17 Jul 2017

މި ލޯތްބަށް ދޭނީ ކޮން ނަމެއް؟

By: Mariyam Yasma

* ޖުލައި 13 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"އެންމެ ރަނގަޅު. ބުނޭ މަލް ބޭނުންވާ ކަމެއް." ކިއާން އެންމެފަހުން ބުނެލި އެވެ.

މަލްދާ ވަގުތުން ބޯހިއްލައިލި އެވެ. އޭނާ ހިންދެމިލިއިރު ކިއާން ހުރީ ތެދުވެ ކޮޅަށެވެ. ރަތްވެފައިވާ މަލްދާގެ ލޮލާއި ކޯތާފަތް ފެނުމުން ހިތި ގޮތަކަށް ހިންދިރުވައިލި އެވެ. މަލްދާ ކުރި ކަމަކީ ކަޅި އަޅައިލުމެވެ. އޭނާ ކޮންމެހެން ކިއާންގެ ސުވާލަށް ޖަވާބު ދޭކަށް ނޫޅުނެވެ. އޭނަގެ މިހަރަކާތުން ކިއާން ބުމަ އަރުވައިލިތަން ފެނުނެވެ.

"ވަޓް؟" ކިއާން އެހި އެވެ.

"އަހަރެން ޤަބޫލެއް ނުކުރަން ކިއާން އަހަރެން ބުނާ އެއްވެސް ކަމެއް ކޮށްދޭނެ ކަމަކަށް." މަލްދާ ހާމަކުރި އެވެ.

މަލްދާ އިނީ ބަލާށެވެ. ކިއާން އިސްޖަހައިލާފައި އަލުން ބަލައިލިއިރު ތުންފަތުގެ ކަނުން ހިނިތުންވުމެއްގެ އަސަރު ފައުޅުވި އެވެ. މަލްދާ ޖަވާބަކަށް އިންތިޒާރު ކުރި އެވެ.

"ޓްރައި މީ!" ކިއާން ޖަވާބުދިނެވެ.

މަލްދާއަށް ލިބުނީ އިތުރު ހިތްވަރެކެވެ. އޭނަގެ ބޭނުމަކީވެސް އެއީ އެވެ. ކިއާންގެ ޔަޤީންކަން ހޯދުމެވެ. ބުނެފި ކޮންމެ ކަމެއް ކޮށްދޭނެ ކަމުގެ ޔަޤީންކަމެވެ.

"އަހަރެން ބޭނުމީ ގެއަށް ދާށޭ ބުނިއްޔާ ފޮނުވާނަންތަ؟" މަލްދާ ސުވާލު ކުރި އެވެ.

އެވަގުތު ކިއާންގެ އަތް މުށްކެވުނުތަން އޭނައަށް ފެނުނެވެ. އެކަމަކު މޫނުން އެއްވެސް ތަފާތު އަސަރެއް ނުދެއްކި އެވެ. އޭނާ ހައިރާންކޮށްލައިފައި ކިއާން ބޯޖަހައިލި އެވެ. ދެވަނަ ސިކުންތުގައި މަލްދާ ތެދުވެ ހުރީ ކޮޅަށެވެ. އޭނާ އެންމެ ސިކުންތެއްވެސް ބޭކާރު ކުރާކަށް ގަސްތެއް ނުކުރެ އެވެ. އަވަހަށް ގޮސް ލިފްޓް ކައިރީ ހުއްޓިއްޖެ އެވެ. މިނިޓެއްތެރޭ ވެސް ކިއާންގެ ހިޔާލު ބަދަލު ވެދާނެތީ ޖެހިލުންވި އެވެ.

ކިއާން ފަހަތުން ގޮސް އެމޫނަށް ބަލައިލާފައި ލިފްޓްގެ ދޮރު ހުޅުވާލަދިނެވެ. ލިފްޓްގައި އަބަދު ހުންނަ މީހާއެއް ނެތެވެ. މަލްދާ ހިތްހަމަޖެހުނެވެ. އޭނާ ލިފްޓަށް އަރާފައި ކިއާންއަށް ތަންދިނުމުގެ ގޮތުން ހުއްޓުނީ އެއްފަރާތުގަ އެވެ. އެކަމަކު ކިއާން ފެނުނީ ހުރި ފިޔަވަޅު މަތީގައި އެހުރި ގޮތަށް ހުއްޓެވެ.

