23 May 2019

މިލިއަން ޑޮލަރުގެ ބްރޭންޑަކަށް އަހަރެން ބަދަލުވި ގޮތް

By: Ahmed Nadym

އަބްދުލް މަޖީދު އައީ އާދައިގެ އާއިލާއަކުންނެވެ. އެކަމަކު އޭނާ ދެކެމުން އައީ އާދައިގެ ހުވަފެންތަކެއް ނޫނެވެ. ކޮންމެ ދުވަހަކު އޭނާއާ އެކު ސްކޫލަށް ކިޔަވަން ދިޔަ، ތަނަވަސް އާއިލާތަކުގެ ކުދިން އުޅުނު ގޮތާއި ގެންގުޅުނު ތަކެއްޗާއި ކޮށް އުޅުނު ކަންކަން ފެނުމުން އަބްދުލް މަޖީދުގެ ހިތަށް އެރީ އޭނާ ވެސް ވަކި ވަރަކަށް، ވަކި އަމާޒަކަށް މަސައްކަތްކޮށްފި ނަމަ އެ ކުދިންނެކޭ އެއް ފެންވަރެއްގައި އުޅެލެވިދާނެ ކަމަށެވެ. އެ ތަނަވަސްކަން ހޯދަން ވަކި މީހެއް ގާތަށް ގޮސް އާދޭސްކުރުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. އޭނާ ބޭނުންވީ ވަގުތުން، ހުރި ތަނަކުން، އެ ހުރި ހިސާބަކުން އަމިއްލަ އަށް އެ މަސައްކަތް ފަށައިގަންނާށެވެ.

"ކުޑައިރު ވެސް އަޅުގަނޑުގެ ހިޔާލަކީ އަޅުގަނޑު ވާނީ އަޅުގަނޑުގެ އަމިއްލަ ބޮސްއަށޭ. މިއަދު އަޅުގަނޑަކީ އަޅުގަނޑުގެ އަމިއްލަ ބޮސް،" މިހެން ބުނެފައި މަޖީދު އޭނާގެ ގޮނޑީގައި ހަމަޖެހިލި އެވެ.

އެކަމަކު އޭނާގެ އެ އޮފީސް ކިތަންމެ ބޮޑުވެފައި، އެ ގޮނޑި މިއަދު ކިތަންމެ މަތީ މަގާމަކަށްވިޔަސް، ބައިސަން މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރުގެ ކިބައިގައި އެއްވެސް ބޮޑާކަމެއް، ކިބުރުވެރިކަމެއް ނުވަތަ މަތީ މަގާމެއްގެ އަބުއި ކަމެއް ނެތެވެ. އުމުރުން 54 އަހަރުވެފައި ވިޔަސް އޭނާގެ މަސައްކަތުގެ ޝައުގުވެރިކަމާއި ވާހަކަ ކިޔައިދިނުމުގެ ހުނަރުވެރިކަން ހީވަނީ ނޫކަށިފުރައިގެ ހިތްވަރެއް ހެންނެވެ.

"އަހަރެން އަހަރެންނަށް ވީ ގޮތް" ކިޔައިދޭން އެދުމުން އޭނާ ފަށައިގަތީ އެންމެ ކުޑައިރުގެ ހަނދާންތަކާއި ޝައުގުވެރިކަމާއި ބޮޑެތި ހުވަފެންތަކުގެ ވާހަކަތަކުން މިހެންނެވެ.

"ލަގްޒަރީ ލައިފް ބޭނުންވޭ އެހެން ހުރިހާ އިންސާނުން ފަދައިން އަޅުގަނޑު ވެސް. އަމިއްލަވަންތަކަން އަޅުގަނޑު އަބަދުވެސް ބޭނުންވޭ. އަމިއްލަ މީހެއްގެ ގޮތުގައި އަމިއްލަ ފައި މައްޗަށް ތެދުވެ ކުރިއަށް ދާން އަޅުގަނޑު އަބަދުވެސް ބޭނުންވޭ. އަޅުގަނޑު އަމިއްލަ އަށް އަޅުގަނޑުގެ އަނބިދަރިން ބަލަން ބޭނުންވޭ،" މިހެން ކިޔައިދެމުން ގޮސް ލިސްޓަކަށް އޭނާ އަމުނަން ފެށީ ވަރަށް ވެސް ބޮޑެތި ވާހަކަތަކެވެ.

