3 Oct 2021

މިހާރު އެންމެންނަށް ސްކުއިޑް ގޭމް ވަރެއްނެތް!

By: Ahmed Jaishan

މި ފާއިތުވި ދެ ހަފްތާއެއްގެ ތެރޭގައި ސޯޝަލް މީޑިއާގައި އުޅެފައިވާ ނަމަ ސްކުއިޑް ޝޯ ނަމަކަށް ކިޔާ ޝޯއެއްގެ ވާހަކަ އަޑު ނީވިއެއް ނުހުންނާނެ އެވެ. ނުރައްކާތެރި ގޭމުތަކެއް ކުޅެގެން ފައިސާގެ ބޮޑު އިނާމުތަކެއް ހޯދުމަށް އުޅޭތަން ދައްކާ އެ ޝޯއާ ގުޅޭ ކޮންމެވެސް ވާހަކައެއް ސޯޝަލް މީޑިއާގައި ދައްކަނީ ހުއްޓުމެއް ނެތި އެވެ. ނެޓްފްލިކްސް އިން މިދިޔަ މަހުގެ މެދުތެރޭގައި ނެރުނު ޝޯ މިހާރު ވެފައިވަނީ އެ ޕްލެޓްފޯމުގެ އެންމެ ބޮޑު ޝޯއަށެވެ.

ޓިކްޓޮކް އަޅުވާލިޔަސް ނުވަތަ ފޭސްބުކް އަދި ޓްވިޓާ އަޅުވާލިޔަސް ސްކުއިޑް ގޭމްގެ ވާހަކަ ނުދައްކާ އިރެއް ނާދެ އެވެ. އެއްބަޔަކު މީމްތައް ހަދަނީ އެވެ. އަނެއް ބަޔަކު ޝޯގެ މޮޅު ވާހަކަތައް ދައްކަނީ އެވެ.

ދެކުނު ކޮރެއާގެ މި ޝޯ އެޅުވުމާ އެކު އެ ގައުމުގައި ޝޯ ވެގެން ދިޔައީ އެންމެ ބޮޑު ހިޓަށެވެ. މިހާރު ނެޓްފްލިކްސް އިން ބުނާގޮތުގައި މިއީ މުޅި ނެޓްފްލިކްސްގެ ވެސް އެންމެ ބޮޑު ހިޓަށް ވެދާނެ އެވެ.

މި ޝޯ މިހާވަރަށް ވައިގައި ހިފީ ކީއްވެ؟

ސްކުއިޑް ގޭމް އަކީ މަތިން ބަލާނަމަ ގޭމް ކުޅެގެން ފައިސާ ހޯދޭ ގޮތް ދައްކާ ޝޯ އެކެވެ. ނަމަވެސް މި ޝޯގެ ކެރެކްޓާއިންނާއި ޕްލޮޓު ރާވާފައިވާ ގޮތުން ދުނިޔޭގެ އާބާދީގެ ބޮޑު ބައެއް ކަމަށްވާ "ވޯކިން ކްލާސް" އަށް ޝޯގެ ހާލަތާ ރިލޭޓް ކުރެވޭނެ އެވެ. އެއީ ޝޯގެ އެންމެ މުހިއްމު ޕޮއިންޓެވެ.

މި ގޭމަކީ ކޮންމެ މީހަކަށް ބައިވެރިވެވޭ ގޭމެއް ވެސް ނޫނެވެ. މި ގޭމް ރާވާ މީހުން ޕްރިލިމިނެރީ ގޭމެއް އާންމުންގެ ތެރެއިން މީހުންނާ އެކު ކުޅެ އެވެ. އަދި ގޭމް ރާވާ މީހުން އެ ގޭމަށް މީހުން ހޯދަނީ ފައިސާއަށް ބޭނުންވެފައިވާ މީހުންނެވެ. އޭގެތެރޭގައި ބޮޑެތި ދަރަނިތައް ދައްކަންޖެހޭ މީހުންނާއި މައިގްރެންޓް މީހުން ހިމެނެ އެވެ. މިއީ އާންމުކޮށް ކޮންމެ މުޖުތަމައެއްގައި ވެސް އެންމެ ދަތިކޮށް އުޅެންޖެހޭ މީހުންނެވެ.