"ވެއިޓް! ކިއާން އަހަންނާއެކު ނުދަންތަ؟" މަލްދާއަށް ޝައްކުވެގެން އަހައިލެވުނެވެ.

ކިއާން ވެރިކޮށްލީ ހިތި ހިނިތުންވުމެކެވެ. މަލްދާއަށް ހީވީ މީހަކު އޭނަގެ ހިތުގައި ހިފާ ފިއްތައިލި ހެންނެވެ. ކިއާންގެ މޫނުން މޮޅިވެރިކަން ފެނުމުން އަސަރުކޮށްފި އެވެ. ހީވަނީ ފަހު ފަހަރަށް އެމޫނަށް ބަލަހައްޓައިގެން ހުރި ހެންނެވެ. ލޮލަށް ގިނަވަމުން އައި ކަރުނައާ އެކު އޭނާއަށް ބަލަން ހުރެވުނެވެ. އިރުކޮޅަކުން ލިފްޓްގެ ދޮރު ލެއްޕެން ފެށި އެވެ. ފަހަރަކަށްވުރެ ފަހަރެއް ކައިރިވަމުން އައިސް ކިރިޔާ ނުލެއްޕި ހުއްޓާ މަލްދާ އެދޭތެރެއަށް އަތް ލައި ހިފެހެއްޓި އެވެ.

"ވަޓް އާ ޔޫ ޑުއިން؟" ލިބުނު ސިހުމާއެކު ކިއާންއަށް ބުނެވުނެވެ.

ކިއާންގެ ޖުމްލަ ނިމުނުއިރު މަލްދާ ހުރީ ލިފްޓުން ނިކުމެ އޭނަގެ ކުރިމަތީގަ އެވެ. ކުއްލިއަކަށް އެދެއަތް އުފުލާލައި އޭނަގެ ގަމީހު ގިރުވާނުގެ ދެފަރާތުން ހިފާ ބާރުކޮށްލި އެވެ. މީގެ ކުރިން މޫނު ބަލާ ލޯގަނޑެއް ފަދައިން އޭނަ ސިފަ ކުރި ލޮލެކެވެ. މިއަދު ފުރަތަމަ ފަހަރަށް އެލޮލުން ގޮތް ނޭނގޭ ކުލަތަކެއް ފެންނަމުން ދިޔަ އެވެ. އެކުލަތައް ތަރުޖަމާ ކުރަން ޚުދު ކިއާން ވެސް ނުކުޅެދުނެވެ.

"އަހަންނަށް އެނގޭ ކޮންމެވެސް ބޮޑު ކަމެއް އެބަ ހިނގާކަން. އަހަންނަށް އިނގޭ ކިއާން ތީ އާދައިގެ މީހެއް ނޫންކަން. ގެނެސް ބަންދުކޮށްގެން ގެންގުޅެފަ ކުއްލިއަކަށް އަހަރެން ދޫކޮށްލުމުގެ ފަހަތުގައިވެސް ސަބަބެއް އޮންނާނެކަން ޔަޤީން. ކިއާންގެ ޑޭޑް އަހަރެންނަށް ގެއްލުން ދޭން ބޭނުންވާނީވެސް ކޮންމެވެސް ސަބަބަކާއި ލައިގެން. އިތުރަށް އަހަރެން އަނދިރީގަ ނުބެހެއްޓޭނެ. އައި ނީޑް ޓު ނޯ އެވްރީތިން، އެއީ ތީ މިހާރު އަހަރެންނަށް ހަމައެކަނި ސްޓްރޭންޖަރ އަކަށް ނުވާތީ. އައި ކެއަރ ފޯ ޔޫ، އެން ހެލް...އައިމް އެޓްރެކްޓެޑް ޓު ޔޫ...." ނޭވައަކަށްވެސް ނުހުއްޓާ މަލްދާ ހުރިހާ ވާހަކައެއް ފައްޗަކަށް އަމުނައިލި އެވެ.

