16 Sep 2020

"ކިއުޓީސް" ގެ މައްސަލަ ބޮޑުވެ ނެޓްފްލިކްސް ކެންސަލްކުރަނީ

"ކިއުޓީސް" ގެ މައްސަލަ ބޮޑުވެ ނެޓްފްލިކްސް ކެންސަލްކުރަނީ

މި މަހުގެ ނުވަ ވަނަ ދުވަހު ނެޓްފްލިކްސް އިން ދުނިޔެއަށް ޕްރިމިއާކުރި ކަމިން އޮފް އޭޖު ކޮމެޑީ ޑްރާމާ، "ކިއުޓީސް" ގެ މައްސަލަ ބޮޑުވެ ނެޓްފްލިކްސް ކެންސަލްކުރާ މީހުންގެ އަށް ގުނަ މައްޗަށް ޖެހިލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. "ކެންސަލް ނެޓްފްލިކްސް" ފަދަ ހޭޝްޓެގްތައް ޓްވިއާ އާއި މުޅި ސޯޝަލް މީޑިއާގައި ޓްރެންޑްވެ ފިލްމާއި ނެޓްފްލިކްސް އަށް ފާޑުކިޔުން އޮހެމުންދިޔަ ނަމަވެސް "ކިއުޓީސް" ވެފައި ވަނީ އެމީހުންގެ ކޮންޓެންޓަށް ބަލާއިރު މި ދުވަސްވަރު އެންމެ ހިނގާ ފިލްމަށެވެ. އަދި ވަކިން ހާއްސަކޮށް މި ފިލްމުގެ ރޭޓިންސް އުޅެނީ ވަރަށް މަތީގައެވެ.

ސަންޑޭންސް ފިލްމު ފެސްޓިވަލްގައި މި އަހަރުގެ ޖެނުއަރީ މަހު އަދި ފްރާންސްގައި މިދިޔަ އޯގަސްޓް މަހު ޕްރިމިއާ ކުރި "ކިއުޓީސް" ގެ މައްސަލަ ހޫނުވެފައި ވަނީ ޖިންސީގޮތުން ހިތާއި ނަފުސަށް އަސަރުކުރާ ފަދަ ކޮންޓެންޓްތަކެއްގެ ތެރޭގައި ކުޑަކުދިންތަކެއް ބޭނުންކޮށްފައިވާ މައްސަލައިގައެވެ. ފާޑުކިޔާ މީހުން ބުނަނީ ފިލްމުގައި ކުޑަކުދިންތައް ބޭނުންކޮށްފައި ވަނީ އެއްގޮތަކަށް ވެސް އެމީހުންނާ ނުގުޅޭ މަންޒަރާއި ވާހަކަ އާއި ޑައިލޮގުތަކުގައި ކަމަށެވެ.

ކަންމިހެން ވެފައި ވަނިކޮށް ފިލްމުގެ މައްސަލަ އިތުރަށް ހޫނުވެގެން ދިޔައީ ފިލްމު ޕްރޮމޯޓްކުރުމަށް ނެޓްފްލިކްސް އިން އާންމުކުރި ޕޯސްޓަރުގައި އަނެއްކާވެސް އޭގެ ޗައިލްޑް އެކްޓަރުންތައް އެމީހުންނާ ނުގުޅޭ ހެދުމާއި ޕޯޒްތަކެއްގައި ދައްކާލުމުންނެވެ. ފަހުން ނެޓްފްލިކްސް އިން ވަނީ އެ ޕޯސްޓަރު ނަގައިފައެވެ. ނަމަވެސް ފިލްމަށް އަމާޒުވާ ފާޑުކިޔުންތައް ނެޓްފްލިކްސް އާއި ފިލްމުގެ ޑައިރެކްޓަރު މައިމޫނާ ޑޮކޯރީ ވެސް ދިފާއުކުރެއެވެ.

ޑައިރެކްޓަރު ބުނެފައި ވަނީ އޭނާގެ މަގުސަދަކީ ކުޑަކުދިން އެފަދަ ގޮތެއްގައި ޕްރޮމޯޓްކޮށް އެ މައްސަލަ އަށް ހިތްވަރު ދިނުން ނޫން ކަމަށާއި މުޖުތަމައުގައި އޮތް މި މައްސަލަ އަށް މީހުންގެ ސަމާލުކަން ގެނައުން ކަމަށެވެ. ނަމަވެސް އޭނާ ބުނެފައި ވަނީ ސަމާލުކަން ލިބުނުއިރު ސަމާލުކަން މި ލިބުނީ އޭނާ ބޭނުންވި ގޮތަށް ނޫން ކަމަށެވެ.

Popular