17 Aug 2017

ނުވަ މަސް

By: Mariyam Yasma

އޯގަސްޓް 14 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"ޒެކް. ޑޮކްޓަރ ޒާކިން." ނައުޝާން އޮޅުންފިލުވައިދިނެވެ.

އެވަގުތު އަހަރެންގެ މޭގަނޑު ހީވީ އަނގައަށް އައި ހެންނެވެ. ދެބުމަ އުފުލި އިސްތަށިގަނޑުތެރެއަށް ގެއްލިގެންދިޔަ ކަހަލަ އެވެ. އަހަންނަށް މި ހީކުރެވެނީ ރަނގަޅަށް ހެއްޔެވެ؟ އެއީ ޒާކިންއަށް ވެދާނެ ހެއްޔެވެ؟ ނޫނެކެވެ. އެއީ އޭނައަކަށް ނުވާނެ އެވެ. ޒާކިން ކިޔާ ބައިވަރު މީހުން އުޅޭނެ އެވެ.

އަހަރެންނަށް ހަމަ ބިމަށް އާދެވުނީ ނައުޝާން އަހަރެންގެ އަތުގައި ހިފާ ކުޑަކޮށް ތަޅުވައިލީމަ އެވެ. އޭނަ ކުރަން ފެށި ސުވާލުތައް އަހަރެންގެ ސިކުނޑިއަށް ނަގައިގަންނާނެ ވަގުތެއް ވެސް ނުދީ ހިނގައިގަތީ ދުރަށެވެ. ހިނގަމުން ހިނގަމުން ގޮސް ހުއްޓުނީ ސިޑިއާ ހަމައިންނެވެ. ފަސް އެނބުރި ބަލައިލިއިރު އެހިސާބުގައި މީހަކު ނެތެވެ. އަމިއްލަ ނަފްސް ހަމައަކަށް އަޅުވާލަން މަސައްކަތް ކުރަމުން އަހަރެން ސިޑީގެ ތަންކޮޅަކަށް ފައިބާފައި ހަރުފަތެއްގައި އިށީންދެލީމެވެ. ބުރު ނޭނގޭހާ ބާރުމިނުގައި ތެޅެމުންދިޔަ ހިތާއި ދިމާލުން އަތް ފިރުމާލެވުނެވެ. ޔަޤީން ނުވަނީސް އަހަރެން މިހާ ބިރެއް މިގަންނަނީ ކީއްވެ ހެއްޔެވެ؟

އިރުކޮޅެއް ފަހުން ފޯނު ވައިބްރޭޓް ވާން ފެށި އެވެ. އަހަރެން ފޯނު ނަގައި ބެލިއިރު ނައުޝާން ގުޅަނީ އެވެ.

"ކޮންތާކަށް ތި ދިޔައީ؟" އަހަރެން ފޯނު ނަގައި ކައިރިކޮށްލި ވަގުތު ނައުޝާން ޖޯޝާއެކު އެހި އެވެ.

"މިދަނީ." އަހަރެން ދިނީ މުޅިން އެހެން ޖަވާބެކެވެ.

އެނބުރި ގޮސް ނައުޝާން ހޯދަމުން އަހަރެމެންގެ ބަޔަށް ވަންއިރު އޭނަ ހުރީ ބަލިމީހެއްގެ ލޭގެ ޕްރެޝަރ ބަލާށެވެ. އަހަރެން ގޮސް ކައިރީގައި މަޑުކޮށްލީމެވެ. ނައުޝާން ނިމުމުން ދެމީހުން އެކުގައި ރިސެޕްޝަނާއި ދިމާއަށް އައީ އެކުއެކީގަ އެވެ. އަހަންނަށް ހުރެވުނީ ވަށައިގެން ހޯދައިލަ ހޯދައިލާކަން އެނގުނީ ނައުޝާން ބުނި އެއްޗަކުންނެވެ.

"އޭނަ ހިނގައްޖެ." ނައުޝާން ވާހަކަދެއްކި އަޑަށް އެމޫނަށް ބަލައިލެވުނެވެ.

