22 Jun 2017

މި ލޯތްބަށް ދޭނީ ކޮން ނަމެއް؟

By: Mariyam Yasma

* ޖޫން 19 ވަނަ ދުވަހުގެ ބަޔާ ގުޅޭ

"ބޯއިފްރެންޑް ކައިރިއަށް ދިޔައީމަ ވީނު. ކޮންމެހެން އަހަރުމެނަށް އުދަނގޫ ކުރާނެ ކަމެއް ނެތް." ޝާލިޔާ ފަހު ބަސް އިއްވާފައި ދޮރު ޖެހިއެވެ. އެވަގުތު މަލްދާގެ ލޮލުން ކަރުނަ އޮހިގަތީ ވަކި ގޮތެއް ބަލާފައެއް ނޫނެވެ. މާލެ އައިސް މަހެއް ނުވަނީސް އޭނަ މަގުމަތި ވީއެވެ. ދެން އޭނަ ދާނީވެސް ކޮންތާކަށް ހެއްޔެވެ؟ އެހީއަށް އެދޭނީ ކާކުގެ ކިބައިން ހެއްޔެވެ؟ އޭނަ ސިކުނޑި މަސައްކަތް ކުރަން އިރުކޮޅެއް ނެގިއެވެ. އެހިސާބުން ކަރުނަ ފުހެލާފައި ހިނގައިގެންފިއެވެ.

ހެނދުނު ހޭލިއިރު އައިޝާ ފެންނާކަށް ނެތެވެ. މަލްދާ ތެދުވެ އިށީނދެލިއެވެ. ފޯނަށް އައިސްފައި އޮތް މެސެޖް ފެނުނީ ދެނެވެ. އައިޝާ ލިޔެފައި އޮތީ ހެނދުނުގެ ނާސްތާ ހުންނާނީ ތައްޔާރުގައި ކަމަށާއި ނާސްތާ ކުރުމަށެވެ. އޭނަ ދިޔައީ ފިހާރައަށެވެ. މަލްދާ މޫނު ދޮވެލައިގެން ނިކުތެވެ. އައިޝާ މަންމައަށް އޭނަ ފެނިގެން ހިނިތުންވެފައި ނާސްތާ ކުރަން ދައުވަތުދިނެވެ. މަލްދާ ޝުކުރު އަދާ ކުރިއެވެ. އެކަމަކު އޭނާ ބޭނުންވީ އެނބުރި ގެއަށް ދިއުމަށެވެ. އައިޝާ މަންމަގެ ހުއްދަ ލިބުމުން އެގެއިން ނިކުމެގެން ސިޑިން އަރަން ފެށިއިރު ހުރީ ފިނިވެފައެވެ.

ބައްޕަގެ ބައި ދޮރުމައްޗަށް ހުއްޓި ހުރެގެން ތަކުރާރުކޮށް ދެތިން ފަހަރު ފުން ނޭވައެއް ދޫކޮށްލިއެވެ. ބެލް ޖަހާލުމުން ދޮރު ހުޅުވީ ޝާލިޔާއެވެ.

"އަހަރެން އެތެރެއަށް ވަންނަންތަ؟" މަލްދާ އަދަބުވެރިކަމާއެކު އެހިއެވެ.

ޝާލިޔާ ވަކި އެއްޗެއް ނުބުނެ ބަލަން ހުރެފައި ފަހަތަށް ޖެހިލިއެވެ. ރުޅި މައިތިރި ވީ ކަންނޭނގެއެވެ. އެތެރެއަށް ވަދެވުމުން މަލްދާ ވާހަކަދައްކަން ފެށިއެވެ. ޝާލިޔާ ކައިރިން އޭނަ އެދުނީ މަޢާފުކޮށް ދިނުމަށެވެ. އަދި ދެން ދުވަހަކުވެސް އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށެވެ. ޝާލިޔާ ބުނީ މަލްދާގެ ބައްޕައަށް އަންގާފައި ނުވާނެތީ ދިން ފުރުސަތެއް ކަމުގައެވެ. އެދިން ޚަބަރުން މަލްދާ ހިތްހަމަޖެހުނެވެ. ދޮންމަންމައަކީ އެހާ ގޯސްމީހެއް ނޫންކަމުގައި ހިތާއި ހިތުން އެއްބަސް ވެވުނެވެ. ލިބުނު ފުރުތަމަ ފުރުސަތުގެ ބޭނުންކޮށް އޭނަ ބޭޒާރު ކުރާކަށް މަންމަ ނޫޅެއެވެ.

