17 Jun 2021

By: Ahmed Jaishan

ކުރިއަށް އޮތީ މަސައްކަތުގައި ބުރަކޮށް އުޅުމަށް ފަހު، ހަމަޖެހިލަން ލިބޭނެ ދެ ދުވަހެވެ. މި ހަފުތާ ބަންދުގައި ފިލްމު ބަލަން ގަސްތުކުރާ ނަމަ، މި ސަޅި ތިން ފިލްމު ލިސްޓަށް އިތުރުކޮށްލާށެވެ. އެއީ މަޝްހޫރު ތިއޭޓާ މިއުޒިކަލް އަކަށް ބިނާކޮށްފައިވާ މިއުޒިކަލް ޑްރާމާ "އިން ދަ ހައިޓްސް" އާއި ދާދި ފަހުން ނެރުނު ފިލްމުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ސައިންސް ފިކްޝަން ފިލްމަކާއި އަދި ބިރުވެރި ފިލްމެކެވެ.

1. އިން ދަ ހައިޓްސް

"އިން ދަ ހައިޓްސް" އަކީ ސްޓޭޖް މިއުޒިކަލް ތެރޭގައި ހިމެނޭ އެންމެ ވަރުގަދަ އެއް މިއުޒިކަލް އެވެ. އެ މިއުޒިކަލް އެންމެ ފަހުން މި ވަނީ ޑްރާމާ ފިލްމަކަށް ބަދަލުކޮށްލައިފަ އެވެ. މި ފިލްމުގައި ފެންނާނީ ނިއު ޔޯކް ސިޓީގެ އަވަށެއްގެ ތެރެއިން ވޮޝިންޓަން ހައިޓްސް އެވެ. އެ އަވަށުގައި ތަފާތު ނަސްލުގެ އެކި މީހުން އުޅެ އެވެ. އޭގެ ތެރެއިން މި ފިލްމުގައި އަލިއަޅުވާލައިފައި ވަނީ ޑޮމިނިކަން އެމެރިކަން މީހެއް ކަމަށްވާ އުސްނާވީ އަށެވެ.

އުސްނާވީ އަލަށް ބޮޑޭގާއެއް ނުވަތަ ކޮންވީނިއަން ސްޓޯއެއް ހުޅުވައިގެން އުޅޭ ހިސާބުން މި ފިލްމު ފަށަ އެވެ. ދެން ފެންނާނީ އާންމު ވޯކިން ކްލާސް އާއިލާއަކުން ގޭގެ ކުލި ދެއްކުމާއި ކުލީގެ އަގުތައް މަތިވާން ފެށުމުން އުޅެން ދަތިވާ ކަހަލަ މަންޒަރުތަކެކެވެ. އަދި މި މަންޒަރުތަކުގެ ތެރެއިން، މިއުޒިކަށް ހުންނަ ލޯބި އެ ހުރިހާ ކެރެކްޓަރުން ވެސް ދައްކަ އެވެ. މި ފިލްމަކީ ހަމައެކަނި އުސްނާވީގެ ވާހަކައެއް ނޫނެވެ. އުސްނާވީގެ އިތުރުން އޭނާގެ އަވަށްޓެރިންގެ ހާލަތު ވެސް މި ފިލްމުގައި ދައްކަ އެވެ.

މި ފިލްމު އެޗްބީއޯ މެކްސް އިން ސްޓްރީމް ކުރެވޭނެ އެވެ.

2. އިންފިނިޓް

ސައިންސް ފިކްޝަން ފިލްމެއް ބަލައިލަން ބޭނުންވެފައި ތިބި މީހުންނަށް "އިންފިނިޓް" ސަޅި ވާނެ އެވެ. އިންފިނިޓްގެ ކާސްޓް ވަރަށް ވަރުގަދަ އެވެ. ޑިލަން އޯ-ބްރާޔަން އާއި މާކް ވޯލްބާގް އެކީގައި ފެންނަ މި ފިލްމުގައި ތުރިލާގެ ރަހަތައް ވެސް ހުންނާނެ އެވެ. މީގެ ލީޑް ކެރެކްޓާ އެވަން، ދުވަހަކު ވެސް ދަސްނުކުރާ ހުނަރުތަކާއި ދުވަހަކު ވެސް ގޮސްފައިނުވާ ތަންތަނުގެ ހަނދާންތަކެއް ހުރެ އެވެ. އެ ގޮތަށް އެއްވެސް ހައްލެއް އަދި ޖަވާބެއް ނުލިބި އެވަން އުޅެނިކޮށް އޭނާއާ ދިމާވަނީ "އިންފިނިޓްސް" ނަމަކަށް ކިޔާ ސީކްރެޓް ގްރޫޕެކެވެ. އިންފިނިޓްސް އިން މަސައްކަތް ކުރާނީ އެވަން އަށް ލިބޭ ހަނދާންތަކުގެ އަސްލު ހޯދާށެވެ.

މި ފިލްމު މިހާރު ވީޑިއޯ އޮން ޑިމާންޑުން ބެލޭނެ އެވެ.

3. ދަ އެމިއުޒްމެންޓް ޕާކް

"ދަ އެމިއުޒްމެންޓް ޕާކް" އަކީ 1978 ވަނަ އަހަރުގައި ތައްޔާރު ކުރި ފިލްމެކެވެ. ނަމަވެސް އެކި ސަބަބުތަކާ ގުޅިގެން މުޅި ފިލްމު އެއްކޮށް އޮތީ ރިލީޒްކުރުމުގެ ކުރިން ގެއްލިފަ އެވެ. އަދި ފިލްމުގެ ޓޭޕް ފެނިފައި ވަނީ ދާދި ފަހުންނެވެ. އެއަށް ފަހު ބިރުވެރި ފިލްމު ނެރޭ ޕްރޮޑަކްޝަން "ޝަޑާ" އިން ވަނީ ފިލްމު ރިސްޓޯކޮށްފަ އެވެ. އެ ފިލްމުގައި ފެންނާނީ އުމުރުން ދުވަސްވީ މީހަކު "އެމިއުޒްމެންޓް ޕާކް" އަކަށް ގޮސް އުޅުމުގެ ތެރޭގައި ދިމާވާ ކަންތައްތަކަކަށެވެ. އޭގައި އިތުރަށް ފެންނާނީ އެމިއުޒްމެންޓް ޕާކަށް އަހަރުތަކެއް ކުރިން ދިމާވި ހާދިސާތަކެކެވެ.

މި ފިލްމު ވެސް އޮން ޑިމާންޑް ސްޓޯތަކުން ގަނެވޭނެ އެވެ.

ހޮލީވުޑް ފިލްމު

Popular