26 Jun 2017

ޝަމްއޫން ލަވަކިޔަން ވެސް ފެށީތަ؟

ޝަމްއޫން ރެކޯޑް ކުރި ފުރަތަމަ ލަވަ "ލޯބީގެ އިންތިޒާރު" މިހާރު ވަނީ އާންމުންނަށް ދޫކޮށްލާފައި.

ޝަމްއޫން ރެކޯޑް ކުރި ފުރަތަމަ ލަވަ "ލޯބީގެ އިންތިޒާރު" މިހާރު ވަނީ އާންމުންނަށް ދޫކޮށްލާފައި.

By: Ahmed Adhushan

މުހައްމަދު ޝަމްއޫން (ޝަމްއޫންބެ) ގިނަ ބަޔަކަށް އެނގޭނީ ޓީވީއެމްގެ ޕްރެޒެންޓަރެއްގެ ގޮތުގަ އެވެ. އޭނާއަކީ މިހާރު ވެސް ޓީވީއެމްގެ ބައެއް ޕްރޮގްރާމްތައް ހުށަހަޅައި، ބައެއް ޕްރޮގްރާމްތައް ޕްރޮޑިއުސް ވެސް ކުރާ ފަންނާނެކެވެ.

އެކަމަކު އެ ހިސާބަކުން އޭނާގެ މަސައްކަތެއް ނުނިމެ އެވެ. މީގެ 17 އަހަރު ކުރިން ޝަމްއޫން ފިލްމެއް ވެސް ކުޅުނެވެ. އެއީ "ފަތިސްހަނދުވަރު" ފަދަ ފިލްމްތައް ޕްރޮޑިއުސް ކުރި އަސްލަމް ރަޝީދު 2000 ވަނަ އަހަރު ޑައިރެކްޓް ކުރި ފިލްމް "ނަމޫނާ" އެވެ.

އެހެންވެ ޝަމްއޫނަކީ އެކްޓަރެކޭ ވެސް ބުނެވި ދާނެ އެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ އޭނާ މިހާތަނަށް ކުޅުނީ އެ ފިލްމް އެކަނި ކަމެވެ. އެކަމަކު އެކްޓްކޮށްފައިވާ އެއްޗިއްސަށް ބަލާ އިރު، ކުރިން ވަޒީފާ އަދާ ކުރި އިސްކަންދަރް ސްކޫލްގައި އުޅުނު ދުވަސްވަރު ޓީވީއެމްގެ އޮފީސް ޓެލެޑްރާމާ މުބާރާތުގައި ޝަމްއޫން ވަނީ އެ ސްކޫލްގެ ޑްރާމާ ކުޅެފަ އެވެ.

ޝަމްއޫންގެ ޅެމަކަށް ހެދި ލަވަ "އަންނާށޭ ހުންނާށޭ."

ދާދި ފަހުން އޭނާގެ ޅެމަކަށް ހެދި ވީޑިއޯ ލަވައެއް ވެސް ބެލުންތެރިންނަށް ފެނިފައި ވާނެ އެވެ. އެއީ އިމޭޖިނޭޝަން ރިއަލިޓީން ހެދި "އަންނާށޭ ހުންނާށޭ" އެވެ. އެ ލަވަ ހެދުމުގެ ކުރިން ވެސް ޝަމްއޫނަކީ ލަވަ އާއި ޅެން ހެދުމަށް ވަރަށް ފަރިތަ މީހެކެވެ. އޭނާގެ ފޭސްބުކުން ވެސް ތަފާތު ހާލަތްތަކާ ގުޅުވައިގެން ހަދާފައި ހުންނަ ޅެންތައް ފެންނާނެ އެވެ. ކުރިން ނީވެނީ ލަވައަކުން އޭނާގެ އަޑެވެ.

އެހެންވެ އެ ހުވަފެން ވެސް ހަގީގަތަކަށް ޝަމްއޫން ހަދައިފި އެވެ. އޭނާ ރެކޯޑް ކުރި ފުރަތަމަ ލަވަ "ލޯބީގެ އިންތިޒާރު" ހޮނިހިރު ދުވަހުގެ ރޭ ވަނީ ދިވެހި އެފްއެމްގެ "ސެލެބް ޗޮއިސް" ޕްރޮގްރާމްގައި އިއްވާލައިފަ އެވެ. ލަވަ މިހާރު ޔޫޓިއުބުން ވެސް އަޑު އަހައި ލެވޭނެ އެވެ.

