29 Jul 2021

ލޯބިވެރިންނަށް އެޗޭސިއާގެ "ތީއޭ"

By: Ahmed Jaishan

އަޑުއަހާލަން ފަސޭހަ، ހިތްގައިމު ޅެމާއި މަޑުމައިތިރި ލަވަތަކާ އެކު ގިނަ ދިވެހީންގެ ހިތްތައް، "އެޗޭސިއާ" އިން އަތުލީ ހަމަ ވަގުތުންނެވެ. "ލޮލާ ލޯ" ލަވައިން އެތައް ބައެއްގެ ލޯބި ލިބެން ފެށި ޑުއޯ އެޗޭސިއާގެ އާ ލަވައެއްގެ އިންތިޒާރުގައި ތިއްބާ އެ ނެރުނީ އެ މީހުންގެ އާ ސިންގަލް އެވެ. އަލަށް ނެރުނު ސިންގަލް "ތީއޭ" އަކީ ވެސް ހަމަ އެހާ ފުރިހަމަ އަދި އަޑުއަހާލުން މުހިއްމު ސިންގަލް އެކެވެ.

ހުސެން އިންފިތާހު (ފިއްތި) އާއި އިބްރާހީމް ޔާފިއުގެ ޑުއޯ އެޗޭސިއާގެ އެންމެ މަގުބޫލު ސިންގަލް އާއި ޑުއޯ މިހާ ހިސާބަށް އައި ގޮތާއި އެ ނޫން ވެސް ވާހަކަތައް ވާނީ މީގެކުރީން "ދޯ" އިން ގެނެސްދީފަ އެވެ.

އެޗޭސިއާގެ އާ ސިންގަލް "ތީއޯ" ރިލީޒްކޮށްފައިވަނީ ރޭގަ އެވެ. ލައިވް ސެޝަނެއްގެ ގޮތުގައި ޝޫޓުކޮށްފައިވާ ލަވަ އަކީ އެކޫސްޓިކް ލަވައެކެވެ.

ލަވައާ ގުޅޭގޮތުން ޔާފިއު ބުނީ، "ތީއޭ" އަކީ އެ ޑުއޯ ކޮމްޕޯސްކޮށްފައިވާ އޮރިޖިނަލް ލަވައެއް ކަމަށެވެ. އަދި އެ ލަވައަކީ ލޯބީގެ ލަވައަކަށް ވާއިރު އެއީ "ލޮލާ ލޯ" އަށް ފަހު އެޗޭސިއާ އިން ނެރޭ އެފަދަ ފުރަތަމަ ލަވަ އެވެ.

އެކޫސްޓިކް ވައިބްގެ އެ ލަވައަކީ ކޮންމެ މީހަކައަށް ވެސް އަޑުއަހާލަން ފަސޭހަ ވާނެ ލަވައެއް ކަމާ މެދު ޝައްކެއް ނެތެވެ.

ޔާފިއު ބުނެފައިވަނީ ލަވައިގެ ވީޑިއޯގެ މަސައްކަތް ކޮށްފައިވަނީ ލައިޓްސް އައުޓް ޕްރޮޑަކްޝަނުން ކަމަށެވެ. ލަވައިގެ ބޭސް ގިޓާގައި ޔަންމު ހުރިއިރު ޑްރަމްސްގައި ހުރީ ނަލީފް ކަމަށް ޔާފިއު ބުންޏެވެ.

ތީއޭގައި ދައްކަނީ ލޯބިވާ މީހެއްގެ ވާހަކަ އެވެ. އަދި އެ ލޯތްބާއެކު އެމީހަކަށް ތައުރީފުކޮށް އޭނާގެ ރީތި ކަމުގެ ވާހަކަ އެ ލަވައިގައި ދައްކަ އެވެ. ލޯބީގެ ލަވަ އަޑު އަހާ މީހުންނަށް މި ލަވައަކީ ހަމަ ވަރަށް ފުރިހަމަ "ވައިބް" އެކެވެ.

އެޗޭސިއާގެ އެހެން ލަވަތަކާ އެއްގޮތަށް މި ލަވައަކީ ވެސް އަމިއްލަ ރާގުގެ އޮރިޖިނަލް ލަވަ އެކެވެ. އެ ޑުއޯއަކީ އަބަދުވެސް އޮރިޖިނަލް މިއުޒިކް ހަދައި ރިލީޒްކުރާ ބައެއް ކަމަށް ޔާފިއު ފާހަގަކުރި އެވެ.

ފިއްތި އާއި ޔާފިއު އަމިއްލަ ރާގާއި ޅެމަށް މިއުޒިކް ކުޅެން ފެށީ 2009 ވަނަ އަހަރު އެވެ. އެއަށްފަހު ވަކި ހިސާބަކުން ރިސޯޓުތަކުގައި ލަވަކިޔަން ފެށި ނަމަވެސް ދެމީހުން އޭރު ވެސް އެންމެ ބޮޑަށް ބޭނުންވީ އަމިއްލަ ރާގު އޮރިޖިނަލް ނެރުމަށެވެ. މިހާރު ދެމީހުން އަންނަނީ އެ ހުވަފެނުގައި ކުލަ ޖައްސައި އަމިއްލަ ރާގުގެ ސިންގަލްތައް ނެރެމުންނެވެ.

Popular