18 Jun 2019

ބަވަތި: މާ ކުރީގެ ހަނދާނެކޭ މީ

ބަވަތި: މާ ކުރީގެ ހަނދާނެކޭ މީ

By: Ifraz Ali

ފުރަތަމަ ވެސް އަޅައިގަންނަ އެއްޗަކަށް ވާނީ މި ފިލްމުގެ ނަމެވެ. "ބަވަތި" އަކީ ކޯއްޗެއް ހެއްޔެވެ؟ ބަވަތީގެ މާނަ އަކީ ދެރަކަމެއް ވާން އުޅޭ ކަމުގެ އަލާމާތްތަކާއި ނިޝާންތައް ފެނުމެވެ. ނުވަތަ ކަމެއް ވުމުން އެކަމާ ގުޅިގެން ފަހުން ވެދާނެ ކަމަށް ލަފާކުރެވޭ ކަންކަމަށް ވެސް މިހެން ކިޔައި އުޅެ އެވެ. މި ތުރިލާ ފިލްމުގައި ގެނެސްދޭނީ މި ކަހަލަ ވާހަކައެއް ކަމަށް ވެދާނެ އެވެ.

ފިލްމު އެންމެ ހާއްސަ ވަނީ މިއީ ދިވެހި ސިނަމާ އަށް މުޅިން އާ ފަންނާނުތަކެއް ގެނެސްދޭ މަސައްކަތަކަށް ވާތީ އެވެ. މުޅިން އާ ޕްރޮޑަކްޝަން ހައުސްއެއް ކަމަށްވާ "އައި ފިލްމްސް" އާއި ޕެންޑުލަމް އިންވެސްޓަމަންޓްސް ގުޅިގެން ގެނެސްދޭ ފުރަތަމަ ފިލްމެވެ. އަދި ޓީވީ ޕްރޮޑަކްޝަންގެ ދާއިރާގައި ފާހަގަކޮށްލެވޭ، އިލްޔާސް ވަހީދުގެ އަލަތު ފިލްމު ޑައިރެކްޝަނެވެ.

ފިލްމުގެ ވާހަކަ އާއި ސްކްރީންޕްލޭ ވެސް ތައްޔާރުކުރީ އިލްޔާސް އެވެ. ފިލްމު ޕްރޮޑިއުސްކުރީ އާސިމް އަލީ އަދި އަހްމަދު ވަހީދެވެ.

ބަވަތިގެ ޕޯސްޓަރެއް: ފިލްމުގައި ލީޑުން ފެންނާނީ ނުޒުހަތު އާއި އިފްނާޒް --

މިއީ ކިހިނެއްވާ ފިލްމެއް؟

މާލޭގެ މުއްސަނދި ޒުވާން ފިރިހެނަކު، އަތޮޅުތެރޭ ރަށަކަށް ގޮސް އުޅެނިކޮށް ދިމާވާ އަންހެން ކުއްޖަކަށް އޭނާގެ ހިތްދެވި އެ ދެމީހުން ކައިވެނިކުރެ އެވެ. ކައިވެންޏަށް ފަހު އެމީހުންގެ ދިރިއުޅުން މާލެ އަށް ބަދަލުކުރެ އެވެ. ކަންތައްގަނޑު ލައިގަންނަނީ އެހާ ހިސާބުންނެވެ. މާލޭގައި އެމީހުން ދިރިއުޅޭ ގެއިން މި އަންހެން ކުއްޖާ އަށް، ހަމަ އެ އަންހެންް ކުއްޖާގެ ސިފައިގައި ހުންނަ އެއްޗެއް ފެންނަން ފަށަ އެވެ.

ބަވަތިގެ ޝޫޓިންގެ ތެރެއިން މަންޒަރެއްގައި ނުޒުހަތު އާއި އިފްނާޒް -- | ފޮޓޯ: އައިއޭ ފިލްމްސް

"މި ފިލްމުގެ ވާހަކަ އަކީ މުޖުތަމައުގައި އާންމުކޮށް ހިނގާ ކަމެއް. އެކަމަކު އަޅުގަނޑުމެން އޭތި މި ގެނެސްދެނީ މުޅިން ތަފާތު ޕޮއިންޓް އޮފް ވިއުއަކުން،" ޑައިރެކްޓަރު ބުނީ މިހެންނެވެ.

