19 May 2019

މާދަމާ އޮފީހަށް ނުދާ މީހުން ގިނަވާނެ

މާދަމާ އޮފީހަށް ނުދާ މީހުން ގިނަވާނެ

By: Ifraz Ali

*** ސްޕޮއިލާ އެލާޓް ***

ޕެޓިޝަނުގައި ސޮއިކުރިޔަސް މި ސީޒަން އަލުން ޝޫޓުކުރާނެ ކަމަށް އުއްމީދު ނުކުރައްޗެވެ. ފަސް ލައްކަ މީހުން ސޮއިކުރިޔަސް އެކަން ވާނެހެން ހިޔެއްނުވެ އެވެ. މި ޝޯގެ ނުފޫޒު މީހުންގެ މެދުގައި އޮތް ވަރުން މިކަމުން ވެސް އެނގެ އެވެ. އެހެންވީމާ މާދަމާ އޮފީހަށް ނުގޮސް ތިބުމުގެ ފުރުސަތު ވެސް ބޮޑެވެ.

ފަހު ސީޒަންގެ ފުރަތަމަ އެޕިސޯޑު ދެއްކި ދުވަހު ވެސް ވަރަށް ގިނަ މީހުން އޮފީހަށް ނުދާ ކަމަށްވެ އެވެ. މާދަމާ އެންމެ ފަހު އެޕިސޯޑު ދައްކާއިރު، އެމެރިކާގައި ހެދި ދިރާސާއަކުން ހާމަވި ގޮތުގައި އެ ގައުމުގެ 10.7 މިލިއަން މީހުން އޮފީހަކަށް ނުދާނެ އެވެ.

ފުރަތަމަ އެޕިސޯޑު ދެއްކި ދުވަހު މާލޭގައި ވެސް ގިނަ މީހުން އޮފީހަށް ނުދާކަމަށް އަޑުތައް އިވުނެވެ. ރާއްޖެ ގަޑިން ހެނދުނު ހައެއް ޖަހާއިރު މި ޝޯ ދައްކާއިރު، ގިނަ ދިވެހި ފޭނުން ވެސް މި ޝޯ ބަލަނީ ހެނދުނު ލައިވް ސްޓްރީމްކޮށްގެންނެވެ.

ޑެނޭރިސް މަރާލާނީ ޖޮން ނޫނީ އާރްޔާ؟

ޑެނީ އާއި ޖޮން: ޑެނީ މަރާލަނީ ޖޮން ކަމަށްވޭ --

މި ސީޒަންގައި ނައިޓް ކިންގް މަރާލުމަށް ފަހު، އެންމެ ގިނަ މީހުން ދެން ރުޅިއައީ ޑެނީ މާ އަވަހަށް މޭޑް ކުއީންއަކަށް ހެދީމަ އެވެ. ކިތައްމެ ރުޅިއަޔަސް، މިހާރު ލީކުވެފައިވާ ފައިނަލް އެޕިސޯޑުގެ ޕްލޮޓް ލީކްސްތަކަށް ބަލާ ނަމަ މާދަމާ ޑެނީ މަރުވާނެ އެވެ.

ޑެނީ މަރާލަނީ ވެސް އޭނާގެ ލޯބިވެރިޔާ ޖޮން ސްނޯކަމަށްވެ އެވެ. ކިންގްސް ލޭންޑިންއަށް ހަމަލާދީ، ކުށެއް ނެތް ބަޔަކު މެރީމަ، ޖޮން އެކަމާއި ރުޅިގަދަވީ އެވެ. -- މިއީ ތެކަށް ވާނަމަ ޖޮން އަކީ އަޒޯރް އަހައި އަށް ވުމުގެ ފުރުސަތު ވެސް ބޮޑެވެ.

އަންސަލިޑްގެ ފައުޖު އެނބުރި އިސޮސްއަށް ދާނެ އެވެ. ޑެނީގެ ފަހު ބަހާއި އެއްގޮތަށް އެމީހުން ބޭނުންވާނީ އަޅުން މިނިވަންކުރަމުން ދިއުމަށެވެ. ޑެނީގެ މަރުވެފައިވާ ހަށިގަނޑާއެކު އޭނާގެ ޑްރެގަން، ޑްރޮގޯން ވެސް ވެސްޓްރޮސް ދޫކޮށް ދާނެ އެވެ.