"އަޅުގަނޑު އަމިއްލަ އަށް އަޅުގަނޑުގެ ގެ ހަދަން ބޭނުންވޭ. އަމިއްލަ އަށް ކާރު ގަނެގެން ކާރު ދުއްވަން ބޭނުންވޭ. ކޮންމެ ކަމެއް ވެސް ކުރަން ބޭނުންވީ އަމިއްލަ މަސައްކަތުން ދާ އޮހޮރުވައިގެން"

"އެއީ މި ހުރިހާ ކަމެއް ލައިފުގައި ހާސިލުކުރަން އަޅުގަނޑަށް ލިބުނު ޑްރައިވަކީ."

ސްކޫލްގެ ކިޔެވުން ނިންމި ގޮތަށް ބޮންޑު އުސޫލުގެ ދަށުން ގޮސް މަޖީދު ގުޅުނީ ސިފައިގޭގެ ވަޒީފާއާއެވެ. އެކަމަކު އެއީ ހިތާ ދެކޮޅަށް އޭނާ ކުރިކަމެކެވެ. މަޖުބޫރުވެގެން އިތުރު އެހެން ގޮތެއް އޭރު ނެތިގެންނެވެ.

"އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ އަމިއްލަ ވިޔަފާރި އެމްޕަޔާއެއް ބިލްޑްކުރަން. އަޅުގަނޑު ގަބޫލުކުރާ ގޮތް އެއީ. މީހެއް ބައެއްގެ ކައިރިއަށް ގޮސް މަސައްކަތެއްކުރާ ހިތެއް އަޅުގަނޑު އެއްވެސް އިރަކު ނުވޭ. އަޅުގަނޑު ގަސްދެއް ވެސް ނުކުރަން އެގޮތަށް އާމްދަނީ ހޯދާކަށް،" މަޖީދު ބުނެލިއެވެ.

ބޮންޑު ހަމަވުމާއެކު ސިފައިންގެ ވަޒީފާ އަށް ޓާޓާކިޔާލާފައި ނުކުމެ ވަގުތުން އޭނާ ފެށީ އަމިއްލަ ދެ ފައި މައްޗަށް ތެދުވެ ހިންދެމިލެވޭވަރުގެ ވިޔަފާރިއެއް ދިރުވުމުގެ މަސައްކަތެވެ. އެ ފިޔަވަޅާއެކު އޭނާގެ ފުރަތަމަ ހުވަފެން ހަގީގަތަކަށް ހެދީއެވެ. އޭގެ ފަހުން އޭނާ ދުވަހަކުވެސް އެހެން ބައެއްގެ ގާތުގައި، އެހެން ބަޔަކަށް މަސައްކަތެއް ނުކުރެއެވެ. އަބަދުވެސް ކުރީ އަމިއްލަ މަސައްކަތާއި ވިޔަފާރިއެވެ. ކަންމަތީ ފިހާރައެއް ހުޅުވައިގެން ތަރުކާރީވިއްކުން ކަމުގައިވިޔަސްމެއެވެ.

"ބޭނުންވާ ކަމެއް ހާސިލުކުރުމަށް ބިރު ކަނޑާލާފައި ފުރަތަމަ ފިޔަވަޅު އަޅަން ޖެހޭނެ. އޭގެ ފަހުން ދެވޭ ނުދެވޭ ތަނެއް ބަލާނެ ކަމެއް ފުރަތަމަ. ރަނގަޅަށް މަސައްކަތްކުރެވިއްޖެ ނަމަ ދެވޭނީ ރަނގަޅު ހިސާބަކަށް،" މަޖީދުގެ ހަޔާތުން ނަގައި އިބުރަތްތެރި ވާހަކަތައް ނިއުޅުވަމުން އޭނާގެ ވާހަކަތައް ގެންދިޔައީ ކުރިއަށެވެ.

