21 Jan 2020

By: Ifraz Ali

ދެހާހުގެ ކުރީކޮޅުގައި އެ ސެލެބްރިޓީ ކަޕުލްއަކަށް ދުނިޔޭގެ އެތައް ބަޔަކު ލޯބިކުރި، ހޮލީވުޑްގެ ސްޓާރުން ކަމަށްވާ ބްރެޑް ޕިޓާއި ޖެނިފާ އެނިސްޓަންގެ ޖޯޑު ވަކިވުން އަދިވެސް ގިނަ ބަޔަކަށް ގަބޫލެއް ނުކުރެވެ އެވެ. އިއްޔެ ބޭއްވި ސްކްރީން އެކްޓާސް ގީލްޑް އެވޯޑް (އެސްއޭޖީ) ގައި މި ސްޓާރުން އެކީގައި ފެނުމުން، މީހުން ސޯޝަލް މީޑިއާގައި ކިޔަމުން އަންނަ އެއްޗެއްސަށް ބެލިޔަސް މިކަން ވަރަށް ރަނގަޅަށް ސާފުވެ އެވެ. އަދިވެސް މި ދެ ސްޓާރުން ގުޅިދާނެ ކަމަށް އުއްމީދުކުރާ މީހުން ވަރަށް ގިނަ އެވެ. އެއީ އެ ދެ ތަރިން ތިބީ ވެސް ހުސްހަށި ބަޔަށް ކަމަށް ވާތީ އެވެ.

އެސްއޭޖީ އެވޯޑްސްގެ ތެރެއިން ފުރަތަމަ މި ކަމެއް ފެށުނީ ބްރެޑް ޕިޓަށް އެވޯޑެއް ލިބުނު ތަނާ އެވެ. އެއީ އޭނާ ކުޅުނު، ކުޅަދާނާ ޑައިރެކްޓަރު ކުއެންޓިން ޓެރެންޓީނޯގެ ކޮމެޑީ ޑްރާމާ ފިލްމު "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް" އިން ބެސްޓް ސަޕޯޓިން އެކްޓަރުގެ އެވޯޑެވެ. އެ އެވޯޑާއި ހަވާލުވެ އޭނާ ސްޕީޗް ދެމުންދިޔައިރު، ޓީވީން ދިޔައީ ޖެނިފާގެ މޫނުމަތިން ފެންނަ ކުލަވަރު ވެސް ދައްކަމުންނެވެ. އަދި އެ ސްޕީޗް ނިމުނުތަނާއި ޖެނިފާ ވަރަށް ބާރަށް އަތް ވެސް ޖެހި އެވެ.

ބްރެޑް ޕިޓާއި ޖެނިފާ ދެމީހުން ދިމާވެ، އެކުގައި ވަގުތުކޮޅެއް ހޭދަކުރީ އެސްއޭޖީ އެވޯޑްސްގެ ބެކް ސްޓޭޖުގަ އެވެ. އެއީ ޖެނިފާ އަށް ވެސް އެވޯޑެއް ލިބުނު ފަހުންނެވެ. ޖެނިފާ އަށް ލިބުނީ އޭނާ މިހާރު އުޅޭ އެޕަލްގެ އޮރިޖިނަލް ސްޓެއާ ޑްރާމާ "ދި މޯނިން ޝޯ" އިން ބެސްޓް އެކްޓްރެސްގެ އެވޯޑެވެ. ޖެނިފާ އެ އެވޯޑާއި ހަވާލުވާތަން ބަލަން، ބެކް ސްޓޭޖުގައި ހުރި ޓީީވީއެއްގެ ދޮށުގައި ބްރެޑް ޕިޓް ހުއްޓެވެ.

"އެސްއޭޖީ އެވޯޑްސްގެ ބެކް ސްޓޭޖުގައި ޖެނިފާގެ ކާމިޔާބީ ބަލަން، ބްރެޑް ޕިޓް ހުރިތަން ފޮޓޯ ނަގައި ރައްކާކޮށްލުމުގެ ފުރުސަތު އަހަންނަށް ވެސް ލިބުނު. އޭނާ ހުރީ ވަރަށް ހިނުތުންވެފައި،" އީ އޮންލައިންގެ ރިޕޯޓަރެއް ކަމަށްވާ ޖޭސަން ކެނެޑީގެ ޓުވީޓެއްގައި ލިޔެފައި އޮތެވެ.

View this post on Instagram

A post shared by D A N W A K E F O R D (@danwakeford) on

މި ފޮޓޯތަކަށް ހާއްސަ ސަމާލުކަމެއް ލިބި، އާންމުކޮށް މިހާރު ސޯޝަލް މީޑިއާގައި ކަން ހިނގާހެން މީހުން އަންނަނީ މިއަށް މީމްސް ހަދަމުންނެވެ.

އެ ސީރީޒަކުން ޖެނިފާ އަށް ބޮޑު މަޝްހޫރު ކަމެއް ލިބުނު، "ފްރެންޑްސް" ގެ މަންޒަރުތައް ނަގަން އުޅުނު ދުވަސްވަރު ބްރެޑްއާ ދިމާވެ، އެ ސްޓާރުންގެ މެދުގައި އުފެދުނު ހާއްސަ ލޯބީގެ ގުޅުން ވަރުގަދަވެ، އެ ސިޓްކޮމް ނުނިމެނީސް ދެމީހުން ކައިވެނި ވެސް ކުރި އެވެ. އެއީ 2000 ވަނަ އަހަރު އެވެ. އެ ދެމީހުން ކައިވެނިކޮށްގެން ފަސް އަހަރު އުޅުނެވެ. ކައިވެނީގެ ފަހުން ދެމީހުން އެކީގައި "ފްރެންޑްސް" ގެ އެޕިސޯޑަކުން ވެސް ފެނުނެވެ.

ޖެނިފާއާ ވަކިވުމަށް ފަހު ބްރެޑް ލޯބީގެ ގޮތުން ގުޅުނީ އެންޖެލީނާ ޖޯލީއާ އެވެ. އެ ދެމީހުން 2014-2019 އަށް އުޅުނީ ކައިވެނިކޮށްގެންނެވެ. އެކަމަކު ދަރިންނަށް އަޅާލުމުގައި ބްރެޑް ފަރުވާކުޑަކުރާ ކަމަށް ބުނެ އެންޖެލީނާ ވަނީ ކޯޓުގައި އެދިގެން ބްރެޑް ގާތުން ވަރިވެފަ އެވެ.

ބްރެޑްގެ ފަހުން ޖެނިފާ ގިނަ ދުވަސްތަކެއް ވަންދެން، ފިލްމު ޕްރޮޑިއުސަރެއް އަދި އެކްޓަރެއް ކަމުގައިވާ ޖަސްޓިން ތޫރެކްސްއާ ރައްޓެހިވެގެން އުޅުނެވެ. އެ ދެމީހުން ވަނީ 2015 ވަނަ އަހަރު ކައިވެނި ވެސް ކޮށްފަ އެވެ. އެކަމަކު 2017 ވަނަ އަހަރު އެ ކައިވެނި ވެސް ރުޅުނެވެ.

ހޮލީވުޑް ބްރެޑް ޕިޓް ސެލެބްރިޓީން

Popular