ޑެނީ މަރާލުމަށްފަހު އެކަމުގެ އަދަބެއްގެ ގޮތުގައި ކާސަލް ބްލެކްއަށް ފޮނުވައިދިނުމަށް ޖޮން އެދޭނެ އެވެ. އޭނާ ވާނީ ނައިޓްސް ވޮޗްގެ 1000 ވަނަ ލޯޑް ކޮމާންޑާ އަށެވެ.

ޑެނީ މަރާލާނީ އާރްޔާ ކަމަށް ވެސްވެ އެވެ. އާރްޔާ މަރާލާނެ ކަމަށް ބެލެވޭ މީހުންގެ ތެރެއިން ބާކީ އިނީ ފެހި ލޮލެއް އިންނަ މީހެކެވެ. ކުއީން ސާސީގެ ވެސް ފެހި ލޮލެއް އިނުމުން ކުރިން ހީކުރެވުނީ އެއީ އޭނާ ކަމަށެވެ. ޑެނީގެ ވެސް އިންނަނީ ފެހި ލޮލެކެވެ.

ޓިރިއަން ވެސް މަރުވަނީ؟

ޓިރިއަން ލެނިސްޓާ: ފަހު އެޕިސޯޑުގައި ޓިރިއަން މަރުވާނެ ކަމަށް ބެލެވޭ --

ޓިރިއަން ވެދާނެ ގޮތަކާއި ބެހޭގޮތުން ތިން ގޮތަކަށް ވާހަކަދެކެވެ އެވެ. ކުއީން ޑެނީއަށް ގައްދާރުވެ، އޭނާގެ ބޭބެ ޖޭމީ މިނިވަންކުރުމާއި އަދި ދައްތަ ކުއީން ސާސީ ސަލަމާތްކުރުމަށް މަސައްކަތްކުރުމުން އެކަމަކުގެ އަދަބެއްގެ ގޮތުގައި އޭނާ ޖަލަށް ލާނެ އެވެ.

ޓިރިއަންއަށް ދޭނެ އަދަބެއް ކަނޑައެޅުމަށް ޑްރެގަން ޕިޓްގައި ޝަރިއާތެއް ވެސް ކުރިއަށް ގެންދާނެ ކަމަށްވެ އެވެ. އޭނާ ވެސް މަރުވުމުގެ ފުރުސަތު ބޮޑު ކަމަށް ލީކުތަކުން އެނގެ އެވެ.

އަޔަން ތުރޯން ލިބުން އެންމެ ގާތީ ބްރަންއަށް

ބްރަން ސްޓާކް: އަޔަން ތުރޯން ލިބުމުގެ ފުރުސަތު އެންމެ ބޮޑީ ބްރަންއަށް --

އަޔަން ތުރޯން ލިބުން އެންމެ ގާތީ ބްރަން އަށެވެ. ޑެނީ މަރުވުމާއި ޖޮން ކާސަލް ބްލެކްއަށް ދިއުމުން ތަހުތަށް ވެރިވާނެ މީހަކާއި މެދުގައި ހިޔާލު ތަފާތުވެ، ތަހުތުގައި އިންނާނީ މީހަކު ހޮވުމަށް ވޯޓެއް ނަގާއި ބްރަން ހޮވާނީ އެވެ. ބްރަންއަށް ތަހުތު ދިނުމަށް އެންމެ ގަދައަށް ވާހަކަދައްކީ ޓިރިއަން ކަމަށް ވެސްވެ އެވެ.

ކިންގަކަށް ވުމަށް ފަހު ބްރަން އޭނާގެ ކައުންސިލަށް ޓިރިއަން، ސަ ޑާވޯސް، ސޭމް އަދި ބްރަން ނަގާނެ ކަމަށްވެ ވެސްވެ އެވެ.

