23 May 2020

ރީކޯ އާއި ނިއުމާ "ކުޑަކުޑަ ބާރު" ދައްކާލީ ކުރު ފިލްމަކުން

ރީކޯ އާއި ނިއުމާ "ކުޑަކުޑަ ބާރު" ދައްކާލީ ކުރު ފިލްމަކުން

By: Ifraz Ali

ކުރީގެ ފިލްމީ ތަރިން ކަމަށްވާ ރީކޯ މޫސާ މަނިކާއި ނިއުމާ މުހައްމަދު އެކީގައި ފެނުނު ބިރުވެރި ފިލްމު "ފަތިސްހަނދުވަރު" އަކީ ވަރަށް ގިނަ މީހުންގެ ހިތުން ހާއްސަ ޖާގައެއް ހޯދި ފިލްމެކެވެ. އަދި އެ ފިލްމުގައި ރީކޯ ކުޅުނު ޖިނާގެ ރޯލާއި ނިއުމާ ކުޅުނު ޒޫނާގެ ރޯލު އަދިވެސް ހަނދާނަކުން ނުފޮހެވުނެވެ. އެކްޓްކުރުމުން ރިޓަޔާވެގެން ތިބި މި ދެ ތަރިން، އަނެއްކާ ވެސް އެކުގައި ފެނުނީ ރޭ ޔޫޓިއުބްގައި ރިލީޒްކުރި " ކޭކޭބީ - ކުޑަކުޑަ ބާރު" ކިޔާ ކުރު ފިލްމަކުންނެވެ.

ހަމަ ޖިނާ އާއި ޒޫނާ ކިޔާ ރޯލަކުންނެވެ. އެކަމަކު ކުރިއާ ތަފާތެވެ.

ކޮރޯނާވައިރަސް އަށް އާންމު ހޭލުންތެރިކުރުމަށް ނެރުނު މި ކުރު ފިލްމަކީ އެކްޓަރު އަހްމަދު އަޒްމީލް (އަޒޭ) ގެ ހާއްސަ އިނީޝިއޭޓީވްއެއްގެ ދަށުން ނެރުނު ފިލްމެކެވެ. ވަރަށް ގިނަ ފިލްމީ ތަރިންނާ އެކު ގެނެސްދިން މި ފިލްމުން ކުރީގެ އެކްޓްރެސް މަރިޔަމް އަފީފާ ވެސް ފެނުނެވެ.

އާއިލާއެއްގެ އެންމެން އުޅެނީ އެ ގޭގެ އެއް މެމްބަރު، ޒޫނާ ގޭގައި ނެތިގެންނެވެ. ގެއިން ނުނިކުންނަން އިދާރާތަކުން އަންގާފައި އޮއްވައި ވެސް ޒޫނާ ދިޔައީ ކޮންތަނަކަށްތޯ ބަލާށެވެ. ޒޫނާ ހޯދަން އުޅުމުގެ ތެރޭގައި ދޭ މެސެޖަކީ ގޭގައި މަޑުކޮށްގެން އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރުމުގެ ކުޑަކުޑަ ބާރެއް އަހަރެމެން އެންމެނަށް ވެސް ލިބިފައިވާ ކަމެވެ. އަދި ފްރޮންޓްލައިންގެ މަސައްކަތްކުރާ މީހުންގެ އަގުވަޒަންކުރި އެވެ.

ކުރު ފިލްމު "ކޭކޭބީ - ކުޑަ ކުޑަ ބާރު".

"ޒޫނާ...،" ފަތިސްހަނދުވަރުގެ އެންމެ މަޝްހޫރުވި މި ޑައިލޮގު ހަމަ ރީކޯ އަޑުން މި ފިލްމުގައި ވެސް ގެނެސްދިނެވެ.

މި ފިލްމުގެ މަންޒަރުތައް ނަގާފައިވާނީ އެ ތަރިންގެ އަމިއްލަ ގޭގައި، އަމިއްލައަށެވެ.

މި ފިލްމުގެ ކާސްޓުގައި ރޯނު ހަސަން މަނިކު، އާރިފާ އިބްރާހިމް، އައިމިނަތު ރަޝީދާ، އަހްމަދު ސައީދު، ރަވީ ފާރޫގް، އައިޝަތު ރިޝްމީ، ފާތިނަތު އަޒީޝާ، އިސްމާއިލް ޖުމައިހު، ފާތިމަތު ޝަރާ އަދި އަޒޭއާ އޭނާގެ ދަރިފުޅު އިސްމާއިލް އަޒީލް އަޒްމީލް ވެސް ހިމެނެ އެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ ލޮކްޑައުން

Popular