އިތުރަށް އޭނައަށް ދޫކޮށްލެވުނީ އެންމެ ނޭވަ އެކެވެ. ދެން ހުރެވުނީ ކިއާންގެ އަތުތެރޭގަ އެވެ. ކިއާންގެ އެއް އަތުން އޭނަގެ ހުޅިގަނޑުގައި ހިފަހައްޓާލެވިފަ އެވެ. އަނެއް އަތް އުނަގަނޑުގަ އެވެ. އޭނަގެ ދެފައި ކިރިޔާ ބިމުގައި ޖެހިފައި ހުރި ކަމެވެ. މަލްދާގެ ދެލޯ މެރުނެވެ. ކިއާންގެ ގިރުވާނުގައި ހިފަހައްޓާލެވިފައި އޮތް ދެއަތުން ކުރިއަށްވުރެ ބާރުކޮށްލެވުނެވެ. ދެހަށިގަނޑުގައިވާ ހިތް ތެޅެމުންދިޔައީ އެއް ރާގަކަށެވެ. ދެމީހުން ވެސް ތިބީ އަމިއްލަ ދުނިޔޭގައި ގެއްލިފަ އެވެ.

މިނިޓްކޮޅެއް ފަހުން އިސްވެ މޫނު ދުރުކޮށްލީ ކިއާން އެވެ. މަލްދާއަށް ލޯ ހުޅުވައިލެވުނެވެ. އެކަމަކު އޭނާ ހުރީ އެސްފިޔަތައް އުފުލައިލަން ނުކެރިފަ އެވެ. ކިއާން އަދިވެސް އޭނަ ހިފަހައްޓައިގެން ހުރުމުން ނާރުތަކުގައި ދުވަމުންދިޔަ ކަރަންޓަކަށް ބަދަލެއް ނާދެ އެވެ.

"ޔޫއާ އެ ބޭޑް އިންފްލޫއެންޒް ޓު މީ." ކިއާން ބުނެލި އެވެ.

ސިހިފައި މަލްދާއަށް ހަތަރުކަޅި ހަމަކޮށްލެވިއްޖެ އެވެ. އޭނައަށް ކިއާން އެބުނި އެއްޗެއްގެ މާނަ ދޭހައެއް ނުވި އެވެ.

"އެއީ އަހަރެންގެ ޑޭޑް ގަބޫލު ކުރާ ގޮތަކީ." ކިއާން ތަފްޞީލު ދިނެވެ.

މަލްދާއަށް ބުމަ އަރުވައިލެވުނެވެ. ކިއާން ދެކޭގޮތް ބަލަން އޭނަ ބޭނުންވި އެވެ.

"އައި ބިލީވް އިޓްސް ދި އޮޕޮސިޓް." ކިއާން އޮޅުންފިލުވައި ދިނެވެ.

މަލްދާއަށް ކުރެވުނު ކަމަކީ ތަކުރާރުކޮށް ދެތިންފަހަރު އެސްފިޔަ ޖަހާލުމެވެ. އިތުރު ތަފްޞީލަކާއި ނުލާ ކިއާން ބުނާ ކުރު ޖުމްލައެއް ވެސް ފަހުމެއް ނުވެއޭ ހިތަށްއެރި އެވެ. ސުވާލު އުފެދިފައި މަލްދާ ހުއްޓާ ކިއާން ދުރަށް ޖެހިލި އެވެ. ކަނދުރާމަތީ އަތް އުނގުޅާލަމުން އޭނާ ތިރި ބަލަން އިރުކޮޅަކު ހުއްޓެވެ.

"ޔޫ ނޯ ވަޓް؟ ޔޫ ޝުޑް ލީވް." އިސްއުފުލާލަމުން ކިއާން ބުނެލި އެވެ.

މަލްދާއަށް ހީވީ މޫނުމަތީގައި އެތިފަހަރެއް ޖެހި ހެންނެވެ. ވަގުތުން ދެބުމަ އުފުލުނެވެ.

