24 Jan 2021

ފިލްމު ރިވިއު: ތިރިން މައްޗަށް މާލޭގެ "ފީހާލި"

ފިލްމު ރިވިއު: ތިރިން މައްޗަށް މާލޭގެ "ފީހާލި"

By: Ifraz Ali

މާލޭގެ އިމާރާތެއްގެ ފުރަތަމަ ފުލޯއިން ފެށިގެން، އެންމެ މައްޗާއި ހަމައަށް ދައްކަ އެވެ. އެއް ފުލޯއިން ފެންނަނީ ބެލްކަނީގައި ހުރި ގަސްތަކަށް ފެން ދޭން ހުރި އަންހެނެކެވެ. ޖެހިގެން ދެން އައި ފުލޯގެ ބެލްކަނީގައި އަންހެނަކާއި ފިރިހެނަކު ތިބީ ޒުވާބުކުރާށެވެ. އެއީ ދެމަފިރިން ނުވަތަ ލޯބިވެރިން ކަމަށް ވެސް ވެދާނެ އެވެ. މަރާމާތު ކުރަމުންދިޔަ ފުލޯއެއް ވެސް ދައްކައިފައި، މި މަންޒަރު ގޮސް އެންމެފަހުން ހުއްޓެނީ އެ އިމާރާތުގެ އެންމެ މަތީގައި ހުންނަ ރެސްޓޯރެންޓަކަށެވެ. ކޮފީއަކަށް އަރާ ތިބި ދެ ޒުވާނުންގެ އޮލަ ވާހަކަގަނޑަކަށެވެ.

މި ސިފަކޮށްދިނީ މޫމިން ފުއާދު ލިޔެ، ޑައިރެކްޓުކޮށް ގެނެސްދިން ކުރު ފިލްމު "ފީހާލި" ގެ ފުރަތަމަ މަންޒަރުން ފެނުނު ކަންކަމެވެ. މިއީ ބައިސްކޯފުގެ އޮރިޖިނަލްއެކެވެ.

މި 30 މިނެޓުގެ ކްރައިމް ތުރިލާގައި ދައްކަނީ ބިމަށް ނުކަތާވަރުގެ ބޮޑު އާބާދީއެއް އޮތް ރާއްޖޭގެ ވެރިރަށް، މާލޭގައި އެއް ދުވަސް ތެރޭ ހިނގާ ނުލަފާ ކަންތައްގަނޑެކެވެ. މިއީ ރޯމާއި ދުވާލު މިހާރު ވެސް މާލޭގައި ވަމުންދާ ބައެއް ނުރައްކާތެރި ކަންކަމެވެ. އަދި މި ބަލައި ނިމޭއިރު ހަމަ ރަނގަޅަށް ވެސް މާލެއަކީ މި ކަހަލަ އިޖުތިމާއީ އެތައް މައްސަލަތަކެއް ފުނިޖެހިފައި އޮތް "ފީހާޔެއް" ކަން އިހުސާސްކުރެވެ އެވެ. މި ކަހަލަ ފިލްމަކަށް މޫމިންހާ މޮޅު އިތުރު ޑައިރެކްޓަރެއް މިހާރު ދިވެހި ސިނަމާއަކުން ނުލިބޭނެ އެވެ. އަދި މި ފިލްމު ބަލައިފައި އެންމެ ބޮޑަށް އަޅާކިޔުނީ، 2011 ގައި މޫމިން ގެނެސްދިން ކްރައިމް ޑްރާމާ "ލޫދިފާ" އާ އެވެ. މި ފިލްމުން ލިބުނީ "ލޫދިފާ ކަހަލަ "ވައިބެކެވެ". އެކަމަކު މިއީ އަދި މާ ތަފާތު ވާހަކައެކެވެ.

View this post on Instagram

A post shared by FinalChapterStudio (@finalchapterstudio)

"ފީހާލި" ގެ ޝޫޓިންގެ ތެރެއިން.

މުހިންމު ކާސްޓް

- މުހައްމަދު ޒުހުރީ / ސަމަދު

- ވާޝިއާ މުހައްމަދު / ނަންނަ

- އަނޫފް އަލީ މުސްތޮފާ / ސޮއްޕެ

- އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) / މަސްއޫދު

- އަލީ ފިޒާމް / އަހްމަދު

- އަހްމަދު އިޝާރު / ޑުރައިވާ

- ނަތާޝާ ޖަލީލް / އާޒިމާ

ޕްރޮޑަކްޝަން ކްރެޑިޓްސް

- ވާހަކަ / ޑައިރެކްޝަން: މޫމިން ފުއާދު

- އެޑިޓިން: އަހްމަދު އާސިމް

- ޑިރެކްޓާ އޮފް ފޮޓޯގްރެފީ: ހުސެއިން އަދުނާން (ކުޑަ ޓެޑް)

- އޭރިއަލް ޝޮޓްސް: ވިޝާލް އާމިރް / ހާފިޒް

- ބެކް މިއުޒިކް: އިބްރާހިމް އައްފާން

"ފީހާލި" ގެ މަންޒަރެއް: ސޮއްޕެގެ ރޯލު ކުޅުނު އަނޫފް އަލީ މުސްތޮފާ.-- ފޮޓޯ: ފައިނަލް ޗެޕްޓާ ސްޓޫޑިއޯ

މި ފިލްމު ފެށެނީ ވަރަށް "ގައްޑާވެފައި އުޅޭ" ދެ ޒުވާނަކު ކޮފީ މޭޒެއްގައި ދައްކަމުންދިޔަ ވާހަކަތަކަކުންނެވެ. ސޮއްޕެ (އަނޫފް) އާއި އޭނާގެ އެކުވެރި ސޮރަކު ކޮފީގައި ތިބެގެން ދެއްކީ އޭނާ ކުރިން "ގެންގުޅު މަންޖެއެއް" ގެ ވާހަކަ އެވެ. އެއީ އޭނާގެ ކުރީގެ ބިޓެވެ. ކިޔަނީ ނަންނަ (ވާޝިއާ) އެވެ. ނަންނަ މިހާރު އުޅެނީ އެހެން މީހަކާ އިނދެގެންނެވެ. ނަންނަ އިނދެގެން އުޅެނީ އޭނާއަށް ވުރެ އުމުރުން އެތައް އަހަރެން ދޮށީ، މުސްކުޅި ފިރިހެނަކާ އެވެ. އެމީހުން ދިރިއުޅެނީ އަތޮޅު ތެރޭގަ އެވެ. އެކަމަކު އޭރު އޭނާ ހުރީ ދަތުރުވަރެއްގައި މާލެ އައިހެވެ.

ސޮއްޕެމެން ކޮފީގައި ތިބިއިރު ނަންނަ އޭނާއަށް ގުޅައިގެން ބައްދަލުކޮށްބަލަށޭ ބުނެ އާދޭސްކުރެ އެވެ. އޭނާ އިނދެގެން އުޅޭ މުސްކުޅި މީހާ ކައިރިން ފިލަންވެގެންނެވެ. ސޮއްޕެގެ ރޯލު ކުޅުނު، ޑައިރެކްޓަރު އަލީ މުސްތަފާ (ސެމީ) ގެ ދަރިފުޅު އަނޫފަކީ މި ފިލްމުން ތައާރަފުވި އެކްޓަރެކެވެ. އެކަމަކު މި ރޯލަށް އޭނާ އަކީ މާ އާ އެކްޓަރެކޭ ހީއެއްނުވެ އެވެ. މި ރޯލުގައި އޭނާ ދައްކަންޖެހޭ ގައްޑާކަމާއި ސަޅި ވާހަކަގަނޑު ވަރަށް ރީއްޗަށް އަމުނާލަ އެވެ. އާންމުކޮށް އެހެން އުޅޭ މީހުންގެ ވާހަކަ ހަމަ ހުންނަ ގޮތަށެވެ.

