21 Feb 2021

ކޮއްޔަ ހަސަން: ގެއްލުނީ ފިލްމީ ދާއިރާގެ "ބައްޕަ"އެއް

By: Ifraz Ali

ހަސަން އަލިމަނިކު (ކޮއްޔަ) ފިލްމު ކުޅުމުގައި ހޭދަކުރި ތިރީހަކަށް އަހަރު، ގިނަ ފިލްމުތަކުގައި އޭނާ ކުޅެފައި ވަނީ ބައްޕައެއް ރޯލެވެ. އަދި ބައްޕައެއްގެ ދިރިއުޅުން ދައްކައިދޭ، "އެ ބައްޕަ" ކިޔާ ފިލްމެއް އަމިއްލައަށް ޕްރޮޑިއުސް ވެސް ކުރި އެވެ.

ކޮވިޑް ބަލީގައި، އުމުރުން 67 އަހަރުގައި އޭނާ އިއްޔެ މި ދުނިޔެ ދޫކޮށް ދިޔައިރު، ފިލްމީ ގިނަ ފަންނާނުން އޭނާ "ބައްޕަ"އެއްގެ ގޮތުގައި ސިފަކުރާ ސަބަބަކީ މިއީ ކަމަށް ވެސް ވެދާނެ އެވެ. އަދި އެއަށް ވުރެ ބޮޑަށް، ފަންނާނުންނާ އޭނާ ބޭއްވި ގާތް، އެކުވެރި ގުޅުމަކީ ވެސް މިހެން ބުނާ ސަބަބަކަށް ވުން ގާތެވެ.

މޮޅު އެކްޓަރެއްގެ އިތުރުން، ހަސަންމަނިކަކީ ގަލޮޅު ދަނޑުގައި ނިއު ރޭޑިއަންޓްގެ ވަރުގަދަ ސަޕޯޓަރެކެވެ.

ފިލްމީ ހަޔާތް

ފިލްމު ކުޅުމުގެ ކުރިން ހަސަންމަނިކު ގިނަ މީހުންނަށް އެނގުނީ ދިވެހިރާއްޖޭގެ އަޑުން 1989 ވަނަ އަހަރު ގެނެސްދިން "ހަމަ މިހާރު" ކިޔާ ޕްރޮގުރާމަކުންނެވެ. ޖެހިޖެހިގެން ތިން އަހަރު ގެނެސްދިން އެ ޕްރޮގުރާމަކީ ރީތި އަޑުގެ ވެރިޔާ، ނަޖުމާ ހަސަންގެ އުފެއްދުމެކެވެ. އެ ޕްރޮގުރާމްގެ 18 އެޕިސޯޑެއްގައި ހަސަންމަނިކު ބައިވެރިވެފަ އެވެ. މި ޕްރޮގުރާމްގެ މަސައްކަތުގައި އުޅެނިކޮށް އޭނާއަށް ޓީވީ ޕްރޮގްރާމަކުން ވެސް ފުރުސަތު ލިބުނެވެ. އެއީ އަދިވެސް ވަރަށް މަޝްހޫރު ކޮމެޑީ ޝޯއެއް ކަމަށްވާ "ބަޚަބަރު" އިންނެވެ. ފީބޯ އަހްމަދު މަނިކާ އެކު ހޯސްޓުކޮށްދިން މި ޕްރޮގުރާމުވީ އޭނާ ފިލްމީ ދާއިރާއަށް ނިކުތުމުގެ އެންމެ ބޮޑު މެދުވެރިއަށެވެ.

އެންމެ ފުރަތަމަ ހަސަންމަނިކު ކުޅުނީ، ކުރީގެ އެކްޓަރު އިސްމާއިލް ވަޖީހު ޔަތީމު ކުއްޖެއްގެ ރޯލު ކުޅުނު، 1993 ވަނަ އަހަރު ނިކުތް "އިހުސާސް" ކިޔާ ފިލްމެކެވެ. އޭނާ ފެނުނީ އިސްމާއިލް ވަޖީހުގެ ބެލެނިވެރިޔާގެ ރޯލުންނެވެ. މި ފިލްމަށް ފަހު، މަޝްހޫރު ކޮމީޑިއަން ޔޫސުފް ރަފީއު (ޔޫސޭ) އާ އެކު އޭނާގެ ފިލްމު "ވައުދު" އާއި އަދި ޑައިރެކްޓަރު އަމްޖަދު އިބްރާހިމްގެ އަލަތު ފިލްމު "ހުރަސް" ގައި ވެސް ރޯލެއް ކުޅުނެވެ. އޭނާ ފުރަތަމަ ފަހަރަށް ލީޑު ރޯލެއް ކުޅުނީ ހާޖަރާ އަބްދުލް ކަރީމް ޑައިރެކްޓުކުރި "އަޖައިބު" ގަ އެވެ. -- ހަސަންމަނިކުގެ ފިލްމީ ހަޔާތުގައި 24 އަށް ވުރެ ގިނަ ފިލްމާއި 15 އަށް ވުރެ ގިނަ ޓީވީ ޑްރާމާތައް ކުޅެފައިވެ އެވެ.

