17 Jul 2017

އެންމެ ގަދަ ފަސް ޓީވީ ސީރީޒް

އެންމެ ގަދަ ފަސް ޓީވީ ސީރީޒް

By: Aishath Mihna Nasih

ޓީވީ ސީރީސްތަކުގެ ފޯރި އިހުނަށްވުރެ ގަދަވެފައިވާއިރު، ބަލާލަން ބޭނުންވާ ނުވަތަ އެންމެ ކަމުދާ ސީރީސްގެ ރޭންކިން ހުރި ނެތްވަރު ބަލާލުމަކީ ކޮންމެހެން ވެސް މުހިންމު ކަމެކެވެ. މި ބަލާލަނީ މިހާތަނަށް އުފެއްދި އެންމެ ގަދަ ފަސް ސީރީސް އަށެވެ. މި ރޭންކިންތަކަކީ އައިއެމްޑީބީ ރޭންކިންތަކެވެ.

1. ގޭމް އޮފް ތްރޯންސް

ރޭންކް 9.5 އާ އެކު، އެއްވަނައިގައިވާ ދެ ސީރީޒްއެއް ވަނީ ހިމެނިފަ އެވެ. މިގޮތުން އެއް ސީރީޒްއަކީ ގޭމް އޮފް ތްރޯންސް އެވެ. ޑޭވިޑް ބެނިއޯފް އާއި ޑީ.ބީ ވެއިސް ގުޅިގެން 2011 ވަނަ އަހަރުން ފެށިގެން ދުރަށް ދައްކަމުން އަންނަ މި ފެންޓަސީ ޑްރާމާގެ ހަ ސީޒަން މިހާރު ވަނީ ދުރަށް ދައްކައިފަ އެވެ. އަދި ހަތް ވަނަ ސީޒަން މި ޖުލައި މަހުގެ 16 ގައި ވަނީ ނުކުމެފަ އެވެ.

އެޗް.ބީ.އޯ އިން ދުރަށް ދައްކާ މި ސީރީޒް ވަނީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަގުބޫލްކަމެއް ހޯދައިފަ އެވެ. ޖޯޖް އާރް އާރް މާޓިން ލިޔުނު ނޯވެލްތަކެއް ކަމުގައިވާ އަ ސޯންގް އޮފް އައިސް އެންޑް ފަޔާ ގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ސީރީޒް އިން ދައްކުވައިދެނީ ޚިޔާލީ ދުނިޔެއެއްގައި އުޅޭ ނޯބަލް އާއިލާތަކެއް، ތަހުތު ހޯދުމަށް ކުރާ ހަނގުރާމަތަކާއި ހާދިސާތަކެވެ. ބެލްފާސްޓްގެ ޓައިޓެނިކް ސްޓޫޑިއޯސް އިން އުފައްދާ މި ސީރީޒް އަކީ މިހާތަނަށް އެންމެ ގިނަ ޕްރައިމް ޓައިމް އެމީ އެވޯރޑްސް ހޯދި ސީރީޒް އެވެ. މިގޮތުން މިހާތަނަށް 38 ޕްރައިމް ޓައިމް އެމީ އެވޯޑް ވަނީ މި ސީރީޒަށް ލިބިފަ އެވެ.

1. ބްރޭކިންގް ބޭޑް

ގޭމް އޮފް ތްރޯންސް އާ އެއްވަރުގެ ރޭންކިން އަކާ އެކު އެއްވަނައިގައި ބްރޭކިން ބޭޑް ވަނީ ފައި ހަމަކޮށްފަ އެވެ. ނިއޯ ވެސްޓާން ސްޓައިލްގެ މި ކޮމެޑީ ދައްކަމުން ދިޔައީ އޭއެމްސީ ނެޓްވޯކުންނެވެ. ދެހާސް އަށް ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ސެޕްޓެމްބަރު 2013 އާ ހިސާބަށް ދެއްކި މި ސީރީޒް ވަނީ ކާމިޔާބު ފަސް ސީޒަން އާ އެކު ނިންމާލާފަ އެވެ.

ވިންސީ ގިލިގަން ޕްރޮޑިއުސް ކުރި މި ސީރީޒް ބިނާވެފައި ވަނީ، ފުއްޕާމޭގެ ކެންސަރު ޖެހިފައިވާ ހައި ސްކޫލް ޓީޗަރެއް އުފަލުމުން ދިޔަ ބުރަތަކަށެވެ. ބްރޭކިން ބޭޑްއަށް ލިބިފައިވާ ކާމިޔާބީތަކުގެ ތެރޭގައި، 16 ޕްރައިމް ޓައިމް އެމީ އެވޯޑާއި އަށް ސެޓަލައިޓް އެވޯޑާއި، ގޯލްޑަން ގްލޯބް ފަދަ އެވޯޑްތައް ހިމެނެއެވެ.

