23 Jul 2021

By: Ahmed Jaishan

އީދު ޗުއްޓީގައި ގިނަ ބަޔަކު ރަށުން ބޭރުގައި އުޅޭ އިރު ފިލްމު ބެލުމަށް ވަގުތެއް ނުވެ ދާނެ އެވެ. އެކަމަކު ގޭގައި ތާށިވެފައި ތިބި އެންމެނަށް ވެސް މި ހަފްތާ ބަންދުގައި ބަލައިލަން ވަރުގަދަ ފިލްމުތަކެއް އެބަހުއްޓެވެ. ލިސްޓުގެ އެންމެ ކުރީގައި މި ހަފްތާގައި ހިމަނާލަންވީ އެޑްވެންޗާ ކޮމެޑީ އަދި އެނިމޭޝަން ފިލްމު "ސްޕޭސް ޖޭމް: އަ ނިއު ލެގަސީ" އެވެ. ވޯނާ ބްރޮސްގެ ގިނަ އެނިމޭޓެޑް ކެރެކްޓާތައް ފެންނަ އެ ފިލްމަކީ މަޖާ ވާނެ ފިލްމެއްކަން ޔަގީނެވެ. އެ ލިސްޓުގައި ދެން ހިމަނާލާނީ ޑްރާމާ ތްރިލާ އެވެ.

ސްޕޭސް ޖޭމް: އަ ނިއު ލެގަސީ

މި ފިލްމަކީ ސްޕޭސް ޖޭމްގެ ނަމުގައި މީގެ ކުރީން ނެރެފައިވާ ފިލްމެއްގެ ރީމޭކް އެވެ. ފިލްމުގައި ލީޑް ރޯލުން ފެންނާނީ އެންބީއޭ ކުޅުންތެރިޔެއް ކަމަށްވާ ލެބްރޯން ޖޭމްސްގެ ހަޔާތެވެ. ޖޭމްސް ބޭނުންވާނީ އޭނާ ފަދައިން އޭނާގެ ދެ ދަރިން ވެސް އޭނާގެ ބާސްކެޓު ބޯޅަ ދުނިޔެއަށް ވަނުމަށެވެ. ނަމަވެސް އޭނާގެ ދަރިފުޅު ޑޭރިއަސް ބޭނުންވަނީ ސޮފްޓްވެއާ ޑިވެލޮޕާއަކަށް ވާށެވެ. ޑޭރިއަސް ކުރާ ކަމެއްގެ ސަބަބުން ލެބްރޯން ތާށިވާނީ އެނިމޭޝަން ދުނިޔެއެއްގަ އެވެ. އެ އެނިމޭޝަން ދުނިޔޭގައި ވޯނާ ބްރޮސްގެ މަޝްހޫރު ބޮޑެތި ގޭމް ކެރެކްޓާސް ފެންނާނެ އެވެ. ޖޭމްސް މަސައްކަތް ކުރާނީ އެނިމޭޝަން ދުނިޔެއިން ނިކުންނާށެވެ.

ސްޕޭސް ޖޭމް މިހާރު އެޗްބީއޯ މެކްސް އާއި ތިއޭޓަރުތަކުން ފެންނާނެ އެވެ.

ޕިގް

ނިކޮލަސް ކޭޖް ލީޑް ރޯލުން ފެންނަ ތްރިލާ ޑްރާމާ ފިލްމު "ޕިގް" އަކީ ނިކޮލަސް ކޭޖްގެ ފެންވަރު އަދިވެސް ހުރިކަން ޔަގީންކޮށްދޭ ފިލްމެކެވެ. ފިލްމުގައި ކޭޖް ކުޅެނީ ރޮބް ނަމަކަށް ކިޔާ ކެރެކްޓަރެއްގެ ރޯލެވެ. ރޮބް އަކީ އަގުބޮޑު އެއްޗެއް ކަމަށްވާ ޓްރަފުލް ހޯދާ މީހެކެވެ. ޓްރަފުލް ހޯދުމުގެ މަސައްކަތް ކުރާނީ އޫރެއް ބޭނުންކޮށްގެނެވެ. ނަމަވެސް ރޮބް އަށް ހުރިހާ ކަމެއް ގޯސްވަނީ އެއް ރެއަކު އޭނާއަށް ހަމަލާ ދިނުމަށްފަހު އޭނާގެ އޫރު އަތުލުމުންނެވެ. ދެން ފިލްމުގައި ފެންނާނީ އެ އޫރު ހޯދަން ވެެގެން ރޮބް އުޅޭ ގޮތުގެ މަންޒަރެވެ.

އެ ފިލްމު ވީޑިއޯ އޮން ޑިމާންޑް ކޮށް ގަނެގެން ބެލޭނެ އެވެ.

ހޮލީވުޑް ފިލްމު

Popular