"އެ ބައްޕަ"

ހަސަންމަނިކު ބައްޕަގެ ރޯލު ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ޚާއްސަ ހޮވުމަކީ އާއިލީ މައްސަލަގަނޑެއް ދައްކާ "އެ ބައްޕަ" އެވެ. މީގެ 10 އަހަރު ކުރިން ގެނެސްދިން ފިލްމަށް މާ ބޮޑު ސަމާލުކަމެއް އޭރުގައި ލިބުނީ ބޮޑު ސްޓާ ކާސްޓެއް އޮތް ފިލްމަކަށް ވުމެވެ. މި ފިލްމު ޑައިރެކްޓު ވެސް ކުރި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ އިތުރުން، ކާސްޓުގައި ހިމެނޭ ތަރިންނަކީ އާމިރާ އިސްމާއިލް، މުހައްމަދު މަނިކު، ޝީލާ ނަޖީބް، ލުފްޝާން ޝާކިބް، ފާތިމަތު ފަރީލާ އަދި މަރިޔަމް ޝަކީލާ އެވެ.

މި ފިލްމުގައި އޭނާ ކުޅުނީ ތިން ކުދިންގެ ބައްޕައެއް ކަމަށްވާ ހަސަނުގެ ރޯލެވެ. އާއިލާގެ ޚަރަދުތައް ބެލެހެއްޓޭނެ އިތުރު ގޮތެއް ނެތުމުން، އަނބިދަރިން ދޫކޮށްލައިފައި އޭނާ ފައިސާ ހޯދަން ދަނީ ބޯޓުދަތުރުކުރާށެވެ. ދުވަސްތަކެއް ފަހުން އޭނާ އެނބުރި އަންނަ އިރު އޮންނަނީ އާއިލާ ރޫޅިފަ އެވެ. އޭނާގެ އަންހެނުން އެހެން މީހަކާ ހިތާވެ، ކުދިންނަށް ވެސް އަޅައެއް ނުލަ އެވެ. އެންމެފަހުން އަންހެނުން ވަރި ކުރެ އެވެ. އަދި އެންމެ ދޮއްޓަށް ތިބި ދެ ފިރިހެން ކުދިންގެ ބެލެނިވެރިކަމާ ހަވާލުވަނީ ހަސަނުގެ ރައްޓެސެކެވެ. އެންމެ ހަގަށް ހުންނަ އަންހެން ކުއްޖާ ބަލަނީ ހަސަނެވެ.

ކުދިން ބޮޑުވެ، އެމީހުން މީހުންނާ އިނުމުން އަނެއްކާވެސް ހުރިހާ ކަމެއް ގޯސްވެ އެވެ. ހަސަނަށް އިހާނެތިކޮށް ހިތާ ވަރަށް ހާލުގައި ޖައްސަ އެވެ.

ވަކިވީ ފިލްމީ ދާއިރާ ކަރުނުން ތެންމާލައިފައި

ހާލު ދެރަވެގެން ހަސަންމަނިކު ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އާއިލާ އިން ބުނި ގޮތުގައި އޭނާ އަކީ ކިޑްނީ އާއި ހިތުގެ މައްސަލައެއް ހުންނަ މީހެކެވެ. ހޮސްޕިޓަލުގައި ބޭއްވީ ވެސް ކިޑްނީގެ ޓެސްޓުތަކެއް ހެދުމަށެވެ. ކޮވިޑަށް ޓެސްޓުކުރީ ހޮސްޕިޓަލުގައި އެޑްމިޓުކުރުމަށް ފަހު އެވެ. ކޮވިޑަށް ޕޮޒިޓީވް ވުމުން ހުޅުމާލެ ކޮވިޑް ފެސިލީޓީއަށް ގެންދިޔަ ފަހުން މާ ބޮޑަށް ހާލު ދެރަވެ، ދަރުމަވަންތަ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށް އިއްޔެ ހަސަންމަނިކު ނިޔާވީ ހިތް ހުއްޓިގެންނެވެ. އޭނާ ނިޔާވިި އިރު، އަންބަކާއި ފަސް ފިރިހެން ކުދިން ތިބެ އެވެ.

ހަސަންމަނިކު ނިޔާވުމާ ގުޅިގެން، "މިހާރު" އަށް ދިން އިންޓަވިއުއެއްގައި ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ކުރީގެ އެކްޓަރު އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވެސް ވިދާޅުވެފައި ވަނީ "ރޮއްވާލައި ކަރުނަ ފާއްދާލައިފި" ކަމަށެވެ. ފިލްމީ އެތައް ފަންނާނުން ވެސް ވަނީ ސޯޝަލް މީޑިއާގައި ހިތާމަފާޅުކޮށްފައިވެ އެވެ.

"ބައްޕައެއް ކަހަލަ ހިތްހެޔޮ މީހެއް އެއީ،" ޔޫއްޕެ ބުނެފައިވެ އެވެ. "ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ އެއް ހުނަރުވެރި އެކްޓަރު ކަމާ ދޭތެރޭ ޝައްކެއް ނެތް،" ރީކޯ މޫސަ ވިދާޅުވި އެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ ދިވެހި ފިލްމް

Popular