2. ރިކް އެންޑް މޯޓީ

ދެވަނައިގައި ވަނީ 9.3 ރޭންކިން އާ އެކު ރިކް އެންޑް މޯރޓީ ސީރީޒް އެވެ. ދެހާސް ތޭރަ ވަނަ އަހަރު ނުކުތް މި ސީރީޒަކީ ބޮޑެތި މީހުންނަށް ޚާއްސަ އެޑަލްޓް އެނިމޭޓެޑް ކޮމިކް ސީރީޒް އެކެވެ. ސައިންޓިސްޓެއް ކަމުގައިވާ ރިކް ގެ ކާމިޔާބު ނޫން ތަޖުރިބާތަކެއް މަޖާ ގޮތަކަށް ދައްކުވައިދޭ މި ސީރީޒްއަކީ ބެކް ޓު ދަ ފިއުޗާ ކިޔާ ޝޯޓް ޕެރޮޑީ ފިލްމެއް އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ސީރީޒެކެވެ. ތިން ސީޒަންގެ ޖުމްލަ 22 އެޕިސޯޑް މިހާތަނަށް ރިލީޒް ކުރެވިފައިވާއިރު، ޖުލައި 30 ގައި ރިކް އެންޑް މޯޓީގެ ހަތަރު ވަނަ ސީޒަން ނުކުންނާނެ އެވެ.

3. ޝާލޮކް

ކޮމެޑީއަކަށް ފަހު ލިސްޓުގެ ތިންވަނައިގައި މިވަނީ ކުށުގެ ވެށި ދައްކުވައިދޭ ޑްރާމާއެއް ކަމުގައިވާ ޝާލޮކް އެވެ. މި ސީރީޒް ގެ 13 އެޕިސޯޑެއް ވަނީ ހަތަރު ސީޒަނެއްގެ މަތީން ނުކުމެފަ އެވެ. ހާޓްސް ވުޑް ފިލްމް އާއި ބީބީސީ ވޭލްސް އަދި ޑަބްލިޔުޖީބީއެޗް ގެ މި އުފެއްދުން ވަނީ ގިނަ އެމީ އެވޯޑްތަކެއް މިހާތަނަށް ކާމިޔާބުކޮށްފަ އެވެ.

4. ޓްރޫ ޑިޓެކްޓިވް

ލިސްޓުގެ ހަތަރުވަނައިގައި 9.1 ގެ ރޭންކިން އަކާ އެކު ހިމެނޭ ޓްރޫ ޑިޓެކްޓިވް އަކީ އެންތޮލޮޖީ ކްރައިމް ޑްރާމާއެކެވެ. ތަފާތު ވާހަކައެއް ނުވަތަ ކުށެއްގެ މައްޗަށް ކޮންމެ އެޕިސޯޑެއް ވެސް ބިނާވެގެންވާއިރު، މައިގަނޑު ގޮތެއްގައި މި ސީރީޒް ބިނާވެފައިވަނީ ތަފާތު ތިން ޑިޕާޓްމަންޓެއްގައި މަސައްކަތްކުރާ ތިން ފުލުހުންގެ މައްޗަށެވެ. އެޗްބީއޯ އިން ދުރަށް ދައްކާ މި ސީރީޒްގެ މިހާތަނަށް ނުކުމެފައިވަނީ އެންމެ ދެ ސީޒަނެވެ. ދެހާސް ސާދަ ވަނަ އަހަރު ފެށި މި ސީރީޒްގެ ތިންވަނަ ސީޒަން ނެރުމުގެ މަސައްކަތް އަންނަނީ ކުރިއަށެވެ.

5. ހައުސް އޮފް ކާޑްސް

ލިސްޓުގެ ފަސްވަނައިގައި 9.0 ގެ ރޭންކިން އަކާ އެކު ވަނީ މަޝްހޫރު ސިޔާސީ ޑްރާމާ ހައުސް އޮފް ކާޑްސް އެވެ. މައިކަލް ޑޮބްސްގެ ނޯވެލްއެއްގެ މައްޗަށް ބިނާކޮށް އުފެއްދި މި ސީރީޒްގެ ފަސް ވަނަ އެޕިސޯޑް ވަނީ މި އަހަރުގެ މެއި މަހު ރިލީޒް ކޮށްފަ އެވެ. ނެޓްފްލިކްސް އިން ދުރަށްދައްކާ މި ސީރީޒް ބިނާވެގެންވަނީ އެމެރިކާ ކޮންގްރެސްގެ މެންބަރެއްގެ ގޮތުގައި ހުރި މީހެއްގެ ދިރިއުޅުމުގެ މައްޗަށެވެ. ސިޔާސީ މައިދާނެއްގައި ހިގާ އެތައް ކަމެއްގެ އަސްލު ކުލަތައް ފެނިގެންދާ މި ސީރީޒްވަނީ މިހާތަނަށް 33 ޕްރައިމްޓައިމް އެމީ އެވޯޑް ހޯދާފަ އެވެ. މިއީ އޮންލައިން ޓީވީގެ ދާއިރާއިން މިހާ ބޮޑު ކާމިޔާބީއެއް ހޯދި ފުރަތަމަ ސީރީޒް އެވެ.

Popular