1 Apr 2020

ކުދިން ނިންދަވާފައި މިރޭ ބަލަންވީ ވިޝްކާ!

ކުދިން ނިންދަވާފައި މިރޭ ބަލަންވީ ވިޝްކާ!

By: Ifraz Ali

"ވިޝްކާ" ގައި ދައްކާ އަނިޔާވެރިކަމާއި ލެޔާއި މާރާމާރީގެ މަންޒަރުތަކާއި އިވޭ އަޑުތަކަކީ ކުޑަކުއްޖަކަށް ނުބައްދަލު އަދި ހިތްބަލި މީހަކަށް އުނދަގޫވެދާނެ މަންޒަރުތަކެކެވެ. ދެ ފަހަރެއްގެ މަތިން ސްކްރީންގައި އަޅުވައި ގިނަ ބައެއް ލޯބި ހޯދި ފަހުން އަދި ދިވެހި ފިލްމު އެވޯޑްސްގެ އެންމެ ޝަރަފުވެރި ކާމިޔާބީއާ އެކު، އަނެއްކާ ވެސް ބަލައިލަން ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ތިއްބާ މިހާރު ބައިސްކޯފުން އެބަ މި ފިލްމު ސްޓްރީމްކުރެވެ އެވެ. އެހެންވީމާ، ލޮކްޑައުންގެ މި ދުވަސްކޮޅު، މިރޭ، ކުދިންނާއި ގޭގައި ތިބި ހިތްބަލި މީހުން އަވަހަށް ނިންދަވާފައި "ވިޝްކާ" ބަލަންވީ އެވެ.

ކަމުދާ ކަންކަމާއި ކަމުނުދާ ބައިވަރު ކަންކަން ފިލްމުގައި އެބަހުއްޓެވެ. އެކަމަކު މިއީ މާ ބޮޑު ފިލްމު ރިވިއުއެއް ނޫނެވެ؛ ފިލްމު ބަލައިލަން ބޭނުންވާ މީހުނަށް، އަހަންނަށް އިހުސާސްވި ގޮތުގެ ދެ ފަރާތް ވަރަށް ކުރުކޮށް، ފޮނިކޮށް ކިޔާލަދެނީ އެވެ.

ވިޝްކާގެ މަންޒަރެއްގައި ރަވީ އާއި ރިޝްމީ.

ކަމުދާ ސަބަބުތައް

- ދިވެހި ފިލްމެއްގައި އޮތް އެންމެ ގަދަ "ފަހު ތަޅާލުންގަނޑު" އޮތީ މި ފިލްމުގަ އެވެ. އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބަލައިލަން ބޭނުންވާނެ މަންޒަރުތަކާއި، ހަނދާނުގައި ހަރުލާނެ ކަހަލަ ބައެއް ޑައިލޮގުތައް ވެސް އެބަހުއްޓެވެ. މުޅިން ފޫހި ފިލްމެކޭ ނުބުނެވޭނެ އެވެ.

- އައިޝަތު ރިޝްމީ އާއި ރަވީ ފާރޫގްގެ އެކްޓިންނަށް ހަމަ އެ ކުރަނީ ހައްގު ތައުރީފެކެވެ. ފިލްމު އެވޯޑްސްގައި ރަވީ އަށް، ބެސްޓް އެކްޓަރުގެ އެވޯޑު ނުދިން ސަބަބެއް އަހަރެންގެ ސިކުޑިއަކަށް ހަމަ އެއް ގޮތަކަށް ވެސް މިހާރު ނުވިސްނެ އެވެ. އެކަމަކު މީގައި އެންމެ "އަންޑަރޭޓެޑް" ކެރެކްޓާ އަކީ އަހްމަދު ސައީދު އެވެ. ފިލްމަށް ހަގީގީ ދިރުމެއް ވެސް ލިބުނީ ސައީދު ތައާރަފުވި ހިސާބުންނެވެ.

ވިޝްކާގެ ޓްރެއިލާ ލޯންޗުކުރުމަށް 2016 ވަނަ އަހަރު ބޭއްވި އިވެންޓުގެ ތެރެއިން.-- މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން

- މިހާ ރީތިކޮށް މަންޒަރުތައް ނަގާފައި އޮތް އެހެން ދިވެހި ފިލްމެއް -- 2019 ގެ ފިލްމެއް ނުހިމަނާ -- އަދި ނުބަލަމެވެ. ސިނެމެޓޯގްރާފަރު ޝާމިން ނާޒިމް އާއި މަދޮޝިޕްގެ މަސައްކަތާ އެކު ރަވީގެ ޑައިރެކްޝަން އެ އޮތީ ހަމަ ވަރަށް ފުރިހަމަ އަށެވެ.

ކަމުނުދާ ސަބަބުތައް

- ދެ ގަޑިއިރާއި 15 މިނެޓުގެ ފިލްމުން، ގަޑިއިރެއްހާއިރު ބޭކާރެވެ. އެވީ ގަޑިއިރުގެ ތެރޭގައި މާ ބޮޑުކަމެއް ނުވެ، ހަމަ އެއް ކަހަލަ މަންޒަރުތަކެއް ތަކުރާރުވީމަ ފޫހިވީ އެވެ. ސަސްޕެންސް ހިފަހައްޓާލަން ދިގުދައްމާލީ ކަމަކަށް ވެސް ވެދާނެ އެވެ.

- ފިލްމުގެ ނިމުން މާ ވަރުގަދަވުމުން، މީގެ ފެށުމާއި މެދުތެރޭގައި މާ ބޮޑުކަމެއް ނުވާތީ، ފިލްމުގެ ކުރީ ބައި މާ ބޮޑަށް ފޫހިކަމަށް ދެއްކި އެވެ. އެކްޓިންނާއި ޑައިރެކްޝަނާއި އަދި އެހެން ވެސް ޕްރޮޑަކްޝަންގެ މަސައްކަތްތަކުގައި މާ ބޮޑު މައްސަލަތަކެއް ނެތެވެ. ބައެއް މައްސަލަ ހުރީ ވާހަކަ އާއި ސްކްރީންޕްލޭގަ އެވެ.

ވިޝްކާގެ ޓްރެއިލާ ލޯންޗުކުރުމަށް 2016 ވަނަ އަހަރު ބޭއްވި އިވެންޓުގެ ތެރެއިން.-- މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން

- އެންމެ ސަޅީ ވެސް އަދި އެންމެ ބޮޑު މައްސަލަ އަކީ ވެސް ހަމަ "ވިޝްކާ" އެވެ. ވަރުގަދަ ކެރެކްޓާއެއް ގޮތުގައި ފެނުނު ވިޝްކާ، ފިލްމުގެ ފަހު ތަޅާލުންގަނޑަށް ފަހު އެހާ ފަސޭހައިން ސަލާމަތްވި ގޮތެއް ރަނގަޅަށް ވިސްނާލައިފި ނަމަ ނުވިސްނޭނެ އެވެ. މި ބުނާ އެއްޗެއް ފިލްމު ބެލީމަ ސާފުވާނެ އެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ ދިވެހި ފިލްމް ރަވީ ފާރޫގު އައިޝަތު ރިޝްމީ

Popular