ލަވަ މިއޮތީ އެވެ. ކަމުދޭތޯ ބަލައިލަމާ ހިނގާށެވެ.

ޝަމްއޫންގެ ފުރަތަމަ ލަވަ "ލޯބީގެ އިންތިޒާރު".

އެހެންވެ މިހާރު ސުވާލަކީ ޝަމްއޫން ސީރިއަސްކޮށް ލަވަ ވެސް ކިޔަން ފެށީ ހެއްޔެވެ؟

"އެހެން ކަމަށް އަސްލު މި ބަލަނީ. ލޯބީގެ އިންތިޒާރުއަކީ ހަޔާތުގައި މިހާތަނަށް ރެކޯޑް ކުރި ފުރަތަމަ ލަވަ. މި ލަވަ އެހުންތެރިންނަށް ކަމުގޮސްފިިއްޔާ ހަމަ ލަވަ ކިޔާ ގޮތަށް މިހިރީ،" އަމިއްލަ ރާގަކަށް ހެދި ލަވައާ ބެހޭ ގޮޮތުން ބުންޏެވެ.

"ލޯބީގެ އިންތިޒާރު" އަކީ އޭނާގެ އަމިއްލަ ޅެމަކަށް އަހުމަދު ތޮލާލު މިއުޒިކް ހަދައި، މެލޮޑީ ހެދި ލަވައެކެވެ. ލަވަ ރެކޯޑްކޮށް، މިކްސިން ހެދީ ފައި ސްޓޫޑިއޯގަ އެވެ.

"ލަވައެއް އަމިއްލަ އަޑުން ރެކޯޑްކޮށްލަން ބޭނުންވެގެން ހެދި ލަވައެއް މިއީ. ލަވަ ހަދާފައި ތޮލާ ކައިރި އަށް ދިޔައީ އެއަށް އަމިއްލަ ރާގެއް ހަދަން. އެ ހިސާބުން މީގެ މަސައްކަތް ފެއްޓުނީ." މުޅިއެކު ތިން ރޭ މަތިން މަސައްކަތްކޮށް، އެއް ރޭ މަތިން ރެކޯޑް ކުރި ލަވައާ ބެހޭ ގޮތުން ޝަމްއޫން ބުންޏެވެ.

ދެ ކުދިންގެ ބައްޕަ ބުނީ ލަވަ ކިޔަން ވަރަށް ކުރިން ވެސް ޝައުގު ހުންނަ ކަމަށެވެ. އެކަމަކު އެކަން ކުރަން ނުކެރިފައި ހުރީ އެވެ. ސްކޫލްގައި އުޅުނު އިރު ވެސް ޝަމްއޫން އަކީ ކޮޔާ ގްރޫލްގައި އުޅުނު ކުއްޖެކެވެ.

އީދާ ގުޅުވައިގެން ޝަމްއޫން ހަދާފައިވާ ޅެމެއް.

"އެހެންވެ މިއުޒިކަކީ އަބަދު ވެސް އިންނަ ޝައުގެއް،" ޓީވީއެމްގެ ގިނަ ޕްރޮގްރާމްތަކަކަށް އަޑު ވެސް އަޅައި ދީފައިވާ ޝަމްއޫން ބުންޏެވެ.

އޭނާ އަދި ބުނީ ބިރު ކަނޑާލައިފައި ލަވައެއް ކިޔަން ނިންމީ، ޕްރޮގްރާމްތަކަށް އަޑު އަޅާފައި ހުންނަ ގޮތް ކަމުގޮސްގެން ގާތް ބައެއް މީހުން ވެސް ލަވައެއް ރެކޯޑް ކުރަން ހިތްވަރުދޭތީ އެވެ.