"ކިއާން އަށް އަޑު އިވޭތަ ތިކިޔޭ އެއްޗެއް؟ ދެންމެ އަހަރެމެންގެ މެދުގައި ހިނގި ކަންތަކަށްފަހު ވެސް ތިއީތަ ބުނަން އެނގުނު އެއްޗަކީ؟..." މަލްދާގެ އަޑުގައި ރުޅިއާއެކު ރިހުމެއް ވި އެވެ.

"އިޓްސް ޖަސްޓް އެ ކިސް." ކިއާން ބުނެލީ އާދައިގެ ގޮތަކަށެވެ.

އެމޫނުން މަލްދާއަށް ތަފާތުކަމެއް ފާހަގައެއް ނުވި އެވެ. ކިއާން ހުރީ ހަމަޖެހިލައިފަ އެވެ. އިސާހިތަކު ލޮލަށް ކަރުނަ ގިނަވި އެވެ.

"ކިއާންއަށް ވެދާނެ އެއީ އާދައިގެ ކަމަކަށް. އެކަމަކު އަހަންނަށް އެއީ އާދައިގެ ކަމެއް ނޫން. އިޓްސް މައި ފަސްޓް...." ކުރެހިފައިވާ އަޑުން ދައްކަމުންދިޔަ ވާހަކަ ކުއްލިއަކަށް މެދުކަނޑައިލިއެވެ.

ހިތަށްއެރިއެވެ. އޭނަ މިޝަކުވާ މިކުރަނީ ކާކާ ހެއްޔެވެ؟ ކިއާންގެ ހިތަށް އެއިން އަސަރެއް ކުރާނެ ނަމަ އެހެން ނުބުނީހެވެ. އިތުރަށް ބޭޒާރު ނުވެ ހުއްޓާލިއްޔާ ރަނގަޅެވެ.

"ފަސްޓް ކިސް؟" ކިއާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ.

"ބާސްޓާޑް." މަލްދާގެ އަނގައިން ނިކުތެވެ.

އޭނާ ގަތްލަދާއި ވީ ދެރަ އެކުވެގެން ރުޅިވެރިކަމަށް ބަދަލުވި އެވެ. ލޮލުން ފޭދިގަތް ކަރުނަތައް ރުޅިވެރިކަމާއެކު ފުހެލައިފައި އޭނާ އެނބުރުނީ ލިފްޓާއި ދިމާއަށެވެ.

"މަލްދާ ވެއިޓް!" ކިއާންގެ އަޑު އައެވެ.

ކިތަންމެ ނުރުހިފައި ހުއްޓަސް މަލްދާގެ ދެފައި ތަތްލި އެވެ. އޭނަގެ ނަފްސަކީ ކިއާންގެ އަޅެއް ފަދަ އެވެ. ދިން އަނިޔާގެ ރޯ ފާރު ހިތުތެރޭ ހުއްޓަސް ކިއާންގެ އެދުމަކަށް ފުރަގަސްދޭން އެނަފްސް ބޭނުން ނުވާ ކަހަލަ އެވެ. ކިއާން ހިނގައިގެންފައި އައިސް ކައިރިއަށް ހުއްޓޭންދެން މަލްދާ ހިތާއި ހިތުން އެނަފްސަށް އަޑު ލި އެވެ.

ކިއާން އައިސް ހިފައިލީ މަލްދާގެ އުޅަބޮށްޓާއި ހިސާބުން އަތުގަ އެވެ. އަނެއްފަރާތަށް އަނބުރުވާލައިފައި ގެންގޮސް ސޯފާގައި ބެއިންދި އެވެ. ދެން ދިއްކޮށްލީ ފެންތައްޓެކެވެ. މަލްދާއަށް ބަލައިލެވުނީ ޝައްކުގެ ނަޒަރަކުންނެވެ. ކިއާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ. އޭނަ ޔަޤީންކަން ދިނީ އޭގައި އެއްވެސް އެއްޗެއް އެކުލެވިފައި ނުވާނެ ކަމުގަ އެވެ. މަލްދާ ބޯލީ އެންމެ ކޯވަރެކެވެ. އެކަމަކު ކިއާން ފެންތަށި ދުރަކަށް ނުގެންދިޔަ އެވެ. އެ ބެހެއްޓީ އަތްފޯރާ ހިސާބުގަ އެވެ.