"އަހަރެން ހީކުރީ މަންމަ މަލްދާއާ ލައިކް ނުވާ ކަމަށް. އެކަމަކު މިހާރު ހީވަނީ އެއީ ކުށްހީއެއްހެން." ޝާމާ ވާހަކަދެއްކީ ބަދިގޭގައި ހުރެފައެވެ. ޝާލިޔާ ރޮށި ފިހަން ހުރެފައި ކޮނޑުމަތިން ބަލައިލިއެވެ. އަތުގައި ހުރި ޖޯޑު ހިފައިގެން ޝާމާ ހުއްޓުނީ ސިންކު ކައިރިއަށެވެ. "އެހެން މިބުނީ އޭނަ ބޯއިފްރެންޑެއް ހޯދައިގެން އެހާ ފަސޭހައިން ގެއިން ނިކުންނާނެ މަގު ފަހި ކުރީމަވެސް މަންމަ ތި އެފުރުސަތު ނަގާލީ." ޝާމާ މަންމަގެ މޫނަށް ބަލައިލިއެވެ. ދަރިފުޅުގެ ވާހަކަ އަހާފައި ޝާލިޔާ ޖަހައިލީ ހިނިގަނޑެކެވެ.

"ދަރިފުޅަކަށް އަދި ނުވިސްނޭނެ." ޝާލިޔާގެ ޖަވާބަކީ އެއީއެވެ.

ޝާމާ ޖޯޑު ބަހައްޓާފައި މަންމަ ކައިރިއަށް އައެވެ. މަންމަގެ ސިކުނޑީގައިވާ އެއްޗެއް އޮޅުންފިލުވަން އޭނަ ޝައުޤުވެރިވިއެވެ. އެކަމަކު ޝާލިޔާ ހުރީ އެހާ ފަސޭހައިން ކިޔައިދޭ ގޮތަކަށް ނޫނެވެ. ބަދިގެ ދޮރުން ފާއިޒު ބޯދިއްކޮށްލުމުން އަދި އަމުދުން އެކަން ވާގޮތް ނުވިއެވެ. ޝާމާ ފާޑަކަށް އަނގަ ހަދާލައިފައި ނިކުމެގެން ދިޔައެވެ.

މާޒިން ޖަލުން ސަލާމަތް ވާނެ ދުވަހާއި ބެހޭގޮތުން މަލްދާ ސުވާލު ކުރިއެވެ. ގޭގައި ފެންޑާގައި ބައްޕަ އިނީ އެކަންޏެވެ. މަލްދާ ބޭނުންވީ އިތުރު މީހަކު ނެތިސް އެސުވާލު ކުރާށެވެ. މާއިޒް ގުނަމުން އެދަނީ ފަސްވަނަ އަހަރުގެ ފަހު ހަމަސް ކަމުގައި ބައްޕަ ބުނެދިނެވެ. އިރާދަ ކުރެއްވިއްޔާ ގިނަ ދުވަހެއް ނުވެ ދޮންބެ ހުންނާނީ މަލްދާގެ ކުރިމަތީގައެވެ. މަލްދާގެ ހިތަށް އުފާވެރިކަން ގެނެސްދިނެވެ. އެގެއަށް ދޮންބެ އައުމުން ދިރިއުޅުން މިއަށްވުރެ އުފާވެރިވާނެ ކަމަށް އޭނާ އުންމީދު ކުރެއެވެ. ފަސް އަހަރު ތެރޭގައި ދޮންބެއަށް ހެޔޮ ވިސްނުން އައިސްފައި ހުރިއްޔާ ކިތަންމެހާވެސް ރަނގަޅެވެ.

