16 Nov 2019

By: Ifraz Ali

ރޭ ބޭއްވި ފިލްމު އެވޯޑް ހަފުލާގައި ފަންނާނުންގެ ތިން އައިޓަމެއް އޮތެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު އައިޓަމަކަށް ވީ ފިލްމީ ތަރި ޖުމައްޔިލް ނިމާލް އޭނާގެ ބައްޕަ، އެކްޓަރު/ޑައިރެކްޓަރު އަހްމަދު ނިމާލް އަށް ދިން ސަޕްރައިޒް ޓްރިބިއުޓެވެ.

ޖުމައްޔިލްއާއެކު މި އައިޓަމް ހުށަހަޅައިދިނީ އައިމިނަތު ރަޝްފާ (އާޝާ) އެވެ.

މި އައިޓަމްގައި ނިމާލްގެ ފިލްމީ ކެރިއަރު ފެށިގެން އައި ހިސާބުގެ ބައެއް ހަނދާންތައް އާ ކުރި އެވެ. އެންމެ ފުރަތަމަ ފެނުނީ ވަރަށް ކުރިން ޓީވީއެމް އިން ގެނެސްދިން ކޮމެޑީ ޕްރޮގުރާމެއް ކަމަށްވާ "ސަޅި ބައިސާ"، ނިމާލް ހޮސްޓުކޮށްދިން ހަނދާން އާ ކޮށްލުމަށް ޖުމައްޔިލް ހަމަ އެގޮތަށް އެކްޓުކޮށްލި ތަނެވެ.

ރާއްޖޭގެ 9 ވަނަ ފިލްމު އެވޯޑު ހަފުލާގެ ތެރެއިން: ރޭގެ ސްޓޭޖް އައިޓަމެއްގައި އައިމިނަތު ރަޝްފާ (އާޝާ).--- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ނިމާލްގެ އެންމެ މަޝްހޫރުވި ލަވަތަކުގެ ތެރެއިން ނިމާލް އާއި އޭނާގެ އަންހެނުން ފާތިމަތު ރަމީޒާ އެކުގައި ކުޅެފައިވާ ލަވަތައް ކަމަށްވާ "އުއްމީދު" އަދި "މުޅި ޖާން ހިތާ"، މި ދެ ލަވަ ވެސް ޖުމައްޔިލް އާޝާއާއެކު ޕާފޯމްކުރި އެވެ.

"މުޅި ޖާން ހިތާ" އަކީ ނިމާލް އަމިއްލައަށް ލިޔެ، ޑައިރެކްޓުކޮށް ނެރުނު ފިލްމު "ސިޓީ" ގެ ލަވައެކެވެ. ލަވައިގެ ރީތި ކަމާ އެއްވަރަށް މި ލަވަ ހާއްސަ ވަނީ މި ލަވައިގެ އެކި މަންޒަރުތައް ޝޫޓުކޮށްފައި ވަނީ ރާއްޖޭގެ ފަސް އަތޮޅެއްގެ ފަސް ރަށެއްގައި ކަމަށް ވުމުންނެވެ. ހަމައެކަނި އެ މަންޒަރުތައް ނަގަން މަސް ދުވަސް ހޭދަވި އެވެ.

ޖުމައްޔިލް ނިމާލް އޭނާގެ ބައްޕަ އަހްމަދު ނިމާލްއާ އެކު.

"މީގެ ކުރިން ދުވަހަކު ވެސް ސްޓޭޖެއްގައި ޖުމައްޔިލް އެކްޓުކޮށް ނަށާ ތަނެއް ނުދެކެން. އެއީ އެންމެ ބޮޑު ސަޕްރައިޒަކީ،" އެކި ފަހަރު މަތިން ގައުމީ ފިލްމު އެވޯޑް ވެސް ހޯދާފައިވާ ނިމާލް، ޖުމައްޔިލްގެ ޕާފޯމަންސަށް ފަހު ސްޓޭޖަށް އަރައިފައި، ބުނީ މިހެންނެވެ.

ޖުމައްޔިލް ފިލްމީ ދާއިރާއަށް ނިކުތީ ވެސް އޭނާ ބައްޕަ ޑައިރެކްޓުކުރި ފިލްމަކުންނެވެ. އެއީ 2013 ގައި ނިކުތް ފިލްމު "އަނިޔާ" އިންނެވެ. މިދިޔަ އަހަރު ޑާކްރެއިންގެ "ވާށޭ މަށާއެކީ" އިން އޭނާ އަށް ދިވެހި ފިލްމު އެވޯޑްގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވެސް ލިބުނެވެ.

ޑައިރެކްޓަރު އަހުމަދު ނިމާލް ދިވެހި ފިލްމް އެވޯޑްސް

Popular