"އެ ސިޑިބަރި އަށް އަރަންވީ ފުރަތަމަ. އެ ސިޑިބަރި ގޮސް ނިމެނީ ކިހާ ހިސާބަކަށްތޯ ބަލާނެ ކަމެއް ނެތް ފުރަތަމަ."

ފުރަތަމަ ވިޔަފާރި އަކަށް އޭނާ ކުރި ކަމަކީ އިންޑިއާ އިން ކާޑާއި ތަރުކާރީ ފަދަ ބާވަތްތައް ގެނެސްގެން ކުޑަކުޑަ ފިހާރަގަނޑެއް ހުޅުވައިގެން ވިއްކަން ފެށީއެވެ.

"އެކަމަކު އަހަރެން ދިޔައީ ހޭދަކުރަމުން ލިބެމުން ދިޔަ ފައިސާތައް ގުނަކޮށް އިތުރު ވެސް ކުރަމުން އޭރު،" މަޖީދު ބުނެލިއެވެ.

މިގޮތަށް އާދައިގެ ވިޔަފާރިއެއްގެ ތެރޭގައި އާދައިގެ ވިޔަފާރިވެރިޔަކަށް ބަދަލުވަމުން ދަނިކޮށް އޭނާ ހަމަބިމަށް ތިރިކޮށް ވިޔަފާރިވެރިއެއްގެ ލޮލާއި ބޮލާއި ސިކުނޑި އާއި ހިތުން ވިސްނަން މަޖުބޫރުކުރުވީ ވިއްސަކަށް އަހަރުގައި އޭނާ ގޮސް ނެގި ވަރަށް ބޮޑު ރިސްކެކެވެ. – އޭނާ ހަވާލުވީ އަރިއަތޮޅުގައި އޮތް ރިސޯޓެއް ތަރައްގީކުރުމުގެ ބުރަ އަދި ބިޔަ މަޝްރޫއާއެވެ. އެއީ 80ގެ ފަހުކޮޅެވެ. ރިސޯޓެއް ތަރައްގީކުރުމަކީ ކޮބައިކަމެއް އޭރަކު އޭނާއަކަށް ރަނގަޅަކަށް ނުވެސް އެނގެއެވެ. އަނެއްކޮޅުން ރިސޯޓުތައް އޭރު ތަރައްގީކުރަމުން ދިޔަ ބޮޑެތި ކުންފުނިތަކުން އަތްނުލައި އޮތް ރިސޯޓެއް ވާނީ ކިހާ ވަރެއްގެ ބޮޑު ރިސްކަކަށް ކަމެއް ވެސް އޭރު ހިތަކަށް ނާރައެވެ. ނުވަތަ އޭގައި ހުރި ވަރު އެނގުނަސް މަޖީދު ގޮސް އެ ޗެލެންޖު ކޮނޑަށްލާން ބޭނުންވީއެވެ.

"އަޅުގަނޑު ހިތަކަށް ނާރާ ދުވަހަކުވެސް ނުވާނެއެކޭ. ކީއްވެގެން ހެއްޔޭ ނުވާނީ. އެގޮތަށް ކިޔާފައި އަރިއަތޮޅުގެ ރިސޯޓު ވެސް 80ގެ ފަހުކޮޅު އަހަރެމެން ނެގީ. އޭރަކު ބޮޑު ކުންފުންޏެއް އެ ހާލުގައި އެ ހިސާބުގައި އޮތް ރިސޯޓަކާ ހަވާލެއް ވެސް ނުވާނެ. އެކަމަކު ވެސް އަޅުގަނޑު ހިތަށް އެރީ ކީއްވެ ހެއްޔޭ ޓްރައި އެއް ނުދޭންވީ،" އޭރުގެ ހަނދާންތައް ކުލަކޮށް ފެލައިލަމުން މަޖީދު ކުރިއަށް ގެންދިޔައެވެ.

"ދެން އެ މަސައްކަތް ފަށައިގެން ކަނޑުގައި އެބަހުރި ބެހިގެން ގޮސްފަ ވެސް. ފޯނެއް ސެޓެއް ނުހުރޭ އޭރަކު. ކަނޑުގަދަވެގެން ވައިގަދަވެގެން އެބަހުރި ބެހިގެން ގޮސް އެހެން ރަށްތަކަށް ދެވިފައި އަހަރެމެންނަށް."

އަރިއަތޮޅުގައި އޮތް އެ ރިސޯޓު ތަރައްގީކުރުމަށް އޭނާ ފެށި ދަތުރު ވެގެންދިޔައީ އޭނާގެ ހަޔާތުގެ އެންމެ މުހިންމު އަދި އެންމެ ބޮޑު ދަތުރަށެވެ. ސަބަބަކީ އެ ދުވަހު އެކަނި މާ އެކަނި ފުރައިގެން ގޮސް އެ ރިސޯޓުގައި ހަދާނެ ގޮތެއް ހުސްވެފައި ހުއްޓަސް މިއަދު މަޖީދު އެ ވަނީ ރިސޯޓްތައް ތަރައްގީކުރުމަށް އެފަދަ ދެ ވަނައެއް ނެތް ވަރުގެ ކުންފުންޏަކާއި ބްރޭންޑެއް ގެނެސްފައެވެ.

އެ ދުވަހު އެ ރިސޯޓު ހަދަން އުޅެގެން އެކަން ނުވެ އޭނާ އެ ރަށް ވިއްކާލީއެވެ.

"މިހާރު އަޅުގަނޑަށް ދެންނެވިދާނެ ރިސޯޓް ކޮންސްޓްރަކްޝަންގައި ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުންޏޭ މިއީ،" ނިކަން އިތުބާރާއި ޔަގީންކަމާ އެކު މަޖީދު ބުނެލިއެވެ. "އެ ފަހަރު އެ ރަށަށް ގޮސް އެކަނި މާ އެކަނި އަޅުގަނޑު އެ ރަށުގައި ވެސް ހުރިން. ހިސާބަކަށް އަޅުގަނޑުމެން އެ ރިސޯޓުގައި މަސައްކަތްކުރިން. ބޭރުބަޔަކު ލިބިގެން ރަށް ހެދުމުގެ މަސައްކަތުގައި އަމަލީ ގޮތުން ހުރީ ވެސް އަޅުގަނޑު. އޭރު އަޅުގަނޑަށް ވާނީ އުމުރުން 24 ވަރަކަށް އަހަރު،" މަޖީދު ކިޔައިދިނެވެ.

" ދެން އެންމެފަހުން އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތްތައް ހުސްވެ ގޮތް ހުސްވެގެން އެންމެފަހުން އަޅުގަނޑުމެންނަށް ޖެހުނީ އެ ރަށް ވިއްކާލަން. ރަށް ވިއްކާލީމަ އެހެން މަސައްކަތްތަކަށް އަޅުގަނޑުމެންނަށް ކެޕިޓަލް އެއް ލިބިއްޖެ ކޮންމެއަކަސް"

"އެކަމަކު ރިސޯޓު ހެދުމުގެ ކެޕޭސިޓީއެއް އޭރަކު ނެތް ކަމަށް ގަބޫލުކޮށް އެހެން ދާއިރާ އަކަށް ޖެހިލީ އަހަރެމެން."

އޭނާ އާއި ކޮއްކޮ ހިއްސާވި ކުންފުނީގެ އަމާޒު ދެން ހިފީ މާލޭގައި އޭރު ކުރިއަރަމުން އައި ކޮންސްޓްރަކްޝަންގެ ވިޔަފާރިއަށެވެ.