ސަންސާ އަށް ވެސް ލިބިދާނެ

ސަންސާ ސްޓާކް: ސަންސާއަށް ވެސް އަޔަން ތުރޯން ލިބިދާނެ --

މިދިޔަ އެޕިސޯޑަށް ފަހު އެންމެ ހިތުގައި ޖެހުނީ ސާސީ މަރުވުމުގެ ކުރިން، ސަންސާއާ ބައްދަލުނުވީމަ އެވެ. އެ ދެމީހުންގެ ރީޔުނިއަންއެއް އަންނާނެ ކަމަށް ވަރަށް އުއްމީދުކުރެވުނެވެ. ސަންސާ އަށް ވެސް ތަހުތު ލިބިދާނެ ކަމަށްވެ އެވެ. ފޭނުން ޑިސެޕޮއިންޓްކޮށްލަން މިއީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ފެނެ އެވެ. ފުރަތަމަ ސީޒަނުން ފަށައިގެން ވެސް ގިނަ މީހުނަށް ސަންސާގެ ކެރެކްޓާ ކަމަކުނުދެ އެވެ.

އެކަމަކު މި ސީޒަނަށް ބަލާ ނަމަ ވެސްޓްރޮސްގައި ހުރި އެންމެ "ބޯ ބޮޑު" މީހަކީ ސަންސާ އެވެ. ދެން އޮތް ގޮތަކީ ބްރަން ތަހުތަށް އެރުމުން، ނޯތު އެއްކޮށް މިނިވަންކުރުމެވެ. އޭރުން ނޯތުގައި ރަނިކަންކުރާނީ ސަންސާ އެވެ.

ޖޭމީ އަދި މަރެއް ނުވޭ؟

ޖޭމީ ލެނިސްޓާ: ޖޭމީ އަދި މަރުނުވާ ކަމަށްވޭ --

ޖޭމީ އަދި މަރު ނުވާކަމަށް ޓުވިޓާ ތުރެޑެއްގައި ފޭނަކު ވަނީ ބުނެފަ އެވެ. އޭނާ ވަނީ އެކަމާއި ގުޅޭ ހެކިތަކެއް ވެސް ދައްކައިފަ އެވެ. ސާސީ މަރުވުމުން އެ ރޯލު ކުޅޭ ލީނާ ހީޑީއަށް މި ޝޯގެ ކާސްޓުގައި ހިމެނޭ ތަރިން އަލްވާދައު ކިޔާ ޝޯޝަލް މީޑިއާގައި މެސެޖުތައް ފޮނުވިއިރު ވެސް، ޖޭމީގެ ރޯލު ކުޅޭ ނިކޮލާޖްއަށް އެއްވެސް މީހަކު އަލްވަދާއު ކިޔާފައެއް ނުވެ އެވެ.

މި ސީޒަންގައި މަރުވާ ތަރިންގެ އިންޓަވިއު ވެރައިޓީން ގެނެސްދޭއިރު، ނިކޮލާޖްގެ އިންޓަވިއު އަދިވެސް ގެނެސްދީފައެއް ނުވެ އެވެ. މިދިޔަ އެޕިސޯޑުގައި މަރުވި އެހެން މީހުންގެ އިންޓަވިއުތައް ވަނީ ގެނެސްދީފަ އެވެ.

"ޑިސެޕޮއިންޓްވާން" އަނެއްކާ ވެސް ތައްޔާރުވޭ

ގޭމް އޮފް ތުރޯންސް ފަހު އެޕިސޯޑުގެ ޕްރީވިއު.

މިއިން އެއްވެސް ތިއަރީއެއް ތެކަށް ނުވުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. މި ސީޒަންގައި ހިނގި ގިނަ ކަންކަމަކީ ފޭނުން ކުރި އުއްމީދާ މުޅިން އިދިކޮޅަށް ހިނގި ކަންކަމެވެ. ފެށުނީއްސުރެ ގޭމް އޮފް ތުރޯންސްގެ މޮޅު ތަންކޮޅަކީ ވެސް މިއީ އެވެ. ފޭނުން ހީވެސް ނުކުރާ ގޮތަކަށް ހުރިހާ ކަމެއް ވެގެން ދިއުމެވެ.

މާދަމާ އެޕިސޯޑުގެ ދިގުމިނަކީ އެއް ގަޑިއިރާ، ދިހަ މިނެޓެވެ. އެޕިސޯޑް ބަލައި ނިންމާފައި އޮފީހަށް ދިއުމަށް ތައްޔާރުވާނެހާ ވަގުތު އޮންނާނެ އެވެ.

ޓީވީ ސިލްސިލާ

Popular