އާ އެކްޓަރުންގެ ކާސްޓެއް

މުހިންމު ރޯލުތަކުން ފެންނާނީ ފިލްމީ ދާއިރާގައި މިހާރު ފިޔަޖަހަމުން އަންނަ ތަރި، ނުޒުހަތު ޝުއައިބް އާއި މުޅިން އަލަށް ފިލްމެއް ކުޅޭ އަހްމަދު އިފްނާޒް ފިރާގެވެ. ކާސްޓުގައި އާ ފަންނާނުން ގިނަ އެވެ. އެއީ ފާތިމަތު ލަތީފާ، މުހައްމަދު ރަޝީދު އަދި އިބްރާހިމް ފައިރޫޒް އާދަމެވެ.

ބަވަތިގެ ޝޫޓިންގެ ތެރެއިން: ފިލްމުގެ ބައެއް މަންޒަރުތައް ނެގީ ކާށިދޫގައި -- | ފޮޓޯ: އައިއޭ ފިލްމްސް

"ވާހަކަ ލިޔުމުގެ ކުރިން އެކްޓަރުން އޯކޭ ކުރިން. ނުޒޫ އާއި އިފްނާޒް އަށް ބޭސްކޮށްފައި ވާހަކަ ލިޔުނީ ވެސް. ނުޒޫ ނެގީ އޭނާގެ އެކްޓިން އަށް ބަލައިފަ. އަޅުގަނޑު ވެސް ދާއިރާއަށް އަލަށް ނިކުންނަ މީހަކަށްވެފައި، ބޭނުންވީ އާ އެކްޓަރަކަށް ފުރުސަތު ދޭން. އެހެންވީމަ އިފްނާޒް ނެގީ. އިފްނާޒް ވެސް ހުރީ ފުރުސަތު ބޭނުންވެފަ،" ވީޓީވީގައި ނުވަ އަހަރު ވީޑިއޯ ޕްރޮޑަކްޝަންގެ މަސައްކަތް ކުރި އިލްޔާސް ބުންޏެވެ.

އިލްޔާސް ބުނީ އެކްޓަރުންގެ ކެރެކްޓާސްތައް ބިލްޑުކޮށް ވަރުގަދަ ކުރުމަށް ކްލާސްތައް ވެސް ބޭއްވި ކަމަށެވެ.

"މީހަކު ބުނެފާނެ ވަރަށް އާދައިގެ މަސައްކަތެކޭ. އެކަމަކު ޑައިރެކްޓަރު އިލްޔާސް އާއި ފިލްމުގެ ޓީމު ވަރަށް ޑެޑިކޭޓެޑްކޮށް ކޮށްފައި އޮތް ވަރަށް ބުރަ މަސައްކަތެއް މީ،" މި ފިލްމުގައި އެކްޓުކުރި އަދި އެސޯސީއޭޓް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރި އިފްނާޒް ބުންޏެވެ.

ބަވަތިގެ ޝޫޓިންގެ ތެރެއިން: ފިލްމުގައި ޑައިރެކްޓަރާއި ކްރޫ -- | ފޮޓޯ: އައިއޭ ފިލްމްސް

ވަރުގަދަ ޓީމެއް

ކެމެރާ ކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ގައުމީ އެވޯޑު ހޯދާފައިވާ ކެމެރާމަން، އިބްރާހިމް ވިސާމް (ކަނޑި) އެވެ. ގިނަ ވިޒުއަލް އިފެކްޓްސްތަކެއް ވެސް ހިމެނޭ މި ފިލްމުގެ އެ މަސައްކަތް ކުރަނީ ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތަކާއި ހަވާލުވެފައިވާ ޒުވާން ޓީމް، އޯކޭޒް އިންނެވެ.

"ފިލްމުގައި ވިޒުއަލްސް ވަރަށް ގިނަވާނެ. މިހާރު ކުރަމުން އަންނަނީ ޑަބިންނާއި ފިލްމުގެ ބެކް މިއުޒިކްގެ މަސައްކަތް،" މި މަސައްކަތްތައް ނިންމައި އަންނަ އޯގަސްޓް މަހު ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ފަށާނެ ކަމަށް އިލްޔާސް ބުންޏެވެ.