އޭނަ އަހަރެންނަށް ބަލަން ހުރީ ޝައްކުގެ ނަޒަރަކުންނެވެ. އެކަމަކު އެއްވެސް ސުވާލެއް ނުކުރެ އެވެ. އަހަރެން އޯހ އޭ ބުނެލާފައި ނިތް އަރުވައިލީމެވެ. އެއީ ކޮންމެ މީހަކަށް ވިއަސް، އެތަނުން ހިނގައްޖެކަން އެނގުމުން ހިތްހަމަޖެހުނެވެ. އަހަރެންގެ ހިތުގެތެޅުން އޭރު ހަމައަކަށް އެޅެމުން އައެވެ. އެކަމަކު ދެވަނަފަހަރަށް އެމީހަކު އައުމުގެ ކުރިން އަހަރެން ހުންނަން ޖެހޭނީ އަމިއްލަ ނަފްސް ތައްޔާރު ކޮށްގެންނެވެ. އެއީ އަހަރެން ދަންނަ ޒާކިންކަން ނުވަތަ ނޫންކަން ޔަޤީން ކުރުން ކޮންމެހެން މުހިންމެވެ. އެކަމަކު ކިހިނެތް ހެއްޔެވެ؟

ޑިއުޓީ ނިމުމާއި ހަމައަށް ވެސް އަހަރެންގެ ސިކުނޑީގައި ގުގުމާފައި ހުރީ ޒާކިންގެ ނަމެވެ. ދުރުން މީހަކު ހިނގާފައި އަންނަ އަޑު އިވޭ ކޮންމެ ފަހަރަކު އާދަޔާ ޚިލާފަށް ހިތް ތެޅެން ފަށަ އެވެ. އެހާލެއްގައި ތެޅިތެޅި ހުއްޓާ ބާރަ ޖެހި އެވެ. ދަންވަރު ޑިއުޓީއަށް އައި ނަރުހުންނާއި މަސައްކަތް ހަވާލުކޮށްފައި ނިކުންނަން ދިޔައިރު ނިދީގެ ކަންފުޅެއް ވެސް ލޮލަކު ނުވެ އެވެ. އަހަރެންނާއި ޚިލާފަށް ނައުޝާން ހުރީ އާފުރިލަ ފުރިލަ އެވެ. އޭނަ ދެއްކީ ގެއަށް ގޮސް އަވަހަށް ނިދާ ވާހަކަ އެވެ. އަނެއްކޮޅުން މާދަމާ ހެނދުނު ހަތްގަޑި ބަޔަށް އަންނަން ޖެހެ އެވެ.

ގެއަށް ދެވުނުއިރު ހައިހޫނުކަން އުދަނގޫކުރަމުން ދިޔަ އެވެ. އަހަރެންގެ އިންތިޒާރުގައި ދޮންތަ އިނީ ނުނިދަ އެވެ. ބޫޓު ބާލާފައި ސިޓިންރޫމަށް ވަންވަގުތު ދޮންތަ ސޯފާއިން ތެދުވި އެވެ. ދޮންތަ ލަފާ ދިނީ ކެއުމަށެވެ. އަހަރެން ބޯޖަހާލައިފައި ހެދުން ބަދަލުކޮށްގެން ދާނެ ވާހަކަ ބުނީމެވެ.

ކޮޓަރިއަށް ވަދެ ޓީޝާޓަކާއި ހަރުވާޅަކަށް ބަދަލުކޮށްގެން ދިޔައިރު ދޮންތަ ހުރީ ކާއެއްޗެހި ހޫނު ކުރާށެވެ. އަހަރެންނަށް ފެން އަޅައިދީފައި ކައި ނިމެންދެން ދޮންތަ ކައިރީގައި އިނެވެ. އެހެން ރޭރެއާ ޚިލާފަށް އަހަރެން މަދުން ކެއިކަން ދޮންތަ ފާހަގަ ކުރި އެވެ. ސިކުނޑި ފަޅައިގެން ދާން ކައިރި ވިއަސް ދޮންތަ ކުރިމަތީ ،ޒާކިންގެ ނަން ދޫމައްޗަށް ގެންނާކަށް އަހަރެން ބޭނުމެއް ނުވި އެވެ.

"މާބޮޑަށް ނިދި އައިއްސަ ހުރީމަ." އަހަރެން ދޮގެއް ހަދައިލީމެވެ.

ކޮޓަރީގެ ދޮރާއިހަމައިން ދޮންތައަށް "ގުޑްނައިޓް" ކިޔާފައި ވަދެ ދޮރު ލައްޕައިލީމެވެ. ހެނދުނު ޑިއުޓީ އޮތަސް ނިދީގެ ކަމެއް ނެތުމުން އަހަރެން ނެގީ ވާހަކަ ފޮތެކެވެ. އެކަމަކު އޭގެ ތެރެއަށް ވަދެވޭ ގޮތެއް ނުވި އެވެ. ޒާކިންގެ ހިޔާލުތައް އެއްފަރާތް ކުރުމުގައި އެހީތެރިވެދިނީ ފޯނެވެ. ވައިބްރޭޓް ވެގެން އަހަރެން ބަލައިލިއިރު މެސެޖްކޮށްފައި އޮތީ ނާވީ އެވެ.

ނާވީ: ހެލޯ! އިޓްސް ނާވީ....އާ ޔޫ އަޕް؟

އަހަރެން: އަދި ނުނިދަން.

ނާވީ: ނިދަންތަ ތިއުޅެނީ؟

އަހަރެން: ޔެޕް. މާދަން މޯނިން ޑިއުޓީ.

ނާވީ: އޯހ އޯކޭ.

ނާވީ: ސްލީޕް ޓައިޓް. ސްވީޓް ޑްރީމްސް.

ނާވީގެ ފަހު މެސެޖް ކިޔާފައި ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ. ފޯނަށް ބަލަން އިރުކޮޅަކު އިނދެފައި އަހަރެން އިތުރު މެސެޖެއް ލިޔެލުމަށްފަހު ފޮނުވައިލީމެވެ.

އަހަރެން: އައެމް ރީޑިން. ނިދި ނައިސްފަ.

ނާވީ: ވަޓް އާ ޔޫ ރީޑިން؟

އަހަރެން: ދަ ރައިޓް ބޮސް.

ނާވީ: އޯހ... ރޮމެންޓިކް؟

އަހަރެން: ވެރީ.... ؛)

ނާވީ އިތުރު ތަފްޞީލަށް އެދުމުން އަހަރެން ކޮންމެވެސް ވަރަކަށް ކިޔައިދިނީމެވެ. ވާހަކަ އިތުރަށް ދިގު ލައިގެން ދިޔައީ ދެމީހުންނަށް ކަމުދާ ފޮތްތަކުގެ ނަންތަކާއި އޭގެ ވާހަކައާއި ދޭތެރޭ މަޝްވަރާ ކުރުމުގަ އެވެ. ދޭތެރެއަކުން ނާވީ ހަނދާންކޮށްދިނީ އަހަރެންގެ ޑިއުޓީ އޮންނާނެ ކަމެވެ. އެހެންވެ ނިދަން ލަފާ ދިނެވެ. އަހަރެން އެއްބަސްވެ ވަކިވުމުގެ މެސެޖެއް ކޮށްލާފައި ލޯ މަރައިލިއިރު ނިދިން އެސްފިޔަތައް ބަރުވެފައި ވި އެވެ. ނަސީބަކުން ޒާކިން މަތިން އޭރު ހަނދާނެއް ނެތެވެ.

ހެނދުނު ދޮންތަ އައިސް ގޮވުމުން އަހަރެން ގާތަށް އައީ ފާޑެއްގެ ރުޅި އެކެވެ. ލަހުން ނިދާފައި އަވަހަށް ހޭލަން ޖެހުމުން ބޮލުގައި ރިހުމެއް ވި އެވެ. މިހާރު މީހާގެ ހާލަތު ހުރިގޮތުން ކޮފީ ތައްޓެއް ވެސް ބޯލެވޭކަށް ނޯންނާނެ އެވެ. ކެފެއިން މަތިން އަހަރެން ޖެހޭނީ ހަނދާން ނައްތައިލާށެވެ. ވޯޑު ރައުންޑަށް އަންނަ ޑޮކްޓަރުންނާއެކު ޑޮކްޓަރ ޒާކިން އައުމުގެ ފުރުސަތު އޮތްކަން ހަނދާންވެފައި މޫޑު ހަރާބުވީ އަދި މާބޮޑަށެވެ. އެކަމަކު މިއަދު ނޫނީ މާދަން އެމީހަކު ކުރިމައްޗަށް ވެސް ދާން ޖެހޭނެ އެވެ.

އަހަރެން ނުވެސް އަހަނީސް ނައުޝާން އަމިއްލައަކަށް ޒާކިން ހެނދުނު ޑިއުޓީ ފުރާ ވާހަކަ ބުންޏެވެ. އޭނައަށް އޮޅުންފިލި ގޮތެއް ނޭނގެ އެވެ. އެއްގޮތަކުން އެވީ ރަނގަޅަށެވެ. އެއިރުން އަހަރެންނަށް އަހަރެންގެ ނަފްސް ތައްޔާރު ކުރަން ފުރުސަތު ލިބުނީ އެވެ. ވަގުތު ގާތްވަމުން އައި ވަރަކަށް ހިތުގެ ތެޅުން އަވަސްވަމުން އައެވެ. އަތްފައި ފިނިވެ ނޭވާ ލުމަށް ވެސް ދަތިވާހެން ހީވާން ފެށި އެވެ.

އަހަރެންގެ ކެތްތެރިކަން ކޮޅުންލުމުން އެތަނުން ދާން ނިންމީމެވެ. މޭގަނޑު ފަޅާލައިފައި ހިތް ނިކުންނަން ތައްޔާރުވެއްޖެ އެވެ. ކުރިމަތިން ޒާކިން ފެނިއްޖެނަމަ އަހަރެންނަށް މިނަފްސް ކޮންޓްރޯލް ކުރެވިދާނެ ކަމާއިމެދު ޝައްކުވި އެވެ. އަހަރެން ހިނގައިގަތްތަން ފެނިގެން ނައުޝާން އަހަރެން ހުއްޓުވަން މަސައްކަތް ކުރި އެވެ.

"އަހަރެން އެބަ އަންނަން." ނައުޝާންގެ އަތް ދުރުކޮށްލައިފައި އަހަރެން ބުނެލީމެވެ.

ރިސެޕްޝަނާއި ދުރަށް ހިނގަމުން ދިޔައިރު އޭނަގެ ނަޒަރު އަހަރެންނަށް ހުރިކަން އިހްސާސްވި އެވެ.

ފާޚާނާއަށްވަދެ އަހަރެން ހުރީ ލޯގަނޑު ކުރިމަތީގަ އެވެ. ނައުޝާން ކުޑައިރުކޮޅަކުން މެސެޖްކޮށްފައި ވޯޑު ރައުންޑް ފެށި ވާހަކަ އާއި އަވަހަށް ދިއުމަށް އެދިފައި މެސެޖް ކުރި އެވެ. މެސެޖް ފެނުނުހާއިރުން އަވަހަށް އެތަނަށް ދާން އަހަރެން ބޭނުންވި އެވެ. އެކަމަކު ދެފައި ހަރަކާތެއް ނުކުރި އެވެ. އެދެފައި ވަނީ ހުރި ހިސާބުން ތަތްލައިފަ އެވެ. އިޚުތިޔާރުން ނެއްޓިފައިވާ ހިތް ފަދައިން ދެފައި ވެސް އަހަރެންނަކަށް އިޖާބައެއް ނުދިނެވެ.

ތިރީހަކަށް މިނިޓް ފާއިތުވެ ދިޔަ ފަހުން ނައުޝާން ގުޅަން ފެށި އެވެ. ފޯނަށް ބަލަހައްޓައިގެން އަހަރެން ހުރީ އެވެ. ކެނޑިފައި ދެވަނަ ފަހަރަށް ގުޅަން ފެށުމުން ފޯނު ނެގީމެވެ. ނައުޝާން ސުވާލު ކުރީ އަހަރެން ހުރި ތަނަކާއި ބެހޭގޮތުންނެވެ. ފާޚާނާގައޭ ބުނުމުން ކަނޑައިލި އެވެ. ދެން އައީ މެސެޖެކެވެ. އޭގައި އޮތީ އަހަރެމެންގެ ބަޔަށް ޑޮކްޓަރުން ޒިޔާރަތްކޮށް ނިމިއްޖެ ކަމުގަ އެވެ. ރޭގެ ވަގުތެއްގައި ދެމީހަކު ދޫކޮށްލުމުން ތަން ވެސް ފުދޭވަރަކަށް ހުސްކޮށް އޮތް ދުވަހެކެވެ.

އަހަރެން ކުއްލިއަކަށް ހަނދާން ވީ ބަލިމީހަކު އެކްސްރޭ އެއް ނަގަން ތިރިއަށް ގެންދަން ޖެހޭނެ ކަމެވެ. އެހެންނޫނަސް މުޅި ދުވަހު ފިލައިގެން ނޫޅެވޭނެ އެވެ. ޒާކިންގެ ކުރިމަތި ނުވާނެ ގޮތަކަށް ވުމަށް އެދި ދުޢާ ކުރަމުން އެނބުރި ހިނގައްޖައީމެވެ.

"ވަޓް އިޒް ގޯއިން އޮން؟" އަހަރެން ފެނުމާއެކު ނައުޝާން ސުވާލު ކުރި އެވެ.

އެއަޑުގައި އަމުރުވެރި ގޮތެއް ހުއްޓެވެ. އޭނަ ހުރީ ސީރިއަސްވެފަ އެވެ. އަހަރެން އެދުނީ އެކްސްރޭ ނަގައިގެން އައިސް ވާހަކަދެއްކުމަށެވެ. ނައުޝާން ހިތްހަމަނުޖެހިފައި ހުރިވަރުން ޖަވާބެއް ވެސް ނުދިނެވެ. އަހަރެން އޭނަ ކުށްވެރިއެއް ނުކުރަމެވެ. ނައުޝާންގެ އެންމެ ގާތް މީހެއްގެ ގޮތުގައި އަހަރެން ބަހައްޓައިގެން ހުރިހާ އެއްޗެއް ކިޔައިދެ އެވެ. އެކަމަކު އަހަރެން ކުރަނީ ހުރިހާ ކަމެއް ސިއްރެވެ.

ބަލިމީހާ ފުރޮޅުލީ ގޮނޑިއަކަށް ލައިގެން ދުއްވަމުން ގޮސް ލިފްޓް ކައިރީ ހުއްޓުނުއިރު އިތުރު ދެތިން ހަތަރު މީހަކު ވެސް ތިއްބެވެ. ލިފްޓް ހުޅުވުމުން ވަދެ، ކުރިމަތީގައި ގޮނޑި ބަހައްޓައިގެން އަހަރެން ހުރީ ފަހަތުގަ އެވެ. ދެން ތިބި މީހުން ހުއްޓުނީ އަހަރެންގެ ދެފަރާތުގަ އެވެ. ދޮރު ލެއްޕެމުން ދަނިކޮށް ބަޔަކު ހިނގާފައި އަންނަ އަޑު އިވުނެވެ. އިސްއުފުލާލުމާއެކު އަހަރެންގެ ނޭވާ ތާށި ވީ ކަރުތެރޭގަ އެވެ.

ލިފްޓްގައި ތަން ނެތުމުން ކުރިމަތީ ހުއްޓުނު ޑޮކްޓަރުންގެ ޓީމުގެ މެދުގައި ހުރީ ޒާކިން އެވެ. ކުރިމަތީން އަހަރެން ފެނުމުން ޒާކިންއަށް ވެސް ވީ އަހަރެންނަށް ވީ ފަދަ ގޮތެކެވެ. ދެބުމަ އުފުލި މޫނަށް ހައިރާންކަން ވެރިވިތަން ފެނުނެވެ.

ދޮރު ލެއްޕުމާއެކު، ލިފްޓްގެ ފާރުތައް އައިސް ހަތަރު ފަރާތުން އަހަރެން ފިއްތާލަން އުޅޭހެން ހީވި އެވެ. ދެފައިކޮޅުން ވާގި ހުސްވެ ވެއްޓިދާނެހެން ހީވި ވަގުތުގައި ކުރިމަތީ ފުރޮޅުލީ ގޮނޑި ހުރީ ނަސީބެވެ. އަހަރެންނަށް ބާރުކޮށްލެވުނީ އޭގެ މުއްގަނޑަށެވެ. ނޭވާ ލެވުނީ ނޭވާ ކޮޅަށް ދިޔަފަހުންނެވެ.

***

ބަލިމީހާ ގޮވައިގެން އެނބުރި އައިއިރު ވެސް އަހަރެން މުޅިން ހަމައަކަށް ނޭޅެ އެވެ. ނަސީބަކުން ނައުޝާން އަހަރެންނަށް ވަގުތު ދިނެވެ. އޭނަ ސުވާލު ކުރީ ބްރޭކް ގަޑީގައި ސައިކޮޓަރިތެރޭ ދެމީހުން އެކަނިވި ގަޑީގަ އެވެ.

"ޑޮކްޓަރ ޒާކިންގެ ވާހަކަ ބުނީއްސުރެ ކިއާރާ ހުންނަނީ ފާޑަކަށް. އަހަރެން މިހުންނަނީ ނާހަން ވެގެން. އެކަމަކު މިހާރު ކެތްތެރިކަން ކޮޅުންލައިފި. ބުނެބަލަ! ޒާކިން ދަންނަނީ ކިހިނެތް؟" ނައުޝާން ފަހަތަށް ޖެހިލައި ގޮނޑީގައި ލެނގިލަމުން ހަށަން ބަނދެލި އެވެ.

އަހަރެންނަށް ދެއަތުން ބާރުކޮށްލެވުނީ ހިފަހައްޓައިގެން ހުރި ޖޯޑަށެވެ. ހަޤީޤަތް އެނގުމުން ނައުޝާން ބުނާނެ އެއްޗެއް ނޭނގެ އެވެ.

"ހީޒް މައި ހަޒްބެންޑް......." އިސްޖަހައިގެން އިނދެފައި އަހަރެން ބުނެލީމެވެ.

އެވަގުތު ނައުޝާން ކުއްލިއަކަށް އަނގަމަތީ އަތް އަތް އެޅި އެވެ. ޤަބޫލު ކުރަން ދަތިވެގެން އުޅޭފަދަ ގޮތަކަށް ދެފަރާތަށް ބޯ ހޫރަ ހޫރާ އޭނަ އިރުކޮޅަކު އިނެވެ.

"ޓެކްނިކަލީ..." ނައުޝާން ވާހަކަދައްކަން ނުފަށަނީސް އަހަރެން ރަނގަޅުކޮށްލީމެވެ.

"ޓެކްނިކަލީއޭ ތިބުނި ބަހުގެ މާނައަކީ ކޮބާ؟" މިނިޓްކޮޅެއް ފަހުން ނައުޝާން ވާހަކަދެއްކި އެވެ.

"ވަރިކޮށްފަ ކޯޓުގަ ވަރި ސާބިތު ނުކޮށް." އަހަރެން އޮޅުންފިލުވައިދިނީމެވެ.

"ކިހާ ދުވަހެއް ވެއްޖެ." ނައުޝާން އެހި އެވެ.

"މަހެއް ވަނީ." އަހަރެން އޮޅުންފިލުވައިދިނީމެވެ.

ނައުޝާން ކުރަން ބޭނުންވި އިތުރު ސުވާލުތައް ހުރިކަން އެމޫނުން ސާބިތުވި އެވެ. އެކަމަކު އެވަގުތަކީ އަމިއްލަ ވާހަކައިގައި ތިބެވޭފަދަ ވަގުތުކޮޅެއް ނޫނެވެ. އެއްބަޔަކާއި ހަވާލުވެގެން އުޅޭތީ އަހަރުމެން އާންމުކޮށް ބްރޭކް ނަގަނީ ވެސް ދެމީހުން ބަހައިގެން ދެގަޑިއެއްގަ އެވެ. ނައުޝާން މިއަދު އެހެން ކުއްޖަކާއި ހަވާލުކޮށްފައި އެވަރަކުން އައީ އަހަރެންނާއި ވާހަކަދައްކަން ވެގެންނެވެ. އޭނަ ގަޑި ބަލާލައިފައި ނިކުމެގެން ދިއުމުން ސައިކޮޓަރިތެރޭގައި އަހަރެން އެކަނިވި އެވެ.

އެސްފިޔަތަކުގެ ފުރަގަހުގައި ފިލާ ހުރި ކަރުނަތައް ފޭދިގެން އަންނަންފެށީ ދެނެވެ. ޒާކިންގެ ވާހަކަ ދެއްކުމުން ހިތުގެ އަޑީގައި ފަސްއަޅާ ފޮރުވާފައި ހުރި އެންމެ ހިތި ހަނދާންތައް އައިސް ސިކުނޑި ވަށާލައިފި އެވެ. ކަރުނަ ފުހެލަ ފުހެލާ އިންދާ ދޮރު ހުޅުވުނު އަޑު އިވުނެވެ. ފުރަގަސްދީގެން އިނދެފައި އަހަރެން ކޯތާފަތް ފުހެލީމެވެ. އެތެރެއަށް ވަދެގެން އައި ދެނަރުސް ކުދިން އަމިއްލަ ވާހަކައިގައި ތިބެ ކޮފީ ގިރަން ދިޔަ އެވެ.

ޖޯޑުގައި ބާކީ ހުރި ޖޫސް އަހަރެން އަޅައިލީ ސިންކަށެވެ. އެނބުރި ދާންވެގެން ކަބަޑުތައް ކައިރިއަށް ގޮސް ދަބަސް ނަގަން ހުއްޓާ އަނެއްކާ ވެސް ދޮރު ހުޅުވުނު އަޑު އައެވެ. ދުރުގައި ތިބި ދެއަންހެންކުދިން ކުއްލިއަކަށް ވާހަކަދެއްކުން ހުއްޓާލުމުން އަހަރެންނަށް ވެސް ބަލައިލެވުނެވެ. އެވަގުތު މޭގަނޑު އަނގައަށް އައިހެން ހީވި އެވެ. ދޮރު ހުޅުވާލައިގެން އަހަރެންނާއި ދިމާއަށް ބަލަން ހުރީ ދެވަނަ ދެމީހެއް ނޫނެވެ. ޒާކިން އެވެ.

"ކިއާރާ! ކެން އައި ޓޯކް ޓު ޔޫ؟" ޒާކިން ވާހަކަދެއްކި އެވެ. އަހަރެންގެ އަނގައިން އަޑެއް ނުނިކުތެވެ. އަވަހަށް ދަބަސް އެތެރެއަށް ކޮށްޕާލުމަށްފަހު އަހަރެން ގޮސް ޒާކިންގެ ކައިރިއަށް ހުއްޓުނީމެވެ. އޭނަ ފުރަގަސްދީފައި ދާން ފެށުމުން ފަސްފަހަތުން ދާން ނިކުތްއިރު ފަހަތުގައި ތިބި ކުދިންގެ ނަޒަރު އަހަންނަށް ހުރިކަން އިހްސާސްވި އެވެ.

ޒާކިންގެ މިސްރާބު ހުރީ ޑޮކްޓަރުންގެ ރޫމާއި ދިމާއަށެވެ. ފަސްފަހަތުން ދިޔައިރު ދިމާ ކުރިމައްޗަށްވުރެ ގިނައިން އަހަރެންނަށް ބެލުނީ ވަށައިގެންނެވެ. މީހަކަށް ފާހަގަ ނުވާހެން އަހަރެން ހުރީ ވެސް ތަންކޮޅެއް ފަހަތުގަ އެވެ. ޒާކިން ގޮސް ނުވަދެ ހުރީ ދޮރުކައިރީ މަޑުކޮށްގެންނެވެ. ލޮލުގެ އިޝާރާތުން އޭނަ ބޭނުން ވާ ގޮތް ހާމަކުރުމުން އަހަރެން ކުރިން ވަނީމެވެ. ޒާކިން ވަދެގެން ދިޔައީ ފާޚާނާއާ ދިމާއަށެވެ. އަހަރެން ގަނޑުވެފައި އެހުރި ގޮތަށް ހުރީ އެވެ.

ފާޚާނާގައި މީހަކު ނެތްކަން ޔަޤީންކޮށްފައި ޒާކިން އެނބުރި އައެވެ. އަހަރެންނަށް ކުރެވުނު ކަމަކީ އިސްޖަހައިލުމެވެ. އަހަރެން ކައިރިއަށް ހުއްޓުމުގެ ބަދަލުގައި އޭނަ ދިޔައީ އަނެއްކާ ވެސް ދޮރާއި ދިމާއަށެވެ. ދެން ފެނުނީ އެދޮރު އެތެރެއިން ތަޅުލިތަނެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ.

"ކީއް ތިކުރީ؟" އަހަރެންގެ އަނގައިން ނިކުތެވެ.

ޒާކިން ޖަވާބެއް ނުދީ ގޮސް އަހަންނަށް ފުރަގަސްދީގެން ހުއްޓި، އެތާހުރި އެނދުގެ ދަގަނޑު ފަޑީގައި ދެއަތް ވިއްދާލި އެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular