24 Jan 2021

By: Ifraz Ali

އަހަރުގެ އެންމެ ޝައުގުވެރި، މާވެލް ސްޓޫޑިއޯސްގެ ސުޕަހީރޯ ސީރީޒް "ވޮންޑަވިޝަން" ފަށައިގެން މިހާތަނަށް ތިން އެޕިސޯޑެއް ގެނެސްދީފި އެވެ. ވަރަށް ކުރު މި އެޕިސޯޑުތަކުގައި ދައްކަނީ މީގެ ކުރިން މާވެލްގެ ފިލްމަކުން ވެސް ނުފެންނަހާ ތަފާތު މަންޒަރުތަކެކެވެ. އަދި މި ސީރީޒްގައި ވާނުވާއެއް މާ ރަނގަޅަށް ސާފެއް ނުވެއޭ ވެސް ބުނެވިދާނެ އެވެ. އެކަމަކު ފޭން ތިއަރީސްތައް ބައިވަރެވެ. އަދި ތިން ވަނަ އެޕިސޯޑާ އެކު މާވެލްގެ އަސްލު ރަހަގަނޑު މިހާރު ފެންނަން ވެސް ފަށައިފި އެވެ. -- މެޓް ޝެކްމަން ޑައިރެކްޓުކުރާ މި ސީރިޒަކީ މާވެލް ސިނަމެޓިކް ޔުނިވާސްގެ ހަތަރު ވަނަ ފިޔަވަހީގެ ފެށުމެވެ.

މި ސީރީޒްގެ ފުރަތަމަ އެޕިސޯޑުތައް އަތުރާލައިފައި ވަނީ އެމެރިކާގެ ސިޓްކޮމް ސީރީޒްތަކުގެ ދިގު ތާރީޚަށް ޚާއްސަކޮށްގެންނެވެ. ފުރަތަމަ އެޕިސޯޑުގައި ދެއްކީ 50ގެ އަހަރުތަކެވެ. ކަޅާއި ހުދުގެ ޒަމާނެވެ. އަދި ދެ ވަނަ އެޕިސޯޑުގައި ދެއްކީ 60ގެ އަހަރުތަކެވެ. ކޮންމެ ދިހަ އަހަރަކުން ނިކުންނަ ވަކި ސިޓްކޮމް ސީރީޒަކަށް އެޕިސޯޑެއް ހާއްސަކުރެ އެވެ. އެންމެފަހުން ގެނެސްދިން އެޕިސޯޑުގައި ދެއްކީ ކުލަ ޓީވީ ތައާރަފުވެގެންދިޔަ 70ގެ އަހަރުތަކެވެ. ކުރިއަށް އޮތް ދެ އެޕިސޯޑުގައި ދައްކާނީ 80ގެ އަހަރުތަކާއި 90ގެ އަހަރުތަކެވެ.

އެއަށްފަހު މި ސީރީޒްގެ އަސްލު ކަންތައްގަނޑު ފެށޭނެ އެވެ. އަންނަ މާޗު މަހު ދައްކާ ނިމޭ މި ސީރީޒްގެ ނުވަ އެޕިސޯޑެއް ގެނެސްދޭނެ އެވެ.

"ވޮންޑާވިޝަން" ގެ ޓްރެއިލާ.

ވޮންޑަވިޝަންގައި މިހާރު ވަމުންދާ ކަންތައްގަނޑު ފެށުނީ "އެންޑްގޭމް" ނިމުނު ހިސާބުންނެވެ. ވޮންޑާ މެގްޒިމްއޮފް (އެލިޒަބެތު އޮލްސެން) އާއި ވިޝަން (ޕޯލް ބެޓަނީ) އަކީ 50ގެ އަހަރުތަކުގައި އަލަށް ކައިވެނިކޮށްގެން، ވެސްޓުވިއު ކިޔާ ސަރަހައްދެއްގައި ދިރިއުޅެން ފަށާ ދެމަފިރިންނެވެ. އެތަނަށް އެ ދެމަފިރިންނަށް ދެވުނީ ކިހިނެއްކަމެއް އެމީހުނަށް ވެސް ނޭނގެ އެވެ. -- އެކަމަކު ފަހު އެޕިސޯޑުގައި ފެންނަ މަންޒަރަކުން ވޮންޑާ ކަމެއް ފޮރުވާހެން ހީވެ އެވެ.-- އާދަޔާ ޚިލާފު ބާރެއް ލިބިފައިވާ މި ދެމަފަރިން އުޅެނީ އެ ބާރުގެ ހަގީގަތް ވެސް އެހެން މީހުނަށް ފޮރުވައިގެންނެވެ. އަދި "އިންފިނިޓީ ވޯ" ގައި ވިޝަން ވަނީ މަރުވެސް ވެފަ އެވެ. އެހެންވެ، ވިޝަން އަނބުރާ އައި ގޮތެއް ވެސް އަދި އެނގެން އޮތީ އެވެ.

ބައެއް ފޭން ތިއަރީސްތައް ބުނާގޮތުގައި ވޮންޑަވިޝަންގައި މި ފެންނަނީ ވިޝަން މަރުވުމުގެ ހިތާމައިން އަރައިނުގަނެވިގެން، ވޮންޑާ އުފައްދައިގެން އުޅޭ އޭނާގެ އަމިއްލަ ޚިޔާލީ ދުނިޔެއެކެވެ. އަދި ވޮންޑާ މި ޚިޔާލީ ދުނިޔެ އުފައްދާފައި ވަނީ އެހެން ސުޕަހީރޯސްތަކާއި ޗެލެންޖުކޮށްފައި ކަމަށް ވެސް ވެ އެވެ. އެހެންވެ، އޭނާއަށް ވިސްނައިދޭން އުޅޭ މީހެއް ނުވަތަ ބާރުކަނޑުވާލަން ކިރިޔާ ވެސް މަސައްކަތް ކުރާ މީހަކަށް އެ ފުރުސަތު ނުދީ ރައްދުގެ ހަމަލާދޭ ކަމަށެވެ. ވޮންޑާގެ އަސްލު ބާރުގަދަކަން މި ސީރީޒުން ފެންނާނެ ކަމަށް ބުނާއިރު އަދިވެސް ވަރަށް ބައިވަރު ގޮތްގޮތަށް ފޭނުން މި ވާހަކަތައް ދައްކަ އެވެ.

ޑިޒްނީ ޕްލަސް އިން ކޮންމެ ހުކުރު ދުވަހަކު "ވޮންޑަވިޝަން" ގެ އާ އެޕިސޯޑެއް ސްޓްރީމިންނަށް ދޫކޮށްލަ އެވެ.

ޑިޒްނީ

Popular