މެންދުރުވެގެން އައިއިރު އޮތީ އަވި ދިއްލާލައިފައެވެ. އިރުވައި މޫސުމުގެ އެންމެ ހޫނުގަދަ ދުވަހެއް ކަހަލައެވެ. މަލްދާ ބަދިގޭގައި ކައްކަން އުޅެފައި ޖޫސް ގިރައިގެން އެންމެންނަށް ގެންގޮސްދިނެވެ. ދޮންމަންމަ އާއި ބައްޕަ ޖޫސްބުޔެވެ. އެކަމަކު ޝާމާ އޭނަ ދިން ތައްޓަކު ނުހިފިއެވެ. މަލްދާ ތަބައް ހިފައިގެން އައިސް ވަންއިރު މޭޒުމަތީ އޮތް ފޯނު ވައިބްރޭޓް ވަނީއެވެ. ތަބައް ބަހައްޓާފައި ގޮސް ބެލިއިރު ކިއާންގެ ނަން އަރާފައި އޮތެވެ. މަލްދާއަށް ބަލައިލެވުނީ ދޮރާއި ދިމާއަށެވެ. ދެން އަވަހަށް ފޯނު ނަގައި މުށުތެރެއަށް ލިއެވެ. ދޮންމަންމައަށް ވެފައިވާ ވަޢުދާ ޚިލާފު ވެއްޖެއްޔާ ދެން އޭނައާއި ދޭތެރޭ ކަންތައް ކުރާނެ ގޮތެއްވެސް ނޭނގެއެވެ. އެހެންނޫނަސް އޭނައަށް ކިއާން އާއި ދުރުގައި އުޅެވިދާނެއެވެ. ރޭގެ ހާދިސާއަށްފަހު ކިއާން މަޢާފަށް ނޭދެނީސް ވާހަކަދައްކާކަށް ވެސް ދެން ބޭނުމެއް ނޫނެވެ. ކިއާން ހިތުން އޭނަ އެއީ ބޭނުން ގޮތަކަށް މޮޑެލެވެން އޮތް ފުށްގަނޑެކެވެ. އެކަމަކު އެހެނެއް ނުވާނެއެވެ. ކިއާންގެ އެވިސްނުން އޭނަ ބަދަލު ކުރާނެއެވެ.

ދެވަނަ ފަހަރަށް ގުޅަން ފެށުމުން މަލްދާ ފޯނު ލީ ޖިންސްގެ ޖީބަށެވެ. އިރުކޮޅެއް ފަހުން މެސެޖެއް އައިސްގެން ވައިބްރޭޓްވިއެވެ. ބަދިގެއިން ނިކުމެގެން ގޮސް ކޮޓަރިއަށް ވަދެފައި އޭނާ މެސެޖް ހުޅުވައިލިއެވެ. ކިއާންގެ މެސެޖްގައި އޮތީ ހަވީރު 6:30 ގައި ޓެރެސްއިން ބައްދަލު ކުރަން އެދިފައެވެ.

އިރު އޮއްސި ބަންގި ގޮވަން ފެށުމާއެކު ފާއިޒު މިސްކިތަށް ދާން ނިކުތެވެ. މަލްދާވެސް ވުޟޫކޮށްގެން ނަމާދު ކުރަން ފެށިއެވެ. ގޭގެ ބެލް އަޅާ އަޑު އިވުނީ ނިމެން ކައިރިވެފައި ހުއްޓައެވެ. ދެފަހަރަކު އަޅާފައި ހުއްޓުނެވެ. ދެން އަނެއްކާ އެޅީ މަލްދާ ނިމުނު ފަހުންނެވެ. ދޮޅިއާއި ސްޓާކީން މުސައްލަ މައްޗަށް ދޫކޮށްލައިފައި އަވަހަށް އެދިމާއަށް ދިޔައެވެ. ދޮރު ހުޅުވާލައިފައި އޭނާ ހުއްޓުން އެރިއެވެ. ދެން އޭނައަށް އެނގުނުއިރު ކިއާން އޭނަ ގޮވައިގެން ސިޑިން އަރަނީއެވެ. ގަދަ ދައްކައިގެން މޮޅު ނުވާނެކަން މަލްދާއަށް ވިސްނުނެވެ. އެހެންނޫނަސް އޭނަ ކިއާންއަށް އިއްވަން އޮތް އެހެން ވާހަކައެއްވެސް އެބައޮތެވެ. އެހެންވެ އެކުގައި އެރިއެވެ.

