11 Jul 2019

ޑާކްރެއިންގެ އެއް ވަނަ އަކީ ކޮބާ؟

ޑާކްރެއިންގެ އެއް ވަނަ އަކީ ކޮބާ؟

By: Aishath Maahaa

"މާމުއި" އާ އެކު ޑާކްރެއިން އެންޓަޓެއިންމަންޓުގެ އަޑު ކުރިއަށް ވުރެ ވެސް މި ވަނީ ގަދަކޮށްލައިފަ އެވެ. މިފަހުން އެންމެ ރީތި އަދި އެންމެ މޮޅު ފިލްމުތަކެއް އުފެއްދި އެއް ބަޔަކީ އެއީ އެވެ. އެހެންވެ ދިވެހިންގެ މެދުގައި މި ސްޓޫޑިއޯގެ މަގުބޫލުކަން ވަރަށް ބޮޑެވެ.

އޮޔާއި ވަޔަށް ބެހެމުން ދިޔަ ފިލްމު އިންޑަސްޓްރީ ސަލާމަތްކުރަން އެންމެ ފުރަތަމަ ފަށައިގަތް މަސައްކަތްތަކުގައި އެތައް ފަހަރަކު އެ ސްޓޫޑިއޯ ގަނބައިގަނެގެން ވެސް ދިޔަ އެވެ. ނަމަވެސް މި ދާއިރާ އަށް ހުރި ޝައުގުވެރިކަމުގައި ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) މެދުކެނޑުމެއްނެތި ކުރި އެތައް މަސައްކަތުން މިހާރު މިއީ ދިވެހި ފިލްމު އޯޑިއަންސްގެ ފޭވަރިޓް ޕްރޮޑިއުސަރެވެ.

ބޮޑު ފްލޮޕްތަކުން ފަށައިގަނެގެން ފެށި މި ދަތުރުގައި މިދިޔަ ފަސް ވަރަކަށް އަހަރު ޑާކްރެއިންގެ ހުރިހާ ފިލްމެއް ކަހަލަ ގޮތަކަށް ހިޓުވި އެވެ. ހައުސްފުލް އެތައް ޝޯއެއް ދެއްކިއިރު ޕޮޒިޓިވް ކޮމެންޓުތަކުން ފުރާލި އެވެ. މި ފަހުން ނުކުތް ފިލްމުތަކުގެ ތެރެއިން އެ ސްޓޫޑިއޯގެ އެންމެ މަގުބޫލުވި ފަސް ފިލްމަށް ބަލައިލަން ހިނގާށެވެ.

މާމުއި

ޑާކްރެއިން އެންޓަޓެއިންމަންޓުން މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަނީ މި ފިލްމެވެ. ބޮޑު ކާސްޓެއް ފެނިގެންދާ މި ފިލްމަކީ މާމުއި ފުޅިއެއް ހޯދަން ބަޔަކު ކުރާ މަސައްކަތްތަކަކާއި ލޯބީގެ ކަންތައްތަކެއް ފެނިގެންދާ ފިލްމެކެވެ. މި މަހުގެ އެއް ވަނަ ދުވަހު ރިލީޒްކުރި މި ފިލްމުގެ ގިނަ ޝޯތަކެއް މިހާތަނަށް ދައްކާފައިވާއިރު ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

"މާމުއި"ގެ ބައެއް ތަރިންގެ ތެރޭގައި މުހައްމަދު ޖުމައްޔިލް ނިމާލް، މަރިޔަމް އައްޒަ، މަރިޔަމް މަޖުދާ، އިސްމާއިލް ޖުމައިހް، ނުޒުހަތު ޝުއައިބު، ޝީލާ ނަޖީބް، ހަމްދާން ފާރޫގު، އައިޝަތު ޔާދާ، އިބްރާހިމް އަމާން، އަބްދުﷲ ޝަފީއު (ފުބޫ) އަހްމަދު ސުނީ، އާދަމް ރިޒްވީ (ރެކްސް)، މާރިޔާ ތެރޭސާ އަދި އަހްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) ހިމެނެ އެވެ. އޭގެއިތުރުން ހާއްސަ ފެނިލުމެއްގައި އިސްމާއިލް ވަޖީހު ވެސް ފެނިގެންދެ އެވެ.

މިއީ އަލީ ޝިފާއު (ޗިއްޕެ)ގެ ޑައިރެކްޝަނެކެވެ. ކޮމެޑީ މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ އިޝަތު ފުއާދު ތައުފީގާއި އެޗްއާރްސީއެމްގެ ކުރީގެ ނައިބް ރައީސް އަހުމަދު ތޮލާލް އެވެ.

ގޮށްރާޅު

ޑާކްރެއިން އެންޓަޓެއިންމަންޓުން މި އަހަރު ގެނެސްދިން ފުރަތަމަ ފިލްމަކީ މިއީ އެވެ. ސަސްޕެންސް / ތުރިލާ މި ފިލްމަކީ ޒުވާން ޑައިރެކްޓަރު އަހްމަދު ޝިނާންގެ ފުރަތަމަ ސޯލޯ ޑައިރެކްޝަނެވެ. ފިލްމެއް ޕްރޮމޯޓުކުރުމަށް އެކަން ކުރަންޖެހޭ ފެންވަރުގައި އަދި މިހާތަނަށް ޕްރޮމޯޓުކުރި އެއް ފިލްމަކީ މިއީ އެވެ.

