22 Jun 2017

ސޫރަޖްގެ ރީތި ހަށިގަނޑާއި ޖިމަށް އޮތް ލޯބި

ސޫރަޖް ބުނީ އޭނާ ފިޓްނެސް އެހާ ބޮޑަށް ލޯބި ޖެހުނު މައިގަނޑު ސަބަބަކީ އެކްޓަރު ސަލްމާން ހާނާއި ހޮލީވުޑްގެ އެކްޓަރު ސިލްވެސްޓަ ސްޓެލޯން ކަމަށް

ސޫރަޖްގެ ރީތި ހަށިގަނޑާއި ޖިމަށް އޮތް ލޯބި

ސޫރަޖް ބުނީ އޭނާ ފިޓްނެސް އެހާ ބޮޑަށް ލޯބި ޖެހުނު މައިގަނޑު ސަބަބަކީ އެކްޓަރު ސަލްމާން ހާނާއި ހޮލީވުޑްގެ އެކްޓަރު ސިލްވެސްޓަ ސްޓެލޯން ކަމަށް

By: Ahmed Adhushan

ބޮލީވުޑްގެ ގިނަ ތަރިންނަކީ އަބަދު ވެސް ވަރަށް ރީތިކޮށް ތިބެން މަސައްކަތް ކުރާ ބައެކެވެ. އެހެންވެ ފިޓްނެސް އަށް އެ މީހުން ދޭ ސަމާލުކަން ވަރަށް ބޮޑެވެ. ހާއްސަކޮށް މިހާރުގެ ޒުވާން އެކްޓަރުންނަކީ ޖިމާ ނުލައި އުޅެވޭނެ ބައެއް ނޫނެވެ. އެއީ އެ މީހުންގެ ދިރިއުޅުމުގެ ކޮންމެ ދުވަހެއްގެ އެންމެ މުހިއްމު ބައެކެވެ. ކަސްރަތާ އެކު ދުޅަހެޔޮ ޑައިޓެއް ވެސް މިއިން ކޮންމެ ތަރިއަކު ވެސް ފޮލޯ ކުރެ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ފިލްމް "ހީރޯ" އިން ބޮލީވުޑަށް ނިކުތް ސޫރަޖް ޕަންޗޯލީއަކީ ބޮލީވުޑްގައި މިހާރު ތިބި އެކްޓަރުންނަށް ބަލާ އިރު، އެންމެ ރީތި އަދި އެންމެ ވަރުގަދަ އެއް ހަށިގަނޑުގެ ވެރިޔާ އެވެ.

އެކްޓަރު އަދިތިޔާ ޕަންޗޯލީގެ ދަރިފުޅު ބޮލީވުޑަށް ނިކުތުމުގެ މާ ކުރިން ވެސް އޭނާއަކީ ޖިމަށް ދެވި ހިފާފައި ހުރި ޒުވާނެކެވެ. އޭނާ އަމިއްލަ ޖިމެއް މުމްބާއީގައި ހިންގާތާ ވެސް މިހާރު ހަތަރު އަހަރެއްހާ ދުވަސްވެއްޖެ އެވެ. އެތަނުގައި ގަވައިދުން މިކްސްޑް މާޝަލް އާޓްސް (އެމްއެމްއޭ) ކުލާސްތައް ވެސް ހިންގަ އެވެ.

ސޫރަޖް ބުނީ އޭނާ ފިޓްނެސް އެހާ ބޮޑަށް ލޯބި ޖެހުނު މައިގަނޑު ސަބަބަކީ އެކްޓަރު ސަލްމާން ހާނާއި ހޮލީވުޑްގެ އެކްޓަރު ސިލްވެސްޓަ ސްޓެލޯން ކަމަށެވެ.

"އަހަންނަކީ އަބަދު ވެސް ފިޓްނެސް އަށް ވަރަށް ޕެޝަނޭޓް މީހެއް،" ސޫރަޖް، 27، ބުންޏެވެ. "މި އިންސްޕިރޭޝަން އައީ އަސްލު ސަލްމާނާއި ސްޓެލޯންގެ ފަރާތުންނޭ ބުނެވިދާނެ."

ފިޓްނެސް އަށް އޮތް ލޯތްބެއްގެ ބޮޑުކަމުން މުމްބާއީގައި ހިންގާ ޖިމްގެ އިތުރުން ސޫރަޖް މިހާރު އަންނަނީ ޗަންދީގަރްގެ ކޮލެޖްތަކުގެ ދަރިވަރުންނަސް ހާއްސަކޮށްގެން އެ ސިޓީގެ ދެ ކޮލެޖެއްގައި ފިޓްނެސް ސެންޓަރުތަކެއް ގާއިމު ކުރަން މަސައްކަތް ކުރަމުންނެވެ.

"އޭގެ ބޭނުމަކީ އާންމުކޮށް މި ހުންނަ މި ޖިމްތަކަށް އެކްސެސްވާން ދަތިތާ ޒުވާނުންނަށް ކަސްރަތު ކުރެވޭނެ ގޮތްތަކެއް ފަހިކޮށް ދިނުން. ވަރަށް އަވަހަށް އިތުރު ދެ ފިޓްނެސް ސެންޓަރު ހުޅުވާނަން،" އޭނާ ބުންޏެވެ.

ސޫރަޖް ޕިޓްނެސްއާ ބެހޭ ގޮތުން ވާހަކަ ދައްކަނީ.

"ހީރޯ" ގެ ފަހުން ސޫރަޖްގެ އެއްވެސް ފިލްމެއް ރިލީޒ ނުވިޔަސް، އޭނާ އަސްލު ވަރަށް ބިޒީ އެވެ. ހާއްސަކޮށް ޖިމް ހިންގުމުގަ އެވެ. ސޫރަޖް ބުނީ މިކަން ކުރުމުގައި އޭނާއާ އެކު ވަރުގަދަ ޓީމެއް އެބަ އޮތް ކަމަށެވެ.

ސޫރަޖް މިހާރު އަންނަނީ "ހާފިޒް" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އަދި އޭނާ ވަނީ ޕްރަބޫދޭވާގެ ކުރިއަށް އޮތް ފިލްމާއި ރެމޯ ޑި ސޫޒާގެ ފިލްމަކަށް ވެސް ސޮއިކޮށްފަ އެވެ.

އެހެންވެ އަންނަ އަހަރަކީ ސޫރަޖްގެ ފިލްމްތަކެއް ފެންނާނެ އަހަރަކަށް ވާނެ އެވެ.

ބޮލީވުޑް ފިޓްނެސް

Popular