1 Jun 2023

ދިވެހި އެކްޝަން ރިވެންޖު ތުރިލާއެއް، ތަފާތު ދައްކަން ތައްޔާރު!

ދިވެހި އެކްޝަން ރިވެންޖު ތުރިލާއެއް، ތަފާތު ދައްކަން ތައްޔާރު!

By: Aishath Jazlee

"ނީނާ" އިއުލާންކޮށް، މި ފިލްމު ޓީޒް ކުރަމުން އަންނަތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ އެވެ. މި ފިލްމު ބަލައިލަން ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ގިނަ ބަޔަކު ތިއްބާ މިހާރު މި އޮތީ އޮލިމްޕަހުގައި ފިލްމު އަޅުވާ ތާރީހު އިއުލާންކޮށްފަ އެވެ.

މި ފިލްމު ސިނަމާގައި އަޅުވަނީ އަންނަ އޮގަސްޓް މަހު 6 ގަ އެވެ.

"ނީނާ" އަކީ ވަރަށް ތަފާތު އަންހެނެއްގެ ވާހަކަ ގެނެސްދޭ ފިލްމެކެވެ.

"ފިލްމަކީ ނީނާ. ނީނާގެ ކެރެކްޓާތާ އެހެންވީމަ ފެންނާނީ. ނީނާ މީ ހިތްވަރު ގަދަ، ވަރުގަދަ، ތަފާތު އަންހެނެއް،" މި ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ފިލްމުގެ ތައާރަފެއް ދެމުން ބުންޏެވެ.

"ނީނާ" ފިލްމުގެ ބައެއް ކާސްޓުންނާއި ޕްރޮޑަކްޝަން ޓީމު.

އާއްމުކޮށް ދިވެހި ފިލްމުތަކުން ނުފެންނަ ވަރުގެ އެކްޝަން މަންޒަރުތަކެއް މި ފިލްމުން ފެންނާނެ ކަމަށާއި އެ މަންޒަރުތަކުގައި ބޮޑު ދައުރެއް އަދާކޮށްފައި ވާނީ ފިލްމުގެ ލީޑު ރޯލު ކުޅޭ ނުޒުހަތު ޝުއައިބް (ނުޒޫ)ގެ ކަމަށް އިއްލެ ބުންޏެވެ.

"މިއީ އެކްޝަން ތުރިލާ ފިލްމެއް. ފިލްމުގައި އެއްވެސް ސްޓަންޓް ޑަބަލްއެއް ބޭނުމެއް ނުކުރަން. ސްޓަންޓުތައް ޕާފެކްޓްކުރަން މާޝަލް އާޓްސް އާއި ޖިމްގައި ވެސް ނުޒޫ ގިނަ ޓްރެއިނިންތަކެއް ހެދި،" އިއްލެ ބުންޏެވެ.

ފިލްމުގެ ފުރަތަމަ ތައާރަފެއްގެ ގޮތުގައި "ނީނާ"ގެ އަޑުން ނެރުނު "ނީނާ"ގެ އިންޓްރޯ ކްލިޕުގައި ނަމުގެ މާނާގައި ބުނެފައިވާ "ޕަވާފުލް"، "ސްޓްރޯންގް"، "ވޮރިއާ" މި ބަސްތަކުގެ މާނަ ކެރެކްޓާއިން ފުރިހަމައަށް ގެނެސްދިނުމަށް މަސައްކަތްކޮށްފައި ވާނެ ކަމަށް އިއްލެ ބުންޏެވެ.

ދިވެހި ފިލްމެއް ނެރެންޏާ އެއަށް ސީދާ ފާޑުކިޔުމަށް އަމާޒު ހިފައިގެން ތިބޭ ބަޔަކު އުޅެ އެވެ. "ނީނާ"ގެ މިހާތަނަށް ހަމައެކަނި ކުރު ޓީޒާއެއް ނެރެފައި ވާއިރު، އެފަދަ ބަޔަކު މި ފިލްމަކީ ކޮޕީއެއް ކަމަށް ބުނަން ފަށާފައިވެ އެވެ.

"މީ ކޮޕީއެއް ނޫން. މިއީ އަހަރެންގެ އަމިއްލަ ވާހަކައެއް. މިއީ ރިވެންޖް ސްޓޯރީއެއް، އެކްޝަން ތުރިލާއެއް،" ފިލްމުގެ ލިޔެ، ޑައިރެކްޓުކޮށް ޕްރޮޑިއުސްކުރި އިއްލެ ބުންޏެވެ.

އިއްލެ މި ފިލްމު އިއުލާން ކުރީ އޭނާގެ ފުރަތަމަ ފިލްމު "ބަވަތި" އަށް ލިބުނު ބޮޑު ތަރުހީބަށް ފަހު އެވެ. "ނީނާ" އަކީ ތަފާތު، ރީތި ފިލްމަކަށް ވާނެ ކަމަށް މިހާ އަވަހަށް މީހުން ކިޔަން ފަށާފައި މި ވަނީ މިއީ "ބަވަތީ"ގެ ޓީމުން ގެނެސްދޭ ފިލްމަކަށް ވާތީ އެވެ.

މި ފިލްމުގައި ނުޒޫއާއެކު ލީޑުން ދެން ފެންނާނީ ރިހި ސްކްރީނަށް އަލަށް ތައާރަފުވާ ޝަރަފުއްދީން އަބްދުﷲ (ޝަރަފް) އެވެ.

މި ފިލްމުގެ ކާސްޓުންގައި އަލީ އިނާޒް، ހަމްދޫން ފާރޫގް، މަރިޔަމް ރަޝީދާ، ނަތާޝާ ޖަލީލް (ނަތާ)، މަރިޔަމް ޝަކީލާ، އިބްރާހިމް ޝާއިފް، ހަސަން ސާމިހު އަދި ހަސަން ޒައިދު ހިމެނެ އެވެ. މި ފިލްމުގެ ގިނަ މަންޒަރުތައް ނަގާފައި ވަނީ ލ. އަތޮޅުގަ އެވެ.

ދިވެހި ފިލްމް ދިވެހި ފިލްމް އިންޑަސްޓްރީ

Popular