21 Sep 2020

By: Ahmed Nadym

"ދަ މެންޑަލޯރިއަން" އަކީ މަޝްހޫރު "ސްޓާ ވޯޒް" ގެ ދުނިޔެއިން ބެލުންތެރިންނާ ހަމަ އަށް އައި ފުރަތަމަ ލައިވް އެކްޝަން ސީރީޒެވެ. "ރިޓާން އޮފް ދަ ޖެޑާއި" ފިލްމުގައި ދައްކުވައިދިން ހާދިސާތަކަށް ފަސް އަހަރު ފަހުން ހިނގާ ކަންތައްތަކެއް ދައްކުވައިދޭ "ދަ މެންޑަލޯރިއަން" އަކީ ޑައިރެކްޓަރު ޖޯން ފެވްރޯ އުފައްދައި، ޑިޒްނީ ޕްލަސް އިން ގެނެސްދޭ ސްޕޭސް ވެސްޓާނެކެވެ. މި ސިލްސިލާގައި ދައްކުވައި ދެނީ ސްޓާ ވޯޒްގެ މެންޑަލޯރިއަން ނަސްލަށް ނިސްބަތްވާ ބައުންޓީ ހަންޓާއެއްގެ އާދަޔާހިލާފު އެޑްވެންޗާތަކެވެ.

ފުރަތަމަ ސީޒަނުގެ ބޮޑު ކާމިޔާބީ އަށް ފަހު ޑިޒްނީން މި ވަނީ "މެންޑަލޯރިއަން" ގެ ސީޒަން ދޭއްގެ ޓްރެއިލާ ދައްކާލައިފައެވެ. ބެލުންތެރިންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަށް އެޕިސޯޑްގެ ސީޒަން އެކެއްގައި ވެސް "މެންޑަލޯރިއަން" ގެ ރޯލު ކުޅުނު ކުޅަދާނަ އެކްޓަރު ޕެޑްރޯ ޕަސްކާލް އޭނާގެ ރޯލަށް އެނބުރި އައުމެވެ. އޭނާގެ އިތުރުން ވެސް ސީޒަން އެކެއްގެ ގިނަ އެހެން ތަރިންތަކެއް މިފަހަރު ވެސް ފެނިގެންދާނެއެވެ.

ސީޒަން ދޭކުން ފެނިގެންދާނެ މަޝްހޫރު އާ މޫނަކީ ރޮސާރިއޯ ޑޯސަން އެވެ. އޭނާ ފެނިގެންދާނީ މީގެ ކުރިން ސްޓާ ވޯޒްގެ ލައިވް އެކްޝަން ދުނިޔެއިން ފެނިގެން ގޮސްފައިނުވާ ރޯލަކުންނެވެ. އެއީ 2008 ވަނަ އަހަރު ނެރުނު ސްޓާ ވޯޒްގެ އެނިމޭޓް ފިލްމު "ދަ ކްލޯން ވޯސް" ގައި ޕްރޮޓޭގަނިސްޓެއްގެ ގޮތުގައި ފެނިގެންދިޔަ އަޝޯކާ ޓާނޯގެ ކެރެކްޓާއެވެ.

ޑިޒްނީ ޕްލަސް އިން "ދަ މެންޑަލޯރިއަން" ސީޒަން 2 ސްޓްރީމިން އަށް ދޫކޮށްލާނީ އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

Popular