ޕޯސްޓާސް --

"ފުރަތަމަ ފަހަރު އަހަރެމެން ޝޫޓުކުރީ ރ. އަލިފުށީގައި. ދެ ވަނަ ސީޒަން ނެގީ ފުވައްމުލަކުގައި. މިފަހަރު ޅ. ހިންނަވަރުގައި. އަހަރެމެން ލޮކޭޝަނެއް ޗޫޒްކުރަނީ ކާސްޓުން ލިބޭނެ ތަންތަން ބަލައިފައި،" މިފަހަރު އެކަމަކު ކާސްޓަށް މާލެއިން އެކަަކު ނެގި ކަމަށް ބުންޏެވެ.

މިފަހަރު ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ އަހްމަދު ނާފިއު މުހައްމަދު، އައިޝަތު ސުމާ، އިސްމާއިލް މިސާހު، މަރިޔަމް ޝިޒްނާ، މުހައްމަދު އީސާފުޅު އަދި ހަދީޖާ ހުސެއިން އެވެ.

ކުރީގެ ސީޒަންތަކާ އެއްގޮތަށް މި ސީޒަންގައި ވެސް އިންނާނީ 30 މިނެޓުގެ ހަތަރު އެޕިސޯޑެވެ.

"ނާމާން" ގެ އެކްސްކުލޫޒީވް ޕޯސްޓާސް --

"ފުރަތަމަ ސީޒަން ހެދުނީމަ އެނގުނީ ފިލްމް މޭކިން އަކީ ހާޑް ޖޮބެއްކަން. އެ ސީޒަން އަހަރެމެން ހީކުރި ގޮތަށް ދިޔަ އެކަމަކު އެއަށް ވުރެ ރަނގަޅު ކުރެވޭނެކަން އެ ސީޒަނުން އެނގުން،" ތިން ރައްޓެހިންގެ ފަރާތުން ވާހަކަދައްކަމުން ޝިފާހު ބުންޏެވެ.

ދެ ވަނަ ސީޒަނަކާ ހަމައަށް ދިޔައީ ފުރަތަމަ ސީޒަންނަށް ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބު ބޮޑުވުމުންނެވެ. އިތުރު ސީޒަންތައް ގެނެސްދިނުމަށް ބެލުންތެރިންގެ ފަރާތުން ރިކުއެސްޓުތައް ވެސް ލިބުނެވެ. އާ ސީޒަން ހެދުމަށް މިފަހަރު ޑައިރެކްޓަރު އަހްމަދު ޝިނާންގެ އެހީވެސް ލިބުނު ކަމަށް ބުންޏެވެ.

"ނާމާން" ގެ އެކްސްކުލޫޒީވް ޕޯސްޓާސް --

"ތަފާތު ސްޓައިލެއްގެ ސީރީޒްއަކަށް ވެފަ، މީހުނަށް އެންމެ ކަމުދާ އެއް ކަމަކީ މީގެ ޑައިލޮގް ޑެލިވަރީއަކީ ނެޗުރަލް ޑައިލޮގް ޑެލިވަރީއެއް ވީމަ، ސްކްރިޕްޓެޑް ޑައިލޮގެއް ވަރަށް ނުހުންނާނެ. ދެން އަނެއް ކަމަކީ ޒުވާނުންގެ ތެރޭގައި ދިމާވާ ކަންތައްތަކެއް ވީމަ ޒުވާން ކުދިންނަށް ވަރަަށް ކަމުދޭ،" ޝީފާހު ބުންޏެވެ.

"މިދިޔަ ސީޒަންގައި އެންމެ ބޮޑު މައްސަލައަކަށްވީ ސައުންޑް. އެކަމަކު މިފަހަރު އެބައި ވަރަށް ބޮޑަށް ރަނގަޅުކޮށްފަ މި ގެނެސްދެނީ."

"ނާމާން" ސީޒަން ތިނެއްގެ ޓްރެއިލާ.

މިފަހަރު ވެސް ސީރީޒް ޗެނަލް 13 އިން ދައްކާނެ އެވެ. އެކަމަކު ޓީވީއިން ދައްކާއިރު ބައެއް މަންޒަރުތައް ސެންސާ ކުރަންޖެހޭތީ ޓީވީއިން ނުދައްކައި ކަނޑާ މަންޒަރުތަކާއެކު ބައިސްކޯފް އެޕް މެދުވެރިކޮށް މިފަހަރު އެއްކޮށް ބަލައިލެވޭނެ އެވެ. ދައްކަން ފަށާނެ ދުވަހެއް އަދި ކަނޑައެއް ނާޅަ އެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ ޓީވީ ސިލްސިލާ

Popular