"އަހަރެން މިތަނަށް މިއައީ އަހަރެން ބުނަންވެފަ ވާހަކައެއް އޮތީމަ." މަލްދާ ވާހަކަދެއްކީ ކިއާން ގޮސް ދުރުގައި ހުއްޓުނީމައެވެ. އަތުގައި ކިއާން ހިފެހެއްޓިތަނުން ވިންދު ޖަހާތީވެ ފިރުމާލަ ފިރުމާލާ ހުރެވުނެވެ. ކިއާން އެވަގުތު ބަލައިލިއެވެ. "މަލް ޔޫއާ ފަނީ. ގަދަކަމުން ގެނައީމަވެސް ތިބުނަނީ އަމިއްލައަށް އައި ވާހަކަ." ކިއާން ދިމާކޮށްލިއެވެ. ރެއާ ބަލާފައި ކިއާންގެ މޫޑު މިހާރު ހާސްތަން ރަނގަޅެވެ. "އަހަރެން ކިއާންއާއި ބައްދަލު ކުރާނެ ފަހު ފަހަރު މީ. އަހަރެން ސްޓެޕް މޯމްއަށް ވަޢުދުވެއްޖައިން." މަލްދާގެ ވާހަކަ އަނގައިގެ އެއްކޮޅުގައި އޮތްވާ ކިއާން ވާހަކަދެއްކިއެވެ. "އަހަންނާއި މަލް ބައްދަލުކުރިޔަ ނުދީ ހުއްޓުވަން އޭނަ އެއީ ކާކު؟"

މަލްދާ ހުއްޓުން އެރިއެވެ. ކިއާން ބުމަ އަރުވާލައިފައި އައިސް ހުއްޓުނީ ކުރިމަތީގައެވެ. "ކިއާން. އެއީ އަހަރެންގެ ބައްޕަގެ އަނބިމީހާ. އަހަރެން ޖެހޭނެ ދޮންމަންމައަށް ރެސްޕެކްޓް ކުރަން. މަންމަ ނިޔާވުމުގެ ކުރިން ކިއާން ކައިރީ އަހަރެންނަށް ބަލަން ބުނެފައި އޮތަސް ހަޤީޤަތުގައި އަހަރެންގެ ބެލެނިވެރިންނަކީ އެމީހުން." ކިއާން އަތުގައި ހިފާލުމުން މަލްދާއަށް އިތުރަށް ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ. އޭނާގެ ހިތް ތެޅެން ފެށީ މާ ބާރަށެވެ.

"މަލް ތިބުނަނީ ދެން އަހަރެން ފެންނަން ހިސާބަކަށް ނާންނާނަމޭތަ؟" ކިއާން ސާފު ބަހުން އެހިއެވެ. މަލްދާގެ ކަރުތެރެ އަދިވެސް ހުރީ ހިކިފައެވެ. ތުންފަތް ތަޅުވާލީމައިވެސް އަޑެއް ބޭރެއް ނުވިއެވެ.

"ލިސެން ޓު މީ މަލް. މަލް ނުޖެހޭނެ އެމީހުން ބުނާހާ ގޮތެއް ހަދައިގެން އުޅޭކަށް. އެމީހުންނަކަށް މަލްގެ ދިރިއުޅުން ކޮންޓްރޯލެއް ނުކުރެވޭނެ. އެމީހުންގެ ނެތް އެހައިސިއްޔަތެއް." ކިއާންގެ އަޑުގައި ހުރީ މަޑުމައިތިރިކަމެވެ. މަލްދާ ކަޅި ޖަހާނުލާ ހުރެގެން އެމޫނަށް ބެލިއެވެ. އެކަމަކު ކިއާންގެ ނަޒަރު ހުރީ ތިރިއަށެވެ. އޭނާ މަލްދާގެ އަތުގެ ނުފުށުގައި ބޮނޑުވައި އިނގިލި ހިންގަމުން ދިޔަ ގޮތުން ހިއްސުތައް ހޭލައްވައިލިއެވެ.

