24 Feb 2021

އެއްކަލަ ޝޯގެ ޓިކްޓޮކް އައިޑޮލް ލިބުނީ ރައްޔިތުން މަޖިލީހަށް

އެއްކަލަ ޝޯގެ ޓިކްޓޮކް އައިޑޮލް ލިބުނީ ރައްޔިތުން މަޖިލީހަށް

By: Ifraz Ali

މިއީ ބައިސްކޯފުން މިހާރު ގެނެސްދެމުން އަންނަ ޗޮޕާޓުގެ އެނިމޭޓެޑް ޓޯކް ޝޯ "އެއްކަލަ ޝޯ" ގެ އެންމެ މަޖާ އެޕިސޯޑަށް ވެދާނެ އެވެ؛ ފުރަތަމަ ސީޒަންގެ 8 ވަނަ އެޕިސޯޑު ޚާއްސަކޮށްލީ ޓިކްޓޮކަށެވެ. މި އެޕިސޯޑުގައި ބޭއްވީ ޓިކްޓޮކް އައިޑޮލްއެކެވެ. އެއީ ރާއްޖޭގެ އެންމެ މޮޅު ޓިކްޓޮކް ސްޓާރު ހޮވުމަށެވެ. މުބާރާތް ނިމުނުއިރު، ކަންތައްވީ މާ ހެއްވާ ގޮތަކަށެވެ. އައިޑޮލް ކާމިޔާބުކުރީ މިހާރު ޓިކްޓޮކް ވީޑިއޯސް ހަދަމުން އަންނަ ރައްޔިތުންގެ މަޖިލީހެވެ.

"އެއްކަލަ ޝޯ" އަކީ ރާއްޖޭގައި އެ ދުވަސްވަރެއްގައި އެންމެ ޓްރެންޑުވާ ކަންކަމަށް ބަލައިގެން، ހިޔާލީ ކެރެކްޓާސްތަކެއް ހިމަނައިގެން ގެނެސްދޭ ޓޯކް ޝޯއެކެވެ. އަދި މި ޝޯގެ ހޮސްޓަކީ އެއްކަލަ އަބްދުލްގަފޫރެވެ.

އެއްކަލަ ޝޯގެ މަންޒަރެއް.-- ފޮޓޯ: ޗޮޕާޓް

އެންމެފަހުން ގެނެސްދިން "ޓިކްޓޮކް" އެޕިސޯޑުގައި މެހުމާނުންގެ ގޮތުގައި ފެނުނީ ޕްރިޓީ ޕްރިޓީ ރޫމީ އާއި ނިމާޝާ އާއި އަސްމާއްތަ އެވެ. މިއީ ޓިކްޓޮކް އައިޑޮލްގައި ބައިވެރިވި ޓިކްޓޮކުގައި މަޝްހޫރު ސްޓާރުންނެވެ. އައިޑޮލަކަށް ވުމަށް އެމީހުންނަށް ޖެހުނީ އެއްކަލަ އަބްދުލް ގަފޫރުގެ ސުވާލުތަކަށް ޖަވާބު ދޭށެވެ. އަދި ޓިކްޓޮކެއް ކުޅެން ވެސް ޖެއްސުވި އެވެ.

އެއަށް ފަހު އާންމުނަށް ވޯޓުލާން ހުޅުވާލައިގެން ޓިކްޓޮކް އައިޑޮލްއެއް ހޮވީ އެވެ. އެކަމަކު މި މުބާރާތް ކާމިޔާބުކުރީ މުބާރާތުގައި ވާދަ ވެސް ނުކުރާ ރައްޔިތުންގެ މަޖިލީހުންނެވެ.

އެއްކަލަ ޝޯގެ މަންޒަރެއް.-- ފޮޓޯ: ޗޮޕާޓް

މީގެ ކުރިން ގެނެސްދިން "އެއްކަލަ ޝޯ" ގެ ބައެއް އެޕިސޯޑުތަކުގައި މެހުމާނުންގެ ގޮތުގައި ހިޔާލީ ކެރެކްޓާސްތައް ކަމަށްވާ ޖާބިރު، މަސިމޯ، ކައި، އަންނި، ސުނީ އަދި އަދުރޭ ފަދަ މީހުން އައިސްފައިވެ އެވެ. މީގެ ތެރެއިން ކައިގެ އެޕިސޯޑު ވަނީ ބައިސްކޯފުގައި ސްޓްރީމް ކުރަން ފެށިތާ ދުވަސްކޮޅެއް ފަހުން ނަގައިފަ އެވެ. އެކަމަކު މިޑް ސީޒަން ބްރޭކަށް ފަހު އަލުން ޝޯ އަލުން ފެށިއިރު، އެ އެޕިސޯޑު ވަނީ އަލުން ވެސް ބެލޭގޮތް ހަދައިފަ އެވެ.

މި ޝޯގެ ފުރަތަމަ ސީޒަންގައި 12 އެޕިސޯޑެއް ގެނެސްދޭނެ އެވެ.

ޓީވީ ޝޯ

Popular