11 Nov 2019

ރައީސްގެ އިނާމާއެކު ރިޝްމީގެ ހުވަފެން ހަގީގަތަކަށް

ރައީސްގެ އިނާމާއެކު ރިޝްމީގެ ހުވަފެން ހަގީގަތަކަށް

By: Ifraz Ali

ސާކް ފިލްމު ފެސްޓިވަލްގައި އައިޝަތު ރިޝްމީ ހޯދި ކާމިޔާބީގެ އަގުވަޒަންކޮށް، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމް އޭނާ އަށް ލިބިއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރިޝްމީ އަށް މި އިނާމު ލިބުނީ ސާކް ފިލްމު ފެސްޓިވަލްގައި 2017 ވަނަ އަހަރު ރިޝްމީގެ އަމިއްލަ ފިލްމު "ވިޝްކާ" އަޅުވައިގެން އޭނާ އަށް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ލިބިފައި ވާތީ އެވެ.

މި ކާމިޔާބީގެ އުފަލުގައި ރިޝްމީ ކޮށްފައިވާ ސޯޝަލް މީޑިއާ ޕޯސްޓުތަކުގައި ބުނެފައި ވަނީ ރައީސްގެ ފަރާތުން އޭނާގެ މަސައްކަތުގެ އަގުވަޒަންކޮށް އިނާމެއް ލިބޭނެ ދުވަހަކީ ދާއިރާގައި ފުރަތަމަ މަސައްކަތް ކުރަން ފެށި ދުވަހުންސުރެ ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ.

"ސާކްގެ ކާމިޔާބީ އަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ރަން މެޑައްޔާއެކު މިއަދު އެ ހުވަފެން ހަގީގަތަކަށް މިވީ،" ރިޝްމީގެ ޕޯސްޓުގައި ލިޔެފައި އޮތެވެ.

ރިޝްމީގެ އިންސްޓަގްރާމް ޕޯސްޓެއްގެ ސްކްރީންޝޮޓެއް.

މި އިނާމު ރިޝްމީ ހާއްސަކުރީ އޭނާގެ މަންމަ އައިމިނަތު ރަޝީދާ އަދި އޭނާގެ ދޮންތަ އަށެވެ. ރިޝްމީ ބުނީ އެ ދެމީހުންނަކީ އޭނާގެ ދިރިއުޅުމުގައި އެންމެ މުހިންމު ދެ މީހުން ކަމަށެވެ.

"ހީކުރަން މަންމަ އާއި ދޮންތަ އަށް މި ދެވުނު ހަދިޔާ ގަބޫލުކުރާނެ ކަމަށް. ވަރަށް ލޯބިވޭ،" ރިޝްމީ ބުންޏެވެ.

ރިޝްމީގެ ޝުކުރުގެ ލިސްޓުގައި މިއުޒިކް ޕްރޮޑިއުސަރު މުހައްމަދު އިކްރާމާއި ފިލްމީ ތަރި އަހްމަދު އަޒްމީލް ހިމެނެ އެވެ. މި އިނާމު ލިބުމުގައި އެންސީއޭ މެދުވެރިކޮށް، އެ ދެމީހުންގެ ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް ވެސް ރިޝްމީ ބުންޏެވެ.

އެންމެ ހާއްސަ ޝުކުރެއް އަދާކުރީ ރިޝްމީގެ ފިރިމީހާ އަދި ފިލްމީ ތަރި، ރަވީ ފާރޫގަށެވެ. އޭނާގެ އެންމެ ބޮޑު ސަޕޯޓަކީ ރަވީ ކަމަށާއި ތިއީ "ޖަވާހިރެއް ފަދަ ފިރިއެއް" ކަމަށް ރިޝްމީ ބުންޏެވެ.

ސާކުގައި ރިޝްމީ ހޯދި މި ކާމިޔާބީ އަގުވަޒަންކޮށް 2017 ވަނަ އަހަރު ދިވެހި ފިލްމު އެވޯޑްގައި ވެސް ހަނދާނީ ފިލައެއް ދިނެވެ. އަންނަ ހުކުރު ދުވަހު އޮންނަ މިއަހަރުގެ ދިވެހި ފިލްމު އެވޯޑްގައި ރިޝްމީ ހަމަ މި ފިލްމުން އެންމެ މޮޅު އެކްޓްރެސްއަށް އަންނަނީ ވާދަކުރަމުންނެވެ.

ޖުމްހޫރީ ދުވަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދިވެހި ފިލްމް އައިޝަތު ރިޝްމީ

Popular