22 Jun 2017

އަންހެން ޑައިރެކްޓަރުންގެ "ބޮސް"

"ބޮސް"ގެ ޑައިރެކްޝަނަށް ނިކުތޫ ވަރަށް އިތުބާރާއި ޔަގީންކަމާ އެކު. ނަހުލާ ހިތްހަމަޖެހޭ ވަރުގެ ޑައިރެކްޝަނެއް ދައްކުވައި ދޭނަން.

"ބޮސް"ގެ ޑައިރެކްޝަނަށް ނިކުތޫ ވަރަށް އިތުބާރާއި ޔަގީންކަމާ އެކު. ނަހުލާ ހިތްހަމަޖެހޭ ވަރުގެ ޑައިރެކްޝަނެއް ދައްކުވައި ދޭނަން.

By: Ahmed Adhushan

ރާއްޖޭގައި ޒުވާން އަންހެން ޑައިރެކްޓުން ވަރަށް މަދެވެ. ބަތަލާ ރިޝްމީ ރަމީޒަކީ އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ނަމެވެ. މީގެ ކުރިން އޭނާ ވަނީ އާއިލީ ފިލްމް ކުންފުނި ޔާރާ ޕްރޮޑްކަޝަންގެ ބައެއް އުފެއްދުންތައް ޑައިރެކްޓްކޮށްފަ އެވެ. އޭގެ ތެރޭގައި ދެ ފީޗާ ފިލްމް ވެސް ހިމެނެ އެވެ. އެއީ "ހުކުރު ވިލޭރެ" އާއި ފަނާ" އެވެ.

ރިޝްމީ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2010 ގައި ރިލީޒް ކުރި "ފަނާ" އެވެ. އޭގެ ފަހުން މިހާރު ހަތް އަހަރެއްހާ ދުވަސްވީ އެވެ.

ފީޗާ ފިލްމެއްގެ ޑައިރެކްޝަނާ ދުރުގައި ހުރުމަށް ފަހު، ރިޝްމީ މިހާރު އިނީ ޑައިރެކްޓަރުގެ ތޮފި އަޅައިގެން އަނެއްކާ ވެސް ފީޗާ ފިލްމެއްގެ މަސައްކަތަށް ނިކުމެ ޑައިރެކްޓަރުގެ ގޮނޑީގަ އެވެ.

ދޮން އައްޔަ "ބޮސް" ގެ މުހިއްމު ރޯލަކުން ފެންނާނެ.

އެއީ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަންޓުން އުފައްދާ ލޯބީގެ އަސަރު ގަދަ ފިލްމް "ބޮސް" އެވެ. މީގެ ޝޫޓިން އަންގާރަ ދުވަހުގެ ރޭ ވަނީ ރަސްމީކޮށް ފަށައިފަ އެވެ.

ނަހުލާގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމުގެ މައިގަނޑު ކާސްޓުންގެ ތެރޭގައި ހިމެނެނީ ރިޝްމީގެ ކޮއްކޮ މަރިޔަމް އައްޒަ، އިބްރާހީމް ޖިހާދު (ޖިމީ)، ފާތުމަތު އާޒިފާ (އަޒޫ) އަދި އަލީ އާޒިމް (ދޮން އައްޔަ) އެވެ. އަދި "ބޮސް" އިން ފިލްމީ ދާއިރާ އަށް އެކްޓަރަކު ވެސް ތައާރަފު ކުރާނެ އެވެ.

އަހަރެން ޑައިރެކްޓް ކުރިޔަސް، ނަހުލާގެ ޓޭސްޓް ފިލްމުގައި އިންނާނީ. އަސްލު ވަރަށް ބޮޑަށް އުފާވޭ ނަހޫގެ ފީޗާ ފިލްމެއް ޑައިރެކްޓް ކުރަން ފުރުސަތު ލިބުނީމަ

ރިޝްމީ ބުނީ އެ ފިލްމަކީ ނަހުލާގެ ލޯބީގެ ފިލްމްތަކަށް ލޯބިކުރާ މީހުންނަށް ކަމުދާނެ ހުރިހާ ރަހައެއް އެކުލެވޭނެ ފިލްމެއް ކަމަށެވެ.

"އަހަރެން ޑައިރެކްޓް ކުރިޔަސް، ނަހުލާގެ ޓޭސްޓް ފިލްމުގައި އިންނާނީ. އަސްލު ވަރަށް ބޮޑަށް އުފާވޭ ނަހޫގެ ފީޗާ ފިލްމެއް ޑައިރެކްޓް ކުރަން ފުރުސަތު ލިބުނީމަ،" ނަހުލާއާ ގުޅިގެން ޑްރާމާ ސިލްސިލާ "ވަކިވުމުގެ ކުރިން" ވެސް ޑައިރެކްޓް ކުރި ރިޝްމީ ބުންޏެވެ. "އެހެންވީމަ މުޅި އެތި އަސްލު ފައިނަލްވެގެން އަންނާނީ ނަހޫގެ އިމްޕުޓް ވަރަށް ބޮޑަށް ހޯދައިގެން، ޑިސްކަސްކޮށްގެން މަސައްކަތް ކުރިއަށް މި ގެންދަނީ."

އޭނާ ބުނީ "ބޮސް" އަކީ ނަހުލާ ހިތްހަމަޖެހޭ ވަރުގެ ޑައިރެކްޝަނެއް ދައްކުވައި ދޭނެ ފިލްމަކަށް ހަދަން މެކްސިމަމް ދޭނެ ކަމަށެވެ.

"އަސްލު ވަރަށް އިތުބާރާއި ޔަގީންކަމާ އެކު މީގެ ޑައިރެކްޝަނަށް މި ނިކުތީ. އެހެންވީމަ އެއްވެސް ހާސް ކަމެއް ނެތް. ވަރަށް ކޮންފިޑެންސް އެބަ އޮތް ރަނގަޅު އަދި ފުރިހަމަ މަސައްކަތެއްކޮށްލެވޭނެ ކަމުގެ،" މި އަހަރު ރިލީޒްވި "ވިޝްކާ" ގެ ބަތަލާ ބުންޏެވެ. "ދެން މީގެ ޓެކްނިކަލް ސައިޑްގައި ވެސް ރަނގަޅު ޓީމެއް އެބަ އޮތް."

ރިޝްމީ ބުނީ ޑައިރެކްޝަނަކާ ތަންކޮޅެއްގައި ދުރުގައި ހުއްޓަސް ރަވީ ފާރޫގް ޑައިރެކްޓް ކުރި "ވިޝްކާ" ގެ ތެރެއިން ދަސްވި ކަންކަން "ބޮސް"ގެ މަސައްކަތުގައި ބޭނުންކުރާނެ ކަމަށެވެ.

"އެ ފިލްމުގެ މަސައްކަތް ކުރި އިރު، ޑައިރެކްޝަން ސައިޑުން ކުރިން ނޭނގޭ ވަރަށް ގިނަ އެއްޗެހި ދަސްވި. އެހެންވީމަ ވިޝްކާގެ ތަޖުރިބާއާ ވެސް އެކު ބޮސްގެ މަސައްކަތަށް މި ނިކުތީ،" ބޮސް އެޑިޓް ކުރަން ރަވީ ހުރިކަން ފާހަގަކޮށް ރިޝްމީ ބުންޏެވެ.

އައްޒަ: "ބޮސް" އަކީ އައްޒަ ކުޅޭ ކްރިސްޓަލްގެ ދެވަނަ ފިލްމް.

ރަވީ ވެސް މީގެ ކުރިން ވަނީ ނަހުލާ ލިޔެ، ޕްރޮޑިއުސް ކުރި ފިލްމެއް ޑައިރެކްޓްކޮށްފަ އެވެ. އެއީ 2013 ގައި ރިލީޒް ކުރި "މި ހަށިން ފުރާނަދަންދެން" އެވެ.

"ބޮސް" އަކީ މާލޭގެ އިތުރުން ރިސޯޓެއްގައި ވަރަށް ބޮޑު ބައި ޝޫޓް ކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. އެގޮތުން ރިސޯޓްގައި ނަގަން ޖެހޭ މަންޒަރުތަކަށް ކްރޫ އާއި ކާސްޓް އަންނަ މަހުގެ 8 ގައި ފުރާނެ އެވެ.

"މީގެ މަސައްކަތް ތާވަލުކޮށްފައި އޮތް ގޮތަށް ބަލާ ކަމަށް ވަންޏާ އެންމެ ލަސްވެގެން އޮގަސްޓް 15 އަށް ޝޫޓިން އެއްކޮށް ނިންމާލަން ޖެހޭނެ،" ރިޝްމީ ބުންޏެވެ.

އަމިއްލަ ރާގުގެ ފަސް ލަވަ ހިމެނޭ "ބޮސް" ސިނަމާ އަށް އަންނާނީ އޮކްޓޯބަރު މަހުގެ 24 ގަ އެވެ.

ކްރިސްޓަލް އެންޓަޓެއިންމެންޓްސް ފާތިމަތު ނަހުލާ ދިވެހި ފިލްމް އިންޑަސްޓްރީ އައިޝަތު ރިޝްމީ

Popular