"ދެން އަޅުގަނޑުމެން ކުރަން ފެށި ކަމަކީ ދިގު މުއްދަތަކަށް މާލެ އިން ބިންބިން ހިފައިގެން އެ ބިންތަކުގައި އެޕާޓްމަންޓްތައް ތަރައްގީކޮށް ކުއްޔަށް ދޭން ފެށީ. އޭރަށް ބަލާއިރު އެއީ މުޅިން އާ ވައްތަރެއްގެ ވިޔަފާރިއެއް މާލެ އަށް،" މަޖީދު ބުންޏެވެ.

އެ ވިޔަފާރި މަޑުމަޑުން ކޮއްކޮއާ އެކު ފުޅާކުރަމުން ގޮސް ދެ މީހުންގެ މިސްރާބު ވިޔަފާރީގައި ކަފިގެން ދިޔުމުން ވެސް މަޖީދު ނިންމީ ކޮންސްޓްރަކްޝަންގެ ވިޔަފާރީގައި ކުރިއަށް ދާށެވެ. އޭނާގެ ބައިސަން ދަޅުފަޅާލާފައި ނުކުން ހިސާބަކީ މިއީ އެވެ.

"ބައިސަން ފުޅާވަމުން ގޮސް ދެން އަޅުގަނޑުމެން މިސްރާބު ޖެހީ ރިސޯޓް ޑިވެލޮޕްމަންޓަށް އަނެއްކާވެސް. ފުރަތަމަ ވަރަށް ކުޑަކޮށް ފެށީ. ކުރުނބާގެ 10 ވަރަކަށް ކޮޓަރީގެ ލޭބާ މަސައްކަތް ފުރަތަމަ ނެގީ،" މަޖީދު ކިޔައިދިނެވެ.

ނަމަވެސް މިއަދު އޭނާގެ ކުންފުނިން ދަނީ އެތައް މިލިއަން ޑޮލަރުގެ ގިނަ މަޝްރޫއުތަކެއް ރިސޯޓް އިންޑަސްޓްރީގައި ހިންގަމުންނެވެ. ރާއްޖޭގެ އެންމެ ހިތްގައިމު ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ހަލަވެއްޔާއި ޖުމެއިރާ ދެވަނަފުށި އަދި ވަން އެންޑް އޮންލީ ރީތި ރަށާއި ކޮކޫން މޯލްޑިވްސް ފަދަ ބްރޭންޑްތަކަކީ މަޖީދުގެ ބައިސަން ކުންފުނީގެ ބެލުމުގެ ދަށުން ތަރައްގީކޮށް ނަލަކޮށްފައިވާ އަގުބޮޑެތި މަންޒިލުތަކެވެ.

މިހާ ހިސާބަށް އައިސް އޭނާ ބުނަނީ މިވަރުގެ ކާމިޔާބީއެއް ހަމަ ކޮންމެ މީހަކަށް ވެސް ލިބިގަނެވިދާނެ ކަމަށެވެ.

"އަޅުގަނޑަށް ހަމަ ޔަގީން އެ ވަރަށް މަސައްކަތްކުރެވިއްޖެ ނަމަ އެކަމެއް ކޮންމެ މީހަކަށް ވެސް ހާސިލުވާނެކަން. ކޮންފިޑެންސް، ޓްރަސްޓް، ރިލައެބިލިޓީ މިއީ ކާމިޔާބީއާ ގުޅިފައިވާ ސިފަތައް. އޭގެ ތެރެއިން އެންމެ ސިފައެއް ގެއްލުނަސް ވަރަށް އުނދަގޫވާނެ،" މަޖީދު ބުނެލިއެވެ.

"ފުރަތަމަ ވިސްނާލަންވީ ދިރިއުޅުމުގައި ކުރަން ބޭނުންވަނީ ކޮން ކަމެއް ހެއްޔޭ. އަތުގައި ފައިސާއެއް ނެތޭ ކިޔާފައި އެކަމާ ނުވިސްނާށޭ. ކުރާނެ ކަމަކާ މެދުގަ ވިސްނާށޭ."

Popular