"ކިއާން ތިކިޔާ އެއްޗެއް އަހަންނަކަށް ނުވިސްނޭ." މަލްދާގެ އަޑު ނިކުތީ އުނދަގުލުންނެވެ. ކިއާން އެވަގުތު އޭނަގެ އަތުން ދޫކޮށްލިއެވެ. އެކަމަކު އެއީ މޫނުގައި ހިފަހައްޓާލުމަށެވެ. "މިއެއް ނޫން އަހަރެން މިވާހަކަ ބުނަން ބޭނުންވި ގޮތަކީ. އެކަމަކު އެމީހުން މަލްގެ ދިރިއުޅުން ކޮންޓްރޯލް ކުރާތަން ބަލާކަށް ނުހުރެވޭނެ." ކިއާންގެ އަނެއް އަތް މަލްދާގެ އުނަގަނޑުގައި އަޅުވައިލިއެވެ. އެބީހުން ތަކުން އޭނައަށް ކުރަމުންދާ އަސަރު ކިއާންއަށް ރީތިކޮށް ފެންނަމުން ދިޔައެވެ. އެއްފަހަރާ އެތަކެއް އިހްސާސްތައް އެކުވެގެން އައިސް މަލްދާގެ ހިތަށް ހަމަލަ ދެމުން ދިޔައެވެ. ކިއާންގެ އެހާ ކައިރީ ހުރެވުމުން އެދައްކާ ވާހަކަ ސިކުނޑިއަށް ނަގައިގަންނަންވެސް އުދަނގުލެވެ.

"މަލްގެ ބައްޕަ އެއީ މަލްގެ ބައްޕައެއް ނޫން." ކިއާން ހާމަކޮށްލިއެވެ.

މަލްދާ ދިޔައީ ސިއްސައިގެންނެވެ. އޭނާއަށް ދެއަތުން ބާރުކޮށްލެވުނީ ކިއާންގެ އުނަގަނޑާއި ހިސާބުން ޓީޝާޓްގައެވެ. އެހެންވާނީ ކިހިނެތް ހެއްޔެވެ؟ އޭނަގެ ބައްޕަ އެއީ ބައްޕައަށް ނުވާންވީ ކީއްވެ ހެއްޔެވެ؟ ކިއާން ހަމަނުޖެހޭ ވާހަކަ ދައްކަނީއެވެ.

މަލްދާ ދެން ބަލައިލީ ކިއާންގެ ލޮލަށެވެ. އޭނައަށް އޭނަގެ ޖަވާބު ލިބުނީ އެލޮލުންނެވެ. އެލޯ އޭނައަކަށް ދޮގެއް ނުހަދާނެއެވެ. އިސާހިތަކު އޭނާގެ ދެއަތް އެލުނީ ތިރިއަށެވެ. ހޫނު ކަރުނަތައް ލޮލަށް ޖަމާވެގެން އަންނަން ފެށުމުން މަލްދާ ބޭނުންވީ އެކަނިވެރިކަމެވެ. އޭނާ ދުރަށް ދާން މަސައްކަތް ކުރިއެވެ. އެކަމަކު ކިއާން ހުރީ އެފުރުސަތު ދޭކަށް ނޫނެވެ.

"ލީވް މީ އެލޯން." މަލްދާ އާދޭސް ކުރިއެވެ. ކިއާން އޭނައާއި ދުރަށް ނުޖެހުމުން ދެއަތުން އެމޭގައި ތަޅައިގަތެވެ. އެވަރުންވެސް ކިއާންއަށް އޭނަގެ މެސެޖް ލިބުނު ކަމަކަށް ނުވިއެވެ. "މަލް އަޑުއަހާބަލަ!" ކިއާންގެ އަނެއް އަތްވެސް އުފުލާލައިފައި މޫނުގެ އަނެއްފަރާތުގައި ހިފަހައްޓާލިއެވެ. މަލްދާއަށް ކުރެވުނު ކަމަކީ ތުންފަތުގައި ދަތް އަޅައިލުމެވެ. އެސްފިޔަތަކަށް ކެތްނުވެގެން ކަރުނަތައް އޮހިގެން އަންނަން ފެށުމުން ލޯ މަރައިލިއެވެ. ކިއާން ހައްތަހާ ކައިރިވެލީ އެވަގުތުއެވެ. މޫނު ގުދުކޮށްލި ގޮތަށް މަލްދާގެ ނިތުގައި ނިތް ޖައްސާލައިގެން އޭނާ މަޑުކޮށްލިއެވެ. މަލްދާ ލޮލެއް ނުހުޅުވައެވެ. ޅަ ކުއްޖަކު މަސަލަސް ކުރަން މަސައްކަތް ކުރާ މީހަކު ފަދައިން ކިއާން "ޝްޝްޝް" ކިޔާލަ ކިޔާލަ ހުރުމުން މަޑުމަޑުން ރުއިން ކޮންޓްރޯލް ވަމުން އައެވެ.