"ބަވަތި" ގެ ފުރަތަމަ ޓީޒާ.

ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ މާލެ އާއި ކ. ކާށިދޫގަ އެވެ. އިލްޔާސް ބުނީ މަންޒުތައް ނެގުމުގައި ވަރަށް ޗެލެންޖިން ކަންކަމާއި ދިމާވި ކަމަށެވެ.

"ޓީޒާއިން މި ފެންނަ، ނުޒޫ ކަނޑަށް ގެނބޭ މަންޒަރު އެއީ ފާހަގަކޮށްލެވޭ ސީންއެއް. އޭގައި އެންމެ ބޮޑު ޗެލެންޖަކަށްވީ ނުޒޫއަށް ފަތަން ނޭނގޭތީ. ވަރަށް އުނދަގުލުން އެ ހުރިހާ ސީންތަކެއް ނަގާފައި ހުންނާނީ،" އެހެންވެ ބައެއް މަންޒަރުތަކުގައި ބޮޑީ ޑަބަލް ވެސް ބޭނުންކުރަންޖެހުނު ކަމަށް އިލްޔާސް ބުންޏެވެ.

"ބަވަތި" ގެ ދެ ވަނަ ޓީޒާ.

މި ދާއިރާއަށް ނިކުތުން ވެސް އިލްޔާސް އަށް ޗެލެންޖަކަށެވެ. ނަމަވެސް ދާއިރާގައި މަސައްކަތްކުރާ އެކި މީހުންގެ އެހީއާއެކު މި މަސައްކަތައް ނިކުމެ ކުރިއަށް ދާން ފެށީ އެވެ. މި ފިލްމަކީ އޭގެ ފެށުމެވެ. އަދި އިލްޔާސް ބުނީ ނަސީބު ދިމާކުރި ގޮތުން އޭނާއަށް މި ފުރުސަތު، މި ލިބުނީ ވަރަށް ރަނގަޅު ޓީމަކާއެކު ކަމަށެވެ.

ޓީޒާ އާއި ޕްރޮމޯ ލަވަ

މިހާތަނަށް ދެ ޓީޒާއެއް ވަނީ ދައްކާލައިފަ އެވެ. މި ދެ ޓީޒާއިން ފިލްމުގެ ކުޑަ ފެނިލުމަކާއި ތައާރަފެއް ވަނީ ދީފަ އެވެ.

ތިން ލަވައެއް ހިމެނޭ މި ފިލްމުގެ ޕްރޮމޯ ލަވަ މިދިޔަ ހަފްތާގައި ވަނީ ރިލީޒްކޮށްފަ އެވެ. މިސްޓީ މިއުޒިކް ތައްޔާރުކުރި، މި ޕްރޮމޯ ލަވަ ކިޔާފައި ވަނީ މޯލްޑިވިއަން އައިޑޮލް އިން ވިދާލި، ޖައިޝާ ވަހީދު އެވެ. މިއީ ޖައިޝާ ފިލްމަކަށް ކީ ފުރަތަމަ ލަވަ އެވެ.

"ބަވަތި" ގެ ޕްރޮމޯ ލަވަ.

ހަމަ މޯލްޑިވިއަން އައިޑޮލް އިން ވިދާލި، އަހްމަދު ނަޒީހު (ރާޅު ބޯއީ) ގެ ލަވައެއް ވެސް މި ފިލްމުގައި ހިމެނެ އެވެ. މިއީ ނަޒީހު ވެސް ފިލްމަކަށް ކީ ފުރަތަމަ ލަވަ އެވެ. އަދި މި ލަވައިގެ ލިރިކްސް ވެސް ލިޔުނީ ނަޒީހު އެވެ.

ތިން ވަނަ ލަވަ ކިޔާފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ، ޔާމީން އެވެ. މި ލަވަ އާއި ޕްރޮމޯ ލަވައިގެ ލިރިކްސް ވެސް ލިޔުނީ ޑައިރެކްޓަރު، އިލްޔާސް އެވެ.

ފިލްމުގެ ޓްރެއިލާ އަދި އަންނަން އޮތީ އެވެ. މި ފިލްމު ސިނަމާގައި ދައްކަން ފަށާނީ ސެޕްޓެމްބަރު 2 ގަ އެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ

Popular