މި ޝޯއިން ފެންނާނީ އެ ފައިސާއަށް ކޮންމެހެން ބޭނުންވެފައި ތިބި މީހުން އެ ހޯދަން ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރަށް ތިބި ތަނެވެ. ގޭމްގެ ތެރެއިން މަރުވާން ޖެހުނަސް ބައެއް މީހުންނަށް އެންމެ ރަނގަޅެވެ. ސަބަބަކީ ގޭމުން ބޭރުގައި އާންމު ދިރިއުޅުމުގެ ހާލަތު އެހާ ގޯސް ވީމަ އެވެ.

މި ޕްލޮޓަކީ ކޮރެއާގެ ޒުވާނުންގެ މެދުގައި ހާއްސަކޮށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޕްލޮޓެކެވެ. ސަބަބަކީ ދެކުނު ކޮރެއާގެ ގޭގެ ކުއްޔާއި ދިރިއުޅުމުގެ އަގުބޮޑުވާން ފެށުމާ ގުޅިގެން ގޮތް ހުސްވަމުން އަންނަ ޒުވާނުން އިތުރުވާތީ މިއީ މީހުންނަށް ރިލޭޓް ކުރެވޭނެ ޕްލޮޓަކަށް ވާތީ އެވެ. ޝޯ އެހާ ބޮޑަށް ވައިގައި ހިފީ މި ސަބަބާ ގުޅިގެން ކަމަށް ވެދާނެ އެވެ.

ސްކުއިޑް ގޭމްގައި ވަނީ ކިހިނެއް؟

މި ޝޯގައި ފެންނާނީ ގި ހޫން ނަމަކަށް ކިޔާ ފިރިހެނެއް އޭނާގެ މަންމަ އާއެކު ދިރިއުޅެމުން ދާ މަންޒަރެވެ. އަދި ވަޒީފާއެއް ނެތި ފައިސާއެއް ހޯދާނެ ގޮތެއް ނެތިގެން އުޅޭތީ އޭނާގެ އަންހެނުން ވެސް އޭނާގެ ދަރިފުޅު ގޮވައިގެން ވަނީ ގޮސްފަ އެވެ. މި ނޫން އިތުރު ގޮތެއް ނެތިގެން އުޅެނިކޮށް ރޭލު ސްޓޭޝަނުން ދިމާވާ މީހަކު ގެމަށް ދައުވަތު ދެ އެވެ. އެންމެ ފަހުން އިތުރު ގޮތެއް ނެތިގެން ގޭމުގައި ބައިވެރިވެ އެވެ.

ގޭމްތައް ކުރިއަށްދަނީ ހާއްސަކޮށް އެކަމަށް ހަދާފައިވާ ތަނެއްގަ އެވެ. ގޭމް ކުޅެން ގެންދަނީ ބައިވެރިން ހޭނައްތައިގެންނެވެ. މި މުޅި ގޭމުތައް ރާވާފައިވަނީ ކޮރެއާގެ ކުޑަކުދިން ކުޅެ އުޅޭ ގޭމްތަކަށެވެ. ނަމަވެސް ޓްވިސްޓަކީ ގޭމުން ބަލިވާ މީހަކު ނުވަތަ ގަވާއިދާ ހިލާފުވާ މީހުން މަރާލުމެވެ.

މުޅި މުބާރާތުގެ ފުރަތަމަ ގޭމު ނިމުމުން ގޭމު މޮޅުވާ މީހަކަށް ލިބޭ ފައިސާގެ މިންވަރު އެނގެ އެވެ. އެއީ ގާތްގަނޑަކަށް 38 މިލިއަން އެމެރިކަން ޑޮލަރެވެ. ގޭމްގެ ތެރެއިން ގި ހޫން އަށް އެކުވެރިން ވެސް ލިބެ އެވެ. އެ އެކުވެރިންނާ އެކު ގޭމްގެ ނިމުމަށް މަސައްކަތް ކުރާ ތަން ސްކުއިޑް ގޭމުން ދައްކަ އެވެ.

ސައުތު ކޮރެއާ ޓީވީ ޝޯ

Popular