"ގާތް މީހުން އަބަދު ވެސް ބުނާނެ ކްލިއާ އަޑެކޭ ހުންނަނީ. ލަވައެއް ކިޔައިފިއްޔާ ވަރަށް ރީތި ވާނޭ. އެހެންވެ އަސްލު ބިރު ކަނޑާލާފައި އެންމެ ފަހުން ލަވައެއް ރެކޯޑްކޮށްލީ،" ލަވައާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭކަން ފާހަގަކޮށް ޝަމްއޫން ބުންޏެވެ. "ލަވަ ރެކޯޑްކޮށް ނިންމާލީމަ ތޮލްމެން ވެސް ބުނި ފަސްޓް ޓައިމާ ބަލާފައި ހަމަ ވަރަށް ރަނގަޅޭ. އެކަމަކު ރާއްޖޭގައި މިހާރު ތިބި ކުޅަދާނަ ލަވަ ކިޔުންތެރިންނާ އަހަންނާ އަޅާ ކިޔަން އަދި ހެޔޮ ވެސް ނުވާނެ. އެ ހިސާބަށް ދާން އަދި ވަރަށް މަސައްކަތްކޮށްލަން ޖެހޭނެ."

"ލޯބީގެ އިންތިޒާރު" އާ އެކު ރާއްޖޭގެ ލަވަ ކިޔުންތެރިންގެ ދުނިޔެ އަށް ޝަމްއޫންގެ ދަތުރު ފެށި އިރު، އޭނާ ހުރީ ފުރުސަތައް ލިބޭ ނަމަ ކުރިއަށްދާ ގޮތަށެވެ. އަދި އަމިއްލަ ސިންގަލްސްތައް ނެރުމުގެ ޝައުގު ވެސް އެބަ ހުއްޓެވެ.

ޝަމްއޫން އިކްއޭޓިކް ވައިބް ބޭންޑްގެ ލަވަ ކިޔުންތެރިޔާ ޝަމްއޫނާ އެކު.

"މިސާލަކަށް އަލްބަމަކަށް ނުވަތަ ފިލްމަކަށް ލަވައެއް ކިޔާލަން ހުށަހެޅުމެއް އައިސްފިއްޔާ ގަބޫލު ކުރާނަން،" އޭނާ ބުންޏެވެ. "އެކަމަކު ބޭންޑަކާ ގުޅިގެން ލަވަ ކިޔަން އެކަހަލަ ވިސްނުމެއް ނެތް. ސޯލޯ ޕްލޭބެކް އާޓިސްޓެއްގެ ގޮތުގައި އަސްލު މި ދާއިރާ އަށް ކުރިއަށް ދާން ވިސްނުން ހުރީ."

އޭނާ ބުނީ ރާއްޖޭގައި ތިބި އަންހެން ލަވަ ކިޔުންތެރިންނަށް ބަލާ އިރު، އައިޝަތު އިނާޔާ އާއި ޝިފާ ތައުފީގް، އަދި ރާފިޔަތު ރަމީޒާއަކީ އަބަދު ވެސް ފެވަރިޓުން ކަމަށެވެ.

"ނަމޫނާ" ގެ ލަވައެއްގައި ޝަމްއޫން އާއި ސަޖްނާ.

"ޑުއެޓް ލަވަތައް ކިޔާލަން ބޭނުންވޭ އެ މީހުންނާ އެކު،" ޝައްމޫން ބުންޏެވެ. "އެއީ އަބަދު ވެސް މަގޭ ފެވަރިޓުން."

"ލޯބީގެ އިންތިޒާރު" ގެ ވީޑިއޯ ހެދުމުގެ މަސައްކަތް ވެސް އޮތީ ފަށައިފަ އެވެ. އެއީ އިމޭޖިނޭޝަން ރިއަލިޓީންނެވެ. ލަވައިގެ އެންމެ މަންޒަރެއް ފިޔަވައި، އެހެން ހުރިހާ މަންޒަރެއް ވަނީ ޝޫޓްކޮށްފަ އެވެ. އެ ލަވައިގެ ވީޑިއޯ ވެސް ކުޅެފައި ވަނީ ޝަމްއޫނެވެ.

"އުންމީދު ކުރަނީ ވަރަށް އަވަހަށް އެ ލަވަ އާންމުންނާ ހަމައަށް އަންނާނެ ކަމަށް،" އޭނާ ބުންޏެވެ. "ލަވަތައް ކިޔާފައި ވީޑިއޯ ކުޅެ އެ ލަވަތައް އާންމުންނާ ހަމައަށް ގެންނަން ވަަރަށް ބޭނުން."

ދިވެހި ފިލްމް އިންޑަސްޓްރީ

Popular