"މަންމަ މަލްގެ ޒިންމާ އަހަރެންނާ ހަވާލު ކުރި ސަބަބު މިހާރު އެނގިއްޖެ ކަމަށް ޤަބޫލު ކުރަން. އެންމެ ފުރަތަމަ ބައްޕަ އާއި މަންމަ މައްސަލަ ޖެހުނު ސަބަބަކީވެސް އެއީ. އަދި ވަކިވުންވެސް." މަލްދާ ހަމައަކަށް އެޅުނު ފަހުން ކިއާން އިތުރު ތަފްޞީލު ދިނެވެ. މަލްދާ ލޯ ހުޅުވައިލީ އެއަޑު އަހާފައެވެ. ކިއާންގެ ދެލޯ އެމޫނަށް ހުރުމުން ކޯތާފަތް ރަތްވެގެން އައެވެ. އޭނާގެ ދެއަތް އުފުލި ކިއާންގެ މޭމަތީ ބާއްވައިލެވުނީ އަމިއްލަ އިޚުތިޔާރުން ބޭރުންނެވެ. އެބީހުމުން ކިއާންއަށްވެސް އަސަރު ކުރިކަން ގައިމެވެ. އޭނާގެ އަތް ދަށުން ކިއާންގެ ހިތް އަވަސްވެގެން އައިކަން އިހްސާސްވިއެވެ.

"ލެޓް މީ ޓޭކް ކެއަރ އޮފް ޔޫ މަލް.....ދެޓްސް އޯލް އައިމް އާސްކިން." ކިއާން ދެޖުމްލަ ދޭތެރޭ ދުރުމިނެއް ބެހެއްޓިއެވެ. މަލްދާ އިރުކޮޅަކު ހިމޭނުން ހުއްޓެވެ. ދެން ކުއްލިއަކަށް އަތް އުފުލާލައިފައި އޭނާގެ މޫނުގެ ދެފަރާތުން ހިފަހައްޓާލެވިފައިވާ ކިއާންގެ ދެއަތް ވަކިކޮށްލައިފިއެވެ. އޭނާގެ ކުލަ ހުރީ ބަދަލުވެފައެވެ.

"ކިއާން ތިދައްކަނީ ރޭގައި ކިއާން އަހަންނަށް އަޅައިލިހެން އަޅައިލާ ވާހަކަ ކަމަށް ވިއްޔާ ނޯ ތޭންކްސް. އައި ކެން ޓޭކް ކެއަރ އޮފް މައިސެލްފް. ބައްޕަ ނެތަސް މަންމަ ނެތަސް ރަށުގައި އަހަރެންނަށް ދިރިއުޅެވެން އެބައޮތް. އަދި އަހަރެން ބޭނުމެއް ނޫން މިގުޅުން ކުރިއަށް ގެންދާކަށް. އަދި ބައްދަލު ކުރާކަށްވެސް. ގުޑްބައި." މަލްދާ ކިއާންގެ އަތް ދޫކޮށްލުމުން ތިރިއަށް އެލުނެވެ. އޭނާގެ ވާހަކަތައް އަހާފައި ކިއާންގެ ދެބުމަ ދިޔައީ އުފުލިގެންނެވެ. މަލްދާ ކޮންމެހެން ޖަވާބަކަށްވެސް އިންތިޒާރެއް ނުކުރެއެވެ. އޭނާ ފަސްދީފައި އެތަނުން ދާންވެގެން ހިނގައިގެންފިއެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular