13 Aug 2017

ސިލްސިލާ "ސަސުރާލް ސިމްރަން ކާ" އާއި "މޯ މޯ ކޭ ދާގާ" ހުއްޓާލަނީ

ސިލްސިލާ "ސަސުރާލް ސިމްރަން ކާ" އާއި "މޯ މޯ ކޭ ދާގާ" ހުއްޓާލަނީ

By: Ahmed Adhushan

އާންމުންގެ މެދުގައި ކުރިން މަގުބޫލަސް، މިހާރު ފޫހިވެފައިވާ، އިންޑިއާގެ ދެ ޑްރާމާއެއް ނިންމާލަން ނިންމައިފި އެވެ.

މި ފަހަރު ނިންމާލަނީ މީގެ ހަ އަހަރު ކުރިން ފެށިގެން ދައްކަމުން އަންނަ، ކަލާޒްގެ "ސަސުރާލް ސިމްރަން ކާ" އާއި އާއި ސޮނީން މި އަހަރު ފެށި "މޯ މޯ ކޭ ދާގޭ" އެވެ.

ދެހާސް އެގާރައިގައި ދައްކަން ފެށި "ސަސުރާލް ސިމްރަން ކާ" މިހާރު ބޮޑު ކޫސަނި ފޫހިގަނޑަކަށް ބަދަލުވެފައިވާ އިރު، ދާދި ފަހުން މީގެ ކާސްޓަށް ވެސް ބައެއް ބަދަލުތައް ގެނެސްފައިވެ އެވެ. އެކަމަކު އެ ބަދަލާ އެކު ސިލްސިލާގެ ވާހަކައިގައި މިހާރު އެއްވެސް އޮއްޓަރެއް ނެތުމުން ބެލުންތެރިންގެ ޝައުގުވެރިކަން ވަނީ ގެއްލިފަަ އެވެ.

"ސަސުރާލް ސިމްރަން ކާ" މިހާތަނަށް ދެމިގެން އައި އިރު، އޭގެ ބައެއް ތަރިން ވަނީ ޝޯ ދެކެ ފޫހިވެގެން މާކުރިން ވަކިވެގެން ގޮސްފަ އެވެ. މިހާރު އަޑުތައް އިވޭ ގޮތުން އޭގައި ދެމިތިބި ކާސްޓުން ވެސް މިހާރު ތިބީ އެ ސިލްސިލާ ދެކެ ވަރަށް ބޮޑަށް ފޫހިވެ، މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ވެސް ގެއްލިފަ އެވެ.

"ސަސުރާލް ސިމްރަން ކާ" ނިންމާލަން އުޅޭކަމުގެ އަޑުތައް މިހާރު ގަދަވެފައި ވަނީ އެ ޝޯ ހުއްޓާލުމުގެ ވާހަކަ ކުރިން ވެސް ދެކެވިފައި ވަނިކޮށެވެ.

އޭގައި މިހާރު ސިމްރަންގެ ރޯލް ކުޅޭ ކީރްތީ ގައެކްވަޅު ބުނީ ޝޯ ހުއްޓާލަން އުޅޭކަމުގެ އަޑުތަކެއް އޭނާ ވެސް އަހާފައިވާ ކަމަށެވެ. އެކަމަކު އެކަމާ ބެހޭ ގޮތުން އޭނާ ކޮމެންޓް ކުރާކަސް ބޭނުމެއް ނުވި އެވެ.

ކަލާޒްގެ "ސަސުރާލް ސިމްރަން ކާ" ގެ ޕޯސްޓަރެއް.

ސޮނީން ހުއްޓާލާ "ޔޭ މޯ މީ ކޭ ދާގޭ" އަކީ މި އަހަރުގެ މާޗް މަހުގެ ތެރޭގައި ފެށި ސިލްސިލާއެކެވެ. އޭގައި ލީޑް ރޯލް ކުޅެނީ އިޖާޒް ހާނާއި ނިޔަތީ ފަތުނާނީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ޝޯ މި މަހުގެ ތެރޭގައި ސޮނީން ހުއްޓާލާނެ އެވެ.

"ސަސުރާލް ސިމްރަން ކާ" އާއި "މޯ މޯ ކޭ ދާގޭ" ހުއްޓާލަން ތައްޔާރުވަމުން އަންނަ އިރު، މި ޝޯތަކުގެ ޓީއާރްޕީ ވަނީ ވަރަށް ފަހަތުގަ އެވެ. ބެލުންތެރިންގެ އެއްވެސް ޝައުގުވެރި ކަމެއް މިހާރަކު މިއިން ޝޯއަކަށް ނެތެވެ.

ޗެނަލްތަކުން ސިލްސިލާތައް ހުއްޓާލަނީ ބަދަލުގައި ދައްކާގެ އެހެން ޝޯތަކެއް ތައްޔާރު ކުރުމަށް ފަހު އެވެ.

Popular