ކިއާން އިތުރަށް ބުނެލީ އޭނަ ދައްކަން އުޅޭ ވާހަކަ ވަރަށް ކަނުލާ އަޑު އެހުމަށެވެ.

ކިއާންގެ ވާހަކަ ފަށައިގެން ވީ މަދު މިނިޓް ކޮޅު ތެރޭގައި ދެވަނަ ފަހަރަށް ފެންތަށި ނެގީ މަލްދާ އެވެ. އޭނާ އެއް ނޭވައިން ދަމާލައިފައި ފެން ތަށި ހުސްކޮށްލި އެވެ. އެވަރުންވެސް ކަރުތެރޭގެ ހިކިކަން ފިލިހެނެއް ހިއެއް ނުވެ އެވެ. ކިއާން ބަދިގެއަށް ގޮއްސައި އައީ ފެންފުޅިއެއް ހިފައިގެންނެވެ. މަލްދާ ތައްޓަށް އަޅާކަށް ނުހަދަ އެވެ. ފެންފުޅި ނަގާފައި ތުންޖެހީ އޭގަ އެވެ. އޭނަ ހުއްޓާލީ ފުޅީގެ މެދާކަށް ހަމައަށް ދިޔައީމަ އެވެ. ފަނަރަ މިނިޓެއްހާއިރު ފަހުން މަލްދާ ގެންގޮސް ލިފްޓަށް އެރުވީ ކިއާން އެވެ. އަޝްހަމް ހުރީ ތިރީގަ އެވެ. ލިފްޓުން ނިކުތުމުން ދެން ހަވާލުވީ އަޝްހަމް އެވެ.

ކާރުގައި ގެއާއި ހަމައަށް ކުރި ދަތުރު މަލްދާ ހޭދަކޮށްލީ ހިމޭންކަމުގަ އެވެ. އޭނަ ގުޑިވެސް ނުލަ އެވެ. ބުދެއްހެން އިނީ އުނގުމަތީ އޮތް ދެއަތްތިލައަށް ބަލަހައްޓައިގެންނެވެ. ގޭ ދޮރުމައްޗަށް ކާރު ހުއްޓާފައި އަޝްހަމް ފޯނުން ކޮންމެވެސް އެއްޗެކޭ ބުނެލި އެވެ. އޭނަ ވާހަކަދެއްކީ ކިއާންއާ ކަން މަލްދާ ދެނެގަތެވެ. ގެއަށް އައުމުން އެންމެންގެ ސުވާލުތަކާއި ކުރިމަތިލާން ޖެހޭނެ ކަމުގައި މަލްދާ ހީކުރި އެވެ. އޭނަ ފެނިގެން އެންމެން ހައިރާންވެފައި ފުންމައިގެން އަންނާނެ ކަމުގައި ހީކުރެވުނެވެ. އެކަމަކު އެފަދަ އެއްވެސް ކަމެއް ނުފެނުނެވެ. އެމީހުން ތިބީ އާދައިގެ މަތިން އެމީހުންގެ އަމިއްލަ ކަންތައްތަކުގަ އެވެ.

މަލްދާ ވަނީ ކޮޓަރި އަށެވެ. ނިދަން އޮންނަ ގޮދަޑީގައި އޮށޯވެ ރަޖައިން މޫނާއެކު ފޮރުވާލި އެވެ. އިސާހިތަކު ލޮލުން ކަރުނަ ފޭދިގެން އަންނަން ފެށި އެވެ. ތޫނު ކަށިތަކެއް ފަދައިން ކިއާންގެ ޖުމްލަތައް އައިސް ސިކުނޑި ތޮރުފަން ފެށި އެވެ. --ނުނިމޭ--

Popular