View this post on Instagram

A post shared by Baiskoafu (@baiskoafu)

"ފީހާލި" ގެ ޓްރެއިލާ.

މި ވާހަކަގަނޑުގެ ތެރޭގައި އިނދެފައި ސޮއްޕެ އޭނާ ބޮއެ ނިންމާލި ސިނގިރޭޓުގެ ފިލްޓަރު ބުރި އެއްލައިލަނީ މަގުމައްޗަށްވީ ދިމާލަށެވެ. އެހިސާބުން ފެށެނީ އެހެން ކަމެކެވެ. އެއީ ދެން އަންނަ މަންޒަރު ފައްޓައިދޭން އެއްލާލި ފިލްޓަރު ބުރި އެވެ. މި ފިލްމުގެ ގިނަ މަންޒަރުތައް ހުރީ މިގޮތަށް، އެއް މަންޒަރު އަނެއް މަންޒަރާއި ގުޅިގެންދާނެ ގޮތަށް އަތުރާލައިފަ އެވެ. މި ހުރިހާ މަންޒަރުތަކެއް ގުޅުވާލައި، ފިލްމު ވަށާއި ޖެއްސުމުގައި ފިލްމުގެ އެޑިޓަރު އަހްމަދު އާސިމާއި ސިނެމަޓޯގްރެފާ ހުސެއިންގެ ދައުރު ބޮޑެވެ.

މި ސިނގިރޭޓު ފިލްޓަރު ބުރި ވެއްޓެނީ ޕިކަޕަކަށް އަރުވައިގެން ގެއަކަށް ގެންދިޔަ، މުޅިން އާ ބޮޑު ގޮދަޑިއެއްގެ މައްޗަށެވެ. އެ ގޮދަޑީގައި އަޅާފައި އޮތް ޕްލާސްޓިކް ކަވަރުގައި، އެ ފިލްޓަރު ބުރި ޖެހުނު ތަނުން އަނދަ އެވެ. މިއީ 10،000 ރުފިޔާގެ އަގުހުރި ގޮދަޑިއެއް ކަމަށްވެ އެވެ. މީގެ ވެރިޔާ މަސްއޫދު (ކޮޕީ އިއްސެ) އާއި އޭނާގެ އަންހެނުން އާޒިމާ (ނަތާޝާ) ތިބީ ގޮދަޑި ގެންނާތީ ގޭ ދޮރުމައްޗަށް ނިކުމެ އެވެ. މި ގޮދަޑި ގެއަށް ގެނައުމުގެ ޒިންމާއާ ހަވާލުވެހުރީ، "ލާޗާރުބިޗާރަށް" އުޅޭ އާޒިމާގެ ކޮއްކޮ އަހްމަދު (ފިޒާމް) އެވެ.

"ފީހާލި" ގެ މަންޒަރެއް: މަސްއޫދުގެ ރޯލު ކުޅުނު އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ).-- ފޮޓޯ: ފައިނަލް ޗެޕްޓާ ސްޓޫޑިއޯ

