22 Jun 2017

ލޯބިވެރިޔާގެ ހުނަރުން ޝަލަބީ ސަޕްރައިޒްވެއްޖެ

ލޯބިވެރިޔާގެ ހުނަރުން ޝަލަބީ ސަޕްރައިޒްވެއްޖެ

By: Ahmed Nadym

ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމަކީ އިމާމެކޭ، ނިކަން ރީއްޗަށް ގުރުއާން ވެސް ކިޔަވާ ހުނަރުވެރިއެކޭ ބުނާ ވާހަކަ އޮތީ ބައުވެ ހަސްނެތިފަ އެވެ. އެކަމަކު "ޝަލަބީއެއްހާ ރީއްޗަށް" ގުރުއާން ކިޔަވާ ލޯބިވެރިޔެއް ވެސް އޭނާގެ ހުރެއޭ ބުނެފި ނަމަ ފަހަރުގައި މި ވާހަކައެއްގައި އިތުރުކުރިއެއް ފަޅައި މާ ބޮޑު ޝައުގުވެރިކަމެއް އުފެދިދާނެ އެވެ.

އަހަރެމެން އެ ކުއްޖެއްގެ ނަމެއް އަދި ފޮޓޯއެއް ވެސް އަދި ހާމަކުރާކަށް ނެތީމެވެ. އެކަމަކު މޯލްޑިވިއަން އިން މި ރޯދަ މަހަށް ހާއްސަކޮށްގެން ބޭއްވި ގުރުއާން ކިޔެވުމުގެ މުބާރާތުން އޭނާ މި ވަނީ "މުޅި މުބާރާތުން" ދެ ވަނަ ހާސިލުކޮށް ޝަލަބީ ވެސް ސިއްސުވާލައިފަ އެވެ. މި ވާހަކަ ކިޔައިދެނީ ޝަލަބީ އެވެ.

ލޯބިވެރިޔާގެ މި ހުނަރުވެރިކަންވީ ޝަލަބީ އަށް ވެސް "ބޮޑު ސަޕްރައިޒަކަށެވެ."

"ތަންކޮޅެއް ކުރީ ދުވަހަކު ދިމާވެގެން ބުނި އެބަ އުޅެމޭ ގުރުއާން ކިޔެވުމުގެ މުބާރާތެއްގައި ބައިވެރިވާން. ދެން އަޅުގަނޑު ބުނިން ހަމަ ބައިވެރިވާންވީއޭ، ކިޔަވަންވީއޭ،" 'ލަވައެއް ހިޓެއް'ގެ ރިކޯޑިން އަށް ފަހު ދިން އިންޓަވިއުއެއްގައި ޝަލަބީ ރޭ ބުންޏެވެ.

އޭނާ ބުނީ ލޯބިވެރިޔާ އަކީ "އެގޮތަށް" ނުވަތަ ރީއްޗަށް ގުރުއާން ކިޔަވާ ކުއްޖެއްކަން ކުރިއަކުން އެނގިފައި ނެތް ކަމަށެވެ. އަދި އެންމެފަހުން އެކަން އެނގި އޭނާ އަށް މުބާރާތަކުން ވަނަ ލިބިގެން ދިއުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ޝަލަބީ ބުންޏެވެ.

"ރައްޓެހިވިއިރަކު ނޭނގޭ އޭނަ އަކީ އެގޮތަށް ރީއްޗަށް ގުރުއާން ކިޔަވާ ކުއްޖެއް ކަމެއް. ރައްޓެހިވިފަހުން އަސްލު އެނގުނީ ވެސް ގުރުއާން އެގޮތަށް ކިޔަވާ އަދި ލަވަ ވެސް ކިޔާ އުޅޭ ކުއްޖެއްކަން ވެސް،" ލޯބިވެރިޔާ ގުރުއާން ކިޔެވުމުގެ މުބާރާތެއްގައި ފެންވަރު ދައްކާލުމުން ރިއެކްޝަނަކީ ކޮބައިތޯ އަހާލުމުން ޝަލަބީ ބުންޏެވެ.

"އުފާވި އޭނަ އަށް ގުރުއާން މުބާރާތުން ދެ ވަނަ ލިބުނީމަ. އެކަމަކު އޭގައި ނީންނާނެ ޝަލަބީގެ އެއްވެސް އިންޕުޓެއް. އެއްވެސް ވަރަކަށް ކިޔައިދޭކަށް ވެސް މަސައްކަތެއްނުކުރަން. އޭނާގެ އަމިއްލަ ކަމެއްގެ ގޮތުގައި ކުރާ ކަމެއް އެއީ. އެހެންވީމަ ޝަލަބީ އުފާވެއޭ ބުނެވޭނީ."

މޯލްޑިވިއަން އައިޑޮލް އިން ވިދާލި ލަވަކިޔުންތެރިޔާ ބުނީ ލޯބިވެރިޔާ އަށް ގުރުއާން މުބާރާތުން ވަނަ ލިބުނު ފަހުން އަދި ރަނގަޅަށް ދިމާ ނުވާ ކަމަށާއި މުބާރަތުން ދެ ވަނަ ލިބުނުކަން ވެސް އަސްލު އެނގުނީ މި އިންޓަވިއުގެ ތެރެއިން ކަމަށެވެ.

އެހެންވީމަ ޝަލަބީގެ ލޯބިވެރިޔާގެ މި ސަޕްރައިޒަށް ފަހު ދެން އޮތީ ކޮން ސަޕްރައިޒެއް ހެއްޔެވެ؟ މި ދެ ލޯބިވެރިންގެ "ޑުއެޓެއްގެ" ވާހަކަ ދައްކަން ކިހިނެއްވާނެ ހެއްޔެވެ؟

ޝަލަބީ އިބްރާހިމް. --ފޮޓޯ: ޓީމް ޝަލަބީ

ލޯބިވެރިޔާއާ އެކު ޝަލަބީ ލަވައެއް ރިކޯޑްކުރަނީތަ؟

މިއީ މި ރާއްޖޭގައި ދެން ވަރަށް އާންމުވެ ހިސާބަކަށް ފޫހިވެސް ވެފައި އޮތްކަމެކެވެ. އެކަމަކު ކުރީގެ މަޝްހޫރު ލޯބިވެރިން ކަމުގައިވީ މީރާ މުހައްމަދާއި ޔާމީން ރަޝީދު މި ފޯރިއެއް އެރުވި ވަރަކަށް އެހެން ލޯބިވެރިންނަކަށް މިކަން ކުރެވިފައެއް ނެތެވެ. އެ ދެ މީހުން އެކުގައި ކަވާކުރި ލަވަތަކަކީ މުޅިން ވެސް ނަމްބަ ވަންގެ ލަވަތަކެވެ.

އެހެން ދެ ލޯބިވެރިޔަކަށް އެމީހުންގެ ރިކޯޑް މުގުރާލެވެންޏާމު އެކަން ކުރެވޭނީ ޝަލަބީ އާއި އޭނާގެ ލޯބިވެރިޔާ އަށްކަން ޔަގީނެވެ. އެކަމަކު ރިކޯޑެއް މުގުރުމުގެ ވިސްނުމެއް ޝަލަބީމެންގެ ނެތެވެ. އަދި ލަވައެއް އެކުގައި ރިކޯޑްނުކުރުމުގެ ވިސްނުމެއް ވެސް ނެތެވެ.

"ދެން އޭގައި އިންނާނީ އެކޮޅުން (ލޯބިވެރިޔާ) ލީ އެފަޓެއް. މަދުމަދުން އެހެން ކިޔާ ހަދާތީ ޝަލަބީ ހިތަށް ވެސް އަރާއެހެން. ލަވައެއްގެ މަސައްކަތް ދެ މީހުން އެކުގައި ކުރަން ވެސް އުޅުނިން އަސްލު،" ލޯބިވެރިޔާ ވެސް ލަވަކިޔާތީ އޭނާއާ އެކުގައި ލަވައެއް ރިކޯޑްކޮށްފާނަންތޯ ސުވާލުކުރުމުން ޝަލަބީ ބުންޏެވެ.

"އެކަމަކު އަދި ބައެއް ކަންކަން ހުރިގޮތުން ނިންމީ މިއީ އަދި އެހާ ރަނގަޅު ގަޑިއެއްނޫނޭ އެކަހަލަ ކަމެއްކުރަން."

މުޅިން ސަކަރާތެއް ނޫން ހެއްޔެވެ!! އެކަމަކު، އެކަމާ އަޅާލާނެ ކަމެއް ނެތެވެ. ޝަލަބީގެ ފޭނުންނަށް، ވަކިން ހާއްސަކޮށް އޭނާގެ މަދަހަ ފޭނުންނަށް އެއޮތީ އުފާވެރިކަމެއް ގެނެސްދީފަ އެވެ. މީގެ އަހަރެއް ކުރިން ނެރުނު މަދަހަ އަލްބަމަށް ފަހު އޭގެ ދެ ވަނަ އަލްބަމެއް އޭނާ މި ވަނީ ނެރެފަ އެވެ.

ޝަލަބީ އެންމެ ކިޔާހިތްވަނީ މަދަހަތަ؟

މިހެން އަހަން މިޖެހުނީ އޭނާގެ ލަވަ އަލްބަމަކަށް އެތައް ހާސް ބަޔަކު އިންތިޒާރުކޮށްލަކޮށްލަ ތިއްބައި އަނެއްކާވެސް މަދަހަ އަލްބަމެއް ނެރުމުންނެވެ. ޝަލަބީގެ އަލަތު އަލްބަމަކީ ވެސް މަދަހަ ސީޑީއެކެވެ. އަނެއްކާވެސް ހަމަ މަދަހަ އެވެ.

ޝަލަބީގެ ހިތުން މަދަހަ އަށް ދީފައިވާ ޖާގަ ހަމަ އަސްލުގައި ވެސް މިވަރަށް ހާއްސައީ އެވެ.

"މަދަހަ އަސްލު ވަރަށް ކިޔާހިތް ވޭ ޝަލަބީ. ކުރީގެ މަދަހަތައް ވަރަށް ގަދަ އަށް ކިޔައިވެސް އުޅެން. މިގޮތަށް އާންމުންނަށް އެނގުމުގެ ކުރިން ޝަލަބީ ފުރަތަމަ ކިޔެވީ ގުރުއާން. އެއަށް ފަހު ދެން އެންމެ ކިޔާ ހިތްވީ މަދަހަ ހަގީގަތުގައި. އެކަމަކު އޭރު އުޅުނު ސްކޫލް (އަރަބިއްޔާ) ގެ ފަރާތުން އެކަމެއް އެހާބޮޑަކަށް ނުކުރޭ،" ދެ ވަނަ މަދަހަ އަލްބަމެއް ނެރުނީ ކީއްވެގެންތޯ ސުވާލުކުރުމުން ޝަލަބީ ބުންޏެވެ.

"އެކަމަކު މިހާރު އެބަލިބޭ އެ ފުރުސަތު. އެގޮތުން ފުރަތަމަ މަދަހަ އަލްބަމް ނެރުނީމަ މަޖުބޫރުވެއްޖެ ދެ ވަނަ މަދަހަ އަލްބަމެއް ނެރެން. ލިބުނު ތަރުހީބު ބޮޑުވުމާއި މީހުން އޭތި ބަލައިގަތްމިންވަރު ބޮޑުކަމުން. އޭގެ ސީޑީ ހޯދަން މީހުން އަދިވެސް ގުޅާ. ސީޑީގެ ބަދަލުގައި ސައުންޑްކްލައުޑުގައި ހުންނާނެއޭ ބުނީމަ ވެސް ގިނަ މީހުން ބޭނުންވަނީ ވެސް ހަމަ ސީޑީއެއްގައި މަދަހަތައް."

އޭނާ ބުނީ މަދަހަތަކެއް މިގޮތަށް ނެރެވުމަކީ އާންމުކޮށް ލަވަ އަޑުއަހަން ބޭނުންނުވާ މީހުންނަށް ވެސް ޝަލަބީގެ އަޑު އިއްވާލަދޭން ލިބޭ ފުރުސަތެއް ކަމަށެވެ.

"އާންމުކޮށް ލަވަ މިއުޒިކް އަޑުނާހާ ގިނަ މީހުން އަޑުއަހަނީ މަދަހަ ކަމަށްވުމާއިވެސް އެކުގައި ޝަލަބީ ބޭނުންވޭ ޝަލަބީގެ އަޑު ހުރިހާ ޒަރިއްޔާއަކުން އެންމެނަށް ވެސް ފޯރަން. ވޯކަލީ އެކްޕްރެސްކުރެވޭ ހުރިހާގޮތަކުން މިކަންކުރަން،" މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުގެ ރަނަރަޕް ލަވަކިޔުންތެރިޔާ ބުންޏެވެ.

"ހުރިހާ ކަންފަތަކަށް އިވޭނެ ކަހަލަ އެއްޗެހިތަކެއް ނެރެން ބޭނުންވަނީ. އެ ހެޔޮ މަދަހަ ކިޔައިގެން ވިޔަސް، ގުރުއާން ކިޔަވައިގެން ކަމުގަވިޔަސް އަދި ލަވަކިޔައިގެން ކަމުގަވިޔަސް. އެ ތިން ކަންތައް ވެސް ކުރަން ބޭނުންވަނީ."

"އެކަމަކު ލަވަކިޔުން ހުއްޓައެއް ނުލާނަން. އެކަހަލަ ވިސްނުމެއް ނާދޭ އެއްވެސް ގޮތަކަށް، އެއްވެސް ވަރަކަށް."

ޝަލަބީ އިބްރާހިމް. --ފޮޓޯ: ޓީމް ޝަލަބީ

ނަމަކަށް އަލްބަމެއް ނެރެން ބޭނުމެއް ނޫން!

ޝަލަބީ ބުނަނީ މިހެންނެވެ. ލަވަ އަލްބަމެއް ނެރޭ ނަމަ އޭނާ ބޭނުންވަނީ އެންމެ ފެންވަރު ރަނގަޅު އެއް އަލްބަމަކަށް އޭނާގެ މަސައްކަތްވާށެވެ.

"ތިމަންނަ ދެން ހަދާނީ އަލްބަމެކޭ ބުނެލާފަ ހަމަ ދެން ވަގުތުން އެގޮތަށް އަލްބަމެއް ނެރޭކަށް ބޭނުމެއް ނޫން. އެކަމަކު ލަވަ އަލްބަމެއްގެ މަސައްކަތްކުރާތާ ވަރަށް ދުވަސްވެއްޖެ މިހާރު ވެސް. މަޑުމަޑުން އޭތި ދަނީ ޕާފެކްޓްވަމުން. ޝަލަބީ އަށް ކުރެވޭ އެންމެ ޕާފެކްޓެއްކޮށްފަ ނޫނީ އެ ލަވަތައް ނުނެރެންވެގެން މި މަޑުކުރަނީ،" އަމިއްލަ ސްޓޫޑިއޯ ހައުސް އޮފް މިއުޒިކްގެ ދަށުން އުފައްދަމުން އަންނަ ހަތް ލަވައިގެ ސޯލޯ އަލްބަމާ ބެހޭ ގޮތުން ޝަލަބީ ބުންޏެވެ.

"ފުރަތަމަ ވެސް މިއުޒިކް (ލަވަ) އަލްބަމެއް ނުނެރުނު ސަބަބަކީ ތަންކޮޅެއް ރަނގަޅު ފެންވަރެއްގައި އެކަންކުރަންވެގެން. ވަރަށް ބައިވަރު ލަވަތަކާއި މެލޮޑީސްތައް ފޮށިތެރެއަށް ލައި ތަޅުލައިގެން މި އުޅެނީ އެހެންވެގެން. ބޭނުމެއް ނުވޭ އެއްޗަކަށް ނުވާ ކަހަލަ އެއްޗެހިތަކެއް ނެރެގެން ބެލުންތެރިންނާއި އެހުންތެރިންނާ ހަމަ އަށް ގެނެސްދޭކަށް."

އަލްބަމް ނެރޭނެ ތާރީޚެއް ދެވެން ނެތަސް އަލްބަމުގައި ހިމެނޭ ބައެއް ލަވަތައް އޭނާ އަޅުގަނޑުމެންނަށް ކުޅެލަދިނެވެ. އޭގައިވީ ހިތްގައިމުކަމާ މެދު ސުވާލުކޮށްލުމުން ޝަލަބީ ބުނީ އާންމުކޮށް އިވޭ ޝަލަބީގެ އަޑަށްވުރެން އަލްބަމްގައި މާ ބޮޑަށް ވެސް ރަހަތަފާތުވާނެ ކަމަށެވެ.

"ހަތް ލަވަ އަލްބަމްގައި ހިމެނޭއިރު ބޮޑަށް ބަލާފައި ހުންނާނީ ތަފާތު އެކި ޖޮންރާތަކުގެ ލަވަތަކެއް ގެނެސްދިނުމަށް. މީގެ ކުރިން ޝަލަބީ އާންމުކޮށް ކިޔާފައި ހުންނާނީ ތަންކޮޅެއް މުސްކުޅި ފާޑުގެ ރާގުތަކަކަށް ލަވަ. އެކަމަކު މި އަލްބަމްގައި ހިމެނޭނެ އޭގެ ރަހަ އާއި މޮޑާން ރަހަ ވެސް. މުޅިން ރަހަތަފާތުކޮށްލާފަ ހުންނާނީ އަލްބަމުގައި."

ޝަލަބީ އިބްރާހިމް

Popular