މޫމިން ފުއާދުގެ ސްކްރީންޕްލޭ އަކަށް އުފެއްދި ފިލްމުން ފެނިގެން ދިޔައީ މުހައްމަދު ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އައިޝަތު ތަސްނީމާ އައިމިނަތު ރަޝްފާ (އާޝާ)، އަބްދުﷲ އަޒާން، ނުޒުހަތު ޝުއައިބު އަދި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އެވެ.

"ގޮށްރާޅު" އަކީ އަންހެން ކުއްޖަކާ ގުޅުވައިގެން ޒުވާން ދެ ފިރިހެނެއްގެ މެދުގައި ހިނގާ ހަމަނުޖެހުންގަނޑަކަށެވެ. އެތަނުން އެއް ޒުވާނަކީ ސިޔާސީ ލީޑަރެއްގެ ދަރިއެކެވެ. އަދި އެއީ ގޭންގުސްޓާރެއް ކަމުން މިއަދުގެ މުޖުތަމައު ވަރަށް ރަނގަޅަށް ފެނިގެން ގޮސްފައިވެ އެވެ.

ވަކިން ލޯބިން

ޖުމައްޔިލާއި މަޖޫ އެކުގައި ހިމަނައިގެން ޑާކްރެއިނުން ގެނެސްދިން ސީކުއެލްގެ ތިން ވަނަ ފިލްމަކީ މިއީ އެވެ. މަޖޫ އަދި ޖުމައްޔިލާއެކު މި ފިލްމުގެ މުހިންމު ރޯލަކުން ނުޒޫ ވެސް ފެނިގެން ގޮސްފައިވެ އެވެ. މަރިޔަމް ޔާލާ ޝިފާއު، ޢައިޝަތު ޝްއުއާ ޝާނިޒް އަދި ހަސަން މަނިކުގެ އިތުރުން އާދަމް ރިޒްވީ، މާރިއާ ޓެރޭސާ ވެސް މި ފިލްމުން ފެނިގެންދެ އެވެ.

"ވަކިން ލޯބިން" އަކީ އައިޝަތު ފުއާދު ތައުފީގްގެ ސްކްރީންޕްލޭއަކަށް އަލީ (ޗިއްޕެ) ޝިފާއު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ވަކިން ލޯބިން" އަކީ ފެމެލީ ޑްރާމާ އެކެވެ.

މި ފިލްމުގައި ފެނިގެންދަނީ ކުރެވޭ ކުށް ހީއެއްގެ ސަބަބުން ދިރިއުޅުމެއް ހަލާކުވެ އަދި ދެމަފިރިން ވަކިވުމުގެ ސަބަބުން ދަރިންނަށް ކުރާ އަސަރެވެ. ވަރިގިނަ މުޖުތަަމައުއަށް މުހިންމު މެސެޖެއްް މި ފިލްމުން ފޮނުވައިދެ އެވެ.

ވާށޭ މަށާ އެކީ

މި ފިލްމަކީ ޑާކްރެއިނުން ގެނެސްދިން ދެވަނަ ރޮމޭންޓިކް ކޮމެޑީ އެވެ. މަޖޫ އަދި ޖުމައްޔިލް ފެނިގެންދާ މި ފިލްމަކީ ދަރިޔަކަށް ތައްޔާރުނުވެ ހުއްޓާ ދަރިޔަކު ލިބެން އުޅޭކަން އެނގުމުން ދެމަފިރިން ދޭތެރޭ ޖެހޭ މައްސަލަތަކެއް ދައްކުވައިިދޭ ފިލްމެކެވެ.

ޖުމައްޔިލާއި މަޖޫގެ އިތުރުން މުހައްމަދު ފައިސަލް، އަލީ ޝަޒްލީމް، އައިމިނަތު ނޫރާ އަދި ފުބޫ ފެނިގެން ގޮސްފައިވެ އެވެ. މަހުދީ އަހްމަދުގެ ސްކްރީންޕްލޭ އަކަށް މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ޗިއްޕެ އެވެ.

"ވާށޭ މަށާއެކީ" ވަނީ އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގައި ވެސް ގިން އެވޯޑްތަކެއް އުފުލައިލާފަ އެވެ. އޭގެތެރޭގައި އެންމެ މޮޅު ފީޗާ ފިލްމު، އެންމެ މޮޅު އެކްޓަރު، އެންމެ މޮޅު އެކްޓްރެސް އަދި އެންމެ މޮޅު އާޓް ޑިރެކްޝަން ވެސް ހިމެނެ އެވެ.

މީ ލޯތްބަކީ

މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ޖުމައްޔިލް އަދި އައްޒަ އެވެ. ތިނެސްކަން ލޯބީގެ ވާހަކައެއް ފެނިގެންދާ މި ފިލްމުން އިތުރު ފުބޫ، އަމާން، ސަމާހަތު، ފައިސަލް އަދި ސުނީ ވެސް ފެނިގެންދާނެ އެވެ.

ޗިއްޕެ ޑައިރެކްޓްކުރި މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ މޮގާ އަދި އައިޝަތު ފުއާދު ތައުފީގް އެވެ.

"މީ ލޯތްބަކީ" ގެނެސްދީފައިވަނީ 2017 ވަނަ އަހަރު އެވެ. ޑާކްރެއިންގެ މި ފިލްމަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓް

Popular