އެ ގޮދަޑީގެ ކަވަރުން ތަންކޮޅެއް އަނދާފައި އޮތްތަން ފެނި މަސްއޫދުގެ ރުޅިގަނޑު ފަޅައިގެންދިޔަ އެވެ. މި ކަހަލަ ރުޅިގަދަ ކެރެކްޓާއެއް ކުޅެލުމަކީ މިހާރު އިއްސެއަށް މާ ބޮޑު ކަމެއް ނޫނެވެ. ޕިކަޕުން އެ ނުބާލަނީސް އަހުމަދާއި ދިމާލަށް އޭނާ ހަޅޭލަވައިގަތެވެ. އެއަށް ވުރެ ބާރަށް ދެން އިވެން ފެށީ، އެ ޕިކަޕުގެ ފަހަތުން ތޮއްޖެހިފައި އޮތް އެހެން ވެހިކަލްތަކުން ބަރުގޮނު އަޅާ އަޑެވެ. އެމީހުންގެ ޒުވާބުގަނޑު ދިގުލައިގެން ގޮސް، ގޮދަޑި ވެސް ނުބޭލުނެވެ. އެންމެފަހުން އަހްމަދު އެ ހިފައިގެން ޕިކަޕުގައި ނައްޓާލި އެވެ. އެކަމަކު އެ ގެންދާނެ އިތުރު ތަނެއް ވެސް އަދި ޑްރައިވަރަށް (އިޝާރު) ދޭނެ ދަތުރުގެ ފައިސާއެއް ވެސް އޭނާ އަތަކު ނެތެވެ.

"ފީހާލި" ގެ މަންޒަރެއް: އާޒިމާގެ ރޯލު ކުޅުނު ނަތާޝާ ޖަލީލް.-- ފޮޓޯ: ފައިނަލް ޗެޕްޓާ ސްޓޫޑިއޯ

އެންމެފަހުން އިތުރު ގޮތެއް ނެތިގެން، އެ ގޮދަޑި ޑްރައިވަރުގެ ބޮލަށް ޖަހައިފައި އަހްމަދު ފިލަނީ އެވެ. އެ ގޮދަޑީގެ މާ ބޮޑު ބޭނުމެއް ޑްރައިވަރަށް ވެސް ނެތުމުން، އޭނާ ކުރާ ކަމަކީ ދަތުރުވަރެއްގައި މާލެ އައިސްހުރި ސަމަދު ކިޔާ މީހަކަށް އެ ވިއްކާލަނީ އެވެ. މި ފިލްމުގެ ވަރުގަދަ ޕްލޮޓު ގުޅިފައި އޮތީ ވެސް މި ގޮދަޑިއާ އެވެ. ފިލްމު ނިމޭއިރު މި ގޮދަޑި ވެސް ވަނީ "ފީހާއްޔަކަށެވެ".

މި ފިލްމުގެ އެންމެ މުހިންމު ރޯލު ކަމަށްވާ ސަމަދުގެ ރޯލުން ކުޅުނީ، މި ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި މުހައްމަދު ޒުހުރީ އެވެ. އޭނާގެ ރޯލާއި މި ގޮދަޑީގެ ވާހަކަ އިތުރަށް ކިޔައިދީފި ނަމަ، މި ފިލްމުގައިވާ ގޮތް މާ ބޮޑަށް ކުރިކަނޑާލެވިދާނެތީ އެ ވާހަކަ ބާއްވާނަމެވެ. އެއީ މި ފިލްމުގެ އެންމެ ވަރުގަދަ ކެރެކްޓާ އެވެ. އެހެން ނަމަވެސް، ފަހު މަންޒަރުގައި ހިނގާ ބައެއް ކަންކަމުގެ ވާހަކަ ނުދައްކާ ދޫކޮށްލެވޭކަށް ވެސް ނެތެވެ.

"ފީހާލި" ގެ މަންޒަރެއް: ޑުރައިވަރުގެ ރޯލު ކުޅުނު އަހްމަދު އިޝާރު.-- ފޮޓޯ: ފައިނަލް ޗެޕްޓާ ސްޓޫޑިއޯ

