28 Jan 2020

By: Ifraz Ali

ކުރީގެ ބަތަލާ ނިއުމާ މުހައްމަދުގެ ފިލްމީ ހަޔާތަށް 25 އަހަރު ފުރުން ފާހަގަކުރުމަށް، މިދިޔަ އަހަރު ބޭއްވި ކުލަގަދަ އިވެންޓުގައި، އޭނާގެ ކުރިއަށް ހުރި ގިނަ މަސައްކަތްތަކެއް އިއުލާނުކުރި އެވެ. މިދިޔަ އަހަރު އެޅުވި "ނިވައިރޯޅި" އަށް ފަހު، ނިއުމާ ފިލްމު ކުޅުން ހުއްޓާލި ނަމަވެސް، އަދިވެސް ކެމެރާގެ ފުރަގަހުން އޭނާގެ މަސައްކަތްތައް ފެންނާނެ ކަމަށް ވައުދުވި އެވެ. އޭގެ ފަހުން ގެނެސްދޭނެ ފުރަތަމަ ފިލްމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެއީ ނިއުމާ އާއި އޭނާގެ ދަރިފުޅުގެ ނަމުގައި އުފައްދާފައިވާ ޕްރޮޑަކްޝަން ހައުސް "ނިއުޒޯ ފިލްމްސް" އިން ގެނެސްދޭ "ކަޅަކި" އެވެ.

ފިލްމާއި ގުޅޭ މާ ބޮޑު ތަފްސީލުތަކެއް އަދި ހާމަނުކުރި ނަމަވެސް މިހާރު މި ފިލްމުގެ މަންޒަރުތައް އަންނަނީ ނަގަމުންނެވެ. ހުރިހާ މަންޒަރެއް ނަގަނީ ސްރީލަންކާގަ އެވެ.

ކަޅަކިގެ ކެމެރާ ފުރަގަހުގެ ބައެއް މަންޒަރުތައް.-- ފޮޓޯ: ކަޅަކި ފޭސްބުކް ޕޭޖް
ކަޅަކިގެ ކެމެރާ ފުރަގަހުން: ފިލްމުގައި ލީޑުން ފެންނާނެ އެކްޓަރު އަލީ ސީޒަން.-- ފޮޓޯ: ކަޅަކި ފޭސްބުކް ޕޭޖް
ކަޅަކިގެ ޝޫޓިންގެ ތެރެއިން: ޔޫއްޕެއާ އެކު މި ފިލްމުން ފެންނާނެ އާ އެކްޓްރެސުން.-- ފޮޓޯ: ކަޅަކި ފޭސްބުކް ޕޭޖް
ކަޅަކިގެ ޝޫޓިންގެ ތެރެއިން: ނިއުމާ، ޔޫއްޕެގެ ފޮޓޯއެއް ނަގަނީ.-- ފޮޓޯ: ކަޅަކި ފޭސްބުކް ޕޭޖް

ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓުކުރާ މި ފިލްމުގެ ކާސްޓުގައި ހިމެނެނީ އަލީ ސީޒަނާއި އައިމިނަތު ރިޝްފާ އާއި މުހައްމަދު މަނިކްގެ އިތުރުން އާ އެކްޓަރުންތަކެކެވެ.

ފިލްމު ސިނަމާއަށް ގެންނާނެ ތަރީހެއް ވެސް އަދި އިއުލާނެއް ނުކުރެ އެވެ.

ކަޅަކިގެ ކެމެރާ ފުރަގަހުން؛ ޑައިރެކްޓަރު ޔޫއްޕެ އާއި ކެމެރާމަން ދަބާ.-- ފޮޓޯ: ކަޅަކި ފޭސްބުކް ޕޭޖް
ކަޅަކިގެ ޝޫޓިންގެ ތެރެއިން: އެކްޓްރެސް އަމިނަތު ރިޝްފާއާ އެކު، އެކްޓަރު މުހައްމަދު މަނިކު.-- ފޮޓޯ: ކަޅަކި ފޭސްބުކް ޕޭޖް
ކަޅަކިގެ ކެމެރާ ފުރަގަހުގެ މަންޒަރެއް.-- ފޮޓޯ: ކަޅަކި ފޭސްބުކް ޕޭޖް
ކަޅަކިގެ ކެމެރާ ފުރަގަހުގެ މަންޒަރެއް.-- ފޮޓޯ: ކަޅަކި ފޭސްބުކް ޕޭޖް

"ނިވައިރޯޅި" ޕްރިމިއާކުރި ރޭގައި ނިއުމާ ގެނެސްދޭ އިތުރު ފިލްމެއް ކަމަށްވާ "ގޯނާ" ވެސް އިއުލާނުކުރި އެވެ. ރަވީ ފާރޫގް ޑައިރެކްޓުކުރާނެ މި ފިލްމުގެ ޓީޒާއެއް، ނިއުމާގެ ފިލްމީ ހަޔާތަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި އިވެންޓުގައި ވެސް ދައްކާލި އެވެ. މި ފިލްމުގައި ލީޑު ކުޅެނީ ވެސް ނިއުމާގެ ދަރިފުޅު ޒޯޔާ އެވެ. "ރީލް ޓު ރިއަލް ވިތު ނިއުމާ" ގެ ނަމުގައި އޭނާ އަމިއްލަ ޓޯކް ޝޯއެއް ވެސް އެ ރޭގައި އިއުލާނުކޮށް، އޭގެ ޓީޒާއެއް ވެސް ދައްކާލި އެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ

Popular