27 Jan 2020

By: Ifraz Ali

މިއީ ފާތިމަތު ނަހުލާގެ މި ލޯބީގެ މެލޮޑްރާމާ ސިލްސިލާ، "ހުވާ" ގަވާއިދުން ބަލާ ބައެއް މީހުން ގާތުގައި އަހާލައިގެން އަހަރެމެން ތައްޔާރުކޮށްލި ލިސްޓެކެވެ. ބައިސްކޯފުން މިދިޔަ އަހަރު ގެނެސްދޭން ފެށި މި ސިލްސިލާގެ ކާމިޔާބު ސީޒަނަކަށް ފަހު، މި މަހު 30 ގައި މީގެ ދެ ވަނަ ސީޒަން ދައްކަން ފަށާނެ އެވެ. އަދި މިފަހަރު ބޮޑު ބަދަލުތަކެއް ވެސް ފެންނާނެ ކަމަށްވެ އެވެ. މިހާރު އާ ސީޒަންގެ ޓްރެއިލާ ވެސް ވަނީ އާންމުކޮށްފަ އެވެ.

"ހުވާ" ސީޒަން 2 ގެ ޓްރެއިލާ.

ހާނިމްގެ މަރަށް އިންސާފު ނުލިބުން

މި ޑްރާމާ ފެށުނީ ވެސް ހާނިމް (ޔޫސުފް ޝަފީއު، ޔޫއްޕެ) މަރާލި ހިސާބުންނެވެ. ހާނިމަކީ ތަނަވަސް އަދި އުފާވެރި އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. ހާނިމްގެ މަރަށް ފަހު، އޭނާގެ ގާތިލު ހޯދާއި، އޭނާއަށް އިންސާފު ހޯދައިދިނުމަށް އާއިލާގެ މެމްބަރުން އުޅޭ އުޅުމުގެ ތެރޭގައި އެކަކު އަނެކަކާއި މައްސަލަތައް ޖެހި، އާއިލާގެ އުފާވެރިކަން ގެއްލިގެންދެ އެވެ. ފުރަތަމަ ސީޒަން ނިމުނީ ހާނިމްގެ މަރަށް އިންސާފު ނުލިބި އެވެ. އެކަމަކު އޭނާގެ މަރުގެ ހުރިހާ ހަގީގަތެއް ފަޅާ އެރި އެވެ.

ޔޫއްޕެގެ ގާތިލު ދޫކޮށްލައިފައި ހުރުން

އާ ސީޒަންގެ ޓްރެއިލާއިން ފެންނަ ގޮތުން ނަމަ، ޔޫއްޕެގެ ގާތިލު މުންތަސިރު (އަބްދުﷲ ޝަފީއު އިބްރާހިމް، ފުބޫ) ހުރީ ދޫވެފަ އެވެ. އެހެންވީމަ މިވީ ގޮތެއް ބަލަން ބެލުންތެރިން މިހާރު ތިބީ ބޭނުންވެފަ އެވެ.

ރަވީގެ ރިޕްލޭސްމަންޓަށް މުއާ

އާ ސީޒަނާއެކު ކުރިން ރަވީ ފާރޫގް މި ޑްރާމާގައި ކުޅުނު އާޒިމްގެ ކެރެކްޓާ ދެން ކުޅޭނީ އަބްދުﷲ މުއާޒް (މުއާ) އެވެ. ބައެއް މީހުނަށް މި ބަދަލު އެންމެ ކަމަކު ނުދެ އެވެ. އެކަމަކު ޑައިރެކްޓަރު ނަހުލާ ވަނީ އެކި އިންޓަވިއުތަކުގައި މުއާ މި ރޯލު ވަރަށް ރަނގަޅަށް ދައްކައިދޭނެ ކަމަށް ބުނެފަ އެވެ.

View this post on Instagram

A post shared by fathimath Nahula (@fnahula) on

"ހުވާ" ގެ ތަރިން ޝޫޓިން ބްރޭކެއްގައި ރޭގަނޑު ކެއުމަށް ޕިކުލްސް ރެސްޓޯރެންޓުގައި.

އައްޒަ އާއި މުއާގެ ޖޯޑް

ފިލްމީ ދާއިރާގެ މިހާރު އެންމެ މަގުބޫލު ޖޯޑް، އައްޒަ އާއި މުއާ ލޯބީގެ ގޮތުން ގުޅުނު ފަހުން، އެ ދެމީހުން އެކީގައި ލޯބީގެ ރޯލަކުން ފެންނާނެ މިއީ ފުރަތަމަ ފަހަރެވެ. ޓްރެއިލާއިން ފެންނަ ގޮތުން ވެސް، ދެމީހުންގެ ވަރަށް ލޯބި އޮންސްކްރީން މަންޒަރުތަކެއް ފެންނާނެ އެވެ.

އެޕިސޯޑްތައް ދިގު

ފުރަތަމަ ސީޒަންގައި އެންމެ ގިނަ ބަޔަކު ކުރި ޝަކުވާ އަކީ އެޕިސޯޑްތައް ކުރުވުމެވެ. އެކަމަކު މިފަހަރު އެޕިސޯޑެއްގެ ދިގުމިން 20 މިނެޓަށް ވަނީ ބަދަލުކޮށްފަ އެވެ.

ފާތިމަތު ނަހުލާ ޓީވީ ސިލްސިލާ

Popular