ސަމަދު ގަތް ގޮދަޑި، އެ ދުވަހު ބޯޓަށް ލެވެން ނެތުމުން އޭނާ އެ ހިފައިގެންދަނީ، މާލޭގައި އޭނާ ހުންނަ ގެސްޓް ހައުސަކަށެވެ. އޭނާގެ އަންހެނުން ވެސް ހުރީ އެ ގެސްޓް ހައުސްގަ އެވެ. މި ގޮދަނޑި ގެންދާ ދުވަހު އެމީހުން އުޅުނު ކޮޓަރީގެ ތެރޭގައި ވަރަށް ނުލަފާ ކަންތައްގަނޑެއް ހިނގަ އެވެ. އެ ހިނގި ކަމެއްވެ ނިމުމުން، އަވަހަށް އެ ތަނުން ދެމަފިރިން ރައްކާވެ އެވެ. އެކަމަކު އެމީހުން ފަހުން ގެންދަނީ ތަފާތު ގޮދަޑިއެކެވެ. އެ ކޮޓަރީގެ އެނދުގައި އަޅާފައި އޮތް ގޮދަނޑި އެވެ. އިބްރާހިމް އައްފާނުގެ ވަރުގަދަ ސަސްޕެންސްފުލް މިއުޒިކާއެކު ގެނެސްދިން ފިލްމުގެ ސަސްޕެންސް ގަދަވެފައި، ކުއްލިއަކަށް ވެއްޓުނީ ވެސް މިހާ ހިސާބުންނެވެ.

ރަބަރު އަޅާ ބަންދުކޮށްފައި އޮތް އާ ގޮދަޑިއެއްގެ ބަދަލުގައި، ރަބަރުގަނޑެއް ނެތް ބާ ގޮދަޑިއެއް ގެސްޓް ހައުސްއަކުން ނެރެގެން ގެންދާއިރު، އެ ގެސްޓް ހައުސްގެ ވެރިންނަށް ނުފެނިދާނެބާ އެވެ؟ އެހެން މި ބުނީ އެ އާ ގޮދަޑި އެތަނަށް ވެއްދިއިރު، ގެސްޓް ހައުސް ހިންގުމާއި ހަވާލުވެހުރި ބިދޭސީ މީހާއަށް ވެސް ފެނިފައި ވާތީ އެވެ. ފަހަރެއްގައި އެ ދެމަފިރިން ނިކުތްއިރު ބިދޭސީ މީހާ އެތަނުގައި ނެތީ ކަމަށް ވެސް ވެދާނެ އެވެ. ނުވަތަ އެމީހާ ނެތް ވަގުތެއް ބަލައިފައި ނިކުތީ އެވެ. މި ފިލްމު ނިމެނީ އެހިސާބުންނެވެ.

"ފީހާލި" ގެ މަންޒަރެއް: ސަމަދުގެ ރޯލު ކުޅުނު މުހައްމަދު ޒުހުރީ.-- ފޮޓޯ: ފައިނަލް ޗެޕްޓާ ސްޓޫޑިއޯ

މި ފިލްމުގެ ފަހު ވަގުތުކޮޅު މި ކަމެއް ހިނގާދިޔަ ނަމަވެސް، މީގެން ބުނެދޭން އުޅުނު ވާހަކަ ވަރަށް ސާފެވެ. މި މާލެ އަކީ ހަމަ "ފީހާއްޔެކެވެ". އަދި މިފަހުން މޫމިން ގެނެސްދޭ ގިނަ ފިލްމުތައް ހުންނަނީ، ބަލައި ނިންމާލައިފައި ބެލުންތެރިޔާ ފިލްމުގެ ނިމުމާއި މެދުގައި ވިސްނާލަންޖެހޭ ކަހަލަ ގޮތަކަށެވެ. އަސްލު އެވެގެންދިޔައީ ކިހިނެއްތޯ އަމިއްލަ ޚިޔާލަށް ވެސް ގެންނަންޖެހޭ ގޮތަށެވެ. މޫމިންގެ "ނިވައިރޯޅި" އާއި "ގޮށްރާޅު" އަކީ ވެސް މި ކަހަލަ ނިމުންތަކެއް ހުރި ފިލްމުތަކެވެ. މިވެސް ބައެއް އުފެއްދުންތެރިންގެ ގެންގުޅޭ މޮޅު އުކުޅެކެވެ.

ފިލްމު ރިވިއު މޫމިން ފުއާދު ދިވެހި ފިލްމް

Popular