16 Sep 2020

ޖޯކާގެ ގޮތުގައި ވަކީން ފީނިކްސް އެނބުރި އަންނަނީ

ޖޯކާގެ ގޮތުގައި ވަކީން ފީނިކްސް އެނބުރި އަންނަނީ

ޓޮޑް ފިލިޕްސް ޑައިރެކްޓްކުރި "ޖޯކާ" ގައި ޑީސީ ކޮމިކްސްގެ ސުޕަވިލަންގެ ރޯލު ކުޅެ އޮސްކާ އެވޯޑް ހާސިލުކުރި ވަކީން ފީނިކްސްއާ އެކު "ޖޯކާ" ގެ އިތުރު ދެ ފިލްމެއް އުފެއްދުމުގެ މަސައްކަތް ވާނާ ބްރޯސް އިން ފަށައިފިކަމުގެ ރިޕޯޓްތައް ތިލަވެއްޖެއެވެ.

ފީނިކްސް ވަނީ "ޖޯކާ" ގެ ރޯލުން ގޯލްޑެން ގްލޯބާއި ބަފްޓާ އެވޯޑްސް ގައި ވެސް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލުކޮށްފައެވެ. މި ކާމިޔާބީ އާއި އަދި ފިލްމަށް ލިބިގެން ދިޔަ ބޮޑު ތަރުހީބާ ގުޅިގެން މި ފިލްމުގެ ސީކުއަލްއެއް ގެންނަން ފޭނުން ގޮވާލި ނަމަވެސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް "ޖޯކާ" އަކީ ސްޓޭންޑްއެލޯން ފިލްމެއްގެ ގޮތުގައި ވާނާ ބްރޯސް އިން ކުރި މަސައްކަތެކެވެ. އަދި އެމީހުންގެ ޖަސްޓިސް ލީގާއި ފިލްމުގެ ދުނިޔެ އަށް މި ޖޯކާ ނުވަންނާނެ ކަމަށް ބުންޏެވެ.

ނަމަވެސް މީގެ ދެ ވަނަ ފިލްމެއް އުފެއްދުމުގެ ޝައުގުވެރިކަން ޑައިރެކްޓަރު ޓޮޑް ފިލިޕްސް ފާޅުކޮށްފައިވާއިރު އެފަދަ މަޝްވަރާތަކެއް ސްޓޫޑިއޯއާ އެކު ކުރިއަށް ގޮސްފައިވާކަން ވެސް އޭނާ ކަށަވަރުކޮށްދީފައިވެއެވެ. ނަމަވެސް ބުނެފައިވަނީ ފިލްމެއް އުފެއްދުމުގެ މަސައްކަތް އަދި ފެށިފައި ނުވާ ކަމަށެވެ.

ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން "ޖޯކާ" ގެ ގޮތުގައި އެނބުރި އަންނަން ވާނާ ބްރޯސް އިން މިހާރު ވަނީ ވަކީން ފީނިކްސް އަށް 50 މިލިއަން ޑޮލަރުގެ ބޮޑު އަގެއް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް މި ރިޕޯޓްތައް އަދި ޔަގީނެއް ނޫނެވެ.

ވަކީން ފީނިކްސް ވެގެން ގޮސްފައި ވަނީ ޑީސީގެ އެންމެ މަޝްހޫރު ސުޕަވިލަން ކަމުގައިވާ ޖޯކާ އޮން ސްކްރީންގައި ތަމްސީލުކޮށްދީގެން އޮސްކާ ހާސިލުކުރި ދެ ވަނަ އެކްޓަރަށެވެ. މީގެ ކުރިން ހީތު ލެޖާ ވެސް ވަނީ އެ ރޯލު ކުޅެގެން އޮސްކާ ހާސިލުކޮށްފައެވެ. ނަމަވެސް "ދަ ޑާކް ނައިޓް" އިން އޭނާ އަށް އޮސްކާ ލިބުމުގެ ކުރިން ލެޖާ ވަނީ އޯވަޑޯޒްވުމުގެ ހާދިސާއެއްގައި މަރުވެފައެވެ.

Popular